ދެތިން ސުވާލެއް

މަގުމަތީގެ ޤަވާއިދު ތަކެއްގެ ވާހަކަ އަޅުގަނޑުމެން އެބަދައްކަމުއެވެ. ހިފަހައްޓަންޖެހޭ އުސޫލުތަކަކާއި ޤަވާއިދުތަކެއްގެ ވާހަކަވެސް ދެކެވެއެވެ. މަގުބޭނުންކުރާ އެންމެނަށް ރައްކާތެރި އަމާން ތަނެއްކަމަށް މަގުހަދަން އަޅުގަނޑުމެން އެންމެންވެސް އެދެމުއެވެ. އެކަން އެހެން ބޭނުންވެސްވޭމެއެވެ. އަނެކުންގެ ހައްޤުތަކަށް އިޚްތިރާމް ކުރުމާއި ތިމާގެ ހައްޤު ހޯދައި ގަތުމާއި މިކަހަލަ އެތަށް ވާހަކައެކެވެ. ތަރައްޤީގެ ވާހަކަ އަކީ އަޑުކެނޑުމެއް ނެތި ދެއްކޭ ވާހަކައެކެވެ. ހަމަ އެހެންމެ ތަރައްޤީގެ ވާހަކައިގެ ރާގާ އެއްހަމައެގައި ތާރަޖަހާ އަނެއް ވާހަކައަކީ ތަހުޒީބުގެ ވާހަކައެވެ. އަޅުގަނޑުގެ ސުވާލަކީ އަސްލުވެސް ހަމަ ދިވެހިން އެބުނާހާ ތަރައްޤީ ވެއްޖެބާއެވެ؟ ތަހުޒީބުގެ އުޑުގައި ދިވެހިން ހަމަ ފިޔަޖަހަންފަށައިފިބާއެވެ؟

މިސުވާލުތަކުގެ ޖަވާބެއް ހޯދައިލަން އަޅުގަނޑުގެ ގަލަން ހިންގައިލާނަމެވެ. ކޮންމެ ދުވަހަކު ތަކުރާރުކޮށް އަޅުގަނޑުމެން ދެކި ފެނި އިވިވާ ކަންތައްތަކެކެވެ. އެންމެ ފުރަތަމަ އާންމުކޮށް ދެޖިންސުގެ ދިވެހި ޒުވާނުން އަބަދުމެ އަތްމަތީގައި ގެންގުޅޭ އެއްޗެކެވެ. އަންހެން ކުދިން ދަބަހުގައެވެ. ފިރިހެން ކުދިން ޖީބުގައެވެ. ކާންގެންގުޅޭ ސުޕާރީއެވެެ. ޕެކެޓް ކަނޑާލައި އޭގެ އެތެރޭގައި ހުންނަބައި ނެގުމަށްފަހު ޕެކެޓްދޫކޮށްލަނީ މަގުމައްޗަށެވެ. ވިއްސާރަވެ ވާރޭ ވެހޭ ދުވަހެއްގައި މަގުމަތީގައި އަޅާފައި ހުންނަ ގަލުގެ ކުލަ ނުފެންނަވަރަށް ސުޕާރީ ޕެކެޓްހުރެއެވެ. މަގުތަކުގެ އެކި ހިސާބުތަކުގައި ކުނިއަޅާނެ ވަށިގަނޑުތައް ބެހެއްޓިފައި ހުރި ހުރުމުގެ ބޭނުންކޮބައިތޯއެވެ؟ މިއީ ތަހުޒީބުގެ ކުލަވަރުނަމަ ދިވެހިން އޭގެ އެންމެ މަތީ ހަރުފަތުގައި ތިބިކަމީ ޝައްކެތް ނެތްކަމެކެވެ.

ދުއްވާތަކެތިން މާލޭގެ މިކުޑަ ކުޑަ ޖާގައިގެ ތެރޭގައި އިންތިހާއަށް ގިނައެވެ. ކާރާއި ސައިކަލެވެ. ޕިކަޕާއި ލޮރީއެވެ. މަދު ނަމަވެސް ބައިސްކަލުވެސް ހުރޭތާއެވެ. މާލޭގެ މަގުތައް ހަންޏެވެ. މަގުތަކުގައި ޖާގަ އެހާމެ ކުޑަމެއެވެ. ނަމަވެސް މަގުތަކުގައި އުޅަނދުތައް ޕާކުކޮށްފައި ހުންނައިރު އެކަން ވިސްނޭ މީހަކު އުޅޭހެން ހީއެއްނުވެއެވެ. އެމީހަކަށް ޖެހުނު ގޮތަކަށް ޕާކިން އޭރިއާ ތަކުގައި އުޅަނދު ޕާކިން ޖަހާފައި ދާއިރު ޕާކިން އޭރިއާ ބޭނުންކުރާ އަނެކާއާމެދު ވިސްނާނުލައެވެ. ތިމާގެ ހައްޤުވާ ފަދައިން އަނެކާގެ ހައްޤަށް އިޚްތިރާމް ކުރުން ދިވެހިންގެ ތަހުޒީބުގައި ނުވަނީތޯއެވެ؟ މިއީ ތަހުޒީބު މުޖުތަމަޢެއްގައި ކަން ހުންނާނެ ހަމަކަމަށް އަޅުގަނޑުގެ ސިކުނޑު އެއްބަހެއްނުވެއެވެ.

ދެންވެސް މިއޮތީ މިކަހަލަ ވާހަކައެކެވެ. އެއްގަމު ދުއްވާ އެއްޗެހީގައި ހުންނަ ބަރުގޮނުގެ ވާހަކައެވެ. ދުއްވާފައިދާ ޓެކްސީގައި ދަތުރުކުރާ ފަސިންޖަރު ފައިބަންވާ ހިސާބަށްގޮސް ފައިބަންދެން ޓެކްސީ މަޑުކޮށްލުމާއެކު ބަރުގޮނު އަޅަން ފަށައެވެ. އޭގެ އަޑު ކެނޑެނީ ފައިބާމީހާ ފައިބައި ޓެކްސީ ޑްރައިވަރު ކާރު ދުއްވާލުމުންނެވެ. އެއަޑަކީ ތަރައްޤީގެ އަޑުތޯއެވެ؟ އެހާލަތުގައި ބަރުގޮނު އަޅާމީހާގެ ކިބައިން އެފެންނަ ކެތްތެރިކަމަކީ ތަހުޒީބުގެ އެންމެ ރިވެތި އުސޫލުބާއެވެ؟ ފެންނަފެނުމަށްު މިއީ ދިވެހިންގެ ތަހުޒީބެވެ.

އާއެކެވެ. ދިވެހިން ތަރައްޤީިވެއްޖެއެވެ. ތަހުޒީބުވެސް ވެއްޖެއެވެ. މަތީގައި ހާމަކުރެވުން ކަންކަމަކުންނޫނެވެ. އަތްމަތީގައި ގެންގުޅޭ ފޯނާއި ދަބަހުންނެވެ. ލައިއުޅޭ ފޭރާމުންނެވެ. ކައިއުޅޭ ކެއުމުންނެވެ. ކިޔަވައިއުޅޭ ޢިލްމުންނެވެ. ދިރިއުޅުމުގެ ފެންވަރުންނެވެ. ގެދޮރުގެ ތަރައްޤީއެވެ. ނަމަވެސް އިޖްތިމާއީ މިންގަނޑުން ކިރާނަމަ ގިނަދިވެހިން ތިބީ އެންމެ ތަނެއް ދޮރެއް ނުދަންނަ މީހުންގެ ހިސާބުގައެވެ.

މަގުމަތީގެ ސާފުތާހިރުކަން ހިފަހައްޓަން ނޭގޭ މީހަކަށް އޭނާގެ އަތުގައި އޮތް ފޯނާއި ދަބަހަކީ އެންމެ ފަހުގެ އެއްޗެއްސަށް ވިޔަސް ތަހުޒީބުގެ މިންގަނޑުން ކިރާއިރު އެއީހަމަ ސުމެކެވެ. މަގުމަތީގައި ދުއްވާ އެއްޗެހި ޕާކު ކުރުމުގައި އަނެކާއަށް ވެދާނެ އުނދަގުލަކަށް ބެލުމެއް ނެތި ޕާކު ކުރާނަމަ އޭނާގެ ފޭރާން އެންމެ ފަހުގެ ފެޝަނަށް  ފެތުނަސް ކައިއުޅޭ ކެއުމަކީ އެންމެ އަގުބޮޑު ކެއުމަށްވިޔަސް  އަޅުގަނޑަށް އެނާގެ ކިބައިން އަދި ތަމައްދުނެއްނުފެނެއެވެ. އޭނާ ތަމައްދުންގެ ކުލަވަރުގައި ހޭކިލީކަމަށް ބެލެވިދާނެއެވެ.

ތިމާ ދުއްވާ އުޅަނދުގެ ބަރުގޮނުގެ އަޑުގަދަވުމުގެ ސަބަބުން ގޭގޭގައި ތިބި ބަލިމީހުންނާއި ކުޑަކުދިންނަށް ސިހުންލިބި ބަލިމީހުންގެ ހިތަށް ހަމަނުޖެހުން ލިބޭ ނަމަ އޭނާގެ ފަސްތަރީގެ ގެއަކީ ތަރައްޤީއެއްނޫނެވެ. ތަރައްޤީ ވާންވީ ތިމާއެވެ. އަޅާ ހެދުމެއް  ނޫނެވެ. އަރާ ބޫޓޭއްނޫނެވެ. ގެންގުޅޭ ފޯނެއް ނޫނެވެ. ބޭރަށް ފެންނަ ފެނުމެއް ނޫނެވެ. އިޖްތިމާއީ ރިވެތި އާދަތައް ނުހިފެހެއްޓޭނަމަ ތިމާ ބޭރުގެ ކަރަކަރައިން ގެންނަ ސެޓްފިކެޓްތަކުގެ ބޭނުމެއްނެތެވެ.

އިޖްތިމާއީ ހަމަތަށް ހިފެހެއްޓިގެންނޫނީ ތަރައްޤީގެ ރީތިކަމެއް ނުފެންނާނެއެވެ. ތަހުޒީބުގެ ފޮނިމީރުމަކެއްވެސް ނުލިބޭނެއެވެ. ތަމައްދުންގެ އަސަރެއްވެސް ނުފެންނާނެއެވެ.ނިމުނީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!