ރިޕޯޓް

ބަނގުރަލުގެ މައްސަލައިގައި އިއްޒަތްތެރި އިކޮނޮމިކް މިނިސްޓަރަށް

ހޮލިޑޭ އިން އިން ހިންގުމަށްޓަކައި ޕްރޮޕޯޒް ކުރައްވާފައިވާ ބާ އަކީ އަޅުގަނޑުމެންގެ ނަޒަރުގައި ހިންގުމަށް ހުއްދަދެއްވުން އެކަށީގެންވާ ތަނެއް ނޫނެވެ. އިއްޒަތްތެރި ވަޒީރެވެ. މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން ބާ ތަކަކީ އޭގައި ފާހިޝް ޢަމަލު ކުރުމަށް މަގުފަހިވާ ފަދަ ކަންތައްތަކެއް ކުރުމަށް ތަރުހީބު ދެވޭ ތަނެކެވެ. މި ފަދަތަނެއް އަޅުގަނޑުމެންގެ މި ކުޑަ ކުޑަ އިސްލާމީ ޤައުމުގެ ވެރިކަން ކުރާ ރަށުގައި ޤާއިމް ކުރުމަށް ހުއްދަ ދެވިއްޖެނަމަ އެކަމަކީ، މި ރާއްޖޭގައި ދިރިއުޅޭ އެއްވެސް އިސްލާމަކަށް ހަޖަމް ކުރެވޭނެ ފަދަ ކަމެއް ނޫނެވެ.

މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމަށްޓަކައި އަޅުގަނޑުމެން އެންމެން އަތުކުރި އޮޅާލާފައިވާ ދުވަސްވަރެއްގައި މިފަދަ ކަމަކަށް ހުއްދަ ދެވިއްޖެނަމަ އެކަންވާނީ އަޅުގަނޑުމެން އެންމެން މިކުރާ މަސައްކަތަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށެވެ. މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން މަސްތުވާތަކެއްޗާއި ބަނގުރަލުގެ މައްސަލައަކީ މީގެ އެތަށް ދުވަހެއް ކުރިންވެސް އަޅުގަނޑުމެންގެ މި މުޖްތަމައުން ފޮހެ ނުލެވިފައިވާ މައްސަލައެކެވެ. ވުމާއެކު، މިފަދަ ނުރައްކާތެރި މައްސަލައަކަށް ނިމުމެއް ގެނައުމަށްޓަކައި އަޅުގަނޑުމެން މި ކުރަމުންދާ ހަނގުރާމައަށް ހުއްޓުމެއް އަރާފާނެ ކަމެއް މަނިކުފާނުގެ މުއައްސަސާއިން ވިޔަ ނުދެއްވުމަކީ އަޅުގަނޑުމެން އެންމެން އެދި ތިބި ގޮތެވެ.

އިއްޒަތްތެރި ވަޒީރެވެ. މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރުމަށާއި ބާ ތައް ހިންގުމަށް ފުރުސަތު ތަނަވަސް ކުރެވިއްޖެ ނަމަ އެކަން ވާނީ މަނިކުފާނަށާއި އަދި އަޅުގަނޑުމެން ހުރިހާ ދިވެހިންނަށް ކުރިމަތިވާ ވަރަށް ބޮޑު ގޮންޖެހުމަކަށެވެ. މިހެން މިދަންނަވަނީ އެތައް ގިނަ ސަބަބުތަކަކާ ހުރެއެވެ.

ފުރަތަމަ ސަބަބަކީ، މި ފަދަ ބާ ތައް ލީގަލައިޒް ކުރެވިއްޖެނަމަ، އޭރުން އެލިބެނީ ޤާނޫނާއި ޤަވައިދުގެ ތެރެއިން މަސްތުވުމަށް ފުރުސަތެކެވެ. އަޅުގަނޑުމެން ދެކޭގޮތުގައި މިފަދަ ޤަވައިދަކީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތްކުރާ މުޖްތަމައެއްގައި އޮވެގެންވާނެ ޤަވައިދެއްނޫނެވެ. އެހެނީ މިފަދަ ޤަވައިދު ތަކަކީ މަސްތުވާތަކެތި ބޭނުން ކުރުން ދިފާޢު ކުރުމަށް ބަޔަކަށް ވަކާލާތު ކުރެވިދާނެ ފަދަ ޤަވައިދެކެވެ. އެފަދައިން ކަންތައް ހިނގައިފިނަމަ، އަޅުގަނޑުމެން މިކުރަމުން އައިމަސައްކަތްވާނީ ފޫނެތް ފާޔަކަށް ފެންފުރުން ކަހަލަ މަސައްކަތަކަށެވެ.

އަޅުގަނޑުމެން ކަންބޮޑުވާ އަނެއް ސަބަބަކީ، ދިވެހިން މިފަދަ ބާތަކަށް ގޮސް އެތަނުގެ ޚިދްމަތް ހޯދާފާނެތީއެވެ. މި ހާތަނަށް ސިއްރުން މި ރާއްޖޭގައި ބަނގުރާ ބޮއެގެން މަސްތުވުމުގެ ލައިސެންސް އޮންނަ ފަރާތްތަކުން ދިވެހިންވެސް މިކަމުގައި ޝާމިލްކުރުވައިގެން މަސްތުކުރުވާ އިރު، ފާޅުގައި މިކަމަށް ހުއްދައެއް ދެވުމުން ކިހާވަރަކަށް މިކަން ފެތުރިގެން ހިނގާދައިނެތޯއެވެ. މުސްތަޤްބަލުގައި ޚަރަދު ކުޑަކުރުމުގެ ގޮތުން ހޮލިޑޭ އިން އިން ބިދޭސީންގެ ބަދަލުގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތު ދިނުމަކީ ހަމައެކަށީގެންވާ ކަމެކެވެ. އާދެ ބާ މުވައްޒަފުން ގޮތުގައި މަސައްކަތް ކުރާނެ ކޮންމެ ދިވެއްސަކީ، ނުރައްކާތެރި ވަބާ ގެ ދަލުގައި ޖެހުމުގެ ބިރު އޮތް ފަރާތެކެވެ. މި ފަދަ ބިރުވެރި އަދި ނުރައްކާތެރި ކަމެއްގެ ތެރެއަށް މިބައިމީހުންނަށް ވަދެވިއްޖެނަމަ، މިކަމުން ސަލާމަތްވުމަކީ ނުހަނު އުނދަގޫ ކަމެއް ކަން އަޅުގަނޑުމެން އެންމެން ދަންނަމުއެވެ. މިފަދަ މުވައްޒަފެއްގެ ސަބަބުން އޭނާގެ އެކުވެރިނަށްވެސް މިކަމުގެ ތެރެއަށް ވަދެވިއްޖެނަމަ، އަދި އެކުވެރިން އެކުވެރިންނަށް މިފަދަ ކަންތައްތައް ތަޢާރަފް ކުރެވެމުންދާނަމަ، ދިވެހިރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު އިތުރަށްދާނީ ގޯހުން ގޯހަށެވެ.

މިހާ ހިސާބަށް އާދެވުމާއެކު، ކުޑަ މިސާލެއް ބޭނުން ކޮށްލުމަކީ ބުއްދިވެރިކަމެއް ކަމުގައި ދެކެމެވެ. ރިސޯޓަކާއި ދިމާލަށް ނަޒަރު ހިންގާލަމާތޯއެވެ. އެތަނުގައި ބާ ހެދިފައިވުމުގެ ސަބަބުން އެތަނުގައި ވަޒީފާ އަދާ ކުރާ ވަރަށް ގިނަ ދިވެހިން އެތަނުގެ ބޭނުން ކުރާކަން އެއީ އެންމެވެސް ދަންނަ ޙަޤީޤަތެކެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ރަށްތަކުންވެސް ރިސޯޓްތަކަށް މިދެންނެވި ފަދަ ބާ ތަކުން ޚިދްމަތްހޯދުމަށްޓަކައި ގޮސް އުޅޭކަން އަޅުގަނޑުމެން އެންމެން ދަންނަމެވެ. ޙާލަތު ހުރީ މިހާހިސާބުގައި ކަމުގައި ވާ އިރު ، މާލޭގައި މިފަދަ ބާ އެއް ހުޅުވުމަށް ނިންމަވައިފިނަމަ، މި މައްސަލަ އިންތިހާއަށް ބޮޑު ވެގެން ދާނެކަމީ ޔަގީނާ ގާތަށް ދަންނަވަން އެނގޭކަމެކެވެ.

ބައެއް ފަހަރު ބާ ތަކަކީ، އިއްޒަތްތެރި މަނިކުފާނަށްވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ދެ ޖިންސުގެ މީހުން އެއްވެ ނެށުމާއި، އަދި ފާހިޝް އެތައް މުންކަރާތްތަކެއްވެސް ހިނގާ ތަންތަނެވެ. މިފަދަ ތަނެއް ޤާއިމްވެއްޖެނަމަ، މި އިސްލާމީ ޤައުމުގައި ޒިނޭ އާއި ބަދު އަޚްލާޤީ ޢަމަލު އާންމުވުމަކީ ޔަޤީނާ ގާތަށް ދަންނަވަން އެނގޭ ކަމެކެވެ. އެހެން ވެއްޖެ ކަމުގައިވާނަމަ، މި ކުޑަ ކުޑަ މުޖްތަމައުގައި އެއިޑްސް ފަދަ ބަލިތައް ފެތުރިގެން ދިޔުމަކީ ވަރަށް ގާތުގައި އޮތްކަމެކެވެ. މީގެ އިތުރުން ބަނޑުގައި އޮއްވާ ދަރުފުޅު މަރާލުން ނުވަތަ އެބޯރޝަން ގެ އަދަދުވެސް ދާނީ ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ކަމުގައި ލަފާކުރެވެއެވެ. މިއީ ދިވެހިރާއްޖެ އަށް ލިބިގެންދާނެ ވަރަށް ހުތުރު ނަމެކެވެ. އަދި ބަނޑުގައި އޮތް ތުއްތު މައުސޫމް ފުރާނައެއްގެ ޙައްޤަކަށް އަރާގަތުމެކެވެ. އެހެންނޫންތޯއެވެ.

އިއްޒަތްތެރި ވަޒީރެވެ. ދިވެހިރާއްޖޭގައި މިހާރު އާންމުވަމުންދާ މާރާމާރީގެ މައިގަނޑު އެއްރޯލެއް އަދާކުރާ އެކައްޗަކީ މަސްތުވާތަކެއްޗެވެ. ވުމާއެކު، މި ފަދަ ބާ ތަކަށް ހުއްދަ ދެވިއްޖެނަމަ، މާރާމާރީގެ މައްސަލަތައްވެސް އިންތިހާ ދަރަޖައަށް މަތިވެގެން ހިނގާދާނެ ކަމުގެ ބިރުވެރިކަން އަޅުގަނޑުމެންގެ ހިތުގައި އެބަ އޮތެވެ.
މީގެ އިތުރުން، ބާ ތަކުގެ ޚިދުމަތް ހޯދުމަށްފަހު މަސްތުވެގެންވާ ހާލު ދުއްވާތަކެތި ދުއްވުމުގެ މައްސަލަތައް ފެންމަތިވުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. ޑްރަންކް ޑްރައިވިން ނުވަތަ މަސްތުވެގެންވާ ޙާލު ދުއްވާ ތަކެތި ދުއްވުމަކީ، އެންމެ ތަހުޒީބު ވެފައިވާ ޤައުމުތަކުގައިވެސް މުޅިން މަނާ ކަމެކެވެ. ނަމަވެސް އެފަދަ ޤައުމު ތަކުގައިވެސް މިކަން ރަނގަޅަށް މޮނީޓަރ ކުރެވޭނެ ގޮތެއް ނުވަތަ އިންތިޒާމެއް ހަމަޖެހިފައި ނުވެއެވެ. ނަތީޖާއަކަށް ވަނީ، ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމެވެ. މިފަދަ ނުރައްކާތެރި އެކްސިޑެންޓްތައް، އަޅުގަނޑުމެންގެ މިކުޑަ ކުޑަ މަގުތަކުގައި ހިނގަންފަށާފިނަމަ، މަގުމަތީގައި ހިނގާފައި ދާ އެތައްބަޔަކާއި، ދުއްވާތަކެތި ދުއްވާ އެތައް ބަޔަކަށް މިކަމުގެ ނުރައްކާތެރިކަމާއި ގެއްލުން ކުރިމަތި ވުމަކީ އެކަށީގެން ވާކަމެކެވެ. އެހެންމީހަކު މަސްތުވެގެން ކުރިކަމަކުން، މަސްތުވުމުގެ ޚިޔާލެއްވެސް ނެތް ބަޔަކަށް މިކަމުގެ ގެއްލުން ފޯރާނެ ގޮތަށް ކަންތައް ހަމަޖެހުމަކީ ވަރަށްވެސް ބޭއިންސާފުވެރި ގޮތެއް ދެއްތޯއެވެ.

ބާ އެއް ހުޅުވަން ގަސްދުކޮށްފައިވާ ތަނަކީ އިސްލާމީ ޤައުމެއްގެ ޤާނޫނު ހަދާ މަޖިލީހާއި، ސާނަވީ 2 ސްކޫލުވާ ސަރަހައްދެކެވެ. ސާނަވީ ސްކޫލުތަކުގައި ރާއަކީ ޙަރާމް އެއްޗެކޭ ބުނެ ކިޔަވާ ދެވޭއިރު، ބަނގުރާ ވިއްކާ ބާ އެއް ޖެހިގެން ހުންނަނަމަ، މިކަން ކުދިންނަށް ވިސްނާ ދެވޭނީ ކިހިނެއްތޯއެވެ.
މީގެ އިތުރުން، ސްކޫލުގެ ބިދޭސީ މުދައްރިސުން މަސްތުވެ ރާބޯވާހަކައަކީ އަޅުގަނޑުމެން އެންމެން ދަންނަ ވާހަކައެކެވެ. ބޭރުގެ ފަރާތްތަކަށް ނަމަވެސް ބާ ތައް ހުޅުވާލެވިއްޖެނަމަ، މިފަދަ މުދައްރިސުންގެ ފަރާތުން ދިމާވާ ނޭދެވޭ ޢަމަލުތަކާއި، ޖިންސީ ގޯނާކުރުންތަކަށް ނިމުމެއް އަންނާނެތޯއެވެ؟ މީގެ އިތުރުން ދަރިވަރުންނަށް ނަމޫނާއެއް ކަމުގައިވާ މުދައްރިސުން ރާބޯ ބައެއް ކަމުގައި ވެގެން ދިޔުމަކީ ކުރިއަށް އަންނަން އޮތް ޖީލުތަކަށް ހުރި ކިހާވަރެއްގެ ހުރަހަކަށް ވެގެން ހިނގައިދާނެ ތޯއެވެ. މުސްތަޤްބަލުގެ ޖީލު މަސްތުވާތަކެތިން ސަލާމަތް ކުރުމަށް އޮތް ކިހާ ބޮޑު ގޮންޖެހުމަކަށް ވެގެން ހިނގައިދާނެތޯއެވެ.
މިފަދަ ބާ ތައް ހުޅުވުމަށް ހުއްދަ ދެވިއްޖެނަމަ މި ދިވެހިރާއްޖޭގެ އިކޮނޮމީއަށް ފައިދާ ކުރުމަށްވުރެ ބޮޑަށް ކުރާނީ ގެއްލުން ކަމުގައި އަޅުގަނޑުމެންނަށް ފެނެއެވެ.
މީގެ ތެރޭގައި ކުރުމުއްދަތެއްގެ ތެރޭގައްޔާއި، ދިގު މުއްދަތެއްގެ ތެރޭގައި ދިމާވެދާނެ ގެއްލުންތައް ހިމެނެވެ.

ކުރުމުއްދަތެއްގެ ތެރޭގައި މިކަމުގެ ސަބަބުން މުޖްތަމައުން ލިބިދާނެ ގެއްލުންތަކަށް އަވަސް ކަޅިއެއް ހިންގާލާމާތޯއެވެ. މިސާލަކަށް ބާ ގައި ގިނަވަގުތު ހޭދަ ކުރާހިތްވާ އޮފީހުގެ މުވައްޒަފެއް ގެ ފަރާތުން އަޅުގަނޑުމެންނަށް ފެނިގެން ނުވާނެ އަޚްލާޤީ ގޮތުން ދަށް ފެންވަރުގެ ބައެއް ޢަމަލުތައް ފެނިގެން ދިޔުމަކީ އެކަށީގެން ވާކަމެކެވެ. އެއީ އޮފީހުގެ އިސް މަޤާމެއް އަދާ ކުރައްވަމުން ގެންދަވާ ބޭރުގެ ޕްރޮފެޝަނަލް ބޭފުޅަކަސް ނުވަތަ ދަށުފަންތިތަކުގައި މަސައްކަތްކުރައްވާ ބޭފުޅަކަށް ވިޔަސްއެވެ. މިކަމުގެ ސަބަބުން، އޮފީހުގެ މަސައްކަތުގެ މާހައުލަށް ބުރޫ އެރުމަކީ ވަރަށް ގާތުގައި ވާކަމެކެވެ. ނަތީޖާއަކަށްވާނީ މަސައްކަތުގައި މުވައްޒަފުން މަޝްއޫލުވެ އުޅޭހިތްވާލެއް ކުޑަ ވުމެވެ. ކްލަބްޒް ޑޮޓް ކޮމް ގެ ފަރާތުން 396 ކުންފުނީގެ މެދުގައި ބޭއްވި ސަރވޭއަކުން ދައްކާ ގޮތުގައި %50 ކުންފުނިން އެ ކުންފުނި ތަކުގެ މުވައްޒަފުން މަސައްކަތަށް ޝައުގުވެރި ކުރުމަށްޓަކައި ބާއްވާ ކުޅިވަރުގެ ހަރަކާތްތައް އަމާޒު ކުރައްވަނީ ރަލުގެ މަސްތުން ސަލާމަތްވުމަށްޓަކައެވެ. 1

މީގެއިތުރުން، ދަންވަރު ގިނަވަގުތު ބާގައި ހޭދަކުރުމުގެ ސަބަބުން ޖެހިގެން އަންނަ ދުވަހު ގަޑިއަށް އޮފީހަށް ނާދެވުމުގެ މައްސަލަވެސް ކުރިމަތި ވުމަކީ ވަރަށް ކައިރީގައިވާ ކަމެކެވެ. މިއީ ބައެއް ރިސޯޓްތަކުގައި މިހާރުވެސް ކަންހިނގަމުން އަންނަ ގޮތެވެ. މިކަމުގެ ސަބަބުން، އެފަދަ މުވައްޒަފުންގެ ފަރާތުން ކުންފުންޏަށް ނުވަތަ ސަރުކާރުގެ އޮފީހަށް ނުވަތަ އާންމު ރައްޔިތުންނަށް ލިބެންޖެހޭ ޚިދްމަތްތަށް އެކަށީގެންވާ ގޮތެއްގައި ފޯރުކޮށް ނުދެވޭނެކަމުގައި އަޅުގަނޑުމެން ދެކެމެވެ.

މުސްތަޤްބަލަށް ވިސްނާލާއިރު، މި ފަދަ ބާތަކަށް ހުއްދަ ދެވިއްޖެނަމަ، އިތުރު ހޮޓެލްތަކުންވެސް މި ޚިދުމަތް ދިނުމަށް ހުށައަޅާފާނެއެވެ. އެހްން ވެއްޖެ ކަމުގައިވާނަމަ، ރަލުގެ ވަބާ އާންމުވެގެން ދިޔުމަކީ ވަރަށް ގާތުގައިވާކަމެކެވެ. ރަލަކީ މުވައްޒަފުންގެ މެދުގައި އާންމު އެއްޗެއްކަމުގައި ވެއްޖެނަމަ، އާޚިރުގައި މުވައްޒަފުންގެ އުފެއްދުންތެރިކަމުގެ ނިސްބަތް ދަށްވުމަކީ އެކަށީގެންވާ ކަމެކެވެ. ސަބަބަކީ މަސްތުވުމުގެ ސަބަބުން ވިސްނުންތެރިކަން ކޮށިވެ، އިންޓެލިޖެންސް ލެވެލް ދަށްވެ، މަސައްކަތަށް ފަރުވާ ބެހެއްޓޭ މިންވަރާއި، ކޮންސެންޓްރޭޝަން ލެވެލް ދަށްވުމަކީ ވަރަށް ގާތުގައިވާ ކަމަކަށްވާތީއެވެ. ވުމާއެކު، ޤައުމަށް އެބައެއްގެ ފަރާތުން ލިބެންވާ ޚިދްމަތްތަކާއި، ފައިދާތަކާއި، އަދި އުފެއްދުންތެރިކަން ދާނީ ދުވަހަކަށް ވުރެ ދުވަހެއް ދަށްވަމުން ކަމުގައި އަޅުގަނޑުމެން ދެކެމެވެ. ނަތީޖާއަކަށްވާނީ އެބައިމީހުން މުވައްޒަފުންގެ ގޮތުގައި ބޭތިއްބުމަކީ ޚަރަދު ބޮޑުކަމެއްކަމުގައިވެ، ކުންފުނި ތަކަށާއި، ސަރުކާރަށާއި، އަދި ޖުމްލަ ގޮތެއްގައި މުޅި ޤައުމަށް ހުރި ގެއްލުމެއްކަމުގައި ވުމެވެ. މިކަމުގެ ސަބަބުން މުސްތަޤްބަލުގައި މުޖްތަމައުގައި ވަޒީފާނެތިފައި ތިބި މީހުންގެ އަދަދު އިތުރުވެގެން ދިޔުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންވެއްޖެ ކަމުގައިވާނަމަ، އާއިލާތަކުގެ މެދުގައި މައްސަލަތައް އުފެދި، ވަރީގެ ނިސްބަތް މިހާރު އިތުރުވަމުންދާ ނިސްބަތަށްވުރެވެސް ބޮޑަށް އިތުރުވެގެން ދިޔުމަކީ ކައިރި ކަމެކެވެ. އަދި ކިއެއްތޯއެވެ. މަގުތަކުގައި ގިނަވެ، މުޖްތަމައުން އަޅާނުލެވި، ބާކީ ކުރެވިފައިވާ ބައެއްގެ ގޮތުގައި ވަޒީފާނެތް މީހުން ވެގެން ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ. ނުވަތަ ވައްކަމާއި ފޭރުންފަދަ ބިރުވެރި ޢަމަލުތައް މިބައިމީހުންގެ ފުށުން އިތުރުވެގެން ދިޔުމަކީވެސް އެކަށީގެންވާ ކަމެކެވެ.މީގެ އިތުރުން މާޔޫސްކަމާއި، ގޮތް ހުސްވުމުގެ ސަބަބުން އަމިއްލައަށް މަރުވާމީހުންގެ އަދަދު ވަރަށް ހަލުއި ކަމާއެކު އުފުލުމަކީ ދުރުގައިވާ ކަމެއްނޫނެވެ. މިފަދައިން ވަޒީފާގެ ބާޒާރުން މަދުވާ ދިވެހިންގެ ބަދަލުގައި ބޭރުމީހުން ގެނެވޭކަމުގައިވާނަމަ، ޤައުމަށް ދިމާވެގެންދާނީ އިތުރު ގޮންޖެހުމަކާއި ހުރަސްތަކެކެވެ.

މިފަދަ ހުރިހާ ސަބަބުތަކަކާ ހުރެ، މުސްތަޤްބަލުގައި ޤައުމުގެ އުފެއްދުންތެރިކަމުގެ ނިސްބަތް މަޑުމަޑުން ނަމަވެސް ދަށްވަމުން ދިޔުމަކީ ވަރަށް ގާތުގައިވާ ކަމެކެވެ. މުސްތަޤްބަލުގައި ވިޔަފާރިތަކުން ކޯޕަރޭޓް ޓެކްސް ނެގުމަށް ގަސްދުކުރެވިފައިވީ ހިނދު، މިފަދައިން ބަނގުރަލާއި، މަސްތުވާތަކެތި އާންމު ވެއްޖެނަމަ، އިސްވެ ދެންނެވިފައިވާ ފަދައިން، މިކަމުގެ ސަބަބުން ނިކުންނަ އިތުރު ބައެއް ނުސީދާ މައްސަލަތަކާ ހުރެ ވިޔަފާރިތަކުން ލިބޭ ނަފާއާއި އާމްދަނީ ދަށްވުމަކީ އެކަށީގެންވާކަމެކެވެ. ކަންމިހެން ދިމާވެއްޖެނަމަ، ސަރުކާރަށް ޓެކްސްގެ ގޮތުގައި ލިބޭނެ ފައިސާވެސް ދަށްވެގެންދާނެއެވެ. އެހެންވެއްޖެ ކަމުގައިވާނަމަ، ޚަރަދު ކުޑަ ކުރުމަށްޓަކައި އިތުރަށް މުސާރަތައް ކުޑަކުރުމަށް ވިސްނަންޖެހުމަކީ އެކަށީގެން ވާކަމެކެވެ. ނުވަތަ ކުރަން ހަމަޖެހިފައިވާ ބޮޑެތި ޕްރެޖެކްޓްތައް ލަސްކޮށްލަން ޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އިޤްތިސާދީ މާހިރުން އަބަދުވެސް ރަލާއި، މަސްތުވާ ޒާތުގެ ތަކެތި ހިމަނުއްވަނީ ވަކި ވަކި ފަރުދުންނާއި، މުޅި މުޖްތަމައަށް ހުރި ގެއްލުމެއް ގެ ގޮތުގައެވެ. ސަބަބަކީ ބަނގުރާ ބުއިމުގެ ސަބަބުން އިޤްތިސާދަށާއި، މުޖްތަމައަށް ލިބެމުންދާ ގެއްލުން ބޮޑުވީތީއެވެ.

މިފުރުސަތުގައި ފާހަގަ ކޮށްލުން މުހިންމު އަނެއް ނުކުތާއަކީ ހޮލިޑޭއިން އަކީ އަމިއްލަ ކުންފުންޏެއް ކަމެވެ. ހުޅުވިފައިވާ އިޤްތިސާދެއްގައި އަމިއްލަ ވިޔަފާރިވެރިން އަބަދުވެސް ވިސްނާނީ ފައިދާ އިތުރު ކުރުމަށެވެ. މިގޮތުން، ބާ އެއް ހަދައިގެން މިކަމުގެ ސަބަބުން ޖުމްލަކޮށް މުޖްތަމައަށް ލިބޭ ގެއްލުން ބޮޑު ވި ކަމުގައިވިޔަސް، މިވިޔަފާރި ކުރާ ވިޔަފާރިވެރިންނަށް ނަފާއެއް ލިބޭ ކަމުގައިވާނަމަ އެބައިމީހުން އެކަން ކުރާނެއެވެ. އެއީ މިވިޔަފާރި އަކީ އަޅުގަނޑުމެންގެ އަޤީދާއާއި، ޘަޤާފަތާޢި އެއްގޮތަށް ކުރެވޭ ވިޔަފާރިއެއް ނުވި ކަމުގައި ވިޔަސް މެއެވެ.

ވުމާއެކު ބަނގުރަލުގެ ވިޔަފާރި ހުއްދަވެއްޖެ ކަމުގައިވާނަމަ، އިސްވެ ދެންނެވިފައިވާ ސަބަބުތަކާ ހުރެ އެކަމުން ލިބޭނެ ފައިދާ އަށްވުރެ ގެއްލުން ބޮޑުވެގެންދާނެ ކަމުގައި ދަންނަވަމެވެ.

ސޫރަތުލް ބަޤަރާ 219
"ރާއާއި ޖުވާ ކުޅުމާމެދު އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެދެކަމުގައި މަންފާއަށްވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ. އަދި އެއުރެން ހޭދަ ކުރަންވީ ކޮންއެއްޗެއްތޯ ކަލޭގެފާނާ އެއުރެން ސުވާލު ކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ. (ހޭދަ ކުރަންވީ، ބޭނުންތައް ފުއްދުމަށްފަހު) އިތުރުވީ އެއްޗެކެވެ. އެފަދައިން ތިޔަބައިމީހުންނަށް ﷲ، (އެކަލާންގެ) ޙުކުމްތައް ބަޔާން ކޮށްދެއްވަނީ، ތިޔަބައިމީހުން ފިކްރު ކުޅައުމަށްޓަކައެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް