އީރާނުން ނިއުކްލިއަރ މަޝްވަރާތައް ކުރިއަށްގެންދިއުމަށް ތައްޔާރު ކަމުގައި އީރާނުން ބުނެފި

އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫޢުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށްގެންދާ މައްސަލައިގައި އީރާނަށް ކުރިމަތިކުރަމުންދާ ފިއްތުންތަކަށް ލުޔެއް ހޯދުމުގެ ގޮތުން ހުޅަނގުގެ ބާރުތަކާއެކު މަޝްވަރާ ކުރުމަށް އީރާނުން ތައްޔާރަށް އޮތް ކަމުގައި އީރާނުގެ ރައީސް މަޙްމޫދު އަހުމަދީނީޖާދު ވިދާޅުވެއްޖެއެވެ.
އީރާނުގެ ރައީސް ވިދާޅުވި ގޮތުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެފަރާތުން އެއްބަސްވެވޭ ކަންތަކަކާއި ބެހޭގޮތުން ކަމަށާއި އީރާނުން ކުރިއަށްގެންދާ މަޝްރޫޢު ހުއްޓާލުމާއި ބެހޭގޮތުން ވާހަކަތައް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެހެންނަމަވެސް، މިމައްސަލައިގައި ހުޅަނގުގެ ބާރުތަކަށް ނުތަނަވަސްކަން ކުރިމަތިވާނަމަ، ވާހަކަ ދެއްކުމުގެ ފުރުޞަތު އެބައޮތް ކަމަށް ވިދާޅުވިއެވެ.
އީރާނުގެ އަމާޒަކީ ނިއުކްލިއަރ ހަތިޔާރު އުފެއްދުން ކަމުގައި ހުޅަނގުން ބުނަމުންދިޔަ ނަމަވެސް، އެކަން އީރާނުން ފާޅުގައި ދޮގު ކުރަމުންދެއެވެ.
އަނެއްކޮޅުން އިސްރާއީލަށް އަބަދުވެސް އީރާނުން އަންނަނީ އިންޒާރުތައް ދެމުންނެވެ. ހަމަލާއެއް ދީފާނެކަމުގެ އިންޒާރު އީރާނުން އިސްރާއީލަށް ދެމުންދާއިރު، އިސްރާއީލުގެ ދިފާޢުގައި އެމެރިކާ އާއި އިނގިރޭސިވިލާތުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެންމެފަހުން އީރާނާއެކު ކުރިއަށްގެންދެވުނު މަޝްވަރާތައް ނާކާމިޔާބު ވެގެންދިޔައީ ވަކި މުއްދަތެއްގެ ތެރޭގައި އީރާނުން ކުރިއަށްގެންދާ ޔުރޭނިއަމް ފައްކާ ކުރުމުގެ މަސައްކަތް ހުއްޓާލުމަށް އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުން އެދުމުން އެކަމަށް އީރާނުން ދެކޮޅު ހެދުމުގެ ސަބަބުންނެވެ. މިފަހަރު އަލުން މަޝްވަރާތަކަށް ދިއުމާއިމެދު އަދި އެމެރިކާއިން ވަކި އެއްޗެއް މިހާތަނަށް ހާމަކޮށްފައިނުވާއިރު، އ.ދ.ގެ ފަރާތުންވަނީ އީރާނުން ސުލްހަވެރި ކަމާއެކު މަޝްވަރާ ކުރުމަށް އެއްބަސްވުމުން އެކަމަށް މަރުހަބާ ކިޔާފައެވެ.
