• ސްކޫލްކުދިންތަކެއް - ޖީލެއް ހަލާކުވެގެން ދާއިރުވެސް މައިންބަފައިން ތިބެނީ ޒުުވާބުކުރުމުގައި

ދަރިންނަށް ދީން ރަނގަަޅަށް އޮޅުންފިލުވައި ނުދިނުމުގެ ނަތީޖާ ވަރަށް ހިތި!

އަބަދުވެސް އަޑުއިވެނީ ކޮންމެވެސް ކުށެއްކޮށްގެން މީހަކު ހައްޔަރުކޮށްގެން އުޅޭ ވާހަކައެވެ. ތަނެއްގައި މީހަކު މަރާލާފައިއޮއްވާ ފެނުނު ވާހަކައެވެ. ޒިނޭކުރަނިކޮށް ދެމީހަކު ހައްޔަރުުކުރި ވާހަކައެވެ. މިވާހަކަތަކަށް ނިމުމެއް ނާދެއެވެ. ވަނީ ހައްތާ އިތުރެވެ. ކުށް މަދުކުރުމަށް ވަރުންވަރުން ކޮމެޓީތަކާއި ޓާސްކްފޯސްތައް ހެދިޔަސް ނިޞްބަތުން ވަނީ އިތުރެވެ. ކުށްމަދުކުރުމަށް މިލިޔަނުން ފައިސާ ޚަރަދުކޮށް ފުލުހުންނާއި ސިފައިން ނެރެ ވައްތަރުވައްތަރުގެ އެލާޓްތައް ނެރުނަސް ވާކަމެއް ނެތެވެ.

ނަމަވެސް ހަޤީގަތަކީ މިހުރިހާ ކަމެއްގެވެސް ހައްލުއެބައޮތެވެ. އެއީ މައިންބަފައިން އެމީހުންގެ ޒިންމާ އަދާކުރަންވީއެވެ. އެކަކު އަނެކަކާ ދިމާލަށް އިނގިލި ދިގުކޮށް ޒުވާބުކޮށް އަރައިރުންވެ ތިބުމަކުން ނުފުދެއެވެ. އިސްލާމް ދީނުގައިވަނީ މައިންބަފައިންގެ ޒިންމާއަށް ވަކީން ބޮޑަށް ބާރުއަޅާފައެވެ. ދަރިިންގެ އެންމެ ތުއްތު އިރުންފެށިގެން އެކުދިންނަށް އިސްލާމީ ތަރުބިއްޔަތު ދިނުމަށް އަންގަވާފައި ވީނަމަވެސް، ގިނަ ބެލެނިވެރިންގެ ވިސްނުންއެއާ މުޅިން އިދިކޮޅެވެ. އެންމެ ތުއްތު އިރުންފެށިގެންވެސް ދަރިންނަށް ހޯދައިދެނީ ދަރަންޏަށް ފައިސާ ނަގައިގެންވެސް އަގުބޮޑެތި އެއްޗިއްސެވެ. ގޯސް ކަންކަން ނުކުރާށޭ ބުނެ ދަރިންނަށް އަމުރުކުރަނީ މައިންބަފައިިން އެކަންކަން ކުރަމުންނެވެ. ފުރާވަރަށް އަރައިގެން އަންނަ ކުދިންނަށް ހޯދައިދެނީ ގޯސް އެކުވެރިންނެވެ. ބޭނުން ޢަދަދަކަށް ފައިސާ ހޯދައިދެއެވެ. އެފައިސާއަށް ހަދާގޮތެއް ބެލުމެއްނެތެވެ. ރޭހަތަރުދަމު ބޭރުގައި އުޅުނަސް މައްސަލައެއްނެތެވެ. ގާލްފްރެންޑް/ބޯއި ފްރެންޑާއެކު ފަޅުރަށަކަށް އޯވަރނައިޓަކަށް ފުރައިގެން ދިޔަޔަސް ގޯހެއްނެތެވެ. މިއީ ގިނަ މައިންބަފައިންގެ ހާލެވެ. އިރުއިރުކޮޅާ ތުންދިގުކޮށް ސެލްފީ ނަގައި ސޯޝަލް މީޑިޔާއަށް އަޕްލޯޑުކުރާއިރު މައިންބަފައިންވެސް ދެނީ ލައިކެވެ.

ދެން އެފަދަ ދަރިން ކުށްކުރުމުން އެކުށް ފޮރުވައިދެނީވެސް މައިންބަފައިންނެވެ. އެންމެ ކުޑައިރު ކުރާ ‘ކުދި ކުށްތައް” ފޮރުވާ ފަސްއެޅުމުގެ ނަތީޖާއެއްގެ ގޮތުން އެދަރިފުޅު ބޮޑުވެ ބިރުފަހަނައަޅައިގޮސް ޤައުމަށް ނުރައްކާތެރި ބޮޑު ގޭންގް ލީޑަރަކަށް ބަދަލުވެެގެންދަނީއެވެ. އަންހެން ދަރިއެއް ނުވަތަ ފިރިހެން ދަރިއެއް ތަފާތެއްނެތެވެ. މިހާރުގެ ގިނަ ކުދިންނަކީ ބަދުއަޚްލާޤީ ޢަމަލު އެންމެ ކުޑައިރުން ފެށިގެން ހިންގާ ކުދިންނެވެ. ދަރިފުޅު ބަލިވެއިނުމުން ދަރިވައްޓާލުުމަށްވެސް ޚަރަދުކުރަނީ މައިންބަފައިންނެވެ. މިދެއްކެނީ ކޮންކަހަލަ ނަމޫނާއެއްތޯއެވެ؟ ތިމާގެ ދުނިޔެއާއި އާޚިރަތް ގެއްލުމާއި ހަލާކުގެ ތެރެއަށް އެއްލާލެވެނީއެވެ. އަދި ތިމާމެންގެ ސަބަބުން ޖީލެއް ހަލާކުކޮށްލެވެނީއެވެ.

ރާއްޖޭގެ މިޖީލުގެ ކުދިިންނަށް ދިމާވެގެން އުޅޭ މައިގަނޑު މައްސަލައަކީ އެކުދިންގެ މައިންބަފައިންނަށް ރަގަޅު ނަމޫނާ ނުދެއްެކޭތީއެވެ. އަދި ދީނުގައި ކުރަން އަންގަވާފައިވާ ކަމެއް ކުރުމަށް އަދި ޙަރާމް ކަންކަން ޙަރާމްވީ ކީއްވެގެންކަން ބުނެ ނުދެވެނީއެވެ. ބުރުގާގެ މައްސަލައަކީވެސް މިފަދަ މައްސަލައެކެވެ. އެހެން މީހުންވެސް އަޅާތީ ތިމާގެ ދަރިފުޅުވެސް ބުރުގާ އަޅުވަނީއެވެ. އޭގެ މުހިއްމުކަމެއް ކިޔައިނުދެވެއެވެ. ނަތީޖާއެއްގެ ގޮތުން އެބުރުގާ މަޑުމަޑުން ކުޑަވެގެން ގޮސް ދަނޑިވަޅުބަލާފައި، ބޭރުގައުމަކަށް ދިޔުމާއެކު ބުރުގާ ނަގަނީއެވެ. ބައެއް ދިވެހިި އަންހެން ކުދިން އަދި ބޮޑެތި އިސްލާމީ ޤައުމުތަކުގެ ގިނަ އަންހެން ކުދިންގެ އާދަޔަކީވެސް މިއަދު މިއެވެ. އެހެން މީހުން އަޅާތީ ލަދުން އަމިއްލަ ޤައުމުގައި ބުރުގާ އަޅަނީއެވެ. ދިގުމުއްދަތަކަށް ނުވަތަ ޗުއްޓީއަކަށް ނަމަވެސް ބޭރު ޤައުމަކަށް ދިޔުމަށް އެއަރޕޯރޓުން ޗެކިން ވާވަގުތުން ފެށިގެން ބުރުގާ ނަގައި، ކުރު “ފެޝަން” ހެދުމަށް ބަދަލުކޮށްލަނީއެވެ.

މިއީ މިއަދު އާ ކަމެއްނޫނެވެ. އެފަދަ ކުދިންނަކީ ބުރުގާ އަޅާކުދިންކަން އެނގެނިީ ޕާސްޕޯރޓާއި އައިޑީކާޑު ފަދަ ތަކެތީގައިވާ ފޮޓޯއިންނެވެ. މައިންބަފައިން ގެއްލި ދަންނަ މީހުންނާ ވަކިވުމުން ތިމާއަށް އެ ލިބުނީ ރަނުގެ ފުރުޞަތެވެ. ނަތީޖާއެއްގެ ގޮތުން ބުރުގާ ބޭލުމުގެ އިތުރުން ރޯދަޔާއި ނަމާދަކީވެސް ދަންނަ ކަމެއްނޫނެވެ. ޤައުމުން ބޭރުގައި ހަތަރު ފަސްއަހަރު އުޅެފައި އަންނައިރު މިސްކިތެއް ލޮލުން ނުދެކި ރޯދައެއް ނުހިފާ އަންނަ ކުދިން ވަރަށް ގިނައެވެ. ޤުރުއާނަކީ ދަންނަ ފޮތެއްނޫނެވެ. މުސްލިމަކަށް ސަލާންގޮވާލުމަކީ ހުތުރުކަމެކެވެ. ނުވިތާކަށް ކޮންމެ ރެއެއްވެސް ހޭދަކުރެވެނީ ޕަބް ތަކާއި ކްލަބް ތަކުގައެވެ. ބަނގުރަލުގެ ދުނިޔޭގައެވެ. މިއީ މީހަކު ދައްކާ ވާހަކައެއްނޫނެވެ. ލޮލުންދެކެ އަތުން ހިފާފައިވާ ހަޤީގީ ކަންކަމެވެ. ދެން މިފަދަ ކުދިންގެ މުސްތަޤްބަލް ވާނެގޮތް ތަޞައްވަރުކޮށްލައްވާށެވެ.

އިސްލާމީ އުންމަތަށްވެސް މިހާރު ކުރިމަތިވެފައިވާ ހަޤީގީ ނިކަމެތިކަމަކީ މިއީއެވެ. ނަމާދަށް ދަރިން މިސްކިތަށް ފޮނުވަންޖެހެނީ އެހެން މީހުން ކުރާތީކީއެއްނޫނެވެ. ނުވަތަ ސްކޫލުން ނަމާދަކުކުރޭތޯ ބަލާތީކީއެއްވެސްނޫނެވެ. އޭގެ މުހިއްމު ކަމާއި ލާބަޔާއި މަންފާ އަދި އާޚިރަތުގައި ހުރި ދަރުމަ ތުއްތު ކުދިންގެ ސިކުނޑިތަކުގައި ބިންވަޅުުނަގަންެޖެހެއެވެ. އޭރުން އެފަދަ ކުދިން ފުރާވަރަށް އަރައިގެން އަންނައިރުު ނަމާދަށް ލޯބިޖެހޭނެއެވެ. ތިމާގެ ދަރިފުޅުގެ ޖިންސް ޅިނދުކަށިގަނޑުން ތިރިއަށް ވެއްޓިފައި ހުންނައިރު، ކަންފަތުގައި ބޮޅުއަޅުވައިގެން ރޯނުބޮނޑިއެއްހެން ބޯގަތާފައި އޮންނައިރު އެތަން ތިމާއަށް ނުފެންނަނަމަ ޤައުމުގައި ކުށްގިނަވާ ވާހަކަ އިތުރަށް ދައްކާނެކަމެއްނެތެވެ. ދުވަހަކުވެސް ކުށްކުރުން ނުހުއްޓޭނެއެވެ. ބަލިތަަކަށް ފަރުވާކުރުމުގެ ކުރިން ބަލިން ރައްކާތެރިވުން މުހިއްމުކަމަށް ހުރިހާ މީހުންވެސް ބުނެއެވެ. ކުށްތަކަށްވެސް އޮތީ މިގޮތެވެ. ކޮންމެ މީހަކުވެސް އެމީހަކު ބަލަހައްޓަންޖެހޭ މީހުން ރަގަޅަށް ތަރުބިއްޔަތު ކުރާނަމަ މިދެކޭ ބަނަ ދުވަސްތަކެއް ނާންނާނެއެވެ. ދަރިންނަށް ކަންކަން ކުރަން އަމުރުކުރާއިރު އެކަންކަން ކުރަންޖެހެނީ ކީއްވެގެންކަން ރަގަޅަށް އޮޅުންފިލުވައިދޭންވީއެވެ. އެހެންނޫނީ ދުވަހަކުވެސް ރަގަޅު ޖީލެއް އުފަންނުވާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!