ޚާލިދު މިޝަޢަލްއަށް ވިހަލުން: މުސާދުންގެ އެންމެ ބޮޑު ނާކާމިޔާބު (2ވަނަ ބައި)

 

ކުރީގެ ލިޔުން: ޚާލިދު މިޝަޢަލްއަށް ވިހަލުން: މުސާދުންގެ އެންމެ ބޮޑު ނާކާމިޔާބު (1 ވަނަ ބައި)

މިޝަޢަލް ކާރުން ފައިބައިވަޑައިގެން އޮފީހަށް ވެންނެވުމަށް ވަޑައިގަންނަވަން ފެއްޓެވިއެވެ. ފަހަތުން އޭނާގެ ބޮޑީގާޑު އަބޫ-މާޙިރު އެ ދެމީހުންނަށް ސަމާލުވެގެންހުރެ އަންނަމުންދިޔައެވެ. އެ ދެމީހުންނާ އަރާހަމަވިތަނާ، އެމީހުން ކުއްލިޔަކަށް މިޝަޢަލް އާއި ކައިރިއަށް އައުމަށްފަހު، މިޝްޢަލްގެ ވާތު ކަންފަތްޕުޅަށް ވިހަ ސުޕްރޭއެއް ޕޮނުވާލިއެވެ. ބޮޑީގާޑު ވަގުތުން އެމީހާގެ އަތުގައި ޖަހާ ފޮޅުވާލުމުން އެދެމީހުން ފިލަން ދުއްވައިގަތެވެ. އެވަގުތު ކަންތައް ވެގެންދިޔަގޮތް މިޝަޢަލް އަށްވެސް  މާރަނގަޅަކަށް އެނގިވަޑައިނުގަތެވެ. ނަމަވެސް އެއީ އޭނާ އަވަހާރަކޮށްލަންދޭން އުޅުނު ހަމަލާއެއްކަން އޭނާ ޤަބޫލުފުޅުކުރެއްވިއެވެ!

މި ހާދިސާ ސިފަކޮށްދެއްވަމުން މިޝަޢަލް ވިދާޅުވިއެވެ. “އޭނާ އަހަރެންގެ ވާތުކަންފަތަށް ކޮންމެވެސް އެއްޗެއް ޖެހިކަން  އެނގޭ. އެއީ ކޯޗެއްކަމެއް ނޭގޭ. އެއެއްޗެއް ކަންފަތަށް ޖެހިވަގުތު އަހަރެންނަށް ވަރަށް ބާރުގަދަ ޝޮކެއްލިބުނު. ހީވީ ކަރަންޓު ޝޮކެއްދިންހެން. އެކަމަކު ފަހުން އެއްވެސް ކަމެއްނެތް ބޭރުފުށުން ފެންނާކަށް. ބަޑިއެއް ނުޖަހާ. އެކަމަކު އަހަރެންނަށް ޔަޤީންވި އެއީ އަހަރެން މަރާލަންދިން ހަމަލާއެއްކަން.” މިޝަޢަލްގެ ބޮޑީގާޑު އަބޫ-މާހިރު މުސާދުގެ ދެ އެޖެންޓުންގެ ފަހަތުން ދުއްވައިގަތުމުން، މިޝަޢަލް އޭނާގެ ކުޑަ ދެ ދަރިކަލުން ގޮވައިގެން އެ ހިސާބުން ދުރަށް ވަޑައިގެންނެވިއެވެ.

މިޝަޢަލްގެ ދެވަނަ ބޮޑީގާޑަށް ހާދިސާ ހިނގި ވަގުތު އާދެވުން

 

ﷲގެ ރަޙްމަތުން، މިޝަޢަލްގެ ދެވަނަ ބޮޑީގާޑު މުޙައްމަދު އަބޫ-ސައިފްއަށް އެތަނަށް އެވަގުތު އާދެވެން މެދުވެރިވިއެވެ. އޭނާ އެކަންތައް ކިޔައިދެމުން ބުއްޏެވެ. “އަހަރެން އޮފީހަށް އައިސް ކާރު ޕާކުކުރަން އުޅެނިކޮށް ފެނުނީ މިޝަޢަލްއަށް ދެ މީހަކު ހަމަލާދީފައި ދުއްވައިގަތްތަން. އަހަރެން އަވަހަށް އެމީހުންގެ ފަހަތުން ދުއްވައިގަތިން.” ދެވަނަ ބޮޑީޤާޑު މުސާދުގެ އެޖެންޓުން ފަހަތުން ދުއްވައިގަތުމުން މިޝަޢަލްގެ އަނެއް ބޮޑީގާޑު މިޝަޢަލްއަށް އެހީތެރިވުމަށްޓަކައި އޭނާ އަރިހަށްދިއައެވެ.

ހަމާޝްގެ ކުއްލި ބައްދަލުވުން

މިޝަޢަލް އޭނާގެ ގެއަށް ވަޑައިގެން އަވަސްވެވަޑައިގަތީ ހަމާޝްގެ އިސްވެރިންނާއެކު ކުއްލި ބައްދަލުވުމެއް ބާއްވާށެވެ. މިގޮތުން ކޮންމެވެސް އިސް އޮފިޝަލެއްގެ ގޭގައި އެބައްދަލުވުން ބޭއްވުނެވެ. މި ބައްދަލުވުމުގެ ބޭނުމަކީ، އެދުވަހު މިޝަޢަލް އަށް ބަޔަކު ހަމަލާދިން ހާދިސާގެ ވާހަކަ އެންގުމެވެ. އަދި އެއީ އޭނާ އަވަހާރަކޮށްލުމަށް މުސާދުން ދިން ހަމަލާއެއްކަމަށް މިޝަޢަލް ތުހުމަތުކުރެއްވިއެވެ. ސަބަބަކީ، މީގެކުރިންވެސް އެތަކެއް ފަހަރަކު ހަމާޝްގެ އިސްވެރިން އަވަހާރަކޮށްލަން އިސްރޭލުން މަސައްކަތްކޮށްފައިވުމެވެ. ނަމަވެސް، ޖިސްމާނީގޮތުން މިޝަޢަލްއަށް މި ހަމަލާގައި އެއްވެސް ގެއްލުމެއް ލިބިވަޑައިގެންފައި ނެތުމާއެކު، އެއްވެސް ކަހަލަ ހަތިޔާރެއް އެމީހުން ބޭނުންކޮށްފައި ނުވުމުން ހަމާޝްގެ ވެރިންނަށްވެސް މާ ސާފުކޮށް، މި ހިނގައިގެން އުޅޭ ހާދިސާ އެނގިވަޑައެއްނުގަތެވެ. އެހެންކަމުން، މި ބައްދަލުވުމުގައި މަޝްވަރާކޮށް ނިމުނީ މަޝަޢަލް އަވަހާރަކޮށްލަން މުސާދުން ހަމަލާއެއްދީފިކަން މީޑިޔާގެ ސަމާލުކަމަށް ގެނައުމަށެވެ. އެގޮތުން، މީޑިޔާއަށް މި ޚަބަރު ރިޕޯޓުކުރުމުން، އެކަމާބެހޭ އިތުރު ތަފްޞީލު ލިބޭނެކަމަށް ހަމާޝްގެ އިސްވެރިންނަށް ފެނިވަޑައިގަތެވެ.

 

މިޝްޢަލް އަވަހާރަކޮށްލަން ދެވުނު ހަމަލާގެ ވާހަކަ މީޑިޔާއަށް ރިޕޯޓުކުރުން

ހަމާޝްގެ ސީނިޔާ އޮފިޝަލެއްކަމަށްވާ މުޙައްމަދު ނަޒާލު އޭ.އެފް.ފީ ޢައްމާން ބިއުރޯގެ ޗީފުކަމުގައިވާ ރަންދާ-ޙަބީބު އަށް ފޯނުން ގުޅުއްވާ މިޝަޢަލް އަވަހާރަކޮށްލުމަށް މުސާދުން ދިން ޙަމަލާގެ ވާހަކަ ރިޕޯޓުކުރެއްވިއެވެ. އެ ޚަބަރު އޭއެފްޕީ ޢައްމާނު ބިއުރޯއިންނާއި އަދި ރަންދާ-ޙަބީބު މަސައްކަތްކުރާ ރޭޑިއޯ ޗެނަލެއްކަމަށްވާ ރޭޑިއޯ މޮންޓިކާލޯ އިން ގެނެސްދިނުމާއެކު މުޅި ޢުރުދުންގެ ސަމާލުކަމަށާއި، ދުނިޔޭގެ ސަމާލުކަމަށް އެ ޚަބަރު އައެވެ. ނަމަވެސް އެ ނޫސް އެޖެންސީއަށް އުރުދުންގެ އިންޕޮމޭޝަން މިނިސްޓުރީން ގުޅުއްވާ، އެޚަބަރު ޔަޤީން ނުވަނީސް ނުޖެހުމަށް އެންގެވިއެވެ. އަދި ޚަބަރު އަނބުރާ ނެގުމަށް އިންޕޯމޭޝަން މިނިސްޓަރު ރަންދާ-ޙަބީބަށް ފޯނުން ގުޅުއްވާ ވިދާޅުވިކަމަށް އޭނާ ބުނެއެވެ.

 

މުސާދުގެ އެޖެންޓުންގެ ފަހަތުން މިޝައަލްގެ ދެވަނަ ބޮޑީގާޑު

މިޝަޢަލް އަށް ވިހަ ލުމަށްފަހު، މޫސާދުގެ ދެ އެޖެންޓުން ފިލަން ދުއްވައިގަތުމުން، އެމީހުންގެ ފަހަތުން މިޝްޢަލްގެ ދެވަނަ ބޮޑީގާޑު މުޙައްމަދު އަބޫ-ސައިޕް ދުއްވައިގަތެވެ. ގާތްގަނޑަކަށް 100 އެއްހާ މީޓަރު ދުރުގައި، މުސާދުގެ 2 އެޖެންޓުންގެ އިންތިޒާރުގައި ކާރެއް ތައްޔާރަށް އޮތެވެ. އެ ދެ އެޖެންޓުން ދުވެފައިގޮސް އެކާރުގެ ތެރެއަށް ފުންމާލުމާއިއެކު، އެކާރު ބާރު ސުޕީޑުގައި ނައްޓާލިއެވެ. މުސާދުގެ އެޖެންޓުން އަރައިގެން ދިޔަ ކާރުގެ ނަމްބަރު އަބޫ-ސައިފްގެ ހިތަށް ނެގިއެވެ. އަދި އަތުގައި ނޯޓުކޮށްލިއެވެ. އޭނާ  ކިޔައިދިންގޮތުގައި، “ﷲގެ ރަޙްމަތްފުޅުން އަހަރެންނަށް ކުއްލިޔަކަށް އެ ކާރު ނަމްބަރު ހިތަށް ނަގައިގަނެވުނު. އެކާރުގެ ކުލަޔާ ހުރިހާ ސިފަތަކެއްވެސް ހިތަށް ނަގައިގަނެވުނު. އެއީ ފެހި ކުލައިގެ ހުއަންޑާ ކާރެއް. ނަމްބަރު ޕުލޭޓުގައިވާ ނަމްބަރަކީ 5374.”

އެމަގުންދިޔަ ކާރެއް ހުއްޓުވާފައި އޭނާ އެކާރަށް އެރިއެވެ. އަދި ކުރިން އެދިޔަ ކާރުގެ ފަހަތުން ދިޔުމަށް އެދުނެވެ. ކާރުދުއްވަން އިން މީހާއަށް މިވެގެން އުޅޭގޮތެއް އެއްގޮތަކަށްވެސް ނޭނގޭނެއެވެ. އޭނާ އެ ކާރުގައި މުސާދުގެ އެޖެންޓުން ފޮލޯކުރަމުންދިޔަކަމެއް މުސާދުގެ އެޖެންޓުންނަކަށްވެސް ނޭނގެއެވެ.

މުސާދުގެ އެޖެންޓުން މިޝައަލްއަށް ވިހަލީކަން މުސާދުގެ ވެރިންނަށް ރިޕޯޓުކުރުން

ކާރުގައި ދަމުން، މުސާދުގެ އެޖެންޓުންވަނީ ޢައްމާނުގައި ހުންނަ އިސްރޭލުގެ އެމްބަސީގައި ފިލާތިބި މުސާދުގެ އެޖެންޓުންނަށާއި، އިސްރޭލުގައި ތިބި މުސާދުގެ ވެރިންނަށް، އެމީހުންގެ މަސައްކަތް ކާމިޔާބުކަމާއެކު ކޮށްނިންމާލައިފިކަމުގެ ޚަބަރު ދީފައެވެ. ނަމަވެސް، އެމީހުންގެ ފަހަތުން މިޝަޢަލްގެ ބޮޑީގާޑެއް ފޮލޯކުރަމުން އަންނަކަމެއް އެމީހުންނަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ.

މިޝްޢަލްއަށް ވިހައިގެ އަސަރުކުރަން ފެށުން

މުސާދުގެ އެޖެންޓުން މިޝަޢަލްގެ ކަންފަތްޕުޅަށް ވިހަ ސުޕްރޭކުރިތާ އެއް ގަޑިއިރު ފަހުން މިޝްޢަލްއަށް ވިހައިގެ އަސަރުކުރަން ފައްޓަވައިފިއެވެ. ހަމާޝްގެ ވެރިންނާއެކު ބައްދަލުވުމުގައި މިޝަޢަލް އިންނަވަނިކޮށް ހަށިކޮޅުން ވަރުދެރަވެ އަވަހާރަފުޅު އަންނަކަމުގެ އިޙްސާސްކުރެްއވެންފެށިއެވެ. އެންމެ ފަހުން، މިޝަޢަލްގެ ހަށިކޮޅުން އެއްކޮށް ވަރުދޫވެ އޭނާގެ ހާލު ދަށަށް ދާންފެށުމުން، ޢުރުދުންގެ އިސްލާމިކް ބުރަދާހުޑްގެ ޗެރިޓީ އޮގަނައިޒޭޝަނަކުން، ޢައްމާނުގައި ހިންގަމުން އަންނަ  އިސްލާމިކް ހޮސްޕިޓަލުގައި އެޑްމިޓްކުރެވުނެވެ. މިޝަޢަލް ގެންދިއުމަށް އެ ހޮސްޕިޓަލު އިޚްތިޔާރުކުރި ސަބަބަކީ، އެއީ ސެކިއުރިޓީ ވަރުގަދަ އަދި މުސާދުންގެ ފަރާތުން އެއްވެސް ނުރައްކަލެއް މަޝަޢަލްއަށް ކުރިމަތިނުވާނެ ހޮސްޕިޓަލަކަށްވުމެވެ.

ޑޮކްޓަރުން ފުރަތަމަ ބެލިބެލުމުން މިޝަޢަލްގެ ހަށިކޮޅުން ވަރުދެރަވެ ހާލުދެރެވާންދިމާވާ ސަބަބެއް ސާފެއްނުވިއެވެ. އެހެނަސް، މިޝަޢަލްގެ ހާލުކޮޅު ދިޔައީ ފަހަރަކަށްވުރެ ފަހަރެއް ދަށްވަމުންނެވެ. ނަމަވެސް، އެކިފަހަރުމަތިން ކުރެވުނު ތަޙްލީލުތަކުން ދެއްކި ނަތީޖާއަކީ މިޝްޢަލްގެ ހަށިކޮޅަށް ވިހައިގެ އަސަރުކޮށްފައިވާކަމެވެ. ނަމަވެސް އެއީ ސީދާ ކޮންކަހަލަ ވިހައެއްކަމެއް  ސާފެއްނުވިއެވެ. މިޝްޢަލްގެ ހަށިކޮޅުން ފެންނަމުންދިޔަ ޢަލާމާތްތަކަށް ބަލާއިރު އެންމެ ބޮޑަށް ލަފާކުރެވުނީ، އޮފަރެޝަންކުރަން ބަލިމީހުން ހޭނެއްތުމަށް ބޭނުންކުރާ ބާވަތުގެ ބޭހެއް ގިނަ ޢަދަދަކަށް އޭނާއަށް ދީފައިވާކަމަށެވެ. އެހެންކަމުން، ވަރަށް ތަޖުރިބާކާރު ހޭނައްތާ ޑޮކްޓަރެއް ގެނެސް ކުރެވުނު ތަޙްލީލުތަކުން އެނގުނުގޮތުގައި އެ ހީކުރުންވީ ކުއްހީއަކަށެވެ. އެނގޭހާވެސް އެއްޗަކީ، މިޝަޢަލްއަށް ދީފައިވަނީ ބާރުގަދަ ވިހައެއްކަމެވެ. އޭގެ ސަބަބުން އޭނާގެ ނޭވާލާނިޒާމު ހުއްޓެން މެދުވެރިވަނީއެވެ. ޑޮކްޓަރުން މަސައްކަތްކުރީ، މިޝަޢަލް އަށް އަވަހާރަފުޅު އަޔަނުދެއްވާ ވާހަކަދައްކައިގެން ހޭފުޅުލައްވާ ބައިންދާށެވެ. ސަބަބަކީ އޭނާއަށް އަވަހާރަފުޅުލެއްޕެވިއްޖެނަމަ ނޭވާލާނިޒާމް އެއްކޮށް ފެއިލްވެ ފުރާނަފުޅަށް ނުރައްކާވާނެތީއެވެ.

މުސާދުގެ އެޖެންޓުން އަތުލައިގަތުން

މަޝަޢަލްގެ ބޮޑީގާޑު އަބޫ-ސައިފް މޫސާދުގެ 2 އެެޖެންޓުންގެ ކާރު ފަހަަތުން ޕޮލޯކުރަމުން ގެންދިޔައެވެ. މިސްކިތެއް ކައިރިއަށް ކާރު މަޑުކޮށް އެދެމީހުން ކާރުން ފައިބައިފިއެވެ. ބޮޑީގާޑު އަބޫ-ސައިފް ކިޔައިދިން ގޮތުގައި، އޭނާ އެމީހުންގެ ފަހަތުން އައިކަމެއް އެމީހުންނަކަށް އެއްގޮތަކަށްވެސް ނޭނގެއެވެ. އެކަން އެމީހުންނަށް އެނގުނު ނަމަ އެމީހުން ކާރު މަޑުކޮށްފައި އެތަނަކަށް ނުފޭބީސްކަން ކަށަވަރެވެ. އެތަނުން ބެންޑޭޖްކޮށްފައި ހުރި މީހާގެ އަތުގައި އޮތް ބެންޑޭޖު އޮތީ މިހާރު ނަގާފައެވެ. ބޮޑީގާޑު އަބޫ-ސައިޕްވެސް އޭނާގެ ކާރުން ފޭބުމަށްފަހު، އެ މީހުންގެ ފަހަތުން ދުއްވާގަތެވެ. މަގުތަށް މަތިން ދުވަމުންގޮސް އެމީހުންވަނީ މަގުގެ އެއްފަރާތުގައި އޮތް ހުސްބިމަކަށެވެ. އެހިސާބުން، ބޮޑީގާޑު އަބޫ-ސައިފް އެތަނުން އެކަކުގެ ގައިގައި އޮޅުލައިގަތެވެ. އެވަގުތު މުސާދުގެ ދެވަނަ އެޖެންޓު އެތަނުން ހިލައެއް ނަގައި ބޮޑީގާޑު އަބޫ-ސައިފްގެ ބޮލުގައި ޖަހައި ބޯފަޅާ ލައިފިއެވެ. އަނެއްކާވެސް، އެ ދެމީހުން އަބޫ-ސައިފްގެ އަތްދަށުން ސަލާމަތްވެގެން ދުއްވައިގަތެވެ.

 

ލިބިފައިވާ ޒަޙަމްތަކާއެކު ބޮޑީގާޑު އަބޫ-ސައިފް އަނެއްކާވެސް އެމީހުންގެ ފަހަތުން ދުވަންފެށިއެވެ. މިފަހަރު އަބޫ-ސައިޕް ކަންތައްކުރި ގޮތަކީ، މަގުގެ އެއްފަރާތުގައި ފެންދައުރުކުރުމަށް ހަދާފައިވާ އަޑި މަގަކަށް އެތަނުން އެކަކު ކޮށްޕާ ވައްޓާލީއެވެ. އެއަށްފަހު، އެ އެމީހާގެ ގައިގައި އޮޅުލައިގަތެވެ. މުސާދުގެ އަނެއް އެޖެންޓު އަނެއްކާވެސް އެތަނުން ހިލައެއްނަގައި ބޮޑީގާޑު އަބޫ-ސައިފްގެ ބޮލުގައި ޖަހަން މަސައްކަތްކުރިއެވެ. ނަމަވެސް ބޮޑީގާޑު އަބޫ-ސައިފް އެއްފަރާތަކަށް ރެކިލުމުން، ހިލައިން ޖެހުނީ އޭނާގެ ކޮނޑުމަތީގައެވެ. ގައިން އޮހޮރެމުންދިޔަ ލެޔާއެކުވެސް، ބޮޑީގާޑު އަބޫ-ސައިފް މަސައްކަތްކުރީ މިޝަޢަލްއަށް ހަމަލާދިން މުސާދުގެ ދެ އެޖެންޓުން އަތުލައިގަތުމަށެވެ.

ބޮޑީގާޑު އަބޫ-ސައިފްއާއި މޫސާދުގެ 2 އެޖެންޓުން ތަޅާފޮޅާ މަންޒަރު ބަލަން ވަރަށް ގިނަ ޢަދަދެއްގެ ބަޔަކު މަގުގެ އަރިމަށްޗަށް އެއްވެއްޖެއެވެ. ނަމަވެސް، ތަޅާފޮޅަމުން ދިޔައީ އެމަގުގެ އަރިމަތީ ފެންދަޢުރުކުރުމަށް ހަދާފައި އޮތް އަޑި މަގެއްގައިކަމުން، މަންޒަރުބަލަންތިބި މީހުންނަކަށް މިވެގެން އުޅޭގޮތެއް އެއްގޮތަކަށްވެސް ނޭނގެއެވެ.

ޕަލަސްތީނިއަން ލިބަރޭޝަން އާމީގެ އޮފިސަރެއްގެ އެހީ

މަޝަޢަލްގެ ބޮޑީގާޑު އަބޫ-ސައިފް މުސާދުގެ ދެ އެޖެންޓުންނާ ތަޅާފޮޅާމަންޒަރު ބަލަން މަގުގެ އެއްފަރާތުގައި ގިނަ ބަޔަކު އެއްވެފައިތިއްބެވެ. ﷲގެ ރަޙްމަތްފުޅުން، އިރުކޮޅަކުން އެތަނަށް ޓެކްސީއެއްގައި އައިސް ފޭބީ، ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ޖަމާޢަތުގެ އޮފިސަރެކެވެ. އޭނާގެ ނަމަކީ ސާދު އަލް-ޚަތީބެވެ.

މަގުގެ އެއްފަރާތުގައި މީހުން އެއްވެގެން އުޅޭމަންޒަރު ފެނުމުން، ވެގެން އުޅޭގޮތެއް ބަލައިލުމުގެ ބޭނުމުގައި އެތަނަށް ކައިރިވެލިއެވެ. އޭނާއަށް ފެނުނު މަންޒަރަކީ ޢަރަތްބަކާއި ދެ ބިދޭސީން ތަޅާފޮޅަމުންދިޔަ ތަނެވެ. އޭނާ ހުރީ ހުސްއަތާކަމަށް ވިޔަސް، ބަލަން ނުހުރެ އެތާ ތިރިއަށް ފޭބުމަށް ފަހު އޭނާއަކީ ސެކިއުރިޓީ އޮފިސަރެއްކަމަށް ބުއްޏެވެ. ސާދު އަލް-ޚަތީބު އެހެން ބުނުމުން، އެ ދެމީހުންނަކީ މުސާދުގެ އެޖެންޓުންކަމަށާއި،އެމީހުން ޚާލިދު މިޝަޢަލް ގަތުލުކޮށްފިކަމަށާ އަދި އެ ދެމީހުން ހިފާހައްޔަރުކުރުމަށް އަބޫ-މޫސާ ހަރު އަޑުން ގޮވަންފެށިއެވެ. އެހިނދު ސާދު އަލް-ޚަތީބު އާއި އެތާތިބި ބައެއް މީހުންގެ އެހީތެރިކަމާއެކު އެ ދެމީނުން ހައްޔަރުކުރިއެވެ.

 

އެތަނުން އެއްވެފައިތިބި މީހެއްގެ ފޯނުން މިޝަޢަލްގެ އޮފީހަށް ބޮޑީގާޑު އަބޫ-ސައިފް ގުޅާފައި، މިޝަޢަލް އަށް ހަމަލާދިން ދެ މީހުން އަތުލައިގަނެވުނު ވާހަކަ ބުއްޏެވެ. އަދި އޭނާ ހުރީ ވަރަށް ބޮޑަށް ޒަޙަމްވެފައިކަންވެސް އެންގިއެވެ. އެއަށްފަހު، އެދެމީހުން ކާރަކަށް ލައިގެން ގެންދިޔައީ، އެސަރަޙައްދުގައި ހުރި ވަދީ-އަލްސީރު ފޮލިސް ސުޓޭޝަނަށެވެ. ޔަހޫދީންގެ ރޭވުން ފަޅާއަރަން ތައްޔާރުވީއެވެ!

މިޝްޢަލް އަވަހާރަކޮށްލަން ދިން ހަމަލާގެ ޚަބަރުތައް ޢުރުދުންގެ ސަރުކާރުން ދޮގުކުރުން

ޢުރުދުންގެ ސަރުކާރުންވަނީ ވަގުތުން އެ ޚަބަރުތައް ދޮގުކޮށްފައެވެ. މިޝަޢަލް އަށް ދެވުނު ހަމަލާގެ ރިޕޯޓަކީ އެއްވެސް ޙަޤީޤަތެއްނެތް ދޮގު ރިޕޯޓެއްކަމަށް ޢުރުދުންގެ އިންފޮމޭޝަން މިނިސްޓަރު ވިދާޅުވިއެވެ. އަދި ޕޮލިސްޓޭޝަންއަށް ގެނެވުނީ މުސާދުގެ އެޖެންޓުން ނޫންކަމަށާއި އެމީހުންނަކީ ކެނެޑާގެ ދެ ޓޫރިސްޓުންކަމަށް ސަރުކާރުން ނެރުނު ބަޔާނެއްގައިވެއެވެ. އަދި އެކަންތައްގަޑަކީ މަޝަޢަލްގެ ބޮޑީގާޑު އަބޫ-ސައިޕް އާއި ކެނެޑާގެ ދެ ޓޫރިސްޓުންގެ ދެމެދުގައި ހިނގި މާރާމާރީއެއްކަމަށް ސަރުކާރުން ހާމަކުރިއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!