ރާއްޖޭގެ ޚަބަރު

ފަރުޟު 5 ނަމާދުނުކުރާ މީހަކަށް އިސްލާހުގެ ވާހަކަދެއްކުމުގެ ހައްޤެއް ނޯންނާނެ: ޝައިޚް ސަމީރު

ﷲ ސުބްހާނަހޫ ވަތަޢާލާ ފަރުޟުކުރެއްވި ފަސް ނަމާދު އަދާނުކުރާ މީހަކަށް އިސްލާހުގެ ވާހަކަދެއްކުމުގެ ހައްޤެއް ނޯންނާނެކަމަށް އައްޝައިޚް އަހުމަދު ސަމީރު ބިން އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖަމިއްޔަތުއްސަލަފް އިން ކޮންމެ ބުދަދުވަހެއްގެރޭ ގެނެސްދޭ އޮނަތިރީސް މިނިޓް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝައިޚް ސަމީރު ވިދާޅުޥި ނަމާދު ވަގުތު ޖެހުމުން ނަމާދުކުރުން އެއީ ނަފްސުގެ އިސްލާހުކަމުގައި ޤަބޫލުކުރުން އެއީ މީޒާނެއްކަމަށާއި ޝަރުއީ މުސްތަލަހަކުން ބަލާނަމަ ނަމާދު އަޅާ މީހަކީ ފާސިގެއް ކަމަށެވެ. އަދި ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ސުވާލުކުރެވޭހުށީ ނަމާދާއި ގުޅޭގޮތުން ކަމަށާއި އެސުވާލުން ފެއިލްވެއްޖެނަމަ އެމީހަކު ދައްކާނެ އިސްލާހުގެ ވާހަކައެއް ނޯންނާނެކަމަށް ޝައިޚް ސަމީރު ވިދާޅުވިއެވެ.

ޝައިޚް ސަމީރު ވިދާޅުވި ގޮތުގައި އިސްލާހުގެ ވާހަކައަކީ އެންމެންހެން ދައްކާ ވާހަކައެއް ކަމަށާއި އެހެންނަމަވެސް ފަސާދަ ފެންނަން އޮތީ ކޮންމެވެސް ބަޔަކު ފަސާދަ ކުރާތީ ކަމަށެވެ. އަދި އިސްލާހުކުރާ ބަޔަކަށްވާނީ ބަޔަކު އަނގައިން ހަމައެކަނި ބުނާ ބަސްތަކަކުން ނޫންކަމަށާއި އިސްލާހުކުރާ ބަޔަކަށްވާނީ އިންސާނުންގެ އިސްލާހަށްޓަކައި އިންސާނުންގެ ވެރި ރައްބު ބާވާލައްވާފައިވާ އުސޫލުތަކާއި ހަމަތަކަށް އިންސާނާ ފެތުމުން އެފަރުދަކީ އިސްލާހުވެފައިވާ ފަރުދަކަށްވާނެ ކަމަށެވެ.

"އިސްލާހުގެ ނަމުގައި އިންސާނާގެ ވެރި ރައްބު އިންސާނާއަށް ބާވާލައްވާފައިވާ ޝަރުޢީ އުސޫލުތައް ފިޔަވައި އެހެން އެއްޗެއް އެހެން މަގަކުން އެހެން ގޮތަކަށް އިންސާނާއަށް ޤަބޫލުކޮށްދީގެން އެއިންސާނާއަކީ އިސްލާހުވެފައިވާ ނުވަތަ އެމުޖުތަމައުއަކީ އިސްލާހުވެފައިވާ މުޖުތަމައުއެއް ކަމުގައި ބުނެވޭ ބުނުމަކީ ޤުރުއާނުގައި ބަޔާންކުރެވިފައިވާ ފަދައިން އިސްލާހުގެ ނަމުގައި ފަސާދަކުރުން" ޝައިޚް ސަމީރު

ޝައިޚް ސަމީރު ވިދާޅުވީ އަޅުގަނޑުމެންގެ ހާލަތު ގޯސްވެގެންދަނީ އަޅުގަނޑުމެންގެ އެތެރޭގައި ހުރި، އަޅުގަނޑުމެންގެ ހަށިގަނޑުގެ ގުނަވަންތަކުންކުރާ ކަންތައްތަކެއް ފަސާދަވުމުންކަމަށާއި އެގޮތުން ފަސާދައަކީ ﷲ ސުބްހާނަހޫ ވަތައާލާއި ކަނޑައަޅުއްވާފައިވާ އިމުގެ ބޭރުން އަޅުގަނޑުމެންގެ އަޤީދާއާއި ސުލޫކާއި ބަސްމަގު ބަދަލުވުމުގެ ނަތީޖާ ކަމަށެވެ. އަދި އިންސާނާއަށް އަންނަ މުސީބާތުގެ އަސްލަކީ އިންސާނާގެ އަމަލުތަކުގެ ފަސާދަކަމަށްވާނަމަ އެމުސީބާތަކާއި ކުރިމަތިލައިގެން ގަދަބާރުން އެމުސީބާތަކުން ސަލާމަތް ނުވެވޭނެ ކަމަށާއި އެހެންނަމަވެސް އިންސާނާ ކުރަމުންދާ ނުބައި ޢަމަލުތައް ދޫކޮށް ހެޔޮ އަމަލުތަކަށް ރުޖޫއަވުމުން ﷲ ސުބްހާނަހޫ ވަތައާލާ އެބައެއްގެ ހާލަތު ހެޔޮގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.

ތަނެއް ފަސާދަވުން މިކިޔަނީ އެތަނެއްގައި ދިރިއުޅޭ މީހުން ފަސާދަވުމާއި ތަނެއް އިސްލާހުވުން މިކިޔަނީ އެތަނެއްގައި ދިރިއުޅޭ އިންސާނުން އިސްލާހުވުން ކަމަށާއި އިސްލާހުކުރަން އެދޭނެމަ މަސައްކަތް ފަށަން ޖެހެނީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުން ކަމަށް ޝައިޚްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *