ރިޕޯޓްކޮލަމިސްޓް

"ކަންކުރަނީ ދެމީހުން، ޙައްދު ޖަހަނީ އަންހެނުންނަށް!"

ޖަހާލަތުގެ އަނދިރިކަމުން މުޅި ކައުނު އަލިކޮށްދިން ވޮށަކީ އިސްލާމީ މަތިވެރި ނޫރެވެ. ޙައިވާނުންގެ ދަރަޖައަށް އިންސާނުން ދިޔުމުން، އެ އަނިޔާވެރިކަމުން އެއުރެން ސަލާމަތް ކޮށްދިނީ އިސްލާމީ މާތް އަޚްލާޤެވެ. އެޒަމާނެއްގައި އަންހެނުން ދިރިހުއްޓާ ވަޅުލަމުން ދިޔަ ޒަމާން ބަދަލުކޮށްދިނީ އިސްލާމްދީން އަންހެން ކަނބަލުންނަށް ކަށަވަރުކޮށްދެއްވި ޙައްޤުތަކުންނެވެ. މުޖުތަމަޢުގައި އަންހެނެއްގެ މިސާލަކީ ރައްކާކުރެވިފައިވާ ޖަވާހިރެއްކަން އުނގަންނައިދިނީ މާތްވެގެންވާ އިސްލާމީ ދީނެވެ. ފިރިމީހާގެ ދީނުގެ ދެބައިކުޅަ އެއްބައި ފުރިހަމަ ކޮށްދެނީ އަނބިމީހާއެވެ. ސުވަރުގެ ވަނީ މަންމަގެ ފައިތިލަ ދަށުގައިކަން އެންގެވިއެވެ.

ކަންމިހެން އޮތްކަމުގައި ވީނަމަވެސް، އިސްލާމް ދީނުގައި އަންހެނުންގެ ޙައްޤުތަކަކީ ކޮބާކަމާއި، އެކަނބަލުންނަށް ކަށަވަރަކޮށްދެއްވާފައިވާ ޙައްޤުތައް ނޭނގޭ ޖާހިލު ބަޔަކު، ޙައްޤުތަކުގެ ވާހަކަ ދައްކަން ނުކުތުމުން އެއީ ދެން ކިހާ ބޮޑު ޖޯކެއް ހެއްޔެވެ؟ އިންސާނީ ޙައްޤު ނުވަތަ ހިޔުމަން ރައިޓްސް އެންމެ ފުރަތަމަ އަޅުގަނޑުމެންނާ ހަމައަށް އައީ ކީރިތި ޤުރުއާނާއި މާތް ރަސޫލާގެ ސުންނަތުންކަން ނުދަނެ ތިބި ޖާހިލުން ޤަބޫލުކުރާގޮތުގައި މިހުރިހާ ޙައްޤުތަކެއް ކަށަވަރުވެގެން އައީ މަޝްހޫރު ތޯމަސް ޕެއިން 1789 ގައި ލިޔުނު "ދަ ރައިޓްސް އޮފް މޭން" އާއި ވިލިޔަމް ލޮއިޑް ގެރިސަން 1831 ގަ ލިޔެފައިވާ "ދަ ލިބެރޭޓަރ" ފަދަ ލިޔުންތަކުންނެވެ. ނަމަވެސް އެބައިމީހުންނަށް ނޭނގޭ ކަމަކީ އިސްލާމް ދީންވެސް ގޮވާލައްވަނީ މި ޙައްޤުތަކުގެ ވާހަކަތައް ކަމެވެ. ކަށަވަރު ކޮށްދެނީ ހަމަ އެއް ޙައްޤުތަކެއްކަމެވެ.

ހިޖުރައިން 6 އަހަރުގައި ޞުލްޙުލް ޙުދައިބިއްޔާ، މީލާދީން 1215 ގައި އިނގިރޭސީންގެ މެގްނާކާޓާ، 1525ގެ "ޓްވެލް އާޓިކަލްސް އޮފް ދަ ބްލެކް ފޮރެސްޓް"، 1689 ގައި "ބްރިޓިޝް ބިލް އޮފް ރައިޓްސް"، 1776 ގައި "ޔުނައިޓެޑް ސްޓޭޓްސް ޑެކްލެރޭޝަން އޮފް އިންޑެޕެންޑެންސް"، ހަމަ އެއަހަރުގައި "ވާރޖީނިޔަރ ޑެކެލެރޭޝަން އޮފް ރައިޓްސް"، 1789 ގައި "ފްރެންޗް ޑެކްލެރޭޝަން އޮފް ދަ މޭން އޮފް ދަ ސިޓިޒެން"، 18 އާއި 19 ވަނަ ޤަރުނުގެ މަޝްހޫރު ފަލްސަފާވެރިންކަމުގައިވާ ތޯމަސް ޕެއިން އާއި ޖޯން ސްޓްވަޓް އަދި މިލް އެފް ހެގެލްގެ "ފިލޯސަފީ އޮފް ހިޔުމަން ރައިޓްސް"، އަދި 1948 ގައި "ޔުނިވަރސަލް ޑެކްލެރޭޝަން އޮފް ހިޔުމަން ރައިޓްސް"، 1990 ގެ "ކައިރޯ ޑެކެލްރޭޝަން އޮން ހިޔުމަން ރައިޓްސް އިން އިސްލާމް" ވެސް ކަށަވަރުކޮށްދީފައިވަނީ އިސްލާމް ދީން އިންސާނުންނަށް ހޯދައިދީފައިވާ ޙައްޤުތަކެވެ. އެހެން ނަމަވެސް، ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 285 ވަނަ އާޔަތާއި، އަލްޢިމްރާން ސޫރަތުގެ 75 ވަނަ އާޔަތާއި ނިސާ ސޫރަތުގެ 58 ވަނަ އާޔަތާއި އަލްމާއިދާ ސޫރަތުގެ 5 ވަނަ އާޔަތާއި 32 ވަނަ އާޔަތާއި މީގެ އެތައް އާޔަތެއްގައިވެސް ހައްޤުތައް ހަމަހަމަ ކަމުގެ ވާހަކަ ބަޔާން ކުރައްވާފައިވިނަމަވެސް، އެކަން ނުދަނެ ތިބި ބަޔަކު، ޙައްޤުތަކޭ ކިޔާ އަޑު އުފުލަން ފެށުމުން، ޙައްޤުތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަރަށް ރަނގަޅަށް އެނގި ހާމަވެއެވެ. ކޮންމެއަކަސް މިއީ މި މަޢުޟޫގައި އަޅުގަނޑު ޙިއްސާކޮށްލަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. އެހެންނަމަވެސް ހަނދާން ނެތިފައިވާ ބަޔަކަށް ކުޑަކޮން ހަނދާންކޮށްލައިދިނީއެވެ.
އާދޭހެވެ! "ކަންކުރަނީ ދެމީހުން،ހައްދު ޖަހަނީ އަންހެނުންނަށް" ބުނުމުން އަޅުގަނޑު ދައްކަން މިއުޅެނީ ކޮން ވާހަކައެއްކަން ތިޔަ ކިޔުންތެރިންނަށް އެނގޭނެކަމީ ޝައްކެތް އޮތް ކަމެއް ނޫނުނެވެ. އެ ޖުމުލައިގައި 'ކަންކުރަނީ"، މިހެން އޮތުމުން އެކަމަކީ ޒިނޭ ކުރުން ކަމަށް ބަޔަކު މީހުން ޤަބޫލުނުކުރެވެ. މައްސަލައެއް ނެތެވެ. ލޯބި ކޮށްލަނީއެވެ. ދޮން މީހުން ލޯބިކޮށްލާ ބީދައިންނެވެ. ދެން މިދައްކަނީ މިގޮތަށް ލޯބިކޮށްލުމުން އަދަބު ލިބެނީ ހަމައެކަނި އަންހެނުންނަށް ކަމަށެވެ. ބަލަ ކޮޔާއެވެ! ޤުރުއާން ރަނގަޅަށް ނޭނގި ތިޔަ ދައްކާ ވާހަކަ ހަމަޖެހޭ ހެއްޔެވެ. ތިޔަ ގޮތަށް ލޯބިކޮށްލުމަށް އަޅުގަނޑުމެން ކިޔަނީ ޒިނޭ އެވެ. އަދި އެގޮތަށް ޒިނޭ ކުރުމުން، އަންހެން، ފިރިހެން ތަފާތުކުރުމެއްނެތި ޙައްދު ކަނޑައެޅިފައިވެއެވެ.
ނޫރު ސޫރަތުގެ ދެވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِّنْهُمَا مِائَةَ جَلْدَةٍ ۖ وَلَا تَأْخُذْكُم بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِن كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ ۖ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِّنَ الْمُؤْمِنِينَ
މާނަ: "ޒިނޭ ކުރާ އަންހެނާއާއި ޒިނޭ ކުރާ ފިރިހެނާއާއި ދެމީހުން ކުރެ ކޮންމެ މީހަކު، ދުއްރާއިން ސަތޭކަފަހަރު ޖަހައި އަދަބު ދޭށެވެ. މާތް ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައި މީހުން އީމާންވާ ކަމުގައި ވަނީނަމަ މާތް ﷲ ގެ ޙުކުމް ހިންގުމުގައި އެ ދެމީހުންނާ މެދު އޯގާވެރިކަމެއް ތިޔަބައި މީހުން، ނުހިފާހުށިކަމެވެ. އަދި އެ ދެ މީހުންނަށް އަދަބު ދެވޭތަނަށް މުއުމިނުންގެ ބަޔަކު ޙާޟިރުވެ އެތަން ދެކޭހުށި ކަމެވެ."

ކީރިތި ޤުރުއާނުގައި މިފަދައިން، ޒިނޭ ކުރާ އަންހެނާއާއި ޒިނޭކުރާ ފިރިހެނާ ހަމަހަމަ ވާގޮތަށް ޙައްދު ޤާއިމު ކުރުމަށް އަންގަވައިފައިވާ ހިނދު ޙައްދު ޖެހަނީ ހަމައެކަނި އަންހެނުންނަށޭ ބުނުމުން، އެކަން ޤަބޫލުކުރާނީ ކޮންގޮތަކުންތޯއެވެ؟ ﷲ ބާވާލެއްވި ޙުކުމަކަށް އެކުރެވެނީ މަލާމާތް ނޫން ދެން ކޯއްޗެއްހެއްޔެވެ؟ ހަމަހަމަ ކަމަށް ވަކާލާތުކުރާ އެކްޓިވިސްޓުންވެސް ކަމުގެ ޙަޤީޤަތް އެނގިތިބެމެ ޙއްޤުތަކުގެ ވާހަކަ ދައްކާނަމަ ކިހާ ރަނގަޅުވީސްނޫންހެއްޔެވެ. އިސްލާމީ ޤައުމެއްގައި، އަންހެނުންގެ ޙައްޤުތައް ހޯދުމަށް އަޑުއުފުލާ އެތައް ބައެއްގެ ކުރިމަތީގައި ބޯޑުތައް ހިފައިގެން ހަވީރު ފިންޏަށް ހިނގާލާއިރު، ހިފަހައްޓައިގެން ހުރި ބޯޑުގައި އޮތީ ކީކޭ ކަމާއި މިދެކެވެނީ ކިހާވަރެއްގެ ވާހަކައެއްކަން ނޭނގޭ ޖާހިލުންތަކަކަށް މިދެންނެވި ހިޔުމަން ރައިޓް އެޑްވޮކޭޓުން ވެގެންދިޔުމީ، އެ ޙައްޤުތައް ނުލިބި ތިބި އެތައް ބަޔަކު މާޔުސް ކޮށްލާނެ ކަމެކެވެ.

ތިޔަ ކޮށްލެވޭ "ކަމަކީ" އިސްލާމް ދީން ޙަރާމް ކުރައްވާފައިވާ ކަމަކަށް ވާއިރު، އެކަން ކޮށްލުމުގެ ނަތީޖާއަކަށް މާބަނޑު ވުމުން، ޣައިރު މުޙުސަނަކަށް ވާނަމަ އެއީ ޒިނޭ ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ. އެމީހެއްގެ ގައިގައި 100 އެތިފަހަރުން ޖަހާ ޙައްދު ޤާއިމުކުރެވެންވާނެއެވެ. އަދި އެގޮތަށް މާބަނޑުވުމުން ޝަރީޢަތުގައި "އަހަރެމެން ކަންކުރީ ދެމީހުން އެއްބަސް ވެގެން"ނޭ ބުންޏަސް، "ކޮންސެކްޝުއަލް ސެކްސް" އަކީ ޒިނޭ ނޫންކަމަކަށް ހެދޭނެ ހަމަ އެއްގޮތެއްވެސް ނޯންނާނެއެވެ.

އިތުރަށް ކުރިއަށް ދިޔުމުގެ ކުރީގައި، އިސްލާމީ ޝަރީޢަތުގައި ޒިނޭ ސާބިތުކުރެވޭނެ ގޮތްގޮތަށް ބަލާލަމާ ހިނގާށެވެ.

ޒިނޭ ސާބިތުކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ޒިނޭ ކުރިކަމަށް އެއްބަސްވުމެވެ. އަންހެނެއް ވިޔަސް އަދި ފިރހެނެއް ވިޔަސް ޒިނޭ ކުރިކަމަށް އެއްބަސްވެއްޖެނަމަ، ޒިނޭގެ ޙައްދު އެ ދެމީހުންގެ މައްޗަށް ޤާއިމުވާނެއެވެ. މީގެ އިތުރަށް ޒިނޭ ސާބިތުވާނެ ދެވަނަ ގޮތަކީ، ޒިނޭ ކުރިތަން ލޮލުން ދުށް ހަތަރު ހެކިންގެ ހެކި ބަހުންނެވެ. އަދި މި ހަތަރު ހެކިންގެ ހެކިބަސް އެއްގޮތް ވުން ޒިނޭ ސާބިތުކުރުމުގައި ލާޒިމްވެގެންވެއެވެ. ހަތަރު ހެކިން ނުގެނެވިއްޖެނަމަ، އެފަދައިން ވާހަކަ ފެތުރި މީހެއްގެ މައްޗަށް ޤަޛްފުގެ ޙައްދު ކަނޑައެޅިގެންވެއެވެ. ނޫރު ސޫރަތުގެ 4 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވަނީ މިފަދައިންނެވެ. وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاء فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَداً وَأُوْلَئِكَ هُمُ الْفَاسِقُونَ
މާނައަކީ: ''އަބުރުވެރި ޢިއްފަތްތެރި އަންހެނުންނާއި ޒިނޭއާއި މަތިކޮށް (ޤަޛްފުކޮށް) އުޅޭ މީހުން، އެއައްފަހު ޒިނޭ ކުރިކަމުގެ މައްޗަށް ހަތަރު ހެކީން ނުގެނައިނަމަ، އެބައި މީހުން (އެއިން ކޮންމެ މީހަކު) އަށްޑިހަ އެތިފަހަރުން ހައްދު ތިޔަބައި މީހުން ޖަހާށެވެ. އަދި ދުވަހަކުވެސް އެބައި މީހުންގެ ހެކިބަހެއް ތިޔަބައި މީހުން ޤަބޫލު ނުކުރާށެވެ. އެ ބައި މީހުންނީ ދީނުގެ ޙުކުމްތަކަށް ކިޔަމަންވުމުގެ ދާއިރާއިން ބޭރުވެގެންވާ މީހުންނެވެ." މި އާޔަތުންވެސް އަންހެނެއްގެ އަބުރާއި ކަރާމާތް ރައްކާތެރިކޮށްދެއްވުމަށް ދީން ބާރުއަޅާ މިންވަރު ހާމަވެގެންދެއެވެ.
މީގެ އިތުރަށް ޣައިރު މުޙުސަނަކު ޒިނޭކޮށް މާބަނޑު ވުމުން، އޭނާ ޒިނޭކުރިކަމަށް އެއްބަސް ވިޔަސް ނުވަތަ ނުވިޔަސް، ޒިނޭގެ ޙައްދު އެމީހެއްގެ މައްޗަށް ޤާއިމުކުރެވޭނެއެވެ. ނަމަވެސް، ބަނޑުބޮޑުވީ ރޭޕްކޮށްގެން ކަމުގައިވަނީނަމަ، އެކަން ޝަރީޢަތުގެ މަޖިލީހުގައި ސާބިތުކުރުމަކީ އަނިޔާ ލިބުނު މީހާގެ މައްޗަށް އޮތް ޙައްޤެކެވެ. އަދި ރޭޕް ކުރި މީހާގެ މައްޗަށް ޒިނޭގެ ޙައްދާއި ރޭޕް ކުރިކަމުގެ ތަޢުޒީރީ ޙުކުމެއް ކަނޑައެޅޭނެއެވެ.

އެހެން ކަމުން، وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا، މިފަދައިން މާތް ﷲ އަންގަވައިފައިވީ ހިނދު، މިހުތުރު ފާފަ ކުރުމުން އެއީ މައްސަލައެއް ނޫންކަމަށް ބުނެ، މާތް ﷲ ކަނޑައަޅުއްވައިފާ ޙައްދަކާ ދެކޮޅަށް ވަކާލާތު ކުރުމުގެ އެއްވެސް ޙައްޤެއް މުއުމިނު އަންހެނަކަށްވެސް އަދި މުއުމިނު ފިރިހެނަކަށްވެސް ލިބިގެނެއްނުވެއެވެ. މާތް ﷲ އަޙްޒާބް ސޫރަތުގެ 26 ވަނަ އާތުގައި ވަޙީ ކުރައްވަނީ وَمَا كَانَ لِمُؤْمِنٍ وَلَا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْرًا أَن يَكُونَ لَهُمُ الْخِيَرَةُ مِنْ أَمْرِهِمْ ۗ وَمَن يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلَالًا مُّبِينًا މާނަ: "އަދި اللَّه އާއި، އެކަލާނގެ رسول އާ ކަމަކަށް ނިޔާކުރައްވައިފިހިނދު، مؤمن ފިރިހެނަކަށްވެސް، އަދި مؤمن އަންހެނަކަށްވެސް، އެއުރެންގެ އެކަމުގައި އެއުރެންނަށް اختيار އޮތުމަކީ ނެތްކަމެކެވެ. އަދި اللَّه އަށާއި، އެކަލާނގެ رسول އާއަށް އުރެދިއްޖެ މީހާ (ދަންނާށެވެ!) ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ."

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް