ޚާލިދު މިޝަޢަލްއަށް ވިހަލުން: މުސާދުންގެ އެންމެ ބޮޑު ނާކާމިޔާބު (3 ވަނަ ބައި)

އެމީހުންނަކީ ކެނެޑާގެ ދެ ޓޫރިސްޓުން ނޫންކަން ފަޅާއަރާ މުސާދުން ބޭޒާރުވުން

ޕޮލިސް ސުޓޭޝަނަށް ގެންދެވުނު ދެ މީހުންގެ ފާސްޕޯޓު ބަލާ ޗެކްކުރި އިރު އެމީހުންނަކީ ކެނެޑާގެ ޕާސްޕޯޓުގައި އައިސްގެން އުޅޭ ދެ ޓޫރިސްޓުންނެވެ. އެހެންކަމުން، ފުލުހުން އެދެމީހުންގެ ވާހަކަ ކެނެޑާގެ އެމްބަސީއަށް ރިޕޯޓުކުރުމުން، އެމީހުންނާ ބައްދަލުކުރުމަށް ކެނެޑާގެ އެމްބަސީގެ އޮފިޝަލުން ޕޮލިސް ސުޓޭޝަނަށް އަތުވެއްޖެއެވެ. ނަމަވެސް ކެނެޑާ އެމްބަސީގެ އޮފިޝަލުންނާ ބައްދަލުކުރުމަށް އެ ދެ މީހުން ދެކޮޅުހަދަން ފެށުމުން މި ދެ މީހުންނާމެދު ފުލުހުންނަށް ޝައްކު އުފެދިއްޖެއެވެ. އެންމެ ފަހުން އެމީހުންނަކީ ކެނެޑާގެ ވަގު ޕާސްޕޯޓުގައި އެރެތެވެގެން އުޅޭ އިސްރާޢީލުގެ މޫސާދުގެ އެޖެންޓުންކަން ފަޅާއަރައިފިއެވެ!

މުސާދުގެ އެޖެންޓުން ހައްޔަރުކުރިކަން އިސްރާޢީލުގައި ހުންނަ މޫސާދުގެ ޢިދާރާއަށް ރިޕޯޓުކުރުން

މޫސާދުގެ 2 އެޖެންޓުން ޢުރުދުންގެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަކަމުގެ ރިޕޯޓު، ޢައްމާނުގައި ހުންނަ އިސްރާޢީލުގެ އެމްބަސީގެ ފަރާތުން އިސްރާޢީލުގައި ހުންނަ މުސާދުގެ ޢިދާރާގެ އިސްވެރިންނަށް ދީފިއެވެ. މިޝަޢަލް އަވަހާރަކޮށްލުމަށް މުސާދުން ހިންގި މި ޖަރީމާ ފަޅާއެރިކަމުގެ ޚަބަރު ލިބުމާއެކު، އިސްރާޢީލުގެ ބޮޑުވަޒީރު ޔަތަންޔާހޫ، މުސާދުގެ ވެރިންނާއެކުކުއްލި ބައްދަލުވުމެއް ބޭއްވިއެވެ.

މަތިއޮމާންކުރަން މުސާދުގެ އެންމެ އިސްވެރިޔާ ޢައްމާނަށް

މުސާދުގެ ވެރިޔާ އަދި މި އޮފަރޭޝަނުގެ އެންމެ އިސްކޮށް ހުރި ޑެނީ-ޔަޙްތޫމް އަސްކަރީ ހެލިކަޕްޓަރެއްގައި ވަގުތުން ފުރައިގެން ޢުރުދުންގެ ވެރިރަށް ޢައްމާނަށް ދިޔައެވެ. އަދި ޙުސެއިން ރަސްގެފާނާ ބައްދަލުކުރަން ބޭނުންވާކަމަށް ރަސްގެފާނުގެ އޮފީހުގެ ވެރިޔާ ޢަލީ ޝުކުރީއަށް ދެންނެވިއެވެ. އަދި އޭނާ އެދަތުރުގެ ބޭނުން ބަޔާންކޮށްދިނެވެ.

ކުޑަ އިރުކޮޅެއް ފަހުން ޙުސައިން ރަސްގެފާނު ވަޑައިގަތެވެ. ވެގެން އުޅޭގޮތެއް ރަސްގެފާނަށް އޭރަކު އެނގިވަޑައިނުގަންނަވައެވެ. މުސާދުގެ ވެރިޔާ ދެންނެވި ވާހަކަތައް ޝުކުރީ ހުޞައިން ރަސްގެފާނަށް ދެންނެވިއެވެ. ރަސްގެފާނު މިވާހަކަތައް އައްސަވާފައި ވަރަށް ބޮޑަށް ކޯފާވެވަޑައިގަތުމުން، މުސާދުގެ ވެރިޔާ ރަސްގެފާނުގެ ކޯފާމަޑުކުރެއްވުމަށް ވާހަކަ ދައްކަން ފެއްޓެވިއެވެ. އެގޮތުން އެ ހަމަލާއަކީ ރަސްގެފާނާ ދެކޮޅަށް ދެވުނު ހަމަލާއެއްނޫންކަމަށާއި، އެއީ ހަމާޝްއާއި ދެކޮޅަށް ދެވުނު ހަމަލާއެއްކަމަށް ރަސްގެފާނަށް ދެންނެވިއެވެ. އަދި އެފަދަ ކަމެއް ޢުރުދުންގެ ބިމުގައި ހިންގުނީތީ އެކަމަށް މާޢާފަށް އެދުނެވެ. އަދި މަޝްޢަލްގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި، އޭނާއަށް ދެވުނު ވިހާގެ އެންޓީޑޯޓު (ވިހައިގެ އަސަރުކަނޑުވާލުމަށް ދޭ ބޭހެއް) ވަގުތުން ގެނެސްދޭނެކަމަށްވެސް ދެންނެވިއެވެ!

މުސާދުގެ ވެރިޔާގެ މި ވާހަކަތައް އަޑުއެއްސެވުމަށްފަހު ރަސްގެފާނު ވިދާޅުވީ އެންމެ ބަސްފުޅެކެވެ. އިސްރާޢީލުގެ އެ ޖަރީމާގެ ސަބަބުން ޚާލިދު މަޝަޢަލް އަވަހާރަވެއްޖެނަމަ ޢުރުދުންއާއި އިސްރާޢީލާދެމެދު ވެފައިވާ ސުލްޙައިގެ އެއްބަސްވުންވެސް މަޝްޢަލް އާއެކު މަރުވެގެން ދާނެކަމަށެވެ! މާނައަކީ 1994ގައި އިސްރާޢީލާއެކު ވެފައިވާ ޞުލްޙައިގެ އެއްބަސްވުން އުވިގެންދާނެކަމެވެ.

މިޝަޢަލް ޙުސެއިން ރަސްގެފާނުގެ ޚާއްޞަ ސިއްޙީ ފަރުވާގެ ދަށަށް އަދި އިސްރާޢީލުގެ އެމްބަސީ އަސްކަރިއްޔާގެދަށަށް

ކަންތައްވެގެންއުޅޭގޮތް ރަސްގެފާނަށް އެނގިވަޑައިގެންނެވުމާއެކު، ޢައްމާނުގައި ހުންނަ އިސްރާޢީލުގެ އެމްބަސީ ޚިޞާރުކުރުމަށް ޢުރުދުންގެ އަސްކަރިއްޔާއަށް ހުޞައިން ރަސްގެފާނު އަމުރުކުރެއްވިއެވެ. އަދި ޢައްމާނުގެ މެޑި-ސިޓީގައި ހުންނަ ރޯޔަލް ހޮސްޕިޓަލަށް މިޝަޢަލް ވަގުތުން ބަދަލުކޮށް ފަރުވާ ދިނުމަށް ހުޞައިން ރަސްގެފާނު އަމުރުކުރެއްވިއެވެ.

ނަމަވެސް ހަމާޝްގެ އިސްވެރިންގެ މެދުގައި މިކަމާ ޚިޔާލުތަފާތުވުންތަކެއް އުފެދުނެވެ. އެއްބަޔަކު ދެކެވަޑައިގެންނެވިގޮތުގައި ރަސްގެފާނު އުޅުއްވަނީ މިޝަޢަލްއަށް އިސްރާޢިލުން ދިން ހަމަލާ ދުނިޔެއަށް ފޮރުވާށެވެ. މިހެން ހަމާޝްއިން ހީކުރި ސަބަބަކީ، މިޝަޢަލްއަށް ދެވުނު ހަމަލާ ޢުރުދުންގެ ސަރުކާރުން ދޮގުކޮށްފައިވާތީއެވެ. އެހެންކަމުން ރޯޔަލް ހޮސްޕޮޓަލަށް މިޝަޢަލް ބަދަލުކުރުމަށް ހަމާޝްއިން ފުރަތަމަ ދެކޮޅުހެދިއެވެ. ނަމަވެސް ސަރުކާރާ ހަމާޝްއާ ދެމެދު ދެކެވުނު ވާހަކަތަކަކަށް ފަހު ވަކި ޝަރުތުތަކަކާއެކު އެކަމަށް އެއްބަސްވެވިގެންދިއައެވެ. އެއީ ހަމާޝްގެ ދެ އޮފިޝަލުން ނުވަތަ މިޝަޢަލްގެ ޢާއިލާގެ ދެ ބޭފުޅަކު އޭނާގެ އަރިހުގައި ހުރުމުގެ ހުއްދަދެއްވުމާއި، ހަމާޝްގެ އޮފިޝަލުންނަށް ބޭނުން ގަޑިއަކު މިޝަޢަލްއަށް ޒިޔާރަތްކުރެެއްވުމުގެ ޙުއްދަދެއްވުމާ އަދި މިޝަޢަލްއަށް ދެވޭ ހުރިހާ ފަރުވާއެއްގެ ތަފްޞީލު ހަމާޝްއަށް ދިނުމަށް އެއްބަސްވެގެންނެވެ.

ޙުސައިން ރަސްގެފާނާއި އެމެރިކާގެ ރައީސް ކުލިންޓަންގެ ފޯނުކޯލު

އިސްރާޢީލުން ޢުރުދުންގެ ބިމުގައި ހިންގި މި ޖަރީމާއާމެދު ހުޞައިން ރަސްގެފާނު ވަރަށް ކޯފާއިސްކުރައްވާ އެމެރިކާގެ ރައީސް ބިލްކުލިންޓަންއަށް ފޯނުން ގުޅުއްވާ އިސްރާޢީލު ކަންތައްކުރިގޮތުގެ ވާހަކަ ވިދާޅުވިއެވެ. އެމެރިކާއަކީ 1994ގައި ޢުރުދުންއާއި އިސްރާޢީލާ ދެމެދު ވެވުނު ސުލްޙައިގެ އެއްބަސް ވުމުގެ މޭސްތިރިއެވެ. އަދި އެމެރިކާއަކީ އިސްރާޢީލުގެ އެންމެ ގާތް އެކުވެރިޔާއަށްވުމުގެއިތުރުން، އެމެރިކާ ބުނެފިކޮންމެ ގޮތެއް އިސްރާޢީލުން ހަދާނެކަން ޙުސަޢިން ރަސްގެފާނު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. އެހެންކަމުން، މިޝަޢަލްއަށް ދީފައިވަނީ ކޮން ބާވަތެއްގެ ވިހައެއްކަން ބުނެދިނުމަށާއި އަދި އެވިހަދިނުމަށް ބޭނުންކުރި އާލަތް ޢުރުދުންއާއި ހަވާލުކުރުމަށާއި، އެވިހައިގެ އެންޓިޑޯޓް (ވިހައިގެ އަސަރުކަނޑުވާލުމަށް ދެވޭ ބޭސް) ވީ އެންމެ އަވަހަކަށް ފޯރުކޮށްދިނުމަށް އިސްރާޢީލަށް ބާރުއެޅުމަށް ޙުސައިން ރަސްގެފާނު ބިލްކުލިންޓަންއަށް ވިދާޅުވިއެވެ. އަދި މިޝަޢަލް އަވަހާރަވެއްޖެނަމަ އިސްރާޢީލާއެކު ވެފައިވާ ސުލްހައިގެ އެއްބަސްވުންވެސް އުވިގެންދާނެކަމުގެ އިންޒާރު ދެއްވިއެވެ.

 

މިލިޔުމަށް މަޢުލޫމާތު ހޯދީ އަލްޖަޒީރާ އިން.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިއީ ވަރަށް ހިތްގައިމު ކިޔާލަން ފަސޭހަ ލިޔުމެއް. ތަންކޮޅެއް އަވަހަށް ޖެހިގެން އޮންނަ ބާބެއް ޝާއިޢު ކޮއްލައްވާނަމަ ހާދަރަނގަޅޭ ހިތައްއަރާ. ޕްލީޒް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!