ލޯބީގެ އެންމެ ފުރިހަމަ ނަމޫނާ..

ލައިލާ މަޖުނޫނުގެ ވާހަކަ އަޑުއެހީމެވެ. ޝީރީން އާއި ފަރުހާދުގެ ވާހަކަވެސް ދައްކާތީ އެހީމެވެ. ހިޔަލަޔާއި ދޮން އަލިފުޅުގެ ވާހަކައިގެ ތަމްސީލުވެސް ދެކުނީމެވެ. ކޮންމެ ވާހަކައަކީވެސް ލޯބީގެ ވާހަކައެކެވެ. އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވީ ބައެއްގެ ވާހަކައެވެ. އެކަކު އަނެކަކަށްޓަކައި ފުރާނަ ނަގައިލި ބައެއްގެ ވާހަކެއެވެ. އެއީ ލޯބީގެ ވާހަކަތަކެކެވެ ނަމަވެސް އޭގައި އުރެދުމާއި ނުބައިކަން ވާ ވާހަކަ ތަކެކެވެ.
އެހެން ނަމަވެސް މިވާހަކަ މާރީއްޗެވެ. ލޯބި އޭގެ އެންމެ ރިވެތި ގޮތުގައެވެ. އޭގެ އެންމެ ފުންމިނުގައެވެ.މިވާހަކަ މާރީއްޗެވެ. ލޯބީގެ ފުރިހަމަ ވާހަކައެކެވެ.މަތިވެރި މިޡާލެކެވެ. ލޯބި އެންމެ ލޯބީ މީގައެވެ.
ރަސޫލާ صلي الله عليه وسلم އާއި އެކަލޭގެފާނުގެ ލޮބުވެތި އަނބި ކަނބަލުން އައްސައްޔިދާ ޢާއިޝާ رضي الله عنها ގެ ވާހަކައެވެ. ހަމަކަށަވަރުން މުޙައްމަދު صلي الله عليه وسلم އީ އެންމެ ކާމިލް އެންމެ ފުރިހަމަ އިންސާނާއެވެ. ލޯބިވުމާއި ލޯބި ދެއްވުމުގެ އެންމެ ފުރިހަމަ ގޮތް އެކަލޭގެފާނު ފުރިހަމައަށް ދެނެލައްވާނެއެވެ.އެކަލޭގެފާނު ވަނީ ލޯތްބާއި ހަނާނަތުގެ އެންމެ ފުރިހަމަ މިސާލު ދައްކުވައިދީފައެވެ. އެކަލޭގެފާނު ޢާއިޝާ رضي الله عنها އަށް ޚާއްސަ ލޯތްބެއް ދެއްވިއެވެ.އެދެކަނބަލުންގެ ލޯބިވެތި ވާހަކައަކީ ފުރިހަމަ މިސާލެކެވެ. ލޯބި އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެންދާ ވާހަކައެކެވެ.
ރަސޫލާ صلي الله عليه وسلم ޢާއިޝާ رضي الله عنها ލޯބިކުރައްވާ މިންވަރަކީ އެކަލޭގެފާނު އެކަމަނާގެ ރުހުމާއި ނުރުހުމުގެ ހާލަތު ފާހަގަ ކުރައްވައި ވަކިކުރައްވައެވެ. އެކަމަނާގެ ހިތްޕުޅު ހަމަޖެހިގެންވުމާއި ނުވުން ދެނެލައަވައެވެ. އެކަލޭގެފާނު އެކަމަނާ ޢީރަތްތެރިވާ ޙާލަތުގައި އެކަންވެސް ދެނެ ލައްވައެވެ. އެއްދުވަހަކު އުއްމު ސަލަމާ ރަސޫލާ صلي الله عليه وسلمއަށާއި އެކަލޭގެފާނުގެ އަސްޙާބުންނަށް ކާތަކެތީގެ ސުފުރާއެއް ގެނެސް ދެއްވިއެވެ. ރަސޫލާ صلي الله عليه وسلم އެސުފުރާއާމެދު ސުވާލުކުރެއްވެވިއެވެ.އެހިނދު އަޞްޙާބުން އެއީ އުއްމު ސަލަމާ ގެންނެވި އެއްޗެއްކަމަށް ދެންނެވިއެވެ. ހަމަ އެވަގުތު ޢާއިޝާ رضي الله عنها ވެސް ސުފުރާއަކާއި އެކު ވަޑައިގެންނެވިއެވެ. އެވަގުތު ރަސޫލާ صلي الله عليه وسلم ދެސުފުރާ އެއްކޮށްލައްވާ އެކަލޭގެފާނުގެ އަޞްޙާބުންނަށް ކެއުމަށް ވިދާޅުވިއެވެ. އަދި އެވަގުތު ދެކަނބަލުންގެ މެދުގައި އެދެކަނބަލުންގެ ސުފުރާ ބަދަލުކުރެއްވެވިއެވިއެވެ.

ރަސޫލާ صلي الله عليه وسلم އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން އައްސައްޔިދާ ޢާއިޝާ رضي الله عنهاއަށް ގޮވާލައްވާ ނަމެއްކަމުގައި ޢާއިޝް ހެއްދެވިއެވެ.އަދި އެކަލޭގެފާނު ޢާއިޝާ رضي الله عنها އާއެކު ކައިބޮއެ ހެއްދެވިއެވެ. ޢާއިޝާ رضي الله عنها މަސް ކެއުމަށްފަހު ބަހައްޓަވާ ކަށިކޮޅުކޮޅުން މަސް ނައްޓަވައިގެން ރަސޫލާ صلي الله عليه وسلم ކޭން ބައްލަވާކަމަށްވެއެވެ.ލޯތްބަކީ އެއީއެވެ. ގާތްކަމަކީ އެއީއެވެ.ޢާއިޝާ رضي الله عنها ގެ އަރިހުގައި ރަސޫލާ صلي الله عليه وسلم ރޭގަނޑުގެ ވަގުތުގައި ވާހަކަފުޅުދެއްކެވުމުގައި ބައެއްފަހަރު ހޭދަކުރައްވައެވެ. އެކަމަނާގެ ވާހކަތައް އަޑުއައްސަވައެވެ.ލޯތްބަކީ މިއީއެވެ. އަންހެނާގެ ވާހަކަތައް ފިރިމީހާ އަޑުއެހުމެވެ. އެކަނި ވަގުތު ހޭދަކުރުމެވެ. ގޭތެރޭގެ ކަންކަމުގައި އަނބިމީހާއަށް އެހީތެރިވެދިނުމެވެ. އަތްގާތްކޮށްލައި ދިނުމެވެ. ފަހެ ރަސޫލާ صلي الله عليه وسلم ވަނީ އެކަމުގެ މަތިވެރި މިސާލުވެސް އުއްމަތަށް ދައްކުވާފައެވެ. ޢާއިޝާ رضي الله عنها އަށް ރަސޫލާ صلي الله عليه وسلم ވަނީ ގޭތެރޭގެ ބައެއް ކަންކަމުގައި އެހީތެރިވެދެއްވާފައެވެ.
ފަހެ ރަސޫލާ صلي الله عليه وسلم ވަނީ އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝާ رضي الله عنها އުފާވެރި މުނާސަބަތުތަކުގައި އުފާ ފާޅުކުރުމަށް ފުރުޟަތުދެއްވާފައެވެ. ޢީދުގެ އުފާ ފާޅުކުރެވެމުން ދިޔަ ދުވަހެކެވެ. އަބޫބަކުރު رضي الله عنه ރަސޫލާ صلي الله عليه وسلمގެ ގަނޑުވަރަށް ޒިޔާރަތް ކުރެއްވެވި ވަގުތެކެވެ. އޭރު ކުޑަ ދެއަންހެން ކުއްޖަކު ތާރަ ޖަހަމުން ލަވަ ކިޔަމުން ދިޔައެވެ. ރަސޫލާ صلي الله عليه وسلم ވެސް އޭރު ހަމަ އެތަނުގައި އޮންނެވި ކަމަށްވެއެވެ. އަދި އަބޫބަކުރު رضي الله عنه ޢާއިޝާ رضي الله عنها ގެ އެޢަމަލު ފުޅާމެދު ނުރުހުން ފާޅުކުރެއްވުމުން ރަސާލާ صلي الله عليه وسلم ޙަދީޘް ކުރެއްވެވިއެވެ. (.”دعهما يا أبا بكر، فإنها أيام عيد”އޭއަބޫބަކުރެ ވެ.އެކުދިން ކުޅުނަދޭށެވެ. ފަހެ އަދަކީ ޢީދުގެ ދުވަހެކެވެ.)ރަސޫލާ صلي الله عليه وسلم އެކަލޭގެފާނުގެ ލޮބުވެތި އަނބިކަނބަލުން ޢާއިޝާ رضي الله عنها ގެ އުފަލުގައި ބައިވެރިވެލައްވައެވެ. އެކަމަނާގެ މަޖަލުގައި ބައިވެރިލައްވައި އެކަމަނާ އުފާކޮށްދެއްވައެވެ.
ރަސޫލާ صلي الله عليه وسلم ޢާއިޝާ رضي الله عنها އަށް އިންތިހާއަށް ލޯބިދެއްވެވިއެވެ. އެގޮތުން އެކަލޭގެފާނު صلي الله عليه وسلم ވަނީ ޢާއިޝާ رضي الله عنهاއަކީ އަންހެންތަކުންގެ ތެރެއިން އެކަލޭގެފާނު އެންމެ ލޯބިފުޅުވާ ބޭކަނބަލަކީ ޢާއިޝާ رضي الله عنها ކަމަށް ޙަދީޘްކުރައްވާފައެވެ. އަދި ފިރިހެނުންގެ ތެރެއިން އެކަލޭގެފާނު އެންމެ ލޯބިފުޅުވެލައްވާ ބެކަލަކީ އަބޫބަކުރު رضي الله عنه ކަމަށް ޙަދީޘްކުރައްވާފައެވެ. ރަސޫލާ صلي الله عليه وسلم އެކަލޭގެފާނުގެ ޢުމުރުފުޅުގެ ފަހު ދުވަސްތައް ހޭދަ ކުރައްވާފައިވަނީ ޢާއިޝާ رضي الله عنها ގެ ގަނޑުވަރުކޮޅުގައެވެ. އަދި އެކަލޭގެފާނު صلي الله عليه وسلم ދުނިޔެ ދޫކުރެއްވެވީވެސް އެކަމަނާގެ ގަނޑުވަރުކޮޅުގައެވެ.
ނިމުނީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!