ސްމަރޓްފޯނުން ރީތި އަދި މޮޅު ފޮޓޯ ނަގާނީ ކިހިނެތް؟ (ދެވަނަ ބައި)

  • އެކި އޭންގަލް އިން ގިނަ ފޮޓޯ ނެގުން

angle

އެއް އޭންގަލަކުން އެކި އެއްޗެހި ފޮޓޯ ނެގުމުގެ ބަދަލުގައި އެކި އޭންގަލުން ފޮޓޯނަގާށެވެ. އެކި އެއްޗެހީގެ ރީތިކަން ފެންނާނީ އެކިއޭންގަލުންނެވެ. ބަރސްޓް މޯޑުން އެއްފަހަރާ ބައިވަރު ފޮޓޯ ނެގޭނެއެވެ. އޭގެތެރެއިން އެންމެ ރީތި އަދި ފުރިހަމަ ފޮޓޯ ހޮވާނީއެވެ. ފޮޓޯ ނަގަން ބޭނުންވާ އެއްޗަށް ފޯކަސް ކޮށްގެންނާއި ބެކްގުރައުންޑް ގައި މަދުއެއްޗެހި ހިމެނޭގޮތަށް އެކިއެކި އޭންގަލް އިން ފޮޓޯ ނަގައި އެންމެ ރީތި ފޮޓޯ ހޮވާނީއެވެ. މިގޮތުން، މަތިންނާއި ތިރިންނާއި އަދި އާންމުކޮށް ލޮލަށް ނުފެންނަ އޭންގަލް ތަކުން ފޮޓޯނެގުމުން ވަރަށް ތަފާތު ފޮޓޯ ނެގޭނެއެވެ. ގްރޫޕް ސެލްފީއެއް ނަގާއިރު ގްރޫޕްގެ މެދަށް ވާނޭކަހަލަ ގޮތަކަށް ފޯނު މައްޗަށް ނަގައި ފޮޓޯނެގުމުން ފޮޓޯ ފުރިހަމަވެ ރީތިވާނެއެވެ.

  • ކެމެރާގެ ފަހަތުގައި އިރުގެ އަލި ހުންނަގޮތަށް ފޮޓޯ ނެގުން

އައްޔަކީ މުޅި ފޮޓޯގެ މައިގަނޑު އެއްބައެވެ. އެއްވެސް އަލިކަމެއް ނެތި ނެގޭނީ އަނދިރި ފޮޓޮ އެކެވެ. ފޮޓޯނެގުމަށް އިރުގެ އަލިކަމަކީ ގުދުރަތީ ގޮތުން ލިބޭ އެއްޗެކެވެ. އެ އަލިކަމަކީ އަހަރުމެންނަށް ކޮންޓްރޯލް ކުރެވޭނެ އެއްޗެއްނޫނެވެ. ފޮޓޯ ނަގާ ވަގުތު ކެމެރާގެ ފަހަތުގައި އިރުގެ އަލި ހުރުމުގެ ސަބަބުން މުޅި ފޮޓޯ ރީތިވެ އަލިވާނެއެވެ. ކެމެރާއަށް/ލެންސަށް އިރުގެ އަލި ސީދާކޮށް އެޅޭނަމަ ފޮޓޯ ހަޑިވެ ލެންސް ހަލާކުވުމަށް މަގުފަހިވެއެވެ. މީހެއްގެ ފޮޓޯ ނަގާ ނަމަ، އިރުގެ ސީދާ އަލި އެމީހަކަށް ނޭޅޭ ގޮތަށް ނެގުން ބުއްދިވެރިއެވެ. އެއީ ބޭކާރު ހިޔަނި އެޅި މޫނުގެ ކުލަ ތަފާތު ވެދާނެތީއެވެ.

  • ފޯކަސްކުރުމާއި މެކްރޯ ކޮށް ފޮޓޯ ނެގުން

macro

އޮޓޮމެޓިކް ފޯކަސް އަށްވުރެއް މެނުއަލްކޮށް (ފޯނުގެ ސްކްރީންގައި ޓަޗްކޮށްގެން) ފޯކަސް ކުރުމުން ފޯކަސްކުރަން ބޭނުންވާ އެއްޗެއް ފަސޭހައިން ފޯކަސްކުރެވޭނެއެވެ. އަދި ކައިރީގައި ހުންނަ އެއްޗެހި މެކްރޯކޮށް ނެގޭނެ ފަސޭހަގޮތަކީ މެނުއަލްކޮށް ފޯކަސް ކޮށްގެންނެވެ. ފޮޓޯ ނަގަންބޭނުންވާ އެއްޗަކާއި ވީހާވެސް ކައިރިން އެއަށް ފޯކަސްކޮށްގެން ކުދިކުދި އެއްޗެހި މިގޮތަށް ފޮޓޯ ނެގުމުން ފޮޓޯގެ ރީތިކަން އިތުރުވެ އިތުރު ތަފުސީލު ފެންނާނެއެވެ. ބައެއް ކެމެރާ ސޮފްޓްވެއަރ ތަކުން ފޯކަސް ލޮކް ކުރެވޭނެއެވެ. މިހެންވުމުން ކައިރީން ފޮޓޯ ނަގާއިރު ފޯކަސްކުރަން ފަސޭހަވާނެއެވެ. ފޯނުން ފޯކަސްކޮށްގެން ފޮޓޯނެގޭނީ ތިނެއް ނުވަތަ ހަތަރު އިންޗި ދުރުމިނުގައި ހުންނަ އެއްޗެއްސެވެ. މިކަމަކީ ކުރަން އުނދަގޫ ކަމަކަށްވިއަސް ކުރެވޭނެ ކަމެކެވެ. މިކަމަށް އިތުރު ލެންސެއް ވެސް ބޭނުން ކުރެވިދާނެއެވެ.

  • ފޮޓޯ އެޑިޓް ކުރާ ސޮފްޓްވެއަރ ބޭނުންކުރުން

editing

އަސްލު މަންޒަރު ލޮލަށް ފެންނަހާ ރީއްޗަށް ފޮޓޯއިން ނުފެނިދާނެއެވެ. މިހެންވުމުން، ފޮޓޯގެ ކުލަ އާއި ސާފުކަން ރަނގަޅުކުރުމަށް ފޮޓޯ އެޑިޓް ކުރެވިދާނެއެވެ. ފޮޓޯ ނެގުމަށްފަހު އިތުރަށް ރީތިކުރުމަށްޓަކައި ފޮޓޯ އެޑިޓްކުރާ ސޮފްޓްވެއަރ ބޭނުންކުރެވިދާނެއެވެ. މިގޮތަށް ކަންކަން ކުރުމުން ވަރަށް ރަނގަޅު ނަތީޖާ ފެނިގެންދެއެވެ. އޭގެ ތެރޭގައި Prisma, PicsArt, Snapseed, Englight, VSCO, Autodesk Pixlr Express, Adobe Photoshop Express, Tiny Planet FX Pro ފަދަ ސޮފްޓްވެއަރ ތައް ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުންވެސް އެހެން ރަނގަޅު ސޮފްޓްވެއަރ ތައް އެކި ފޯނުތަކަށް ހުންނާނެއެވެ. މި ސޮފްޓްވެއަރ ތަކުން ކުލައާއި އަލި މިންވަރާއި ޝާޕް ކުރުމާއި އަދި އެހެނިހެން ގިނަ އެޑިޓް ތަކާއި އެފެކްޓް ތައް ފޮޓޮއަށް ގެނެވޭނެއެވެ.

ފިލްޓަރސް / އެފެކްޓްސް ބޭނުންކޮށްގެން ފޮޓޯ ނެގުން

effects

ދެގޮތަކަށް ފިލްޓަރ ބޭނުން ކުރެވިދާނެއެވެ. އެއްގޮތަކީ ކެމެރާ ސޮފްޓްވެއަރ ގައި ހުންނަ ފިލްޓަރ/އެފެކްޓް ތަށް ބޭނުން ކުރުމެވެ. ނަމަވެސް މިގޮތަށް ފިލްޓަރ ބޭނުން ކުރުމަކީ އާންމު ކަމަކަށް ނުހެދުން ބުއްދިވެރިއެވެ. އެހެނީ، ފޮޓޯ އެޑިޓްކުރާއިރުވެސް ފިލްޓަރ ބޭނުން ކުރެވޭނެތީއެވެ. އަނެއްގޮތަކީ ކެމެރާގެ ކުރިމަތީގައި އެއްޗެއް އެޅުމަށްފަހު ފޮޓޯނެގުމެވެ. އޭގެ ތެރޭގައި އެކި ކުލައިގެ އައިނާއި އަދި އެތެރެ ފެންނަ ޕްލާސްޓިކް ގަނޑު ނުވަތަ ސެލޯފިން ބޭނުންކުރުމެވެ. ފިލްޓަރ ބޭނުންކުރުމުން ތަސްވީރު އިތުރަށް ޗާލުވެ އިތުރު ތަފްސީލު ފެންނާނެއެވެ. ފިލްޓަރ/އެފެކްޓް އިން ކަޅާއި ހުދަށް ބަދަލުކުރުމާއި ކުރީ ޒަމާނުގެ ފޮޓޮއެއް ގޮތަށް ހެދުމާއި އަދި އެކި ކުލަކުލަ އަށް ބަދަލުކުރެވޭނެއެވެ. އަދި ފިނިހޫނުމިންވެސް މެއެވެ.

  • ފޮޓޯގެ ސައިޒު އެންމެ މަތީގައި ބޭންދުން

size

ފޮޓޯ ނެގުމުގެ ކުރިން، ކެމެރާއިން ފޮޓޯ ނެގޭ ސައިޒު އެންމެ މަތިކޮށްލާށެވެ. އޭރުން ނެގޭ ފޮޓޯގެ ބޮޑުމިނާއި އަދި ރިޒޮލިއުޝަން ބޮޑުވެ ތަފްސީލު އިތުރުވާނެއެވެ. އެޑިޓްކުރާއިރު ކްރޮޕް ކުރުމުން ފޮޓޯގެ ކޮލިޓީ ގެއްލޭލެއް ކުޑަވާނެއެވެ. އަދި ޒޫމްކޮށްގެން ބަލާއިރު ވެސްމެއެވެ. މުސްތަގުބަލުގައި އުފައްދާ ކެމެރާ ތަކުން ނެގޭ ފޮޓޯ ތަކުގެ ސައިޒާއި އަދި ރިޒޮލިއުޝަން ބޮޑުވަމުންދާނެއެވެ.

  • ކެމެރާގެ ފްލެޝް ބޭނުން ކުރުން

ވީހާވެސް ބޮޑަށް ފްލެޝް ބޭނުންނުކޮށް ގުދުރަތީ އަލި ބޭނުންކޮށްގެން ފޮޓޯނެގުމުން ފޮޓޯގެ ފެންވަރު މަތިވެ ނުސާފުވުން ކުޑަވެއެވެ. ނަމަވެސް ރޭގަނޑު ފްލެޝް ބޭނުންކުރަން ޖެހިއްޖެނަމަ ކުރުން ރަނގަޅެވެ. އަނދިރި ވުމުން ފޮޓޯ ނުސާފުވެ ތިއްތިއް ތަކެއް ހުންނާނެއެވެ. އަލި ގިނަވިވަރަކަށް ފޮޓޯ ސާފުވެފައި ކުލަ ރީތިވާނެއެވެ. ކެމެރާގެ ފްލެޝް ބޭނުންކުރުމުން ފޮޓޯގެ ވަކި ބައެއްގައި މާބޮޑަށް އަލިއެޅިފައި ހުރުން އެކަށީގެންވެއެވެ. އަދި ދަޅައެޅުމުގެ ބައި ބޮޑުވާނެއެވެ. ބައެއް ފޯނުތަކުގެ ފްރޮންޓް ކެމެރާގައި ފްލެޝް ހުރުމުން ސެލްފީ ނެގުމަށް އިތުރު ފަސޭހައަކަށް ވެއެވެ.

  • ޕަނޮރާމާ އަދި 360 މޯޑު ބޭނުން ކުރުން

pano

މި މޯޑުތަކުން ކޮށްދޭކަމަކީ ގިނަ ޝޮޓްތަކެއް ނެގުމަށްފަހު ހުރިހާ ޝޮޓްތަށް އެއްކޮށްލުމަށްފަހު އެއް ފޮޓޮއެއް ގޮތަށް ސޭވްކުރުމެވެ. މިގޮތަށް ފޮޓޯނެގުމުން ބޮޑު ސަރަހައްދެއް އެއް ފޮޓޮއަކުން ފެނިގެންދާނެއެވެ. އާންމުކޮށް ގިނަ ކެމެރާ ސޮފްޓްވެއަރ ތަކުގައި މި މޯޑުތައް ހުރެއެވެ. އަދި މިކަމަށް ހާއްސަ ސޮފްޓްވެއަރތައް ވެސް ހުރެއެވެ. މިގޮތުން Google Camera, Street View, Panorama 360, Photaf Panorama Pro ފަދަ ސޮފްޓްވެއަރގެ އިތުރަށް އެހެން ސޮފްޓްވެއަރތައް ބޭނުން ކުރެވިދާނެއެވެ. މި މޯޑުތަކުން އެއްޗެއް އެއްކޮށް ވަށައިގެން ފެންނަގޮތާއި އަދި މީހާ އެނބުރިގެން ލޮލަށް ފެންނަ މަންޒަރު ވަށައިގެން ނެގޭނެއެވެ. އަދި ދަތުރުކުރާ އެއްޗެހީގެ ދަތުރުކުރުން އެއްފޮޓޮއަކުން ނެގިދާނެއެވެ.

 

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!