އީމާންކަމުގެ ޓެސްޓު

މިޒަމާނުގެ ތަރައްޤީވެފައިވާ ޤައުތަކުގައި ދިރިއުޅޭ ގިނަ މީހުން، ބައްޔެއް ނުޖެހުނުކަމުގައިވިޔަސް، އާންމުގޮތެއްގައި އަހަރަކު އެއްފަހަރު މުޅި ހަށިގަނޑުގެ މެޑިކަލް ޗެކަޕެއް ހަދައެވެ. މިކަން ކުރަނީ ހަށިގަނޑުގެ އެއްވެސް ހިސާބެއްގައި ބައްޔެއް ހުރިކަން ނުވަތަ އުފެދެންއުޅޭކަން އަވަހަށް ދެނެގަނެ، ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމުގެ ގޮތުންނެވެ.

ބަލަމާހިނގާށެވެ! މެޑިކަލް ރިޕޯޓުން ހަށިގަނޑު އެއްވެސް ހިސާބެއްގައި ނުރައްކާތެރި ބައްޔެއްގެ ޢަލާމާތެއް ހުރިކަމަށް ދައްކައިފިނަމަ، ރައްކާތެރިކަމުގެ ގޮތުން އެމީހަކު ޢަމަލުކުރަންވީގޮތުގެ އިރުޝާދު ޑޮކްޓަރުން ދެއްވާނެއެވެ. އަދި ވަރަށް ގިނަފަހަރު އެބައްޔާ ދެކޮޅަށް ބޭނުންކުރާނެ ބޭސްވެސް ލިޔެދެއްވާނެއެވެ. އެބަލީގެ ޢަލާމާތްތައް ނުފިލާހައި ހިނދަކު، ރައްކާތެރިކަމުގެ ފިޔަވަޅާއި، ފަރުވާ މެދުކެޑުމެއްނެތި ކުރިއަށް ގެންދަން ޖެހެއެވެ. ބައެއްފަހަރު އިންސާނާގެ ފަހު ނޭވަޔާއި ހަމައަށްވެސް މި މަސައްކަތް ކުރިއަށްގެންދަން ޖެހެއެވެ.

ހަމަ މިބީދައިން ކޮންމެ މުސްލިމަކުވެސް އެމީހެއްގެ “އީމާންކަމުގެ ޓެސްޓު” ބަރާބަރަށް ހަދަންޖެއެވެ. މި ޓެސްޓު ހަދަން ޖެހެނީ ޖިސްމާނީ ޓެސްޓުގޮތަށް އަހަރަކު އެއްފަހަރަކު ނޫނެވެ. އަދި ކިއެއްތަ! ދުވާލަކު ފަސްފަހަރު ކޮންމެ ނަމާދެއްގެ ވަގުތުގައެވެ. ފަހަރެއްގައި މީހަކު ސުވާލު ކޮށްފާނެއެވެ. އެހާ ގިނައިން “ޓެސްޓު” ހަދަންޖެހެނީ ކީއްވެ ހެއްޔެވެ؟ ޖަވާބަކީ ބަލިޖެހުމުގެ ފުރުޞަތު ބޮޑުކަމުންނެވެ. ހަށިގަނޑަށް ކާނާ ބޭނުންވަނީ އާންމުގޮތެއްގައި ރެއަކާއި ދުވާލު ތިން ފަހަރުއެވެ. ނަމަވެސް ސީދާ މަގުން ކައްސައިލުމުގެ ފުރުސަތު ކޮންމެ ސިކުންތަކުވެސް އޮވެއެވެ. އެހެންކަމުން މަގުފުރެދުމުން ރައްކާތެރިވުމަށްޓަކައި ކޮންމެ ދުވަހަކުވެސް މަދުވެގެން ސަތާރަ ފަހަރު (اهْدِنَا الصِّرَاطَ الْمُسْتَقِيمَ) ގެ “އެންޓިބަޔޮޓިކް” ބޭނުންކުރަން ޖެހެއެވެ.

އީމާންކަމުގެ މައްޗަށް ހަމަލާދޭ އެންމެ ނުރައްތެރި ބައްޔަކީ ނިފާޤެވެ. ނަމާދަކީ މިބަލި ހުރިކަން ވަގުތުން ދެނެގަނެވޭނެ “ޓެސްޓެކެވެ.” ބަންގީގެ އަޑު ކަންފަތުގައި ޖެހުމުން މީހާގެ ހިތުގައި އުފާވެރިކަމާއި ހިތްހަމަޖެހުން އުފެދުމުގެ ބަދަލުގައި ކަންނެތްކަމާއި ނުތަނަވަސްކަމާއި ބަރުހެލިކަމުގެ އިޙުސާސްތައް އުފެދޭނަމަ އެއްވެސް ޝައްކެއްނެތް ގޮތުގައި އެމީހަކަށް އެވަނީ ނިފާޤުގެ “ވައިރަސް” ޙަމަލާދީފައެވެ.

ދެން އޮތް ސުވާލަކީ މިބަލީގެ އަސަރުތައް ފެނިއްޖެނަމަ އޭގެ ފަރުވާއަކީ ކޮބައިތޯއެވެ؟ ޖަވާބަކީ އާޚިރަތުގެ މަތިން ހަނދާންކުރުމާއި، ﷲ ތަޢާލާގެ ކުރިފުޅުމައްޗަށް ހުއްޓި ޖަވާބުދާރީ ވާންޖެހޭނެކަމުގެ ތަޞައްވުރެވެ. މިތަޞައްވުރު ވަރުގަދަވީ މިންވަރަކުން ހެޔޮކަމުގެ މަގުގައި ހިނގުމަށް ފަސޭހަވެގެންދާނެއެވެ. ކީރިތި ޤުރުއާނުގެ މާނައަށް ވިސްނައި ފިކުރުމަށްވުރެ މޮޅު ގޮތެއް މިތަޞައްވުރު ވަރުގަދަކުރުމަށްޓަކައި ނުވެއެވެ.
______________________
އަޞްލު ލިޔުއްވީ: އަބޫ މުޙައްމަދު މުޞްޢަބް
ތަރުޖަމާ: އިނާޒް ޢަދުނާން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!