މަންމަގެ މަޤާމު އެނގޭހެއްޔެވެ؟

ޙަސްނާ އަޙްމަދު
އިންސާނާ ދުނިޔެއަށް ފޮނުއްވެވީ މަންމައަކާއި ބައްޕައެއްގެ ޒަރިއްޔާއިންނެވެ.އިންސާނާ މަންމަގެ ރަހިމުގެ ތެރޭގައި އުފެދި ބޮޑުވުން ﷲތަޢާލާ މިންވަރުކުރައްވާފައިވަނީ ރައްކާތެރިކަމުގެ ކިއްލާއެއް ގައި ވާފަދައިންނެވެ.މަންމަގެ ރަހިމުގައި ދުނިޔެއަށް އުފަންވުމުގެ ކުރިން ރައްކާތެރިކަމާއެކު އެތަށް މަރުހަލާއެއް ކަޑައްތުކުރުމަށްފަހު އިންސާނާ ދުނިޔެއްޔެއަށް އުފަންވުމަށްފަހު އެނާއަށް އެންމެ ބޮޑަށް ރައްކާތެރިވެ ރައްކާތެރިކަން ހޯދައިދޭ މީހަކީ މަންމައެވެ.އޭނާއަށް އެންމެ ރައްކާތެރިކަން އިޙްސާސްކޮށްދެނީ ވެސް މަންމައެވެ.
ދަރިފުޅު ދުނިޔެއަށް އުފަންކުރުމަށް މަންމައެއްވާ ޤުރުބާނަކީ ދުވަހަކުވެސް ދަރިއަކަށް އެކަމުގެ ބަދަލު ދެވޭނެކަމެއްނޫނެވެ.ދުނިޔެއަށް ދަރިފުޅު އުފަންވުމަށްފަހު އެދަރިފުޅުގެ ދިރިއުޅުމުގެ ކޮންމެ މަރުހަލާއެއްގައި މަންމަގެ އަތެއްވެއެވެެ .ބަސްނުބުނެވޭއިރު ދަރިފުޅުގެ އިޙްސާސްތަށް ދެނެގަންނަނީ މަންމައެވެ. ހިނގައިގަތުމަށް އެންމެފުރަތަމަ އަޅާ ފިޔަވިޅުނަގަނީ މަންމަގެ އަތުގައި ހިފަގެންނެވެ.ދަރިންގެ ހިތާމައިގެ ވަގުތުގަޔާއި އުފަލުގެ ވަގުތު ފޫހިކަމެއްނެތި ބައިވެރިވަނީ މަންމައެވެ.ބަލިވެއްޖެނަމަ ވަރުބަލިކަމެއްނެތި ޚިދުމަތްކުރަނީ މަންމައެވެ.މަންމަގެ ހިތުގައި ދަރިއަކަށްޓަކައި ވާލޯތްބަކީ އެއްވެސް އަމިއްލަ އެދުމެއްނެތިވާ ސާފުލޯތްބެކެވެ.
މަންމަގެ މިހުރިހާ ޚިދުމަތްތަކަށްޓަކާ މަންމައަށް އިޚްތިރާމް ކުރަންޖެހެއެވެ.މަންމައަށް މާތްކޮށް ހިތަންޖެހެއެވެ.މަންމައަށް އެންމެ މަތިވެރި ދަރަޖައެއް ދެއްވާފައިވަނި އިސްލާމްދީނުގައެވެ.މަންމަގެ މަޤާމު ބައްޕަގެ މަޤާމަށްވުރެ ތިންދަރަޖަ އިސްލާމްދިނުގައި މަތިވެރިކުރައްވާފައިވެއެވެ.رسول صلي الله عليه وسلم ގެ حديث އެއްގައިވެއެވެ.”فقد سُئل رسول الله [: «من أحق الناس بحسن صحابتي يا رسول الله؟ فقال: «أمك» قال: ثم من؟ قال: «أمك» قال: ثم من؟ قال: «أمك» قال: ثم من؟ قال: «أبوك»ރަސޫލާﷲގެ ފާނާ މީހަކު ސުވާލުދެންނެވިއެވެ.މީސްތަކުންގެ ތެރެއިން އެންމެ ބޮޑަށް ހެޔޮކޮށް ހިތަންވީ ކާކަށް ހެއްޔެވެ؟ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ.މަންމައެވެ.އަނެއްކާވެސް ސުވާލުދެންނެވިއެވެ.ދެންކާކުހެއްޔެވެ؟ޖަވާބުދެއްވިއެވެ.މަންމައެވެ.އަނެއްކާވެސް ސުވާލުކުރެއްވެވިއެވެ.ދެންކާކުތޯއެވެ.ޙަދީޘް ކުރެއްވިއެވެ.މަންމައެވެ.އަނެއްކާވެސް އެބޭކަލަކު ސުވާލު ދެންނެވިއެވެ.ދެން ކާކުތޯއެވެ.ޙަދީޘް ކުރެއްވެވިއެވެ.ދެންބައްޕައެވެ.”މިޙަދީޘް ބަސްފުޅުން މަންމަގެ މަޤާމު މަތިވެރިވެގެންވާކަން އެބަ އަންގައިދެއެވެ.
މަންމައަކީ މަތިވެރިވެގެންވާ އިޚްތިރާމް ކުރަންޖެހޭ ހެޔޮކަށް ހިތަންޖެހޭ މީހެކެވެ.ދީނުގެ ގޮތުން ތަފާތުނަމަވެސް މަންމައަށް ހެޔޮކޮށް ހިތަންޖެހެއެވެ.އެހެނީ އެދަރިއަކު އުފަންކުރަން ވެފައިވާ ޤުރުބާނެއް ވެފަވާނީ މަންމައެވެ.އަސްމާ ބިންތި އަބޫބަކްރު رسول صلي الله عليه وسلمއަށް ސުވާލުދެންނެވިއެވެ.ތިމަންކަމަނާގެ މަންމައަކީ މުޝްރިކެކެވެ.މަންމައާއި ގުޅުން ދަމަހައްޓަންޖެހޭނެތޯއެވެ.رسول صلي الله عليه وسلم ޖަވާބުގައި މަންމައަށް ހެޔޮކޮށް ހިތުމަށް ވިދާޅުވިއެވެ.މިއީ އިސްލާމްދީނުގައި މަންމައަށް ދެވިގެންވާ ޤަދަރު އަންގައިދޭ މަތިވެރި މިޘާލެކެވެ.
މަންމައަކީ އެމީހެއްގެ ހިތްހަމަޖެހުމާ ނުޖެހުން ދަރިއަކު ކޮންމެ ކަމެއް ކުރުމަގައިވެސް ހޯދަންޖެހޭނެ މީހެކެވެ.މަންމަގެ ރުހުމާނުލާ ކަންކަން ނުކުރުމީވެސް މަންމައަށް ހެޔޮކޮށް ހިތުމަށްޓަކައި ކުރެވިދާނެކަމެކެވެ.ތިމާކުރާ ކަމެއްގެ ސަބަބުން މަންމަހިތުގައި ޖެހި ދެރަވެދާނެކަމަށް ހީވާނަމަ އެކަން ނުކޮށް ދޫކޮށްލުންރަނގަޅުވާނެއެވެ. رسول صلي الله عليه وسلمގެ އަރިހަށް މީހަކުއައިސް ދެންނެވިއެވެ.ތިމަން ހަނގުރާމައިގައި ބައިވެރިވެ ހަނގުރާމަ ކުރަންބޭނުމެވެ.މިކަމުގައި ތިމަންނާއަށް އިރުޝާދެއްދެއްވަވާށެވެ.އެހިނދު رسول صلي الله عليه وسلم ސުވާލުކުރެވެވިއެވެ.ތިބާގެ މަންމަވޭހެއްޔެވެ؟ޖަވާބުގައި އާއެކޭ ދެންނެވުމުން ޙަދީޘްކުރެއްވެވިއެވެ.އެހެންވީއިރު އެމަންމައަށް ޚިދުމަތް ކުރުމުގައި ހުންނާށެވެ.އެހެނީ ސުވަރުގެވަނީ މަންމަގެ ފައިތިލަ ދަށުގައެވެ.
މަންމަގެ މަޤާމު ކިތަންމެހާވެސް މަތިވެރިއެވެ.މަންމައަށް ހެޔޮކޮށް ހިތާށެވެ.މަންމައީ ތިބާގެ ކާމިޔާބީގެ ހިއްސާއެކެވެ.މަންމައަށް ހެޔޮދުޢާ ކުރަށެވެ.މަންމަގެ މަޤާމު ވަރަށްވެސް މަތިވެރިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!