ރިޕޯޓްއެމެރިކާ

އެމެރިކާގެ މީހަކު ބޯޓެއް ބޭނުންކޮށްގެން ދިން ހަމަލާ، އެއީ 'ޓެރަރިސްޓު' ހަމަލާއަކަށް ނުވި. މިއީ ޖޯކެއްބާ؟

މިއަހަރުގެ ފެބްރުއަރީމަހުގައި އެމެރިކާގެ ޓެކްސަސްގައި އެގައުމުގެ ރައްޔިތަކު ވަނީ ޖާނުންފިދާވެގެން އެމެރިކާގެ ސަރުކާރާއިދެކޮޅަށް ހަމަލާއެއް ދީފައެވެ. ނަމަވެސް ހިތާމައަކީ ޔަހޫދީއަކު ދިން މިފަދަ ހަމަލާއެއް 'ޓެރަރިސްޓް' ހަމަލާއަކަށް ނުވިހިނދު  އޭނާއަކީ އެމެރިކާގެ އާންމުންގެ މެދުގައި 'ހީރޯ'އަކަށް ވެފައިވުމެވެ.

2010 ވަނަ އަހަރުގެ ފެބްރުއަރީ 18 ވަނަ ދުވަހުގެ ހެނދުނު ސޮފްޓުވެއާރ އިންޖިނިއަރެއް ކަމަށްވާ ޖޯސެފް ސްޓޭކް (53 އަހަރު) ވަނީ ޓެކްސަސްގައި ހުންނަ އިންލޭންޑް ރެވެނިއު ސާވިސް ގެ ބިލްޑިންގއަށް ކުޑަ މަތިންދާ ބޯޓެއްގައި މަތިން ދުއްވަމުން އައިސް ވަދެގަނެފައެވެ. މިނުރައްކާތެރި ހަމަލާގައި މީނާވަނީ ބޯޓާއި އެކު އިމާރާތުގެ ތެރޭގައި ގޮވާފައެވެ. މިހަމަލާގައި އޭނާގެ އިތުރުން އެކަކު މަރުވެފައިވާއިރު ގިނަ ބަޔަކު ވަނީ ޒަހަމް ވެފައެވެ.

ޖޯސެފް ސްޓޭކް ޖާނުންފިދާވުމުގެ ކުރިން އޭނާވަނީ 'ނޯޓެއް' އިންޓަނެޓް މެދުވެރިކޮށް އާންމުކޮށްފައެވެ. މިނޯޓްގައި ބުނެފައިވާގޮތުގައި މިހަމަލާދިނުމަށް އޭނާއަށް މަޖުބޫރު ކުރުވީ އޭނާގެ ހިތުގައި އެމެރިކާއާއި މެދު އޮތް ނުރުހުން ކަމަށާއި އޭނާގެ އަތުން އެތައް ހާސް ޑޮލަރެއްގެ ޓެކްސް އެމެރިކާގެ ސަރުކާރުން ނަގާފައިވާކަމަށެވެ. އޭނާއަށް ލިބިފައިވާ އެތައް ގެއްލުމެއްގެ ބަދަލެއްގެ ގޮތުގައި މިހަމަލާ ދިނީ ކަމުގައިވެސް އެނޯޓްގައިވެއެވެ. ބޯޓެއްގައި އައިސް ސަރުކާރުގެ އިމާރާތަކަށް ހަމަލާ ދިނުމުގެ ކުރިން އޭނާވަނީ އެމެރިކާ ސަރުކާރާއި މެދު ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މީނާ ބުނާގޮތުގައި ޖާނު ދުއްވާލައިގެން ހަމަލާ ދިނުމަކީ 'އޭނާގެ ޖަވާބު ނުވަތަ ހައްލު ނޫންކަމަށާއި ނަމަވެސް މިއީ ހަމައެކަނި އޭނާއަށް ގެނެވެން އޮތް ހައްލު ކަމަށެވެ.

އޮބާމާ އެޑްމިނިސްޓްރޭޝަނުންވަނީ މަތިންދާބޯޓަކުން ސަރުކާރުގެ އިމާރާތަކަށް ވަދެ ދިން ހަމަލާގެ މައްސަލައާއިމެދު އެއްވެސް އެއްޗެއް ބުނުމަށް ނުވަތަ ހޯދުމަށް އިންކާރުކޮށްފައެވެ. އަދި އެސަހަރުގެ ސިފައިންގެ އިސްވެރިޔާވެސް ވަނީ މިއީ ޓެރަރިސްޓް ހަމަލާއެއް ނޫންކަމަށް ބުނެފައެވެ.

މެރީލޭންޑްގެ ޔުނިވާރސިޓީގެ ޕްރޮފެސާރއެއްކަމަށްވާ މައިކަލް ގްރީން ބާރގާރގެ ނަޒަރުގައި 'މިހަމަލާއިން އެނގޭ ގޮތުގައި މިހަމަލާ ކޮންމެހެން ވިޔަސް ޓެރަރިސްޓު ހަމަލާއެއްކަމަށް ބަލަންޖެހޭ'ކަމަށް އޭނާވަނީ ހާމަކޮށްފައެވެ. މިހަމަލާއާއި މެދު އިތުރަށް ހާމަކުރިގޮތުގައި 'މިއީ މުސްލިމެއް ނުވަތަ ނަސްލީ ތަފާތަކުން ހިންގި ކަމެއް ނަމަ އެންމެންވެސް އެއީ ޓެރަރިސްޓު ހަމަލާއެއްކަމަށް ނިންމާނެކަމަށާއި މިފަދަ ހަމަލާތަކުގައި މީހެއްގެ ކުލައަށް ނުވަތަ ނަސްލަށް ބަލައިގެން ގޮތެއް ނިންމައިގެން ނުވާނެ'ކަމަށެވެ.

ހައިރާންވާންވީ ކަމަކީ އަދިވެސް ވައިޓްހައުސްގެ ޕްރެސް އޮފިޝަލުން މިހަމަލާ ޓެރަރިޒަމްގެ ކަމެއްކަމަށް ޤަބޫލުކުރަން ދެކޮޅު ހަދާ ކަމެވެ. މީގެ އިތުރުން އެމެރިކާގެ ޑިޕާރޓްމެންޓް އޮފް ހޯމްލޭނޑް ސެކިއުރިޓީއިން މިހަމަލާއަކީ ޓެރަރިސްޓުންގެ ހަމަލާއެއްކަމަށް ގަބޫލުކުރަން ބޭނުންނުވާކަމަށް ބުނެފައިވެއެވެ. އެމެރިކާގެ އިންސާނީ ހައްގުތަކާއި ބެހޭ ފަރާތްތަކުންވެސް މިހަމަލާ ޓެރަރިސްޓު ހަމަލާތަކުގެ ގިންތިއަށް ނުފެތޭކަމަށާއި އެއަމަލު ހިންގި މީހާގެ ކިބައިގައި ޓެރަރިސްޓެއްގެ ސިފަ ފެންނަން ނެތްކަމަށް ވަނީ ބުނެފައެވެ.

އެމެރިކާގެ އިސްލާމިކް ރިލޭޝަންގެ ފަރާތުން އަވާދު މިމައްސަލާގައި ވިދާޅުވެފައިވަނީ 'ހަމަލާދިން މީހާގެ ނަމަކީ މުހައްމަދު ނުވަތަ އަބްދުﷲ ނަމަ ވަގުތުން އެއީ ޓެރަރިޒަމްގެ އަމަލެއްކަމުގައި ނިންމާނެކަމަށާއި އެކަމަކު މިފަހަރު މިއަމަލު ހިންގީ 'ޖޯސެފް ސެޓެކް' ކަމަށްވުމުން އޮޓަމެޓިކުން އެއީ ޓެރަރިޒަމްގެ އަމަލެއްކަމަށް އެމެރިކާއިން ނުބެލީ' ކަމަށެވެ.

ސެޕްޓެމްބާރ 11 ގައި ނިއުޔޯކްގެ ދެ އިމާރާތަކަށް މަތިންދާ ބޯޓަކުން ހަމަލާދިން މައްސަލާގައި އެއީ މުސްލިމުން ކުރިކަމެއްކަމުގައި ނިންމާ އެވާހަކަ ވަނީ އެމެރިކާގެ މީޑިއާތަކުން ކެނޑިނޭޅި ގޮވާފައެވެ. އަދި ދިވެހި މީޑިއާތަކުންވެސް ވަނީ އެކަމަށް 'ހާއްސަ ސަމާލުކަމެއް' ދީފައެވެ. އެހެނަސް އެމެރިކާގައި ދާދިފަހުން މިހިނގި ހަމަލާގައި އެމެރިކާގެ އިމާރާތަކަށް މަތިންދާ ބޯޓަކުން ހަމަލާދިނުމުން އެވާހަކަ ދިވެހި މީޑިއާތަކުން ނުދައްކާ ކަމީ ހިތާމަ ހުރިކަމެކެވެ. އަދި އެއަމަލު ހިންގި 'ޓެރަރިސްޓަކީ' ކާފަރެއްކަމަށް ވުމުން އެވާހަކަ އޮއްބާލުމުގައި މީޑިއާއިން ކުޅެމުންދާ ރޯލުގައި ދިވެހި މީޑިއާތަކުންވެސް ބައިވެރިވާކަމީ ހިތާމަކުރަން ޖެހޭކަމެކެވެ. މިފަދަ ވިޔާނުދާ އަމަލު މުސްލިމެއް ކޮށްފިނަމަ އެއީ 'ބޮޑު އިޝޫ'އަކަށް ހަދާގޮތަށް މުސްލިމު ނޫން މީހަކުވެސް މިފަދަ މުޑުދާރު އަމަލެއް ހިންގައިގެން އެކަން އެއީ 'ސީރިއަސް' ކަމެއްގެ ގޮތުގައި ބަލާ އެވާހަކަ ދެކެވެންޖެހެނޭއެވެ. އެއީ އެބޭފުޅުން އެ ވިދާޅުވާ މިނިވަންކަމެވެ. ހަގީގީ މީޑިއާގެ މިނިވަން ކަމެވެ.

ގުޅުންހުރި

1 ޚިޔާލު

  1. ވަރަށް މޮޅު ލިޔުމެއް ، އެކަމަކު އެމީހުން އެވާހަކަ ބޮޑުކުރިނަމަ މިފުރިހަމަ ލިޔުން ނުފެނުނީސް ދޯ؟

Your email address will not be published. Required fields are marked *

More in ރިޕޯޓް