ސްމަރޓްފޯނުން ރީތި އަދި މޮޅު ފޮޓޯ ނަގާނީ ކިހިނެތް؟ (ފުރަތަމަ ބައި)

ސްމަރޓްފޯނަކީ މިހާރަކަށް އައިސް ގިނަ މީހުންގެ އަތުގައިހެން އޮންނަ އެއްޗެކެވެ. ހާއްސަކޮށް ޒުވާނުންގެ އަތުގައެވެ. ފޮޓޯނެގުމަށާއި އަދި އެހެނިހެން މުހިއްމު ބޭނުންތަކަށެވެ. އަލަށް ނެރޭ ކޮންމެ ފޯނެއްގައިވާ ކެމެރާގެ ފެންވަރު ކުރީގެ ފޯނުތަކަށް ވުރެ ރަނގަޅުވެފައި ފެންވަރުމަތިވެއެވެ. ނަމަވެސް، ޑިޖިޓަލް ކެމެރާ ތަކަށްވުރެއް ފޯނުތަކުގައިވާ ކެމެރާތަކަކީ އޭގެ ހާޑުވެއާ ދަށް ކެމެރާތަކެކެވެ. ޑިޖިޓަލް ކެމެރާ ތަކުގައި ހުންނަފަދަ ލެންސް ފޯނުތަކުގައި ނުހުރެއެވެ. އަދި ލެންސް ބަދަލުކުރުމުގެ ގާބިލުކަމެއް ވެސް ނުހުރެއެވެ. ފޯނުތަކުގައި ހުންނަ ސޮފްޓްވެއަރ ތަކަށްވުރެ ކޮންޕިއުޓަރ ގައި ހުންނަ ސޮފްޓްވެއަރ ފޮޓޯ ރީތިކުރުމަށް ލައްކަ ތަން ރަނގަޅެވެ. ނަމަވެސް ފޯނުގެ ކެމެރާ ބޭނުންކޮށްގެން ރީތި ފޮޓޯ ނެގޭގޮތްތައް ހުރެއެވެ. އަދި ފޮޓޯ ރީތި ކުރެވޭނެގޮތްތައް ވެސް ހުރެއެވެ. މިގޮތުން މި އަލިއަޅުވާލާ ބައެއް ކަންކަމުގެ އިތުރަށް އެހެނިހެން ކަންކަންވެސް ހުންނާނެއެވެ.

  • ކެމެރާގެ ލެންސް ސާފުކޮށް ބެހެއްޓުން

lens-clean

އާންމުގޮތެއްގައި ފޯނަކީ ޖީބަށް ނުވަތަ ޕާސް އަށް ލައިގެން ގެންގުޅޭ އެއްޗެކެވެ. އަދި އެކިތަންތާގައި ބޭއްވޭ އެއްޗަކަށްވުމުން ހިރަފުހާއި އަތުގައި ހުންނަ ތެލާއި އެކިއެކި އެއްޗެހީގައި ހުންނަ ކުނޑި އުނގުޅޭނެއެވެ. އެހެންކަމުން، ސާފުކުރުމަށްޓަކައި ކުޑަ ފޮތިކޮޅެއް ގެންގުޅޭށެވެ. ނޫންނަމަ ލައިގެންހުންނަ ހެދުމުން ނުވަތަ ގަމީހުން ފޮހެލާށެވެ. މިކަމަކީ މީހުން އާންމުކޮށް ކޮށްއުޅޭކަމެއް ނޫނެވެ. ނަމަވެސް ފޮޓޯނެގުމުގެ ކުރިން ކެމެރާ ސާފުކޮށްލުމަށް ހަނދާން ބަހައްޓާށެވެ. އޭރުން ނަގާ ފޮޓޯތައް ނުސާފުވުމުން ދުރުވާނެއެވެ.

  • ކެމެރާގެ އިންހަމަތައް (ސެޓިންގސް) ދަސްކުރުން

settings

އެކި ކެމެރާތަކުގެ އިންހަމަތައް ތަފާތުވެ އޭގެ މިންވަރާއި ފަންވަރު ވެސް ތަފާތުވާނެއެވެ. ނަމަވެސް އާންމުގޮތެއްގައި ހުންނާނީ އެއްކަހަލައިގެ އިންހަމަތަކެކެވެ. ފޮޓޯ ނެގުމުގެ ކުރިން މި ހުރިހާ އިންހަމަތައް ދަސްކޮށް އެއިގެން ކުރެވޭ ބޭނުންތައް އެނގުން މުހިއްމެވެ. އެގޮތުން ސެލްފް ޓައިމާ އާއި މިޓަރިންގ މޯޑާއި އެންޓި ޝޭކިން އާއި ފޮޓޯގެ ސައިޒާއި ވޮލުމް ފިތުން ފޮޓޯނެގުމާއި އަދި މިނޫނަސް އެހެނިހެން އިންހަމަތަކާއި ކުޅެ ދަސްކުރުމުން އެހާލަތަކާއި އަދި ވަގުތަކާއި ގުޅޭގޮތަށް ފޮޓޯނެގުމަށްޓަކައި ސިކުނޑި މަސައްކަތް ކުރާނެއެވެ.

  • އޮޓޮމެޓިކް މޯޑުން ފޮޓޯނެގުން މަދުކޮށް މެނުއަލް މޯޑުން ނެގުން

manual

ފޯނުގެ ކެމެރާގައި އިންނަ އޮޓޮމެޓިކް މޯޑުން ބައެއްފަހަރު ރީތި ފޮޓޯ ނެގެއެވެ. ނަމަވެސް މެނުއަލްކޮށް އިންހަމަ (ސެޓިންގސް) ބަދަލުކުރުމުން އެ ވަގުތަކާއި އަދި ތަނުގެ އަލިކަމާއި ގުޅޭގޮތަށް ރީތި ފޮޓޯ ނެގޭނެއެވެ. އެގޮތުން އަނދިރި ގަޑީގައި އައި.އެސް.އޯ އަދި އަލީގެ މިންވަރު އިތުރު ކުރުމުން ފޮޓޯ ރީތި ވެއެވެ. ފޮޓޯނަގައިދޭ އަވަސްމިން ދަށްކުރުމުން ދަތުރުކުރާ ގިނައަލިތަށް ކެމެރާއަށް ނަގައިދީ ދެމިގެންދާ ފަދަގޮތަކަށް އަލިތަކުގެ ފޮޓޮއެއް ނަގައިދޭނެއެވެ. މެނުއަލް މޯޑުން ފޮޓޯނަގައިދޭ އަވަސްމިނާއި އަލީގެ މިންގަނޑާއި ފޮޓޯގެ ކުލަވަރާއި އަދި ފްލެޝްގެ އިންހަމަތަށް ބަދަލުކުރެވޭނެއެވެ.

  • ކެމެރާ ނުތެޅޭގޮތަށް ހިފަހައްޓައިގެން / ހަރުކޮށްގެން ފޮޓޯ ނެގުން

tripod

ފޮޓޯ ނަގާ ވަގުތު ފޯނު ތެޅޭގޮތްވާނަމަ ފޮޓޯ ނުސާފުވެއެވެ. އެހެންކަމުން ގުޑުން ނާރާނެ ގޮތަކަށް ފޯނު ގެންގުޅެންވާނެއެވެ. ފޯނު ޓްރިޕޮޑެއްގައި ނުވަތަ އެހެން ގޮތަކަށް ހަރުކޮށްގެން ފޮޓޯނެގުން ރަނގަޅުވާނެއެވެ. އަތުން ފޯނު ހިފަހައްޓައިގެންހުރެ ގަޔާއި ދުރުކޮށްގެން ނަގާނަމަ ބެލެންސްކުރަން އުނދަގުވުމުން ފޮޓޯ ނުސާފުވުން އެކަށީގެންވެއެވެ. އުޅަނބޮށި ބޭނުންކޮށްގެން ބެލެންސް ކުރެވިދާނެއެވެ. އެއް އަތުން ފޯނު ހިފަހައްޓައި އަނެއް އަތުން ފޮޓޯ ނެގުމުންވެސް ފޮޓޯ ނުސާފުވުމުން ދުރުވެއެވެ. އެހެނީ، ފޮޓޯ ނަގާ ފިތުން ނުވަތަ ސްކްރީނުން ދޫކޮށްލުމުން ނޫނީ ފޮޓޯ ނުނެގޭނެތީއެވެ.

  • ޒޫމް ނުކޮށް ފޮޓޯ ނެގުން

zoom

ފޯނުގެ ކެމެރާގައި ޒޫމް ކޮށްދިނުމުގެ ގާބިލުކަން ހުރެއެވެ. ނަމަވެސް އެ ޒޫމް އަކީ އާންމުގޮތެއްގައި ޑިޖިޓަލް ޒޫމްއެކެވެ. އެހެންވުމުން ފޮޓޯގެ މައުލޫމާތުތަށް ގެއްލި ފެންވަރުދަށްވެއެވެ. އެއީ ފޮޓޯ ކްރޮޕް ކޮށްލުން ފަދަ ކަމެކެވެ. ޒޫމް ކުރުމަށްވުރެ ފޮޓޯ ނެގުމަށްފަހު ކްރޮޕް ކުރުން މާ ރަނގަޅުވާނެއެވެ. ޒޫމްކޮށްގެން ފޮޓޯނަގާއިރު ކެމެރާއަށް ފެންނަ މަންޒަރު ތެޅޭގޮތް ވުމުން، ފޮޓޯ ނުސާފުވެ ހަނޑިވުމުގެ ފުރުސަތު ބޮޑުވެއެވެ. އޮޕްޓިކަލް ޒޫމް ކުރެވޭނަމަ ޒޫމް ކުރުން އެދެވިގެން ވެއެވެ. ނަމަވެސް އޮޕްޓިކަލް ޒޫމް ކުރެވޭނީ އިތުރު ލެންސެއް ބޭނުން ކޮށްގެންނެވެ.

  • އެޗް.ޑީ.އާރ އަދި ނައިޓް މޯޑު ބޭނުންކުރުން

hdr

އެޗް.ޑީ.އާރ (High-dynamic-range)

އަދި ނައިޓް މޯޑުން ކޮށްދޭކަމަކީ އަލިގަދަ ތަންތަނާއި އަނދިރި ތަންތަން ފާހަގަކޮށް އެތަންތަނުގެ ތަފްސީލު ދެނެގަނެ ރީތި ފޮޓޮއެއް ނަގައި ދިނުމެވެ. އެހެނީ، އަލިގަދަ ތަންތަނާއި އަނދިރި ތަންތަނުގެ ކުލަ އާއި އަލި ބެލެންސްވާނެގޮތަކަށް ފޮޓޯނަގައި ދިނުމެވެ. އެގޮތުން އިންސާނާގެ ލޮލަށް މަންޒަރު ފެންނަފަދަ ގޮތަކަށް މުޅިފޮޓޯގެ ކުލަވަރު ރީތިކޮށްދެއެވެ. މިއީ ހުރިހާ ކެމެރާއެއްގައިހެން އިންނަ މޯޑުތަކެކެވެ. މަލަމަތިތަކާއި ދުރުތަންތަނާއި އަދި އަލިކަމާއި އަނދިރިކަން ގިނަ ތަންތަނުގެ ފޮޓޯނެގުމަށް ރަނގަޅު މޯޑުތަކެކެވެ. ނަމަވެސް، އަވަހަށް ދަތުރުކުރާ ނުވަތަ ހަރަކާތްކުރާ އެއްޗެހީގެ ފޮޓޯ ނެގުން ރަނގަޅު މޯޑުތަކެއް ނޫނެވެ.

  • ފޮޓޯ ނަގަން އެހެން ސޮފްޓްވެއަރ އެއް ބޭނުންކުރުން

camera-app

ފޯނު ގަންނައިރު އިންނަ ކެމެރާ ސޮފްޓްވެއަރ ނޫނަސް އެހެން ބައިވަރު ސޮފްޓްވެއަރ ތަޖުރިބާކޮށްލުން ރަނގަޅެވެ. މިސާލަކަށް Open Camera, Camera Zoom FX, Camera FV-5, Pro Camera, Manual Camera, Camera360, Camera+ ފަދަ ސޮފްޓްވެއަރ ތައް ބޭނުން ކުރެވިދާނެއެވެ. މި ސޮފްޓްވެއަރ ތަކުގައި ހުންނަ ފީޗާތަކާއި އިންހަމަތަށް ފޯނުގައި އިންނަ ކެމެރާއަށްވުރެއް އިތުރުވާނެއެވެ. މީގެ އިތުރުންވެސް އެހެން ރަނގަޅު ސޮފްޓްވެއަރ ތަށް އެކި ފޯނުތަކަށް ހުންނާނެއެވެ. މި ސޮފްޓްވެއަރ ތަކުން މެނުއަލްކޮށް އިންހަމަ (ސެޓިންގސް) ބަދަލުކޮށްގެން ރީތި ފޮޓޯ ނެގޭނެއެވެ. އެގޮތުން ފޮޓޯ ނަގައިދޭ ސްޕީޑާއި އައި.އެސް.އޯ އާއި ވައިޓް ބެލެންސް އަދި ފޯކަސް ފަދަ މުހިއްމު އެއްޗެހީގެ އިންހަމަ ބަދަލު ކުރެވޭނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!