ކިޔަން ތި އުޅެނީ ރަނގަޅު އެއްޗެކެވެ. ނަމަވެސް ތި ކިޔެނީ ގޯސް އެއްޗެކެވެ.

ތައުޙީދުގެ ކަލިމަ (لا إله إلا الله) އަކީ މުސްލިމުންގެ ދުލުން އަބަދާއި އަބަދު ނިކުންނަ ކަލިމައެކެވެ. އެންމެ މޮޅު ޛިކްރެވެ. ސުވަރުގޭގެ ތަޅުދަނޑިއެވެ. ތައުޙީދުގެ ކަލިމައިގެ މާނަ ދިވެހި ބަހަށް ތަރުޖަމާކުރާއިރު އޮންނަނީ “ﷲ މެނުވީ އިލާހަކު ނުވެއެވެ” މި އިބާރާތެވެ. މިއީ މި ކަލިމައިގެ މާނައެވެ. ނަމަވެސް މި ކަލިމައިގެ މާނަ މިވަނީ ލަފްޒުން ލަފްޒަށް ތަރުޖަމާ ކޮށްފައެއް ނޫނެވެ. އެއްބަހުން އަނެއް ބަހަށް ތަރުޖަމާކުރާއިރު ލަފްޒުން ލަފްޒަށް ތަރުޖަމާ ނުކުރެވެންވީ ސަބަބުތައް ބައިވަރު އެބަ ހުއްޓެވެ. އެހެންނަމަވެސް އޭގެތެރެއިން އެންމެ ފާހަގަކޮށްލެވޭ ސަބަބަކީ، ލަފްޒުން ލަފްޒަށް ތަރުޖަމާކޮށްފިނަމަ، ޖުމުލައިގެ ލަފުޒުތަކުގެ ތަރުތީބު އޮޅުމެވެ. އެހެން އިބާރާތަކުން ބުނާނަމަ، ޖުމުލައިގެ ފަށުވިކަން ގެއްލުމެވެ. އެހެންކަމުން “لا إله إلا الله” ލަފްޒުން ލަފްޒަށް ތަރުޖަމާ ކޮށްފިނަމަ ކިޔޭނީ  “ނުވެޔޭ  އިލާހަކު  މެނުވީ  ﷲ”  އެވެ.

އިންސާނުންނަކީ އަބަދުވެސް ފަސޭހައިގަ ހިފާ ބައެކެވެ. ދިގު ބަސްތައް ކުރުކުރުމަކީ އިންސާނުންގެ އާދައެކެވެ. ކުޑަކުޑަ މިސާލަކަށް ބަލައިލަމާތޯއެވެ. އިނގިރޭސި ބަހުން “އޯކޭ” އުފެދިގެން އައީ “އޯލް ކަރެކްޓް” ކުރުކޮށްލުމުންނެވެ. ދިވެހިންގެ ތެރޭގައިވެސް މިކަހަލަ މިސާލުތައް ބައިވަރެވެ. މީގެތެރެއިން އެއް މިސާލަކީ ތައުޙީދުގެ ކަލިމައެވެ. މި ކަލިމަ ކުރުކޮށްގެން ބައެއް މީހުން “ލާ” އަނެއް ބަޔަކު “ލާ އީ” އަނެއް ބަޔަކު ލާ އިލާހަ” އަދި އަނެއް ބަޔަކު ރީތިކޮށްލަން “ލާ އިލާހީ” ވެސް ކިޔާ އުޅެއެވެ. މިއީ އާންމުކޮށް އަޅުގަނޑުމެންނަށް މި މުޖުތަމައުން އިވޭ އަޑުތަކެވެ. އެހެންނަމަވެސް މި ކުރު ކުރު ޖުމުލަތަކުގެ އަސްލަށް ބަލައިލަމާހެއްޔެވެ؟

ބަހެއް ކުރުކުރުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް ބަހެއް ކުރުކުރުމުގެ ސަބަބުން ބުނަން އުޅުނު ވާހަކައިގެ މާނަ ބަދަލުވާނަމަ، އެއީ މައްސަލައެކެވެ. “ﷲ މެނުވީ އިލާހަކު ނުވޭ” ބުނަން އުޅެނިކޮށް “އިލާހަކު ނުވެޔޭ” ބުނުން އެއީ ވަރަށް ބޮޑު ގޯހެކެވެ. ތައުޙީދުގެ ކަލިމަ ކިޔަން އުޅެނިކޮށް ޝިރްކުގެ ކަލިމައެއް ކިޔެނީއެވެ. މިއީ އަޅުގަނޑުމެން ވިސްނާލަން ވަރަށް މުހިންމު ކަމެކެވެ. އެކަމަކާއިމެދު ފަރުވާތެރިވާންޖެހޭ މުހިންމު މައްޞަލައެކެވެ.

އަރަބި ބަހުގައި “ލާ” ގެ މާނަ އަކީ ނަފީއެވެ. މާނައަކީ ނޫނެކެވެ. “ލާ އިލާހަ” ގެ މާނައަކީ ނުވެޔޭ އިލާހަކުއެވެ. އަދި ޖުމްލަ ފުރިހަމަވާނީ “އިއްލަ ﷲ” ކީމައެވެ. މާނައަކީ މެނުވީ ﷲ އެވެ. ތައުޙީދުގެ ކަލިމައިގައި ދެ ބައެއް ވެއެވެ. އެއީ ނަފީ އާއި އިސްބާތެވެ. ފުރަތަމަ ބައިގައި “ލާ އިލާހަ” އޭ ބުނެ ހުރިހާ އިލާހުން ނަފީކުރަނީއެވެ. ދެވަނަ ބައިގައި “އިއްލަ ﷲ” އޭ ބުނެ ހަމަ އެކަނި ﷲ އައް އިލާހުވަންތަކަން ސާބިތު ކުރަނީއެވެ. މިއީ އަރަބި ބަހުގެ ބަސްމަގު އަތުރާލެވިފައިވާ ތަރުތީބުގެ ކުޑަ މިސާލެކެވެ.

 ކިތަންމެ މާތް ބަހެއް ބުންޏަސް، އެ ބުނި އެއްޗެއް އެނގޭނީ އެ ބުނި ބަސް އެނގިގެންތާއެވެ. ބަހަކުން އެއްޗެއް ބުނާއިރު އެ ބުނެވޭ އެއްޗެއްގެ މާނަޔާއިމެދު ވިސްނާލުން މިއީ ކިހާ މުހިންމު ކަމެއް ހެއްޔެވެ؟ މިއީ އޭގެ ކުޑަ ކުޑަ، އެހެންނަމަވެސް އެހާމެ މުހިންމު މިސާލެކެވެ. އަޅުގަނޑުމެން އިސްލާމް ވުމަށް ކީ ބަހުގެ މާނަ އެނގުން ކިހާ މުހިންމު ތޯއެވެ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!