ރިޕޯޓްކޮލަމިސްޓް

ނިޢުމަތެއް ފަދަ ޙާކިމާގެ 10 ސިފަ

ވެރިކަމާ ބެހޭ ދިރާސާތައްކުރައްވާ ޢިލްމުވެރިންގެ ތެރެއިން ހުޅަނގުގައި ވެސް "އަލްބުއާސެން" ގެ ނަމުން މަޝްހޫރުވެ ވަޑައިގެންފައިވާ 10 ވަނަ ޤަރުނުގެ އިސްލާމީ ޢިލްމުވެރިޔާ އަލްމާވަރްދީ (ރަޙިމަހުﷲ) އިސްލާމީ ވެރިން ސިފަކުރައްވަމުން 10 ސިފައެއް ނުކުތާކުރައްވާފައިވެއެވެ. މިކަންކަމާ، މިއަދުގެ އިސްލާމީ އުންމަތުގެ ވެރިންގެ ޙާލަތާ އަޅާކިޔާލަމާތޯއެވެ؟

1. ދީން ޙިމާޔަތްކުރުން
މާވަރްދީގެ ބަސް: އުއްމަތުގެ ސަލަފުއްސާލިޙުން ޢިޖްމާޢުވެލައްވާފައިވާ ސާބިތު އުޞޫލުތަކުގެ މަތީގައި ދީން ރައްކާތެރިކުރުމަކީ ވެރިމީހާގެ މައްޗަށް ވާޖިބުކަމެކެވެ. ބިދުޢަވެރިއަކު ނުވަތަ މައްސަލައަކާމެދު އޮޅުންއަރާ މަގުފުރެދިފައިވާ މީހަކު ފާޅުވެއްޖެނަމަ، އޭނާއަށް ދަލީލުތައް ކިޔާދީ ރަނގަޅު ގޮތް ބަޔާންކުރުމަކީ ޙާކިމާ ކުރަންޖެހޭ ކަމެކެވެ. އަދި އުއްމަތް މަގުފުރެދުމުން ސަލާމަތްކޮށް، ދީން ޙިމާޔަތްކުރުމަށް އެފަދަ މީހުންނަށް ފިޔަވަޅުއަޅަން ޖެހިއްޖެނަމަ އިސްލާމީ ޙައްޤުތަކާއި ޙައްދުތަކުގެ ތެރެއިން ޙާކިމާ ޢަމަލުކުރަން ޖެހޭނެއެވެ.

އަދުގެ ޙާލަތު: މިއަދުގެ އިސްލާމީ ވެރިން ވަނީ މި ވާޖިބު އަދާކުރުމުގައި ފެއިލްވެފައެވެ. ބިދުޢަތަކާއި މަގުފުރެދިފައިވާ ފިކުރުތައް ފެތުރުމުގެ މައިގަނޑު އެއް ސަބަބަކީ، އެކަންކަމުން ދީން ޙިމާޔަތްކުރުމަށް އަދުގެ އިސްލާމީ ވެރިން ނުކުޅެދިފައިވުމެވެ. ޙައްޤު ބަޔާންވެސް ނުކޮށްދެވެނީއެވެ. އަދި ބިދުޢަތަކާއި ޚުރާފާތްތަކާދެކޮޅަށް ފިޔަވަޅު ނޭޅޭ ތާނގައި އެކަންކަން ފެތުރުމުގައި ބައިވެރިވެވެނީއެވެ.

2. ޢަދުލުވެރިކަމާއެކު ސުލްޙަކުރުން
މާވަރްދީގެ ބަސް: ދެ ބައެއްގެ ދެމެދުގައި ޚިޔާލުތަފާތުވެ އަރާރުން އުފެދިއްޖެނަމަ، އެބައިމީހުން ދެމެދު ޞުލްޙަކުރަން ޖެހޭނެއެވެ. އެކަމުގައި ޢަދުލުވެރިކަމާއި އިންޞާފު އޮންނަންވާނެއެވެ. އަދި އަނިޔާވެރިވާ މީހާ ގަދަވެގަތުމަށާއި އަނިޔާލިބޭމީހާ ގޮތް ހުސްވެގެން ދިޔުމަށް ދޫކޮށްގެންނުވާނެއެވެ.

އަދުގެ ޙާލަތު: މިއަދު ބައެއްގެ ދެމެދު ވެރިންނަށް ޞުލްޙަކުރެވޭނީ ކިހިނެއްތޯއެވެ، ގިނަ ޤައުމުތަކުގައި އަނިޔާވެރިވާ ފަރާތަކީ ޚުދު ޙާކިމާއެވެ. އަނިޔާ ލިބޭ މީހާ ޙިމާޔަތަށް ދާނެ ތަނެއް މިބިން މައްޗަކު ނެތެވެ.

3. ޢާއްމު އަމާންކަން ޤާއިމްކުރުން
މާވަރްދީގެ ބަސް: މުޖްތަމަޢުގެ ތެރޭގައި އަމާންކަމާއި ސަލާމަތްތެރިކަން ޤާއިމްކޮށް އުއްމަތުގެ އަންހެނުންނާއި ކުޑަކުދިން ޙިމާޔަތްކުރަން ވެރިމީހާއަށް ޖެހޭނެއެވެ. މީސްތަކުން އެމީހުންގެ ނަފްސަށާއި މުދަލަަށް ގެއްލުންނުވާނެކަމުގެ ޔަޤީންކަމާއެކު، އެމީހުންގެ އަމިއްލަ ދިރިއުޅުމާގެން މަސްޢޫލުވެ، އަމާންކަމާއެކު ދަތުރުފަތުރުކުރެވި އުޅެވޭނީ އޭރުންނެވެ.

އަދުގެ ޙާލަތު: އިސްލާމީ ގިނަ ޤައުމުތަކުގައި ކުށްކުރުމުގެ ތަފާސްހިސާބު ދަށްކަމުގައި ވިޔަސް، ޢާއްމު ދިރިއުޅުމުގެ ޙަޤީޤަތަކީ، ކުޑަކުދިންނާއި އަންހެނުން ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހިފައިވުމެވެ. އަމާން މުޖްތަމަޢެއް އަދު އޮތީ ކޮން ވެރިކަމެއްގެ ދަށުގައިތޯއެވެ؟

4. ޙައްދުތައް ޤާއިމްކުރުން
މާވަރްދީގެ ބަސް: ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޝަރީޢަތުގައި އައިސްފައިވާ ޙައްދުތައް ޤާއިމްކުރުމަކީ ޙާކިމާ ކުރަން ޖެހޭނެ ކަމެކެވެ. އޭރުން ﷲ ޙަރާމްކުރެއްވި އެންމެހާ ކަންތައްތަކަށް އަރައިނުގަނެ، އަދި އަޅުތަކުންގެ ޙައްޤުތައްވެސް ޙިމާޔަތްކުރެވޭނެއެވެ.

އަދުގެ ޙާލަތު: އިސްލާމީ ޝަރީޢަތުގެ ޙައްދުތައް ތަންފީޒުނުކުރެވުމުގެ ސަބަބުން މިއަދު ﷲގެ ޙައްޤުތަކަށް މީސްތަކުން އަރައިގަންނަމުން ދިޔުން ވެފައިވަނީ ޢާއްމުކަމަކަށެވެ. މީސްތަކުންގެ ޙައްޤުތައް ޙިމާޔަތްވެފައިވޭތޯ ސުވާލުކުރަންވީ ޙައްޤަކާނުލާ، ސަބަބެއް ނޭނގި މަރާލެވިފައިވާ މުސްލިމު އަޚުންނާއި އުޚުތުންގެ ހިތްދަތިވެފައިވާ ޢާއިލާތައް ގާތުގައެވެ.

5. މުސްލިމް ބިންތަކުގެ ސަރަޙައްދީ ރޮނގު ހިމާޔަތްކުރުން
މާވަރްދީގެ ބަސް: ކާފަރުންގެ ޙަމަލާތަކުން މުސްލިމް ބިންތައް ސަލާމަތްކުރުމަށް ސަރަޙައްދުތަކަށް އަސްކަރީންނާއި ވަސީލަތްތައް ފޯރުކޮށްދީގެން އެސަރަޙައްދުތައް ފޯރިމަރަން ޖެހޭނެއެވެ. އިސްލާމީ ދައުލަތެއްގެ ދަށުގައި އުޅޭ އެންމެހާ މުސްލިމުންނާއި ޣައިރު މުސްލިމުންގެ ލޭ ޙިމާޔަތްކުރުމަށްޓަކައެވެ.

އަދުގެ ޙާލަތު: ރޮހިންޔާ މުސްލިމުންނާއި ސޫރިޔާ އަދި ފަލަސްޠީނުގެ މުސްލިމުންގެ ޙާލަތު އެނގޭ މީހަކަށް ފެންނާނީ އަދުގެ އިސްލާމީ ވެރިން މިނަމްބަރުން ބޮޑުތަނުން ފެއިލްވެފައިވާތަނެވެ.

6. ދީން މަތިވެރިކުރުމަށްޓަކާ ޖިހާދުކުރުން
މާވަރްދީގެ ބަސް: އިސްލާމްދީނަށް ދަޢުވަތު ދިނުމަށްފަހުވެސް، ބޮޑާކަމުގެ ގޮތުން ދީނަށް ފުރަގަސްދޭ ދައުލަތްތައް، އިސްލާމްދީން ޤަބޫލުކުރަންދެން، ނުވަތަ ޖިޒީ ދައްކައިގެން މުސްލިމް ދައުލަތުގެ ދަށުގައި ދިރިއުޅެން އެއްބަސްވަންދެން އެމީހުންނާ ދެކޮޅަށް ޖިހާދުކުރަން ވާނެއެވެ. އެއީ މިބިމުގައި ﷲގެ ޙައްޤުތައް ޤާއިމްކޮށް އެކަލާނގެ ދީން މަތިވެރިކުރުމަށްޓަކައެވެ.

އަދުގެ ޙާލަތު: މިއީ މިއަދު ނެތްކަމެކެވެ. ވާންވެސް ނެތްކަމެކެވެ. ވެރިން ކުރަންވެސް ބޭނުން ނުވާ ކަމެކެވެ. ﷲގެ އިސްމުފުޅު މަތިވެރިކުރުމަށް ހަނގުރާމައެއް އަދަކު ނުކުރެއެވެ. ކުރެވެނީ ތެލާއި ބިމާއި އެހެނިހެން ވަސީލަތްތައް މަތިވެރިކުރުމަށް ކުރާ ހަނގުރާމަތަކެވެ.

7. ޒަކާތްނެގުމުގެ ޒިންމާ އަދާކުރުން
މާވަރްދީގެ ބަސް: ޞަދަޤާތާއި ޒަކާތް އަދިވެސް ފަޔުއު ފަދަ ތަކެތި ނެގުމުގައި ޝަރުޢީ ނުޞޫޞްތަކާއި ޢިލްމުވެރިންގެ އިޖްމާޢުގެ މައްޗަށް ބުރަވެ ހުރެ، އަނިޔާވެރިނުވެ، އަދި މީސްތަކުންގެ މެދުގައި ބިރުވެރިކަން ނުއުފެދޭނެ ގޮތަށް އެއިންތިޒާމުތައް ކުރިއަށް ގެންދަންޖެހެއެވެ.

އަދުގެ ޙާލަތު: އިންޓަރނޭޝަނަލް މަނިޓަރީ ފަންޑުން އެހީ ނުލިބި ދާނެތީ، އެމީހުންގެ އަމުރަށް ޖީއެސްޓީ އާއި ތަފާތު ނަންނަމުގައި މުސްލިމުން އަތުން ޓެކެމުން ދާއިރު، ﷲގެ ފަރުޟު ކުރެއްވި މުދަލު ޒަކާތް ނެގުމުގައި މުސްލިމް ވެރިން އަދު ގެންގުޅެނީ ކަންނެތް ސިޔާސަތެކެވެ.

8. ބައިތުލް މާލުން ހޭދަކުރަން ޖެހޭ މީހުންނަށް ހޭދަކުރުން
މާވަރްދީގެ ބަސް: ދަހިވެތިވުމެއް ވެސް އަދި އިސްރާފުކުރުމެއްވެސް ނެތި، ބައިތުލް މާލުން ހޭދަކުރަން ޖެހޭ ޙައްޤުވެރި މީހުންނަށް ދިނުމުގައި ލަސްވުމެއްވެސް އަދި އަވަސްވުމެއްވެސް ނެތި، ވަގުތުން ދޭން ޖެހޭނެއެވެ.

އަދުގެ ޙާލަތު: ގިނަ އިސްލާމީ ޤައުމުތަކުގައި އެހީތެރިކަމަށް ބޭނުންވާ ޙައްޤުވެރި ފަރާތްތަކަށް މާލީ ބަދަލެއް ދިނުމުގެ ނިޒާމް ކޮންމެވެސް ސިފައެއްގައި އެކުލަވާލެވިފައި ވީނަމަވެސް، އޭގެ ޙައްޤުވެރިން ނޫން އެތައް "ބޭފުޅުންނަކަށް" އިސްރާފަކަށް ވާވަރަށް ހޭދަކުރެވިފައިވާކަން އެނގެނީ ދުނިޔޭގެ އެންމެ ކޮރަޕްޓް ޤައުމުތަކުގެ ލިސްޓުގެ ކުރިބޯށީގައި އިސްލާމީ ދިދަތައް ފެންނާތީއެވެ.

9. މަޤާމްތަކަށް އަމާނާތްތެރި މީހުން ޢައްޔަނުކުރުން
މާވަރްދީގެ ބަސް: އެކި އެކި މަޤާމުތަކަށް މީހުން އިސްކުރާއިރު، ތެދުވެރި އަމާނާތްތެރި މީހުން އިޚްތިޔާރުކުރަންވާނެއެވެ. ކަންކަން ފުރިހަމައަށް ކުރެވޭނީ، އަދި ޢާއްމު މުދާ ރައްކާތެރިކުރެވޭނީ އޭރުންނެވެ.

އަދުގެ ޙާލަތު: މިމަޢުޟޫގައި ވާހަކަ ދެއްކުން މިއަދު ވާނީ ޖޯކަކަށެވެ. ހިތި ޙަޤީޤަތް 6 ފަރާތުން ފެންނާނެއެވެ. މަޤާމަށް ކުފޫ ހަމަނުވާ ދެއުޅިއެއްނުވާ "ރުވައިބިޟާ"އިން ޤައުމުތަކުގެ މަތިފަޑިތަކުގައި ވެޑުވިގެން ތިބުމުގެ ހިތި ނަތީޖާ މިއަދު މިދަނީ ވަށައިގެން ފެންނަމުންނެވެ.

10. ސީދާ ބެލުމުގެ ދަށުން ކަންކަން ބެލުން
މާވަރްދީގެ ބަސް: އުއްމަތް ހެޔޮ ގޮތުގައި ކުރިއަށް ގެންދިޔުމަށްޓަކާ، އެކިކަންކަން ދާ ގޮތް ބެލުމަށް މެދުވެރިއެއް ނެތި، އަދި ދަށުގައި ހުންނަ މީހަކަށް ޒިންމާ ޙަވާލުކުރުމެއް ނެތި، ސީދާ ވެރިމީހާ އެކަންކަން ބަލަންވާނެއެވެ. ވެރިމީހާއަކީ، އެއްކޮށް އަޅުކަމަށް ހުސްވެ ހުންނަ މީހަކަށް ނުވަތަ ލައްޒަތަށް ގެއްލި ހުސްވެފައި ހުންނަ މީހަކަށް ވެގެން ނުވާނެއެވެ.

އަދުގެ ޙާލަތު: އަދުގެ އިސްލާމީ ވެރިން މަޝްޢޫލުވެފައި ތިބީ އަޅުކަމަކު ނޫނެވެ. މިވަރުން ވިސްނާ ބަޔަކަށް ފުދެއެވެ.

އަބުލްޙަސަން ޢަލީ ބުން މުޙައްމަދު ބުން ޙަބީބުލް މާވަރްދީގެ ލިސްޓު ނިމުނީއެވެ. ތެދެކެވެ. އެފަދަ ބުއްދިވެރި، ޢަދުލުވެރި، ޢިލްމުވެރި، އޯގާތެރި ޙާކިމާއަކީ ނިޢުމަތެކެވެ. މިއަދު އިސްލާމީ އުއްމަތަށް މަދުވެފައިވަނީ މިފަދަ ނިޢުމަތެއް ފަދަ ވެރިންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް