ދެ ކަމަރުގެ ވެރިޔާ

އިސްލާމީ ތާރީޚުގައި ރަންއަކުރުން ފަވާލެވުނު އެއް އަންހެން ނަންފުޅަކީ އަސްމާ ބިންތް އަބޫބަކުރެވެ. ރަސޫލާ صلي الله عليه وسلم ގެ އެންމެ އަރިސް ޞަޙާބީ ކަމުގައިވާ އަބޫބަކުރު رضي الله عنه ގެ ދަރިކަނބަލުން އަސްމާ ބިންތު އަބޫބަކުރެވެ. އެކަމަނާއަކީ ރަސޫލާ صلي الله عليه وسلمގެ ލޮބުވެތި އަނބިކަމަނާ މުމިނުތަކުންގެ މަންމާފުޅު ޢާއިޝާ رضي الله عنهاގެ ލޮބުވެތި ދައްތާފުޅެވެ. އަދި ރަސޫލާ صلي الله عليه وسلمގެ މަތިވެރި ޞަޙަބީ އައްޒުބައިރު ބުނުލް

އައްވާމްގެ އަނބިކަނބަލުންނެވެ. އަދި އިސްލާމީ ތާރީޚްގައި ނަންފަވާލެވުނު މަތިވެރި ޢަބްދުﷲ ބުން ޒުބައިރް ބުން އަލްއައްވާމުގެ މަންމާފުޅެވެ.

އެކަމަނާ އުފަންވެފައިވަނީ މީލާދީ ސަނަތުން 595ވަނަ އަހަރު މައްކާގައެވެ. އެކަމަނާ އިސްލާމްދީނުގެ ކުރީކޮޅުގައި އިސްލާމްވެވަޑައިގެންނެވި މީސްތަކުންގެ ތެރޭގައި ހިމެނެއެވެ. އެކަމަނާ ތަރުބިއްޔަތު ވެފައިވަނީ ނަބަވީ ރިސާލަތުގެ ހިޔަލުގައެވެ. އިސްލާމްދީން އައުމުގެ ކުރިން އެކަމަނާގެ މަންމާފުޅާއި ބައްޕާފުޅުވަނީ ވަކިވެވަޑައިގެންފައެވެ، އެކަމަނާ ބޮޑުފުޅުވީ އެކަމަނާގެ ބައްޕާފުޅު އަރިހުގައި ހުންނަވައިގެންނެވެ. އެކަމަނާ ބޮޑުފުޅުވެފައިވަނީ ބައްޕާފުޅު ދެއްވެވި މަތިވެރި ތަރުބިއްޔަތުގައެވެ. މުސްލިމް އަންހެނެއްގައި ހުންނަންވީ އަޚްލާޤީ ރިވެތި މަތިވެރި ސިފަފުޅުތަކާއި އެކުގައެވެ.

މައްކާގެ މުޝްރިކުންގެ އަނިޔާވެރިކަން ހައްދުފަހަނައަޅައި ދިޔުމުން މައްކާއިން މަދީނާއަށް މުސްލިމުންގެ ތެރެއިން ގިނަބަޔަކު ހިޖުރަކުރިއެވެ. ރަސޫލާ صلي الله عليه وسلم މައްކާއިން މަދީނާއަށް ހިޖުރަ ކުރެއްވި ދަތުރުފުޅުގައި އެކަލޭގެފާނާއެކުގައި އެދަތުރުގައި ބައިވެރިވެލެއްވެވީ އަބޫބަކުރު رضي الله عنهއެވެ. ހިޖުރައިގެ މިދަތުރުފުޅުގައި އަސްމާ رضي الله عنها ވަނީ ވަރަށް ބޮޑު ދައުރެއް އަދާކުރައްވާފައެވެ. ރަސޫލާ صلي الله عليه وسلم އާއި އެކަލޭގެފާނުގެ އަރިހުގައި ހުންނެވި އަބޫބަކުރު رضي الله عنه މައްކާގެ މުޝްރިކުންގެ ލޯތަކަށް ފިއްލަވައިގެން ތިއްބެވި ހޮހަޅަޔަށް ކާތަކެތި ފޯރުކޮށްދެއްވީ އަސްމާ رضي الله عنها އެވެ. ރަސޫލާ صلي الله عليه وسلم އާއި އެކަލޭގެފާނުގެ އަރިހުގައި ހުންނެވި އަބޫބަކުރު رضي الله عنه އަށް ކާބޯތަކެތި ފޯރުކޮށްދެއްވުމަށްޓަކައި މައްކާއިން ބޭރަށް ހިންގަވައިފައި ވަޑައިގެންނެވިއެވެ. ކާބޯތަކެތި ގެންދެވުމަށްޓަކައި އެކަމަނާ ކާތަކެތި އެޅުއްވެވީ ފޮތީގެ ދަބަހަކަށެވެ. އަދި އޭގެއަށް ކާތަކެތި އެޅުއްވުމަށްފަހު އޭގެ ތުންއައްސަވާނެ  އެއްޗެއްލިބަވަޑައި ނުގެންނެވުމުން އެކަމަނާގެ ހެދުންކޯޅާއި އެކު ބޭނުންކުރައްވާފައި ހުރި ފޮތީގެ ކަމަރު ދެފަޅިއަށް ފަޅާލައްވައި އޭގެ އެއްފަޅިން ދަބަހުގެ ތުން ބަންނަވާ އެކަމަނާގެ ހެދުމަށް އަނެއްފަޅި ބޭނުން ކުރެއްވެވިއެވެ. ކާތަކެތި ހިއްޕަވައިގެން ހޮހަޅައަށް ވަޑައިގެން ބައްޕާފުޅުއަރިހު އެވާހަކަ އެގޮތަށް ވިދާޅުވި ހިނދު ރަސޫލާ ާ صلي الله عليه وسلم އެކަމަނާއަށް ހެޔޮދުކޮށްދެއްވަވައި އެކަމަނާއަށް ސުވަރުގޭގައި ދެކަމަރު ވާނެ ކަމުގެ އުފާވެރި ޚަބަރު ދެއްވެވިއެވެ. ذات الناطقين ނުވަތަ ދެކަމަރުގެ ވެރިޔާގެ ނަންފުޅު އެކަމަނާއަށް ދެއްވީ މިހާދިސާގެ ތެރެއިންނެވެ.

އެކަމަނާއަކީ މުސްލިމް ތަކުންގެ އަނބީނަށްވާ މިސާލެކެވެ. ޒުބައިރް  رضي الله عنه އާއި އަސްމާ رضي الله عنها ދެބޭކަނބަލުންގެ ކައިވެނިފުޅު ވެވުނު އިރު ޒުބައިރް رضي الله عنه އަކީ މުދާވެރި މުއްސަނދި ބޭކަލެއްނޫނެވެ. އެކަލޭގެފާނުގެ މިލްކިއްޔާތުގައި އޭރު އޮތީ ފެން އުފުލުމަށް ބޭނުންކުރާ ޖަމަލަކާއި އެންމެ އަހެކެވެ. އެކަމަނާގެ އަތްޕުޅުން އަހަށް ކާންދެއްވައި ހައްދަވައެވެ. ރޮށި ފިހުމަށް ފުށްގަނޑު ތައްޔާރުކުރައްވާހެއްދެވިއެވެ. އަދި އެކަމަނާވަނީ އެކަމަނާގެ ބޯމަތީގައި ބަހައްޓަވައިގެން ޒުބައިރް رضي الله عنه ގެދަނޑުބިމުން ރަސޫލާ صلي الله عليه وسلم ގެ ގަނޑުވަރާއި ހަމައަށް ކަދުރު ގެންދަވާފައެވެ. އެކަމަނާ ވިދާޅުވެފައި ވެއެވެ. އެއްދުވަހަކު ޒުބައިރް رضي الله عنه ގެ ދަނޑުން ގިނަޢަދަދެއްގެ ކަދުރު ހިއްޕަވައިގެން ތިމަންކަމަނާ ވަޑައިގަތް މަގުމަތީގައި ރަސޫލާ صلي الله عليه وسلم ބައެއް އަންޞާރިއްޔަ ބޭކަލުންނާއިއެކު ވަޑައިގެންނެވިއެވެ. އެކަލޭގެފާނު صلي الله عليه وسلم ތިމަން ކަމަނާއަށް އެކަލޭގެފާނުގެ ޖަމަލުކޮޅު ތިރިކޮށްދެއްވަވައި ސަވާރުވުމަށް ދެންނެވި ހިނދު ތިމަންކަމަނާ ލަދުފުޅު ގަނެފަސްޖެހެވުނެވެ. އެކަލޭގެފާނުގެ އަރިހުގައި އެހެންވެސް ބޭކަލުން ތިއްބެވުމާއި އެކުއެވެ. އަދި ތިމަންކަމަނާއަށް ތިމަންކަމަނާގެ ފިރިކަލުން ޒުބައިރް رضي الله عنه ޣީރަތްތެރިކަން ހަނދުމަވިއެވެ. ފަހެ އެކަލޭގެފާނަކީ ރަސޫލާ صلي الله عليه وسلم ގެ އަޞްޙާބުންގެ ތެރެއިން އެންމެ ޢީރަތްތެރިކަން ބޮޑު ބޭފުޅާއެވެ. އެހިނދު ރަސޫލާ صلي الله عليه وسلم ތިމަންކަމަނާގެ ލަދުވެތި އެހާލަތު ދެނެލައަވައި އެތަން ދޫކުރައްވައި ކުރިއަށް ވަޑަގެންނެވިއެވެ. ތިމަންކަމަނާ ޒުބައިރް رضي الله عنه ގެ އަރިހަށް ވަޑައގެން އެވާހަކަތައް ދެންނެވުމުން ވިދާޅުވިއެވެ. ﷲގަންދެއްވައި ވިދާޅުވަމެވެ. ކަމަނާ ކަދުރު އުފުލުމުގެ އެބުރަމަސައްކަތުގައި އެހާލަތުގައި ކަމަނާ ހުންނަވަނިކޮށް އެކަލޭގެފާނަށް ކަމަނާ ފެނިލެއްވުން ކަމަނާ އެކަލޭގެފާނުގެ ޖަމަލުގައި ދަތުރުކުރެއްވުމަށްވުރެ ތިމަންކަލޭގެފާނަށް ލަދުވެތިކަން ބޮޑެވެ.

އަސްމާ رضي الله عنها އެކަމަނާގެ ފިރިކަލުންގެ މަސައްކަތްޕުޅުގައި އެހީތެރިވެދެއްވައި ޒުބައިރް رضي الله عنه އަށް ޚިދްމަތްކުރެއްވުމުގައި ދެމިހުންނެވިއެވެ. ފަހުން އަބޫބަކުރު رضي الله عنه އެކަމަނާގެ ގެއަށް މަސައްކަތުގައި އެހީވާނެ މީހަކު ފޮނުއްވެވިއެވެ. އެހާހިސާބުން އެކަމަނާއަށް މަސައްކަތުގައި ލުއިވިއެވެ. ފަހުން ޒުބައިރް ބުން އަލްއައްވާމް رضي الله عنه އަކީ މުއްސަނދި ބޭކަލަކަށް ވެވަޑިއިގަތެވެ. އެކަލޭގެފާނު އަވަހާރަވުމަށްފަހު އެކަލޭގެފާނުގެ މުދާ 40 މިލިއަން ދިރުހަމަށް ވިއްކާލެވުނެވެ.

އަސްމާ رضي الله عنها އަކީ ހިތްވަރުގަދަ ބޭކަނބަލެކެވެ. ކެތްތެރިވެސް ބޭކަނބަލެކެވެ. އެކަމަނާ ވަނީ އެކަމަނާގެ ހިތްވަރުފުޅު ގަދަކަން ޔަރްމޫކު ހަނގުރާމައިގައި ދައްކުވައިދީފައެވެ.

އަސްމާ رضي الله عنها ގެ ކެތްތެރިކަން އެކަމަނާ ވަނީ އެކަމަނާގެ އުމުރުފުޅުން 100އަހަރަށް ފާއިތުވީފަހުންވެސް ދައްކުވައިދީފައެވެ. އޭރު އެކަމަނާއަކީ ލޯފަންވެސް ބޭކަނބަލެކެވެ. އިސްލާމުންގެ ހަތަރު ޚަލީފާއިންގެ ވެރިކަމަށްފަހު މުސްލިމުންގެ ތެރޭގައި ދެބަސްވެ އަރައިރުންތަކެއް ހިނގި ވަގުތެކެވެ. އަސްމާ رضي الله عنهاގެ ލޮބުވެތި ދަރިކަލުން އަބްދުﷲ ބުން ޒުބައިރް ބުން އައްވާމް އެކަމަނާގެ އަރިއަހަށް އައިސް ދެންނެވިއެވެ. އަހުރެންގެ ލޯބިވާ މަންމާއެވެ. މީސްތަކުންގެ ތެރރެއިން ގިނަބަޔަކު ތިމަން ދޫކޮށްލައިފިއެވެ. އެބައިމީހުންގެ ތެރެއިން ތިމަން ކަލޭގެފާނާއެކުވާ މީހުން މަދެވެ. އަދި އެބައިމީހުންނީ ތިމަންކަލޭގެފާނާއެކު މާގިނައިރު ހަނގުރާމަ ކުރެވޭނެ ބަޔަކުނޫނެވެ. އަދި ތިމަންކަލޭގެފާނާ ދެކޮޅުވީ މީހުން ހުށައެޅުމެއް ހުށައަޅާފައިވަނީ ތިމަންކަލޭގެފާނަށް ދުނިޔެވީ ފައިދާތަކަކާއި މަންފާތަކެއްގެ ވާހަކައިންނެވެ. އޭމަންމާއެވެ. މިކަމުގައި ކަމަނާއަށް ފެންނަ ގޮތެއް ވިދާޅުވެދެއްވާށެވެ. އެކަމަނާ ދެންނެވިއެވެ. އޭދަރިފުޅާއެވެ. ކަލޭގެ ނަފްސަށް ހެޔޮވެގެންވާގޮތެއް އެނގޭނީ ހަމަ ކަލޭގެފާނަށެވެ. ކަލޭގެފާނު ތިހުންނެވި މަގީ ހައްޤުމަގުގައި ކަމަށް ޤަބޫލު ކުރެވި އަދި ކަލޭގެފާނު ތިޔަ ގޮވާލައްވާ އެއްޗަކީ ތެދު ކަމަށްވާނަމަ އެގޮތައިގެން ކުރިއަށް ދިޔުން ހެޔޮވެގެންވެއެވެ. އަދި ދަންނާށެވެ. ކަލޭގެފާނުގެ އަރިހުގައި ތިއްބެވީ ބޭކަލުން ޤަތުލުވެވަޑައިގެން ކަލޭގެފާނު އެކަނި ވިޔަސް ކަލޭގެފާނު ބަނޫ އުމައްޔާގެ ކުރިމަތީގައި ކަނދުރާ ތިރި ނުކުރައްވާށެވެ. ކަލޭގެފާނު ދުނިޔަވީ ބޭނުމެއްގައި އުޅުއްވާނަމަކަލޭގެފާނު ވެގެންދާނީ ކަލޭގެފާނުގެ އަމިއްލަ ނަފްސުފުޅާއި ކަލޭގެފާނަށް ތަބަޢަވީމީހުން ހަލާކުގެ ތެރެއަށްވައްޓާލި މީހަކަށެވެ. އެހިނދު ޢަބްދުﷲ ވިދާޅުވިއެވެ. ﷲގަންދެއްވައި ވިދާޅުވަމެވެ. ތިމަންކަލޭގެފާނުގެ ޙިޔާލަކީވެސް ތިޔައީއެވެ.

އެދެމައިކަނބަލުންގެ ދެމެދުގައި ވާހަކަތަށް ދެކެވެމުންގޮސް އަބްދުﷲ ދެންނެވިއެވެ. މަންމާއެވެ. ކުރިންވެސް އަދި ފަހުންވެސް ހެޔޮދުޢާކުރުން ދޫކޮށްނުލައްވައްޗެވެ. އަސްމާ ބިންތު އަބޫބަކުރުرضي الله عنها ދެންނެވިއެވެ. ބާޠިލްގޮތުގައި މަރުވަމީހާއަށްޓަކައިވެސް އަހުރެން ދުޢާކުރުން ހުއްޓައެއްނުލަމެވެ. ތިބާެއީ ހައްޤުގޮތުގައި މަރުވާ މީހެކެވެ. ދެން އެކަމަނާ ދުޢާކުރެއްވިއެވެ. އޭﷲއެވެ. މައްކާއާއި މަދީނާގައި އޭނާ ހުރި ހުރިހައި ޤިޔާމަކަށާއި، އެގިސްލި ގިސްލުންތަކަށާއި، ހިއްކި ކަރުހިއްކުންތަކަށާއި އޭނާގެ ބައްޕާއަށާއި ތިމަންކަމަނާއަށް ހެޔޮކޮށް ހިތި ހިތުމަށް ރަޙްމަތްލައްވާށިއެވެ. އޭ ﷲއެވެ. އިބަ ކަލާންގެ އަމުރުފުޅުދަށަށް މިއަޅާ އޭނާ ތަސްލީމުކުރަމެވެ. އަދި އިބަކަނލާންގެ މިންވަރުކުރެއްވެވި ގޮތަކަށް މިއަޅާ ރުހިގެންވަމެވެ. ފަހެ ތިމަންކަމަނާގެ މިދަރިކަލުންގެ ބަދަލުގައި ކެތްތެރިންނަށާއި ޝުކުރުވެރިންނަށް ދެއްވާ އަޖުރު ތިމަންކަމަނާއަށް ދެއްވާށިއެވެ.

މިދުޢާ ކުރެއްވުމަށްފަހު ވަދާޢުކުރެއްވުމުގެ ގޮތުން ދެމައިކަނބަލުން ވަދާޢުގެސަލާމަށް ކޮނޑާކޮނޑު ޖައްސަވާލެއްވި ވަގުތު އަބްދުﷲ ބިން ޒުބައިރް ރަޞިޔައްﷲ ޢަންހު ދަގަނޑު ދަހަނާ ތުރުކުރައްވައިގެން ހުންނެވިކަން އެކަމަނާއަށް އެނގިލެއްވުމުން ދެންނެވިއެވެ. ދަރިފުޅާއެވެ. ތިޔައީ ޝަހީދެއްގެ ލަޤަބުބޭނުންވާ މީހުންގެ ހެދުމެއްނޫނެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން މިހެދުން އެޅީ މަންމަގެ ހިތަހަމަޖައްސައިދޭށެވެ. އަސްމާ رضي الله عنها ދެންނެވިއެވެ. ނޫނެކެވެ. ތިޔަ ދަހަނާކޮޅު ބާލުއްވާށެވެ. ދެންއެކަލޭގެފާނު  ދަހަނާ ބާލުއްވައި އެހެން ހެދުންކޮޅުތައް އަޅުއްވައި ބާރުކުރައްވަން ފެއްޓެވުމުން ވިދާޅުވިއެވެ. ފޭރާން ލުއިކުރައްވާށެވެ. ދެން އެކަލޭގެފާނު ތިރިން ފޭރާން ބާރުކުރައްވައި މަތިން ފޭރާން ލުއި ކުރެއްވިއެވެ. އެއީ ޝަހީދުވެވަޑައިގެން ވެއްޓި ވަޑަައިގަތަސް ޢައުރަ ކަޝްފުވެވަޑައިގެންފާނެތީއެވެ.

އެވަގުތު އަސްމާرضي الله عنها  އެކަމަނާގެ ލޮބުވެތި ދަރިކަލުނަށް ބައްޕާފުޅު ޒުބައިރް ރަޞިޔައްﷲ ޢަންހުގެ ވާހަކައިން ހަނދުމަކޮށްގެއްވިއެވެ. އަދި ކާފާފުޅު އަބޫބަކްރުއް ޞިއްދީޤްގެ ވާހަކައިން އެކަލޭގެފާނަށް ހިތްވަރުދެއްވިއެވެ. ބޮޑުދައިތާފުޅު ޢާއިޝާ رضي الله عنها ގެ ވާހަކައިން ޒިކުރާ އާކޮށްދެއްވަވައި ހެއްދެވިއެވެ. އަދި ޝަހީދުވެއްޖެނަމަ އެބޭކައުކަނބަލުންނާ ބައްދަލުމުގެ މަތިވެރި ނަސީބު ހަނދުމަކޮށްދެއްވައި އެކަލޭގެފާނަށް ހިތްވަރުދެއްވެވިއެވެ.

މަންމައެއްގެ ހައިސިއްޔަތުން އެކަމަނާ ވަނީ ނަމޫނާ ދައްކަވާފައެވެ. އަތްބެއްގެ ދައުރުން މުސްލިމްއަންހެންތަކުންނަށް ދަރުސްތަކެއްވަނީ ދެއްވާފައެވެ. އެކަމަނާއީ މަތިވެރިބޭކަނބަލެކެވެ. އެކަމަނާއަށް ހެޔޮރަޙްމަތްލައްވައި އަޅަމެންނީ އެކަމަނާފަދަ ހިތްވަރުގަދަ ކެރޭ މައިން ކަމުގައި ލައްވާށިއެވެ. އާމީން

ނިމުނީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!