ރާއްޖޭގެ ޚަބަރު

ސްކޫލް ކުދިންގެ 2 ވަނަ ޤުރުއާން މުބާރާތް ފަށައިފި

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އިންތިޒާމްކޮށް ކުރިއަށް ގެންދާ ސްކޫލް ކުދިންގެ 2 ވަނަ ޤުރުއާން މުބާރާތް މިއަދު ފަށައިފިއެވެ.

އަރަބިއްޔާ ސްކޫލް ހޯލުގައި ކިޔެވުން ކުރިއަށްދާ މިމުބާރާތުގައި މިއަދުގެ ދަންފަޅިތަކުގައި ކުރިއަށްދާނީ ފޮތުން ކިޔެވުމުގެ ބައެވެ.

ފޮތުން ކިޔެވުމުގެ ގޮތްޕާއި ހިތުން ކިޔެވުމުގެ ގޮތްޕާއި ހާފިޡުންގެ ގޮފި ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބަލައިގެން ކިޔެވުމުގެ ބައިގައި ވިދިވިދިގެން 5 ފޮތާއި 10 ފޮތާއި 15 ފޮތުން ތަޖުވީދުގެ ހަމަތަކަށް ކިޔެވުން ހިމެނެއެވެ. ހިތުން ކިޔެވުމުގެ ބައިގައި ހިމެނެނީ ވިދިވިދިގެން 2 ފޮތާއި، 4 ފޮތާއި، 6 ފޮތް ތަޖުވީދުގެ ހަމަތަކަށް ކިޔެވުމެވެ. އަދި ހާފިޡު ކަމުގެ ބައިގައި މުޅި ޤުރުއާން ހިތުދަސްވެފައިވުމާއެކު ތަޖުވީދު ހަމަތަކުން ކިޔެވުން ހިމެނެއެވެ.

ޤުރުއާނާއި ބެހޭ މަރުކަޒުން ހާމަކޮށްފައިވާ ގޮތުގައި މިފަހަރުގެ މުުބާރާތުގެ ކިޔެވުން ކުރިއަށްދާނީ 5 ދަންފަޅިއަކަށް ބަހާލައިގެންނެވެ. އެގޮތުން ހެނދުނު ދެދަންފަޅިއަކަށް ކިޔެވުމަށް ހަމަޖެހިފައިވާއިރު މެންދުރާއި، ހަވީރު އަދި ރޭގަނޑުވެސް ކިޔެވުން ކުރިއަށްދާނެ ކަމަށް އެމަރުކަޒުން ހާމަކުރެއެވެ.

މިފަހަރުގެ މުބާރާތުގައި ބަލައިގެން ކިޔެވުމާއި ހިތުން ކިޔެވުމުގެ އިތުރުން ޙާފިޡުކަމުގެ ގޮފިން އެންމެ މޮޅު 3 ދަރިވަރަކު ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ބަލައިގެން އަދި ހިތުން ކިޔެވުމުގެ ގޮފިން އެންމެ މޮޅު ތިން ސްކޫލެއް ހޮވުމަށް ހަމަޖެހިފައިވާކަމަށްވެސް ކީރިތި ޤުރުއާނާ ބެހޭ މަރުކަޒުން ހާމަކުރެއެވެ.

ކީރިތި ޤުރުއާނުގެ ފަންނު ދިރުވައި ތަޖުވީދުގެ ހަމަތަކާ އެއްގޮތަށް ޤުރުއާން ކިޔަވަން ދަންނަ ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ މިމުބާރާތުގައި މިފަހަރު ރާއްޖޭގެ އެކި ސަރަޙައްދުތަކުން 71 ސްކޫލަކުން ޖުމުލަ 431 ކުދިން ބައިވެރިވެފައިވާކަށް ކީރިތި ޤްރުޢާނާބެހޭ މަރުކަޒުން ހާމަކުރެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *