އިންަސާނާ ޚަލްޤު ކުރެއްވުން، ކުޅަދުންވަންތަކަމުގެ ދަލީލެއް (3 ވަނަ ބައި)

އިންސާނާ އޭނާގެ މަންމަގެ ރަޙިމުގައި ހެދި ބޮޑުވާގޮތާއި މެދު ސައިންސުވެރިން އަންނަނީ ތަފާތު އެތައް ވާހަކައެއްދައްކަމުންނެވެ. އެއްވާހަކައަކީ އިވުމުގެ ޙިއްސައް ފަހު ފެނުމުގެ ޙިއްސު ފުރިހަމަވުމެވެ. މިގޮތުން އެންމެ ފުރަތަމަ ފުރިހަމަވާ ޙިއްޞަކީ އިވުމުގެ ޙިއްޞެވެ. ސައިންސް ކަށަވަރުކޮށް ދީފައިވާ ގޮތުގައި ދަރިފުޅުގެ ކަންފަތް 8 ވަނަ ހަފްތާގެ ތެރޭގައި އުފެދެން ފަށައެވެ. އަދި 24 ވަނަ ހަފްތާ ތެރޭގައި މުޅި ކަންފަތް ފުރިހަމަވެއެވެ. މިދުވަސްކޮޅު ކުއްޖާއަށް އަޑު އިވެން ފަށާނެއެވެ. އެހެންކަމުން 18 ވަނަ ހަފްތާގެ ތެރޭގައި ފޫޅުދަނޑިން ލޭ ހިނގާ އަޑު އިވެން ފަށާނެއެވެ. އަދި 25 ވަނަ ހަފްތާގެ ތެރޭގައި މަންމަ އާއި ބައްޕަގެ އަޑު އިވެން ފަށައެވެ. އަދި 27 ވަނަ ހަފްތާ ފެށޭ އިރު ތަފާތު އަޑުތައް ދެނެގަންނަށް އިނގޭނެއެވެ.
އެހެން ނަމަވެސް ފެނުމުގެ ޙިއްޞަކީ މައިބަނޑުގައި ހެދި ބޮޑުވަމުން އަންނަ ކުޑަ ކުއްޖާގެ އެންމެ ފަހުން ތަރައްޤީވާ ޙިއްޞެވެ. ފެނުމުގެ ޙިއްޞު ފުރިހަމަވަނީ 26 ވަނަ ހަފްތާއާއި 28 ވަނަ ހަފްތާ ތެރޭގައިކަން ސައިންސުން ކަށަވަރުވެއެވެ. އަދި ލޮލުގެ ކަޅުކަޅީގައިވާ ލޯވަޅު ގަދަ އައްޔާއި ފަނޑު އައްޔަށް ރައްދު ޙަރަކާތްތައްގެނައުމުގެ ގޮތުން ކުޑަވެ ބޮޑުވަނީ 33 ވަނަ ހަފްތާގައި ކަމަށް ވެއެވެ. އަދި މާބަނޑުގައި އެސްފިޔަޖަހާ ކަމާއި ރަޙިމްގައިވާ އެއްމާބަނޑު ދެބެއިން ފެނިދެނިވާނެކަން ސައިންސް ސާބިތުކޮށްދެއެވެ.
މިހުރިހާ ވާހަކަތަކެއްގެ ތެދުކަން މީގެ 1400 އެތަށް އަހަރެއް ކުރިން ﷲ ތަޢާލާގެ ފޮތުގައި ބަޔާން ކުރައްވާފައި ވެއެވެ. މިގޮތުން އައިސްފައިވާ ކޮންމެ އާޔާތެއްގައި ވެސް ފެނުމުގެ ޙިއްޞުގެ ކުރިއަށް އައިސްފައިވަނީ އިވުމުގެ ޙިއްޞުގެ ވާހަކައެވެ. { ثُمَّ سَوَّاهُ وَنَفَخَ فِيهِ مِن رُّوحِهِ وَجَعَلَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ} މާނައީ “ދެން އޭނާޔަށް ފުރިހަމަ ސިފަދެއްވައި، އެކަލާނގެ ރޫޙުފުޅުން އޭނާޔަށް ފުމެލެއްވިއެވެ. (އެބަހީ: ފުރާނަ އެޅުއްވިއެވެ.) އަދި އެކަލާނގެ ތިޔަބައިމީހުންނަށް އިވުމާއި، ފެނުމާއި، ހިތްތައް ލެއްވިއެވެ.” އަދި ވެސް އައިސްފައި ވެއެވެ. { فَجَعَلْنَاهُ سَمِيعًا بَصِيرًا} މާނައީ “ފަހެ، ކަންފަތަށް އިވޭ ލޮލަށް ފެންނަ މީހަކު ކަމުގައި ތިމަންރަސްކަލާނގެ އޭނާ ލެއްވީމެވެ. ” އެހެން އާޔަތެއްގައި ވެއެވެ. { وَهُوَ الَّذِي أَنشَأَ لَكُمُ السَّمْعَ وَالْأَبْصَارَ وَالْأَفْئِدَةَ }” އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި، އިވުމާއި، ފެނުމާއި، ހިތްތައް އުފެއްދެވި ރަސްކަލާނގެއެވެ.”
އިންސާނާ މަންމަގެ ރަޙިމުގައި އުފެދި ބޮޑުވުމުގެ މަރުހަލާތަކުގެ ތެރޭގައި މަލާއިކަތުން އެބޭކަލުންނާއި ހަވާލުކުރައްވާފައިވާ ދައުރުތައް އަދާކުރައްވަމުންދެއެވެ.އެގޮތުން އިންސާނާ ޚަލްޤު ކުރެއްވުމުގައި ވެސް މަލާއިކަތުންގެ ދައުރެއް ވެއެވެ. މިގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައި ވެއެވެ. (إِنَّ أَحَدَكُم يُجْمَعُ فِي بَطْنِ أُمِّهِ أَرْبَعِينَ يَوْمًاثُمّ َيَكُونُ عَلَقَةًمِثْلَ ذَلِك َثُمّ َيَكُونُ مُضْغَةًمِثْلَ ذَلِكَ ثُمَّ يَبْعَثُ اللَّهُ إِلَيْهِ مَلَكً ابِأَرْبَعِ كَلِمَاتٍ فَيُكْتَبُ عَمَلُه ُوَأَجَلُهُ وَرِزْقُهُ وَشَقِيٌّ أَوْسَعِيدٌثُمّ َيُنْفَخُ فِيهِالرُّوحُ) މާނައީ: “ހަމަކަށަވަރުން ތިޔަބައިމީހުންކުރެ ކޮންމެ މީހަކުވެސް މައިމީހާގެ ބަނޑުގައި (ރަޙިމުގައި) ގަރުބަގަތުމަށްފަހު (ނުޠުފާއެއްގެގޮތުގައި) ސާޅީސްދުވަސް ވަންދެން އޮވެއެވެ. އެއަށްފަހު ޢަލަޤާއަކަށް ވެދެއެވެ. އަދި އެއަށްފަހު މުޟުޣާއަކަށް ވެދެއެވެ. ދެން އެއަށްފަހު ﷲ ތަޢާލާ ހަތަރުކަމަކާއިގެން މަލާއިކަތަކު ފޮނުއްވާހުއްޓެވެ. ފަހެ، އޭނާގެ (އެބަހީ: ރަޙިމުގައިވާ ކުއްޖާގެ) ޢަމަލާއި އަޖަލާއި ރިޒުޤާއި އޭނާއަކީ އަބާއްޖަވެރިއެއްކަން ނުވަތަ ބާއްޖަވެރިއެއްކަން އެމަލާއިކަތާ ލިޔުއްވާނެތެވެ. އަދި އެއަށްފަހުގައި އޭނާގެ ފުރާނައަޅުއްވާހުއްޓެވެ.” މިފަދަ އެތައް ޙަދީޘް ތަކުން ސާބިތުވާ ގޮތުގައި މަލާއިކަތުންނާއި އާދަމްގެ ދަރިންނާ ދެމެދުގައިވާ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެކެވެ.
އަނަސްބިން މާލިކް ގެ އަރިހުން ޞަޙީހް ބުޚާރީއާއި މުސްލިމް ގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ކަމަށް ރިވާވެގެންވެއެވެ. {وكل الله بالرحم ملكا فيقول اي رب نطفة اي رب علقة اي رب مضغة فاذا اراد ان يقضى خلقها قال اي رب ذكر ام انثى اشقي ام سعيد فما الرزق فما الأجل فيكتب كذالك فى بطن امه } ” މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ރަޙިމްގެ މައްޗަށް މަލާއިކަތަކު ކަނޑައަޅުއްވާފައިވެއެވެ. ދެން އެމަލާއިކަތާ ދަންނަވާނެއެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! ނުޠްފާއެކެވެ. އޭ ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! މުޟްޣާއެކެވެ. އެއަށްފަހު ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަލާނގެ ޚަލްޤު ކުރެއްވުމުގެ ވަގުތު އިރާދަ ކުރައްވާހިނދު އެމަލާއިކަތާ ދަންނަވާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަންހެނެއްތޯއެވެ. ނުވަތަ ފިރިހެނެއްތޯއެވެ. އަބާއްޖަވެރިއެއްތޯއެވެ. ނުވަތަ ބާއްޖަވެރިއެއްތޯއެވެ. އޭނަގެ ރިޒްޤަކީ ކޮންއެއްޗެއްތޯއެވެ. އޭނާގެ ޙަޔާތުގެ ދިގުމިނަކީ ކިހާވަރެއްތޯއެވެ. މިހުރިހާ ކަމެއް އޭނާގެ މައިމީހާ ގެ ރަހިމްގައި ވަނިކޮށް ލިޔުއްވައެވެ.”
ޚަލްޤުކުރެއްވުމުގެ ތަފާތު ހުރިހާ ދައުރަކުން ހުރިހާ މަރްޙަލާއަކުން ﷲތަޢާލާގެ ކުޅަދުންވަންތަކަން އެނގި ފެނިގެން ދެއެވެ.އެއިލާހުގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމާއެވެ. (ނިމުނީ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!