މަތީ ސާނަވީގައި ކިޔަވާ ދަރިވަރުން ތުނބުޅި ބެހެއްޓުމުގެ ހުއްދައަށް އެދި އެޑިއުކޭޝަން މިނިސްޓަރަށް ޕެޓިޝަނެއް ހުށަހަޅައިފި

ޕެޓިޝަންގައި 915 ދަރިވަރަކު ސޮއިކޮށްފައިވޭ

އަހުމަދިއްޔާ ސްކޫލް – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

ގުޅޭ ލިޔުންތައް :

މަތީ ސާނަވީގައި ކިޔަވާ ދަރިވަރުން ތުނބުޅި ބެހެއްޓުމުގެ ހުއްދައަށް އެދި އެޑިއުކޭޝަން މިނިސްޓަރ ޑރ. އާސިމް އަޙްމަދަށް މިދިޔަ ބުދަ ދުވަހު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

ޕެޓިޝަން ހުށަހެޅުމުގެ ކަންތަކުގައި އިސްކޮށް ހަރަކާތްތެރި ދަރިވަރަކު މައުލޫމާތު ދިން ގޮތުގައި މިޕެޓިޝަނުގައި މާލޭގައި މަތީ ސާނަވީއަށް ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 915 ދަރިވަރަކު ވަނީ ސޮއިކޮށްފައެވެ. އެގޮތުން ސީއެޗްއެސްއީ އާއި އަހުމަދިއްޔާ ސްކޫލާއި އަރަބިއްޔާ ސްކޫލާއި ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްގައި ކިޔަވާ ދަރިވަރުން ސޮއިކޮށްފައިވާ ކަމަށް އޭނާ މައުލޫމާތު ދިނެވެ.

އޭނާ ބުނީ ޕެޓިޝަން ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ އިސްލާމީ ސުންނަތް ދިރުވައި ދަރިވަރުންނަށް ގެއްލިފައިވާ އިންސާނީ ޙައްޤު ހޯދުން ކަމަށެވެ. އަދި މިޕެޓިޝަން ހުށަހަޅަން ޖެހުނީ އެދަރިވަރުންނަށް ސްކޫލުތަކުގައި ތުނބުޅި ބޭލުމަށް މަޖުބޫރުކުރުވުމުގެ ސަބަބުން ކިޔެވުމަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުން ދާތީ ކަމަށާއި، އެއަމުރަކީ ޣައިރު ޤާނޫނީ އަމުރަކަށް ވާތީކަމަށް އޭނާ ބުންޏެވެ.

“ސްކޫލަށް ވަންނަ ވަގުތުގައި ސުޕަރވައިޒަރުން ތިއްބަވާ. ދެން ހަމަ ކިތަންމެ ކުޑަކޮށްވެސް ތުނބުޅި ހުރިނަމަ، އެކުއްޖަކު ގެއަށް ފޮނުވާލާ. ހަމައެކަނި ބަލަނީ ތުނބުޅިއަށް. ނިމުނު ހަފްތާވެސް 6 ދަރިވަރަކު ޓެސްޓަށް އައުމުން ތުނބުޅި ބާލާށޭ ކިޔާފަ ބޭރުކޮށްލި” ދަރިވަރަކު ބުންޏެވެ.

ޕެޓިޝަނުގައި ބުނަނީ އެޑިއުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ “ސްކޫލު ކުދިންގެ ޢާއްމު ޤަވާޢިދު”ގައި ތުނބުޅި ބެހެއްޓުން މަނާކޮށްފައި ވަނީ އިސްލާމްދީނާއި ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި ތުނބުޅި ބެހެއްޓުމަކީ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމް އެކަމަކަށް އަމުރުކުރައްވާފައިވާ އެކަލޭގެފާނުގެ ސުންނަތުން ސާބިތުވާ ކަމެއް ކަމަށެވެ. އެހެންކަމުން ތުނބުޅި ބެހެއްޓުމަކީ ކޮންމެ މުސްލިމަކަށް ދީނީގޮތުން ލިބިގެންވާ މިނިވަންކަމެއް ކަމަށް ބުނެފައިވެއެވެ.

“… ދިވެހިރާއްޖޭގައި ހަޔަރ ސެކަންޑަރީގައި ކިޔަވަމުންދާ އެންމެހާ ފިރިހެން ދަރިވަރުންނަށް ތުނބުޅި ބެހެއްޓުމުގެ ހުއްދަ ދެއްވުން އެދި އަޅުގަނޑުމެން، ހަޔަރ ސެކަންޑަރީގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 915 ދަރިވަރުން ސޮއިކޮށް އެއްވެސް ސްކޫލެއްގެ ރަސްމީ ރޯލެއްނެތި، ދަރިވަރުންގެ ފަރާތުން މަނިކުފާނަށް މިޕެޓިޝަން ހުށަހަޅަމެވެ. ވީމާ، މިމައްސަލަ އެންމެ ފުރިހަމަ ގޮތެއްގައި ދިރާސާކުރައްވަވާ، އަޅުގަނޑުމެން ދަރިވަރުންނަށް މިމައްސަލައަށް އެންމެ އެދެވޭ ޙައްލެއް ވީހާވެސް އަވަސް މުސްތަގްބަލެއްގައި ހޯއްދަވައިދެއްވުން އެދެމެވެ.” ޕެޓިޝަނުގައި ބުނެފައިވެއެވެ.

މިޕެޓިޝަނާއެކު ދަރިވަރުން ވަނީ ތުނބުޅި ބެހެއްޓުމުގެ ޙުކުމް ބަޔާންކޮށް އައްޝައިޚް އަޙްމަދު ސަމީރާއި ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ދެއްވާފައިވާ ފަޠުވާ ހުށަހަޅާފައެވެ. އަދި ތުނބުޅި ބެހެއްޓުމަށް ރިވާވެގެންވާ ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމްގެ ސައްޙަ ހަދީޘްތަކުގެ އިނގިރޭސި ތަރުޖަމާއާއި ދުނިޔޭގެ ބޮޑެތި ޢިލްމުވެރީންގެ ތުނބުޅި ބެހެއްޓުމާމެދު ދެއްވާފައިވާ ފަޠުވާވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން، ރާއްޖޭގައި ޤާނޫނީ ގޮތުންވެސް ތުނބުޅި ބޭލުމަށް ދަރިވަރުންނަށް ނޭންގޭނެ ކަމަށް ބުނެ “މީނާޒް ލޯފާމް” އިން ދީފައިވާ ޤާނޫނީ ލަފާވެސް ހުށަހަޅާފައިވެއެވެ. އަދި ޑީޕީއާރުއެސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ތުނބުޅި ބޭލުމަށް ނޭންގޭނެ ކަމަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ނެރެފައިވާ އަމުރެއްކެ ކޮޕީވެސް ހުށަހަޅާފައި ވެއެވެ. އަދި އިންސާނީ ޙައްޤުތަކުގެ މުއާހަދާތަކުގެ އަލީގައި ތުނބުޅި ބެހެއްޓުމަކީ ދަރިވަރުންނަށް ލިބިގެންވާ އިންސާނީ ޙައްޤެއްކަން ހާމަކޮށް އެމުއާހަދާތަކުގެ ކޮޕީވެސް މިޕެޓިޝަނާއެކު ހުށަހަޅާފައިވެއެވެ.

ތުނބުޅި ބެހެއްޓުމަކީ އިސްލާމް ދީނުގެ ދެވަނަ މަސްދަރު ކަމުގައިވާ ރަސޫލުﷲ ޞައްލަﷲ އަލައިވަސައްލަމްގެ ސުންނަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމުން ތުނބުޅި ބޭލުމަށް ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ނޭންގޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސްއިން ވެސް މީގެ ކުރިން ވަނީ ބުނެފައެވެ.

ތުނބުޅި ބޭލުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށާއި، ތުނބުޅި ދިގުކުރުމަކީ ކަނޑައެޅިގެން ވާޖިބެއް ކަމުގައި އިސްލާމީ އުއްމަތުގެ މަޝްހޫރު ހަތަރު މަޛްޙަބުގެ އިމާމުންނާއި، އެބޭކަލުންގެ ދަރިވަރުންނާއި، ބޮޑެތި ޢިލްމުވެރިން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުގެ އަލީގައި ވަނީ ބަޔާންކުރައްވާފައެވެ.

ކުރީގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ އިތުރުން ރާއްޖޭގެ ބޮޑެތި ޢިލްމުވެރިން ވެސް ދަނީ ތަފާތު ދަރުސްތަކުގައި އާންމުން ސުވާލުކުރެއްވުމުން ތުނބުޅި ބޭލުމަކީ ޙަރާމްކަމެއް ކަމަށާއި، ތުނުބުޅި ދިގުކުރުމަކީ ވާޖިބެއް ކަމުގައި ދަލީލުތަކުން ބަޔާންކުރައްވަމުންނެވެ.

މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުން އެމީހުންގެ ވަޒީފާގައި ދެމިތިބެވޭނީ ތުނބުޅި ބާލައިގެން ކަމަށް އެތަނުގެ ވެރިންގެ ފަރާތުން އެންގުމުން އެމުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް ސުވާލުކުރުމުން، ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ލިޔުމުން 14 ފެބްރުއަރީ 2009 ގައި ދެއްވާފައިވާ ޖަވާބުގައި ބުނެފައި ވަނީ ފިރިހެނުން އެކީ އެކައްޗަކަށް ތުނބުޅި ބޭލުމަކީ ސިފަ ބަދަލުކުރުމެއް ކަމާއި، އެއީ ޙަރާމް ކަމެއް ކަމުގައި މުޅި އިސްލާމީ އުއްމަތް އިއްތިފާޤް ވެފައިވާ ކަމަށެވެ.

“ފިރިހެނުން ތުނބުޅި ބޭލުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެއްކަން އެނގޭން އޮތްއިރު ކޮންމެ ބަހަނާއެއްގައި ވިޔަސް އެކަމަށް އެއްވެސް ފަރާތަކުން އަމުރުކޮށް މަޖުބޫރުކުރުވުމީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކަނޑައެޅިގެން މާތް ﷲ ގެ ޥަޙީއާއިގެން މިއުއްމަތަށް ކައުކުރެއްވި މާތް ނަބިއްޔާގެ އަމުރުފުޅުގެ މައްޗަށް އަމުރުކޮށް އެކަލޭގެފާނަށް އުރެދުން ކަމުގައި މެނުވީ ނުވާ ހުއްޓެވެ. ފަހެ އެފަދަ މީހުން މާތް ﷲ ގެ ދަރުބާރުގައި އެކަނިމާއެކަނި ހުއްޓެންޖެހޭ ދުވަހު މަސްޢޫލުވާންހެނެ ކަންކަމާ މެދު ބިރުވެތިވުން ހުއްޓެވެ. މިކަންކަމުގެ ޙުކުމް އޮތްގޮތް ނޭނގޭނަމަ އެބައެއްގެ މައްޗަށް ލާޒިމްވެގެން ވަނީ ކަން އޮތްގޮތް އޮޅުން ފިލުވައި، ޙައްޤުގެ މަގަށް ރުޖޫޢަވުމެވެ.” ޝައިޚް ޢަބްދުﷲ ވިދާޅުވެފައި ވެއެވެ.

ޝައިޚް ޢަބްދުﷲ ވިދާޅުވެފައި ވަނީ ތުނބުޅި ބޭލުމަށް މަޖުބޫރު ކުރުވުމަށް އެއްވެސް ޙާލެއްގައި ޤާނޫނެއް ނުވަތަ ޤަވާއިދެއް ހެދުން ހުއްދަ ނުވާނެ ކަމަށާއި އެއީ އިސްލާމީ ޝަރީޢަތާ ފުށުއަރާ ކަމެއް ކަމަށެވެ.

ތުނބުޅި ދިގުކުރުމުގެ ވާޖިބުކަމާ މެދު ދުނިޔޭގެ މަޝްހޫރު ޢިލްމެރިއެއްކަމުގައިވާ އައްޝައިޚް މުޙައްމަދު ޒަކަރިއްޔާ ލިޔުއްވާފައިވާ ފޮތެއް އައްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ދިވެހި ބަހަށް ތަރުޖަމާކުރައްވާފައެވެ. މިފޮތް ބައެއް ދީނީ ވެބްސައިޓްތަކުގައި ވެސް ވަނީ ޝާއިއުކޮށްފައެވެ.

އައްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ތަރުޖަމާކުރައްވާފައިވާ ފޮތް – “ތުނބުޅި ދިގުކުރުމުގެ ވާޖިބުކަން”

ތުނބުޅި ބޭލުމާމެދު އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ކޮށްފައިވާ ސުވާލަކަށް ދެއްވާފައިވާ ޖަވާބު

  1. މުޙައްމަދު އިބްރާހިމް MALDIVES Google Chrome Windows says:

    ﷲ އަކްބަރް . ﷲގެ ހުކުމުގެ މައްޗަށް އަމިއްލައަށް ހުކުމްކުރާ ބަޔަކަށް ދުވަހަކުވެސް ކާމިޔާބެއް ނުލިބޭނެ. ކޮންމެ ވަޒީފާއެއް އަދާކުރިޔަސް، ކިޔަވާ ކުއްޖަކަށް ވިޔަސް ދީނީގޮތުން މިވަރުގެ ފިއްތުމެއް އޮވެގެން ނުވާނެ. ދެރަކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކުގެ ހިމާޔަތުގައި ތިބި ދިވެހި ފުލުހުންނަށްވެސް މިކަމުގައި ދީނާއި އިދިކޮޅަށް އިމުރު ކުރެވޭކަން. މީ ކިހާބޮޑު އިހާނާތެއް.

  2. މުޙައްމަދު މަންޞޫރު MALDIVES Google Chrome Windows says:

    އެބަ ރަނގަޅުވޭ. މިގޮތުން މިކަން ކާމިޔާބު ނުވެއްޖެއްޔާ ކޯޓަށްވެސް ވަޑައި ގަންނަވާތި. ގާޟީއަކަށް ނުކެރޭނެ މިކަމަކާ އިދިކޮޅަށް ހުކުމް ކޮށްދޭކަށް. ﷲގެ އަރުޝުގެ ވާހަކަ ނުދަންނަ ގާޟީއަކު އުޅޭނެ ކަމަކަށް ޤަބޫލެއް ނުކުރަން. ތުނބުޅި ބޭލުމަށް އަމުރުކުރާ ވެރިން ﷲ ގެ މަޙުޝަރު ނުކުރައްވާނީތަ؟ އެމީހުންނަށް ސުވާލު ކުރެއްވުމެއް ހިސާބު ބެއްލެވުމެއް ނުވާނީތަ؟ އެމީހުންގެ މައްޗަށް ނަރަކަ ޙަރާމް ކުރެއްވުނީތަ؟ ނޫން ވެރިންނޭ. ތިޔަބައި މީހުންނަށް ﷲ ތިފަދަ މަޤާމަތަކެއް ދެއްވީ އެހެން މީހުންނެކޭ އެއްގޮތަށް ތިޔަބައި މީހުންވެސް އިމްޔިޙާނު ކުރެއްވުމަށް. މަރު ވަރަށް ގާތް. އަވަހަށް ތައުބާވެ ﷲ ގެ މަގަށް ރުޖޫޢަވޭ. ވެރިޔަކަސް އަޅަކަސް ﷲ ގެ ދަރުބާރުގައި ބޭއިންޞާފެއް ނުކުރެވޭނެ. އިސްލާމް ދީނުގެ އެއްވެސް ޙުކުމާ އިދިކޮޅަށް ކުރެވޭ ކޮންމެ ކަމަކީ ތިޔަ ވެރިމީހާ އިސްލާމްވުމަށް ކިޔާ ޝަޙާދަތުގެ ދެކަލިމަޔާއި ފުށުއަރާ ކަމެއް. ﷲ މިކަމުގައި ދިވެހި ހުރިހާ ރައްޔަތުންނަށް ކާމިޔާބު ދެއްވާ ދީނުގެ އަދުންވުންގެ ކިބައިން އަޅުގަނޑުމެން ސަލާމަތް ކުރައްވާންދޭވެ. އުއްމީދު ކުރަން އިސްލާމިކް މިނިސްޓްރީގެ އެއްބާރުލުން މިކަމުގައި ވަރަށް ބޮޑަށް ލިބޭނެ ކަމަށް.

  3. އާދަނު MALDIVES Mozilla Firefox Windows says:

    ﷲ ތަޢާލާ، ތިޔަ މަސައްކަތަށް ކާމިޔާބުދެއްވާށި

  4. ރާމިޒް MALDIVES Mozilla Firefox Windows says:

    މާޝާﷲ

  5. ލ އ ތ މ ގެ ދަރިވަރު MALDIVES Mozilla Firefox Windows says:

    ތިޔަ މަސައްކަތުގައި ބަރަކާއިތް ލައްވާށި….
    އަޅުގަނޑުމެންވެސް ތިޔަ ވާހަކަ ސްކޫލުގެ ވެރިންނަށް ދަންނަވާތާ ދުވަސްކޮޅެއް ވެއްޖެ..
    ެއެކަމަކު އަދި ހައްލެއް ލިބޭގޮތެއް ނުވޭ..

  6. އަޙިމަދިއްޔާ ސްކޫލުގެ ދަރިވަރު MALDIVES Google Chrome Windows says:

    ވަރަށް ބޮޑަށް ތާއީދު ކުރަން……

  7. އަހުމަދު MALDIVES Mozilla Firefox Windows says:

    ވަަރަށް އުފާ ވެއްޖެ މި ޚަބަރު ފެނުމުން… މި ކަމަށް މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް މާތް ﷲ ހެޔޮ ޖަޒާ ދެއްވާށި…

މިލިޔުމަށް ޚިޔާލު ފާޅުކުރަށްވާ

އިސްތިހާރު ކުރައްވާ!
webDesign by: Hisaan.net