އޭ ޒުވާނުންނޭވެ. ކައިވެނި ކުރާށެވެ.

އެންމެހާ އިންސާނުންގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމް އުފެއްދެވީ މަށިންނެވެ. އެންމެހާ އިންސާނުންވެސް އުފައްދަވާފައިވަނީ މަށީންނެވެ. ދެޖިންސަށް ވާހެން ﷲތަޢާލާ އިންސާނުން އުފެއްދެވިއެވެ. އަނެހެނުންނާއި ފިރިހެނުންނެވެ. އެއަބަަޔަކު އަނެއްބަޔަކާއި ޖިންސުގެ ގޮތުން ތަފާތުވާގޮތުގައި ލެއްވެވުމާއި އެކު ދެޖިންސުގެ މީހުންގެ ތަބީއަތް ތަފާތުވާ ގޮތުގައި ލެއްވެވިއެވެ. އާދަމްގެފާނު އުފެއްދެވުމަށްފަހު އިންސާނީ ދަރިފަސްކޮޅު ދެމިގެންދާނެ ގޮތް ލެއްވެވުމަށްޓައި އާދަމްގެފާނުގެ އަރިކަށީގެ ކަށިކޮޅަކުން އެންމެހާ އިންސާނުންގެ މައިކަމަނާ ހައްވާ ޢަލައިހައް ސަލާމް ހެއްދެވިއެވެ.

އިންސާނީ ނަސްލު އޮޅިގެން ނުދާނެ ގޮތުން އިންސާނީ ނަސްލު ދެމިގެން ދިޔުމަށްޓަކައި އިސްލާމް ދީނުގައި ހަރުދަނާ ނިޒާމެއް ލައްވަވާފައިވެއެވެ. އެއީ ކައިވެންޏެވެ.ފަހެ ކައިވެންޏަކީ އެތަށް ގޮތަކުން ލިބޭ ރައްކާތެރިކަމެކެވެ. ދެވޭ ފަރުވާއެކެވެ. ކައިވެންޏަކީ މުސްލިމް މީހާގެ ދީނުގެ ދެބައިކުޅައެއްބައި ފުރިހަމަ ކޮށްދޭ ކަމެކެވެ. ރަސޫލާ صلي الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ.(من تزوج احرز نصف دينه فليتق الله في النصف الآخر) މާނައީ ހަމަކަށަވަރުން ކައިވެނި ކޮށްފިމީހާ އޭނާގެ ދީނުގެ ދެބައިކުޅައެއްބައި ލިބިގަނެފިއެވެ.އަނެއްބައި ލިބިގަތުމަށްޓަކައި އޭނާ ﷲއަށް ތަޤްވާވެރިވުންވެއެވެ.

ކައިވެންޏަކީ މަތިވެރިކަމެކެވެ. ރައްކާތެރިކަމެކެވެ. އިއްފަތްތެރިކަން ރައްކާތެރިކޮށްދޭނެ

ކިއްލާއެކެވެ. ރަސޫލާ صلي الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެެ. (يا مَعْشَرَ الشَّبَابِ مَنْ اسْتَطَاعَ منكمُ الْبَاءَةَ فَلْيَتَزَوَّجْ ، فَإِنَّهُ أَغَضُّ لِلْبَصَرِ ، وَأَحْصَنُ لِلْفَرْجِ ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ فَإِنَّهُ لَهُ وِجَاء) މާނައީ: އޭ ޒުވާނުންނޭވެ. ފަހެ ތިޔަބައި މީހުންގެ ތެރެއިން ކައިވެންޏެއް ކުރުމުގެ ކުޅަދާނަކަން ލިބިގެންވާ މީހާ ކައިވެނި ކުރާށެވެ. ފަހެ އެކަމަކީ ތިބާގެ ލޮލަށާއި ފަރުޖަށް ހުރި އެންމެ ރައްކާތެރި ގޮތެވެ. އަދި ހަމަ ކަށަވަރުން ކައިވެންޏެއް ކުރުމުގެ ކުޅަދާނަ ކަން ލިބިފައިނުވާ މީހާއަށް ވަނީ ރޯދަ ހިފުމެވެ. ފަހެ އެއީ އޭނާ އަށް ލިބިގެންދާނެ ރައްކާތެރިވާނެ ހަތިޔާރެކެވެ.

އޭޒުވާނުންނެވެ. ދަންނާށެވެ. އިސްވެ އެދިޔައީ ޒުވާނުންނަށް ﷲގެ ރަސޫލު صلي الله عليه وسلم ގޮވާލައްވާފައިވާ ގޮވާލެއްވުމެވެ. އަދިވެސް އެކަލޭގެފާނު صلي الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (النكاح سنتي فمن رغب عن سنتي فليس مني) މާނައީ: ކައިވެނި ކުރުމަކީ ތިމަން ރަސޫލާ صلي الله عليه وسلم ގެ ސުންނަތެކެވެ. ފަހެ ތިމަންކަލޭގެފާނުގެ ސުންނަތް ދޫކޮށްލާ މީހާއީ ތިމަންމެން ތެރެއިން ވާމީހެއްނޫނެވެ. އަޙުންނާއި އުޙްތުންނެވެ. ކައިވެންޏަކީ އިސްލާމްދީނުގައި މަތިވެރި ކަމެއް ދެއްވާފައިވާ ގުޅުމެކެވެ. ފަހެ އެކަމަކީ ސާލިޙް ދަރިފަސް ކޮޅެއް އުފެދުމުގެ އަސްލެވެ. ނާޖާއިޒް ގުޅުންތަކާއި ފާހިޝް މުންކަރާތް ތަކުން ރައްކާތެރިކޮށްދޭނެ އެއްމަގީ ކައިވެންޏެވެ.

ޒުވާނުންނެވެ. ކައިވެނި ކުރުމަކީ ސުންނަތެކެވެ. އެގުޅުމަށް ރައްކައުތެރިވެއްޖެނަމަ އެކަމުގެ ސަބަބުން ޘަވާބާ އަޖުރު ލިބޭނެކަމެކެވެ. ކައިވެންޏަކީ އެގުޅުމުގެ ސަބަބުން ދެނަފްސަށް ވެސް އެކަމުގެ ޤަރާރުކަން ލިބިގެންދާނެ ކަމެކެވެ. އެކަކު އަނެކަކުގެ ފަރާތުން ހިތްހަމަ ޖެހުމާއި މަވައްދަތު ލިބިގެންދާނެ އުފާވެރި ގުޅުމެކެވެ. ލޯތްބާއި އިޚްތިރާމް އަޅާލުމާއި އޯގާތެރިކަން އިތުބާރާއި ޔަޤީންކަމުގެ މައްޗަށް އުފެދިގެންދާ ރިވެތި ގުޅުމަށް މޮޅުކަން ގެނެސްދެނީ މަތިވެރިވެގެންވާ ދީނެވެ. ފަހެ ރަސޫލާ  صلي الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. (تُنْكَحُ الْمَرْأَةُ لِأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاك) މާނައީ ކައިވެނިކުރުމުގައި އަންހެނާގެ ފަރާތުން ހަތަރުކަމެއް ބަލާށެވެ.އޭނާގެ މުދާވެރިކަމާއި އޭނާގެ ހަސަބާއި ނަސަބު އަދި އޭނާގެ ރީތިކަމަށާއި ދީންވެރިކަމަށް ބަލާށެވެ. ފަހެ ދީންވެރިކަން ހުރި އަންހެނާ އިޚްތިޔާރު ކުރާށެވެ. އެހެންނޫންނަމަ ތިބާގެ އަތް ވެއްޔާ މޮޑެވި ހިނގައިދާނެއެވެ.

މުޖުތަމަޢުގައި ހިނގަމުންދާ ފާހިޝް އެތަށް ކަމެއް ހުއްޓުވުމަށްޓަކައި ދީނުގެ މަތިވެރި އުސޫލުތަކުގައި ހިފަމާތޯއެވެ. ކައިވެނިން ބޭރުގައި އަރައިގަންނަމުންދާ ފާފަތަށް ހުއްޓާލުމަށް ކައިވެންޏަކީ ރަނގަޅުމަގެކެވެ. ކައިވެނި ކުރުމަކީ އިއްފަތްތެރިކަން ލިއްބައިދޭނެ ފޭރަމެކެވެ. ޒުވާނުންނޭވެ. އިސްލާމްދީނުގެ މަތިވެރި އުސޫލުތަށްދޫކޮށް ހުޅަނގުގެ މުޑުދާރު އުސޫލުތަކުގައި ހިފުން ދޫކޮށްލަންޖެހެއެވެ. ކައިވެނީގެ ކުރިން ދަރިން ހޯދުމަކީ އިސްލާމީ އުސޫލެއްނޫނެވެ. ކައިވެނީގެ ކުރިން އަންހެނާއާއި ފިރިހެނާއަކީ ހިލޭ ދެމީހުންނެވެ. އެކަނިވެ އެކަހެރިވާ ކޮންމެ ވަގުތެއްގައި އިންސާނާގެ ޢަދުއްވު ޝައިތާނާ ތިންވަނަ މީހަކަށް ހާޒިރުވެ މަގުފުރައްދާނެއެވެ. ރައްކާތެރިވާށެވެ. ފާފަތަކަށް އަރައި ނުގަތުމަށްވާ އެއްމަގީ އެކަންކަމަށް މަގުފަހިވާކަންކަމުންވެސް ދުރުވެ ރައްކާތެރިވުމެވެ.

ނިމުނީ

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ތިޔަހެން ސުރުހީއެއްގެެ ދަށުން ކައިވެނިި ކުރަން ވަރަށް ރަނގަޅު ލިޔުމެއް ލިޔެވިދާނެ.
    ނަމަވެސް މިރާއްޖޭގައި ލަދު ހަޔާތް ހުރި ފިރިހެނަކަށް ކައިވެނި އެއީ ވަރަށް އުނދަގޫ މަރުހަލާއެއް.
    ސަބަބަކީ އަންހެނުުންތައް ހުސްކޮށް ނުތިބުން.
    ކައިވެނިކޮށްގެން ނުވަތަ ފިރިހެނަކާ ރައްޓެހިވެގެން އަންހެނަކު ވިއްޔަ އުޅެނީ. އެހެން ނޫނަސް އަންހެނުުން ނޫޅޭ ކައިވެނި ކުރާނެ މީހަކު ނުވެގެންނެއް.
    ފިރިހެނުން ރޯމަހެއް މަރަށް ތެޅޭހެން އަންހެނަކު ނުލިބިގެން ތެޅެނީ.
    ލަދުހަޔާތް ކުޑަ ފިރިހެނުން އަންހެނުންނަށް ރަނގަޅީ.
    ރަނގަޅުު ފިރިހެނަކުު އަންހެނުންނަކަަށް ކަމަކުު ނުދޭ.
    ރާއްޖޭގައި އަންހެނުން ވަނީ ލަދު ހަޔާތް ކަނޑާލާފައި އަންހެނުން ފަހަތުން ދުވާާ ފިރިހެނުންނަށް.
    ރަނގަޅު ފިރިހެނަކު އަންހެނަކު ބޭނުމެއްވެސަ ނުވޭ.
    މިރާއްޖޭގައި އަހަރެންނަކަށް ތިކަމެއް ވާކަށް ނެތް.

  2. އަންހެނުންގެއެއް ނޫން ހަމަ އެކަނި ލަދުހަޔާތް ނެތީކީ. ފިރިހެނުންނޯ؟ އުމުރުން 14 އަހަރުނުވަނީސް މަގުމަތީ ކޮންމެވެސް ކަންމައްޖެއްގަ ހުރެގެން މަގުމަތީގަ ދާހާ އަންހެނަކާ ނުބެހެންޖާ ފިރިހެނަކަށް ނުވޭ މިހާރަކު. ގަޓު ހުރި މީހެއްކަން ދެއްކެންވެގެން ނޯ. މަައިންބަފައިން އެބަ ވިސްނަންޖެހޭ މިކަމާވެސް. ފިރިހެންކުދިންނަށް މާދޫކޮއްލައިިގެން އަންހެންކުދިން މާ ބޮޑަށް ވިއްދާލައިގެން ގެންގުޅުނީމަ މުޖުތަމައަށް ނުކުންނަނީ މުޅިން ސަކަރާތް ކުދިން. އަވައްޓެރި އިންޑިޔާއަށް ބަލައިލުމުން ދަރިންގެ މެދުގައި ޖިންސަށް ބަލައިގެން ދަރިންގެ މެދުގަ މާ ބޮޑަށް ތަފާތުކުރުމުން ވާގޮތް ރީތިކޮށް ފެންނާނެ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!