މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ޑޮކްޓަރ ޙާތިމް ބިން ޙަސަން އަލްމަރްޒޫޤީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންއާއި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ.
މިބައްދަލުވުމުގައި ދީނީ ގޮތުން ހައްދުފަހަނައަޅައި ދިއުމުގެ ސިޔާސަތުތައް ނައްތާލުމާއި އެ މައްސަލަ ހައްލު ކުރަން ތައުލީމީ ދާއިރާގެ ތެރެއިން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.
މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރގެ ވާހަކަފުޅުގައި ހައްދުފަހަނައަޅާދިއުން ހިމެނޭ ޚިޔާލުތައް ނައްތާލުމަށް އެޔުނިވަރސިޓީން ކުރަމުންގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގައިވެސް އެފުރުޞަތު ހަނިކުރެއްވުމަށް ކުރެވިދާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ހަމައެކަނި ޝަރީޢާ ކިޔަވައިދިނުމުގެ ބަދަލުގައި އިންޖިނިއަރިންގ ފަދަ ފަންނީ ދާއިރާތަކުން ތަޢުލީމާއި ތަރުބިއްޔަތުވެސް މަންހަޖުގެ ތެރޭގައި ހިމެނުމާއިމެދު ވާހަކަފުޅުދެއްކެވިއެވެ.
މިބައްދަލުކުރެއްވުމުގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާމެދު ވާހަކަފުޅު ދައްކަވަމުން ރާއްޖޭގެ އިޤުތިޞާދު ކުރިއަރަމުންދާ މިންވަރު ފާހަގަކުރައްވައި އެކަމަށްޓަކައި މަދީނާ އިސްލާމިކް ޔުނިވަރސިޓީގެ ރެކްޓަރ ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވި ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި ހާމަކޮށްފައިވެއެވެ.
ޑރ ހާތިމްގެ މިދަތުރުފުޅުގައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި މަދީނާ އިސްލާމިކް ޔުނިވަރސިޓީއާއި ދެމެދު ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...