ދުނިޔެ

ޓަވަރު އެއްކޮށް އެނދިޔަސް އާއިލާއިން ތިބީ ރާނިޔާއާއި ދެކުދިން ދިރިތިއްބާ ފެންނާނެކަމުގެ އުއްމީދުގައި

ޖޫން 14 ވީ ބުދަދުވަހުގެރޭ މެންދަމު 1:38 ގައި ރާނިޔާ އިބްރާހިމް އޭނާ ދިރިއުޅެމުންދިޔަ ލަންޑަންގެ ގްރެންފެލް ޓަވަރުގައި އަލިފާން ރޯވެފައިވާ މަންޒަރު ފޭސްބުކުން ލައިވް ކުރަމުން ގެންދިޔައެވެ. ރާނިޔާ 31، ފިރިމީހާއާއި ދެކުދިންނާއެކު ދިރިއުޅެމުން ގެންދިޔައީ ގްރެންފެލް ޓަވަރުގެ 23 ވަނަ ފަންގިފިލާގައެވެ. އިމާރާތުގައި އަލިފާން ރޯވެފައިވާކަމަށް ބުނެ ރާނިޔާ ކުޑަދޮރު ބޭރުން އިމާރާތުގައި އަލިފާން ރޯވެފައިވާތަން ލައިވް ކުރަމުންދިޔައެވެ. އޭރު 24 ބުރީގެ އިމާރާތުގައި ރޯވެފައިވާ އަލިފާންގަނޑުވަނީ 20 ވަނަ ފަންގިފިލާއާއި ހަމައަށް ފޯރާފައެވެ.

ރާނިޔާ ޝަހާދަތް ކިޔަމުން ގެންދިޔައިރު ފުލުހުންގެ ވެހިކަލްތަކާއި އެންބިއުލަންސްތަކުގެ ސައިރަންގެ އަޑާއިއެކު މުޅި ހިސާބުވަނީ ގުގުމާލާފައެވެ. ރޯވެފައިވާ އަލިފާންގަނޑުގެ ދުމާއެކު މުޅި ޖައްވުވަނީ އޭރުވެސް ކިލަނބުކޮށްލާފައެވެ. އެވަގުތު ކުޑަދޮރަކުން މީހަކު ތިރީގައި ތިބި މީހުންނަށް އަހަރުމެން މިތިބީ 23 ވަނަ ފަންގިފިލާގައި ތާށިވެފައިކަމަށް ބުނެ ހަޅޭލަވަމުން ގެންދެއެވެ.

މިއުނދަގޫ ވަގުތުގައި ރާނިޔާ އޭނާގެ ދެކުދިންނަށް ހެއްދިވިފަރާތުގެ ކިބައިން އެއަލިފާނުން ސަލާމަތްކޮށްދިނުމަށް އެދި ދުޢާ ކުރުމަށް ބުނަމުން ގެންދިޔައެވެ. ރާނިޔާގެ ދެއަންހެން ކުދިންގެ ތެރެއިން އެއްކުއްޖަކަށް ފަސް އަހަރުވެފައިވާއިރު އަނެއް ކުއްޖާގެ އުމުރަކީ ހަތަރު އަހަރެވެ.

ރާނިޔާއާއި ހަސަންގެ ދެކުދިން. ދިރިތިއްބާ ފެންނާނެކަމަށް އާއިލާއިން އުއްމީދުކުރޭ

އެވަގުތު މިޞްރުގައި ދިރިއުޅެމުންދާ ރާނިޔާގެ ބޭބެ، މުހައްމަދު ގެންދިޔައީ ހާރުކެއުމަށް ތައްޔާރުވަމުންނެވެ. ޚަބަރުތަކާއި ފޮޓޯތައް ބަލާލުމަށް ފޭސްބުކަށް ވަތް މުހައްމަދުގެ ލޮލުގައި އަޅައިގަތީ ރާނިޔާ ކުރަމުންދިޔަ ލައިވް ވީޑިއޯއެވެ. ވަގުތުން މުހައްމަދު ރާނިޔާއަށް ގުޅާ އޭނާހުރީ ރައްކާތެރި ތަނެއްގައިތޯ ބެލިއެވެ. އަދި އޭނާހުރީ ރައްކާތެރި ތަނެއްގައި ކަމަށާއި އިމާރާތުގެ އަނެއް ފަރާތުގައި އަލިފާން ރޯވެފައިވާކަމަށް ރާނިޔާ މުހައްމަދު ގާތު ބުންޏެވެ. ފޯނު ނުކަނޑާލާ ހުރުމުގެ ބަދަލުގައި، ރާނިޔާ ފޯނުގެ ބެޓެރި ހުސްވެދާނެތީ މުހައްމަދު ރާނިޔާއަށް ގުޅަމުން ގެންދިޔައީ އިރުއިރު ކޮޅުންނެވެ. އަދި ގުޅާ ކޮންމެ ފަހަރަކު ވާހަކަ ދައްކަނީ އެއްމިނެޓަށްވުރެ މަދު ވަގުތު ކޮޅަކަށެވެ. އަދި އެއިން ކޮންމެ ފަހަރަކު، ކުދިން ތިބީ ރައްކާތެރިކޮށް ކަމަށާއި އެމީހުންނަށް އެހީވާން މީހަކު އަންނަކަމަށް ރާނިޔާ ބުނަމުންދިޔައެވެ. ނަމަވެސް 3:40 ގައި މުހައްމަދު ރާނިޔާގެ ފޯނަށް ގުޅަން މަސައްކަތް ކުރުމުންވަނީ ގުޅޭގޮތް ނުވެފައެވެ.

 

ރާނިޔާގެ ފިރިމީހާ، ހަސަން އެވަގުތުދިޔައީ މިޞްރަށް އާއިލާގެ މީހުންގާތަށް ޒިޔާރަތްކޮށްލާފައި އެނބުރި ލަންޑަނަށް ދިއުމަށް އެއަރޕޯޓަށް ދަތުރުކުރަމުންނެވެ.

މިސްރުގައި ޤާނޫނުގެ ދާއިރާއިން ކިޔަވަމުންދިޔަ ރާނިޔާ، ކިޔެވުން މެދުކަނޑާލާފައި ލަންޑަނަށް 2009 ވަނަ އަހަރު ދިޔައީ އާއިލާގައި އެންމެ ދޮށީ ، ސައްޔިދާއަށް ކެންސަރު ޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ދެއްކުމުންނެވެ. ރާނިޔާގެ ފިރިމީހާ ހަސަން އަވާދުއާއި ބައްދަލުވީ ލަންޑަނުންނެވެ. އޭރު ހަސަންއަކީ އެތަނުގެ މިސްކިތެއްގައި ޕާޓްޓައިމްކޮށް މަސައްކަތް ކުރަމުންދިޔަ މީހެކެވެ. އަލިފާނުގެ ހަދިސާ ހިނގިއިރު ރާނިޔާގެ އާއިލާ ގްރެންފެލް ޓަވަރުގައި ދިރިއުޅެމުންދާތީ ވީ އެންމެ އަހަރެކެވެ.

އާއިލާއާއެކު މިޞްރުގެ ކެއިރޯގައި ދިރިއުޅެމުންދާ ރާނިޔާގެ ދައްތަ ރަޝާ ކިޔައިދިން ގޮތުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ރާނިޔާއާއި ހަސަން މިޞްރަށް ދިރިއުޅުން ބަދަލުކުރަން ނިންމާފައިވަނިކޮށެވެ.

އިމާރާތުގައި އަލިފާނުގެ ހާދިސާއެއް ހިނގިކަން އެނގުމާއެކު ރާނިޔާ އެންމެ ފުރަތަމަވެސް ގުޅާ ޚަބަރުދިނީ ފިރިމީހާ ހަސަންއަށެވެ. ވަގުތުން އިމާރާތް ދޫކޮށް ދިއުމަށް ހަސަން ބުނި ނަމަވެސް ރާނިޔާ ބުނެފައިވަނީ އެމަޖެންސީ ޚިދުމަތްދޭ ފަރާތުން މަޑުކުރަން ބުނެފައިވާ ކަމަށެވެ.

ރަޝާ ކިޔައިދިން ގޮތުގައި ކަމާބެހޭ ފަރާތްތަކުން އިރުޝާދުދީފައިވަނީ އެކަފަހަރު އެކިގޮތަށެވެ. އެއްފަހަރު މަޑުކޮށްގެން ތިބުމަށް ބުނެފައިފަހުން އަނެއްކާ ފަހުން އަނެއްކާ ނިކުތުމަށް ފުލުހުން ބުނެފައިވެއެވެ.

"ކޮންތާކުން ނިކުންނަން؟" ނިކުންނާނެ ގޮތެއްނެތި، ލައިވް ކުރަމުންދިޔަ ވީޑިއޯގައި ރާނިޔާ ބުނެފައިވެއެވެ. އޭރު އަލިފާނުގެ ދުންތައް އިމާރާތުގެ ކުޑަދޮރުތަކުން ނިކުންނަމުންދިޔައެވެ.

މިއަލިފާނުގެ ހާދިސާއާއި ގުޅޭގޮތުން މީޑިއާއިން ބުނެފައިވަނީ 15 މިނެޓުގެ ތެރޭގައި އަލިފާންގަނޑު ޓަވަރުގެ ފަންގިފިލާތަކަށް ފެތުރިގެން ގޮސްފައިވާ ކަމަށެވެ. ނަމަވެސް އެއީ ދޮގުކަން ހާމަވެގެންދަނީ އަލިފާން ރޯވުމަށްފަހު ދެގަޑި އިރުވަންދެން ރާނިޔާއާއި އޭނާގެ ބޭބެ މުހައްމަދު ފޯނުން އެކިފަހަރު ވާހަކަ ދައްކާފަވާތީއެވެ. ރާނިޔާއާއި އޭނާގެ އަވަށްޓެރި އެޕާޓްމަންޓުތަކުގައި ދިރިއުޅުނުމީހުން ދެގަޑިއިރުވަންދެން ސަލާމަތްކުރަން ބަޔަކު އަންނާނެކަމަށް ތިބިއެވެ.

ހާދިސާއަށްފަހު ރާނިޔާގެ އާއިލާއިންވެސް އުފައްދަނީ މިހާދިސާގައި މަރުވި މީހުންގެ އެހެން އާއިލާތަކުންވެސް އުފައްދާ ސުވާލުތަކެވެ. އެހާގިނައިރު އެޙީ ތެރިކަމަށް އެދި ތިބި އިރު އެހީތެރިކަން ފޯރުކޮށް ނުދެވުނީ ކީއްވެގެން ހެއްޔެވެ؟ ހެލިކޮޕްޓަރު ފަދަ ވަސީލަތްތަައް ބޭނުންކޮށްގެން މަތީ ފަންގިފިލާގަ ތިބި މީހުން އަލިފާން ގަނޑު ފެތުރުމުގެ ކުރިން ސަލާމަތް ނުކުރެވުނީ ކީއްވެ ހެއްޔެވެ؟ އެންމެ ފަހުވަގުތު ގޮތެއް ނެތިގެން އިމާރާތުން ފުންމާލާ މިހާއަށް ސަލާމަތްކަން ދިނުމަށް އިމާރާތުގެ ކައިރި ސޭފްޓީ ނެޓެއްހާ ހިސާބު ދަމާނުލެވުނީ ކީއްވެ ހެއްޔެވެ؟

މުހައްމަދު އާއި އެންމެފަހުން ވާހަކަދެއްކިފަހުން ރާނިޔާގެ ޚަބަރެއް ވެފައެއްނުވެއެވެ. އަލިފާނުގައި އަނދައިގެން ގޮސްފައިވާ ހަށިގަނޑުތަކުގެ ސާމްޕަލްތައް ނަގާފައިވާއިރު އެއިން ސާމްޕަލްއަކާއި ރާނިޔާގެ އާއިލާ މީހުންގެ ޑީއެންއޭއާއި ދިމާވެފައެއް ނުވެއެވެ. މިކަމާއި ގުޅޭގޮތުން ކަމާއިބެހޭ އިދާރާތަކުން ރާނިޔާގެ އާއިލާއަށް އެއްބާރުލުން ނުދޭއިރު، ޖަވާބެއްގެ އިންތިޒާރުގައި ހަމަސްދުވަހު އާއިލާއިން މަޑުކުރަންޖެހިފައިވާ ކަމަށް ރަޝާ ކިޔައިދިނެވެ.

" އަހަރުމެންގެ މަންމަ މަރުވެގެންދިޔައިރު އަހަރެން ވަރަށް ހިތާމަކުރިން. ވަރަށް ދެރަވި. މިފަހަރު އެކަމު ވަރަށް ތަފާތު. އަހަރެންނަށް އަދިވެސް ވަރަށް ބޮޑު އުއްމީދެއް އެބައޮތް ރާނިޔާ ދިރިހުންނާނެ ކަމުގެ " ރަޝާ ބުންޏެވެ.

ރަޝާއާއި އާއިލާއިންވެސް އުއްމީދުކުރަނީ ތަހުގީގު ކުރާފަރާތްތަކުން އަވަސް މުއްދަތެއްގައި ރާނިޔާއާއި ގުޅޭ މައުލޫމާތު އެއާއިލާއަށް ފޯރުކޮށްދޭނެކަމަށެވެ.

އަލިފާނުގެ ހަދިސާއަށް ދެހަފްތާ ވެގެންދިޔައިރު ހާދިސާގައި 80 މީހުން މަރުވެފައިވާކަން ޔަޤީން ކުރެވިފައެވެ. އަދި މިއަދަދު ސަތޭކައަށްވުރެ މައްޗަށް ދާނެކަމަށް ތަހުޤީގު ކުރާފަރާތުންވެސް ދެކެއެވެ.

ފަރުވާކުޑަކަމާއި އަޅާނުލުމުގެ ނަތީޖާއެއްގެ ގޮތުން ހިނގި މިހާދިސާ އަކީ އެސަރަހައްދުގެ ކައުންސިލާއި ސަރުކާރާއި ސިޔާސީ މީހުންނަށް ހެދުނު ގޯސްތަކެއްގެ ނަތީޖާ ކަމަށް ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

 

މައުލޫމާތު ނަގާފައިވަނީ މިޑިލް އީސްޓް މޮނިޓަރއިން

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ދުނިޔެ