ޚާލިދު މިޝަޢަލްއަށް ވިހަލުން: މުސާދުންގެ އެންމެ ބޮޑު ނާކާމިޔާބު (4 ވަނަ ބައި)

މިޝަޢަލްގެ ފުރާނަސަލާމަތްވުން އެދި މުސާދުގެ އިސްވެރިޔާ ދުޢާކުރުން

ޔަހޫދީންގެ މި ނުބައި ޖަރީމާ ފަޅާއެރުމާއެކު އެބައިމީހުން މާޔޫސްވެގެންދިއައެވެ. އަދި ދުނިޔެއަށް ބޭޒާރުވެގެންދިޔައެވެ. އަދި މިޝައަލް އަވަހާރަވެއްޖެ ނަމަ ޢުރުދުންއާއެކު ވެފައިވާ ސުލްޙައިގެ އެއްބަސްވުން އުވިގެންދާނެކަމުގެ އިންޒާރު ހުޞައިން ރަސްގެފާނުވަނީ ދެއްވާފައެވެ. އަނެއްކޮޅުން، އެމެރިކާވެސް ދިޔައީ އިސްރާޢީލަށް ވަރަށް ބޮޑަށް މި މައްސަލާގައި ފުރެޝަރުކުރަމުންނެވެ.

މުސާދުގެ އިސްވެރިޔާ އަދި މިޝަޢަލް އަވަހާރަކޮށްލުމުގެ އެންމެ އިސްކޮށް އުޅުނު ޑެނީ މަޙްތޫމް އަލްޖަޒީރާއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިހެންނެވެ. “އަހަރެން އެދުވަހު ހެނދުނު ދުޢާކުރިން މިޝަޢަލް މަރުވުން އެދިގެން. އެކަމަކު ހަވީރު ދުޢާކުރިން އޭނާގެ ފުރާނަ ސަލާމަތްކުރައްވާތޯ!..” އެއްވެސް ހާލެއްގައި މިއީ، މިޝަޢަލް އަވަހާރަވެދާނެތީ އޭނާ ކުރި ހެޔޮ ދުޢާއެއްނޫނެވެ. އެއީ ޢުރުދުންއާއެކު ޤާއިމްކޮށްފައިއޮތް ސުލްޙައިގެ އެއްބަސްވުންވެސް، މިޝަޢަލްގެ ފުރާނަޔާއެކު އުވިގެންދާނެކަމަށް ޙުޞައިން ރަސްގެފާނު ވިދާޅުވެފައިވާތީވެ، އެހެންކަންތައްނުވުމަށް އެދިގެންކުރި ދުޢާއެކެވެ.

އިސްރާޢީލުގެ އެމްބަސީގައި ތިބި އެޤައުމުގެ އޮފިޝަލުންނާއެކު އެތަން ބިމާހަމަކޮށްލާނެކަމުގެ އިންޒާރު ރަސްގެފާނު ދެއްވުން

އިސްރާޢިލުން މިޝަޢަލްއާދެކޮޅަށް ބޭނުންކުރި ވިހަ މާއްދާގެ މައުލޫމާތާއި، އެ ވިހަ މާއްދާ ދިނުމަށް ބޭނުންކުރި އާލާތާއި، މިޝަޢަލްގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވާ އެންޓިޑޯޓް ފޯރުކޮށްދިނުން ލަސްވަމުންދާތީ ރަސްގެފާނު ކޯފާއިސްކުރައްވާ، ވަރުގަދަ އިންޒާރެއް އިސްރާޢީލަށް ދެއްވިއެވެ. އެއީ ޢައްމާނުގައި ހުންނަ އިސްރާޢީލުގެ އެމްބަސީ ރަސްގެފާނުގެ އަމުރަށް ހިޞާރުކޮށްގެން ތިބި ސިފައިން އެތަނަށް ވަރުގަދަ ހަމަލާތަކެއްދީ، އިސްރާޢީލުގެ އޮފިޝަލުންނާއެކު އެތަން ބިމާ ހަމަކޮށްލާނެކަމުގެ އިންޒާރެވެ.

ޙުޞައިން ރަސްގެފާނުގެ މިއިންޒާރާއެކު، އިސްރާޢީލުން ވަގުތުން މިޝަޢަލްގެ ފަރުވާއަށް ބޭނުންވާ އެންޓިޑޯޓު ރޯޔަލް ހޮސްޕިޓަލަށް ފޯރުކޮށްދީފިއެވެ. އެންޓީޑޯޓު ހިފައިގެން އަސްކަރީ ހެލިކޮޕްޓަރެއްގައި އައީ މުސާދުންގެ ތެރޭގައި މަސައްކަތްކުރާ ޑޮކްޓަރެކެވެ. އޭނާ އައިސް ރޯޔަލް ހޮސްޕިޓަލުގެ ޑޮކްޓަރުންނާ އެންޓިޑޯޓު ހަވާލުކުރުމުން، ލެބޯޓްރީއަށް ގެސްގޮސް ޓެސްޓުކުރެވުނެވެ. އެޓެސްޓުން އެނގުނުގޮތުގައި އޭއީ އޭގައި ލޭބަލުކޮށްފައިއޮތްގޮތަށް “އެޑްރަނަލިން” (adrenaline) އެއްނޫނެވެ. ޔަހޫދީން ކުރާކޮންމެ ކަމެއްގައިވެސް މަކަރާއޮޅުވާލުން އޮންނަ ފަދައިން، އެމީހުން ގެނެސްދިން އެންޓީޑޯޓުގެ ނަންވެސް މިވަނީ އޮޅުވާލަން މަސައްކަތްކޮށްފައެވެ. އޭގެ ބޭނުމަކީ، މިޝަޢަލް އަށް ދީފައިވާ ވިހައިގެ އަސްލު ފޮރުވުމެވެ. ލެބޯޓުރީންކުރި ޓެސްޓުގެ ނަތީޖާއިން އެނގުނު ގޮތުން އިސްރާޢީލުން މަޝަޢަލްއަށް ދީފައިވާ ވިހައިގެ ބާރުކަނޑުވާލުމަށް ފޯރުކޮށްދިން އެންޓިޑޯޓަކީ “ނާރކީން” (Narcan) އެވެ. ﷲގެ ރަޙްމަތްފުޅުން، ރޯޔަލް ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް މިޝަޢަލްއަށް ދީފައިވަނީ ހަމަ އެ އެންޓީޑޯޓެވެ.

މިޝަޢަލް ޝިފާލިބިވަޑައިގަތުން

ދެ ދުވަހު ކޯމާއެއްގައި އޮންނެވުމަށް ފަހު މިޝަޢަލް ހޭފުޅުއެރީ ޖެހިގެންއައި ހޮނިހިރުދުވަހުއެވެ. އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި މިޝަޢަލް މިވާހަކަތައް ކިޔައިދެއްވަމުން ވިދާޅުވިއެވެ. “އަހަރެންނަށް ހީވީ ރޭގަނޑު ނިދާފަ ތެދުވެވުނުހެން. އެއްގޮތަކަށްވެސް ނޭނގޭ އަހަރެން 2 ދުވަސް ވަންދެން ކޯމާއެއްގައި އޮތްކަމެއް. އަހަރެން ލޯހުޅުވާލިއިރު އަހަރެންގެ ވަށައިގެން ބައިވަރު މީހުންތިބި. އަހަރެން ފުރަތަމަވެސް ބުނި އެއްޗަކީ އަހަރެން ބޭނުމޭ ހުކުރު ނަމާދަށް ދިއުމަށްޓަކައި ވުޟޫކުރަން. އަދި ނިދުމުގެ ސަބަބުން ދޫވެގޮސްފައިވާ ނަމާދުތައް ކުރަން ބޭނުމޭ. އެމީހުން ބުނި މިއަދަކީ ހުކުރު ދުވަހެއްނޫނޭ، މިއަދަކީ ހޮނިހިރު ދުވަހޭ! އެހިސާބުން އަހަރެންނަށް އެނގުނީ ބުރާސްފަތި ދުވަހު ހޭނެތުނުގޮތަށް އަހަރެން ހޭއެރީ ޖެހިގެންއައި ހޮނިހިރު ދުވަހުކަން.” ﷲގެ ރަޙްމަތުން އޭނާއަށް އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަނެ ޔަހޫދީންގެ ނުބައި ރޭވުމުން އޭނާ ސަލާމަތް ކުރެއްވިއެވެ.

ޙުސައިން ރަސްގެފާނަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތެއް

މިއީ އިސްރާޢީލު ކުޑަކަކޫމައްޗަށް ތިރިކުރުމަށް ޙުސައިން ރަސްގެފާނަށް ލިބިވަޑައިގެންނެވި ރަނުގެ ފުރުޞަތެކެވެ. އެހެނީ އިސްރާޢީލާއި ޢުރުދުންއާދެމެދު ވެނުނު ޞުލްޙައިގެ އެއްބަސްވުމާ ޚިލާފަށް، އެ އަހަރުގެ ކުރީކޮޅު ޢުރުދުންގެ ސަރަޙައްދީރޮނގު ބަލަހައްޓާ ސިފައިންގެ މީހަކު ދިން ބަޑީގެ ހަމަލާއެއްގައި އިސްރާޢީލުގެ ސުކޫލުކުދިންތަކެއް މަރުވުމުގެ ޒިންމާވަނީ ޙުސައިން ރަސްގެފާނަށް އުފުއްލަވަން ޖެހިވަޑައިގެންފައެވެ. އެފަހަރު އިސްރާޢީލުގެ ޝިކާރައަކަށްވީ ޙުސައިން ރަސްގެފާނެވެ. ނަތީޖާއެއްގެ ގޮތުން އިސްރާޢީލާއި އެމެރިކާއިން ދިޔައީ ހަމާޝްއަށް ޢުރުދުންއިން ދެމުންގެންދާ ޙިމާޔަތް ނިމުމަކަށް ގެނައުމަށް ރަސްގެފާނަށް ޕުރެޝަރުކުރަމުންނެވެ. އެހެންކަމުން ޢުރުދުންގެ ބިމުގައި ހަމާޝްއާއި ދެކޮޅަށް އިސްރާޢީލުން މި ހިންގި ބޮޑު ޖަރީމާގެ ސަބަބުން ޙުސައިން ރަސްގެފާނަށް މިވަނީ އިސްރާޢީލުގެ ކޮޅަށް ބޯޅަޖެއްސެވުމަށް ރަނުގެ ފުރުޞަތެއްލިބިވަޑައިގަނެފައެވެ.

ހަމާޝްއަށް ލިބިގެންދިޔަ ބޮޑު ކާމިޔާބީ

ހަމާޝްއަށް މިކަމުން ލިބިގެންދިޔަ އެންމެ ބޮޑުކާމިޔާބަކީ، ހަމާޝްގެ ލީޑަރަކު އަވަހާރަކޮށްލުމަށް ހިންގި ޖަރީމާގެ ސަބަބުން ހަމާޝްގެ ބާނީ އަދި އިސްވެރިޔާ ޝައިޚް އަޙްމަދު ޔާސީން (ރަޙިމަހުﷲ) އަލުން އުފަންވެވަޑައިގެންނެވުމެވެ. މިހެން މިދެންނެވީ، އޭރު ޝައިޚް ޔާސީން ހުންނެވީ އުމުރުދުވަހަށް އިސްރާޢީލުގެ ޖަލަށްލާ ހައްޔަރުކޮށްފައެވެ. ނަމަވެސް، މި ޖަރީމާގެ ސަބަބުން އިސްރާޢީލަށް މަޖުބޫރުވީ އޭނާ މިނިވަންކޮށް ދޫކޮށްލާށެވެ!.. މާތްﷲގެ ރޭއްވެވުން ޔަހޫދީންގެ ރޭވުންތަކަށްވުރެ މާ މަތިވެރިވެވޮޑިގެންވެއެވެ!

މުސާދުގެ ދެ އެޖެންޓުން މިނިވަންކުރުމަށް ޢުރުދުންގެ ޙުސައިން ރަސްގެފާނާ ދެމެދު އިސްރާޢީލުން ދެކެވުނު ވާހަކަތަކަށްފަހު އެއްބަސްވުމަކަށްއައީ، އިސްރާޢީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްޠީނުގެ އެތަކެއް ސަތޭކަ ރައްޔިތުންނެއް މިނިވަންކޮށް ދޫކޮށްލުމަށެވެ. މީގެތެރެއިން އެންމެ ފާހަގަކޮށްލެވެނީ ހަމާޝްގެ ބާނީ އަދި އިސްވެރިޔާ ޝައިޚް ޢަޙްމަދު ޔާސީން (ރަޙިމަހުﷲ) ވެސް މިނިވަންކޮށް ދޫކޮށްލުމަށް އެއްބަސްވެގެންދިއުމެވެ.

އިސްރާޢީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ އެތަކެއް ސަތޭކަ ރައްޔިތުންނެއް މިނިވަންކޮށް، ޙުސައިން ރަސްގެފާނު ހުށަހެޅުއްވިގޮތަށް ހަމާޝްގެ އިސްލީޑަރު ޝެއިޚް އަޙްމަދު ޔާސީން (ރަޙިމަހުﷲ) އިސްރާޢީލުގެ އަސްކަރީ ހެލިކަޕްޓަރެއްގައި ޢުރުދުންގެ ވެރިރަށް ޢައްމާނަށް ގެނެވުނެވެ. ހަމާޝްގެ އިސްވެރިޔާ ޝައިޚް ޔާސީނަށް އިސްތިޤުބާލު ދެންނެވީ ހުދު ޙުސައިން ރަސްގެފާނެވެ. އެއަށް ފަހު ރަސްގެފާނު ވެވަޑައިގެންފައިވާ އެއްބަސްވުމާ އެއްގޮތަށް، މުސާދުންގެ ދެ އެޖެންޓުންވެސް މިނިވަންކޮށް އިސްރާޢީލުގެ އަސްކަރީ ހެލިކޮޕްޓަރެއްގައި ފޮނުވާލެވުނެވެ.

މިއަދު ޝައިޚް ޔާސީން(ރަޙިމަހުﷲ) ވަނީ އިސްރާޢީލުގެ އަސްކަރިއްޔާގެ މިސޭލު ހަމަލާއެއްގައި އަވަހާރަކޮށްލާފައެވެ. މާﷲ ޝެއިޚް ޔާސީނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ދެއްވުން އެދި ދުޢާކުރަމެވެ. އެހެންކަމުން، މިއަދު ހަމާޝްގެ އިސްވެރިޔަކީ ޚާލިދު މިޝަޢަލް އެވެ. މިހާރުވެސް އިސްރާޢީލުންދަނީ މިޝަޢަލް އަވަހާރަކޮށްލުމަށް އެކިއެކި ގޮތްގޮތުން މަސައްކަތްކުރަމުންނެވެ. މާތްﷲ ކާފިރުންގެ ނުބައި ރޭވުންތަކުން މިފަދަ މުޖާހިދުން ރައްކާތެރިކޮށްދެއްވުންއެދި ދުޢާކުރަމެވެ. (ނިމުނީ)

މިލިޔުމަށް މަޢުލޫމާތު ހޯދީ އަލްޖަޒީރާ އިން.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އެއީ މުޖާހިދެއްނޫން ، މުޖާހިދުންނަކީ ﷲ ގެ މަގުގަ ހަނގުރާމަ ކުރާ މީހުން ، ﷲ ގެ ޝަރީއައް ގާއިމް ކުރުމައްޓަކައި ހަނގުރާމަ ކުރާމީހުން ، ފަހަރެއްގަވެސް ވަތަނައްޓަކައި ، ބިމައްޓަކައި ހަނގުރާމަ ކުރާ މީހުނެއްނޫން މުޖާހިދުންނަކީ… ތިޔަ ބުނާ މިޝައަލް އަކީ ﷲ ގެ ޝަރީއަތް ގާއިމް ކުރުމައް މަސަތްކަތް ކުރި މީހެއްނޫން.. މިހާރު އޭނާގެ ހާލު ނިކަން ބައްލަވާ ތިޔަބޭފުޅުން..

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!