ޚާލިދު މިޝަޢަލްއަށް ވިހަލުން: މުސާދުންގެ އެންމެ ބޮޑު ނާކާމިޔާބު (1 ވަނަ ބައި)

މިއީ 1997 ވަނަ އަހަރު އިސްރާއީލުގެ ޒަޔަނިސްޓު ސަރުކާރުން ހަމާޝްގެ މިހާރުގެ ލީޑަރު ޚާލިދު މިޝަޢަލް އަވަހާރަކޮށްލުމަށް ހިންގި ސިއްރު އޮޕަރޭޝަން ހިނގާދިޔަ ގޮތުގެވާހަކައެވެ. އޭރު މިޝަޢަލް އަކީ ޙަމާޝްގެ ޕޮލިޓިކަން ބިއުރޯގެ އިސްވެރިޔާއެވެ. އިސްރާޢީލުގެ ސިއްރު ފުލުހުން ކަމުގައިވާ މުސާދު އެޖެންޓުން ހިންގި މި އޮޕަރޭޝަނަކީ މިހާތަނަށް ދުނިޔެދުއް މިފަދަ އެންމެ ނާކާމިޔާބު އޮޕަރޭޝަނެވެ.

ޔަހޫދީންގެ މި ނުބައި ރޭވުމުން މިޝަޢަލް  ސަލާމަތްވެވަޑައިގަތީ މަރުގެ ތުންފަތްމަތީގައި އޮންނެވުމަށް ފަހުގައެވެ. ކޯމާއެއްގައި 2 ދުވަހު އޮންނެވުމަށް ފަހު މިޝަޢަލް ހޭފުޅުއެރީ 27 ސެޕްޓެމްބަރު ވީ ހޮނިހިރު ދުވަހު މެންދުރެއްހާ އިރުއެވެ. އޭނާއަށް މި ހަމަލާއިން އެއްވެސް ގެއްލުމެއް ލިބިވަޑައިނުގަންނަވައެވެ. ޔަހޫދީންގެ ރޭވުމަށް ވުރެ މާތްﷲ ގެ ރޭއްވެވުން މާ މަތިވެރިވެވޮޑިގެންވާކަން ހާމަވެގެންދިޔައީ، މި އޮފަރޭޝަނުގެ ސަބަބުން ޔަހޫދީންނަށް ލިބިގެންދިޔަ ގެއްލުމާއި ޙަމާޝްއަށް ލިބިގެންދިޔަ މަތިވެރި ނަޞްރުގެ ސަބަބުންނެވެ. މި ނާކާމިޔާބު އޮޕްރޭޝަންގެ ނަތީޖާއަކަށްވެގެންދިޔައީ، ޔަހޫދީން ދުނިޔެއަށް ބޭޒާރުވެގެންދިޔުމުގެ އިތުރަށް، ހަމާޝްގެ އެންމެ އިސް ލީޑަރު ޝައިޚް ޔާސީން (ރަޙިމަހުﷲ)އިސްރާޢީލުގެ ޖަލުން މިނިވަންކޮށް ދޫކޮށްލުމަށްމަޖުބޫރުވެގެން ދިޔުމެވެ.

25ސެޕްޓެމްބަރު 1997ވަނަ އަހަރު އިސްރާޢީލުގެ ސިއްރު އެޖެންޓުން ހަމާސްގެ ޕޮލިޓިކަލް ބިއުރޯ (ސިޔާސީ ގޮފީ)ގެ ވެރިޔާ ޚާލިދު މިޝަޢަލް އަވަހާރަކޮށްލުމަށް މަސައްކަތްކުރިއެވެ. ޚާލިދު މިޝަޢަލް އަކީ ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ހަމާޝް ޖަމާޢަތުގެ އިސްވެރިއެކެވެ. 1999ގައި ޢުރުދުންގެ ޙުސައިން ރަސްގެފާނު އަވަހާރަވުމާ ހަމަޔަށް މިޝަޢަލް ދިރިއުޅުއްވީ އުރުދުންގެ ވެރިރަށް ޢައްމާނުގައެވެ.

 

މިޝަޢަލް އަވަހާރަކޮށްލުމަށް އިސްރޭލުގެ ޒަޔަނިސްޓު ސަރުކާރުން ނިންމުން

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުގެ ޒަޔަނިސްޓު ދަޢުލަތުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކަށް އެންމެ ވަރުގަދައަށް ރައްދުދެމުންދާ އެއްބަޔަކީ ހަމާޝް ޖަމާޢަތެވެ. މިގޮތުން އިސްރާޢީލުގެ މައި ދެ އަވަށް ކަމަށްވާ  ޖޫރުސަލީމަށާއި، ތެލްއަވީވްއަށް ހަމާޝްއިން ދިން ބޮމުގެ ވަރުގަދަ 2 ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން އިސްރާޢީލުގެ ޒަޔަނިސްޓު ދަޢުލަތުން ނިންމީ ހަމާސް ޖަމާޢަތުގެ އިސްވެރިޔަކު އަވަހާރަކޮށްލުމަށެވެ. މި ހަމަލާތަކަށްފަހު، އިސްރާޢީލުގެ އޭރުގެ ބޮޑުވަޒީރު ބިންޔަމިން ޔަތަންޔާހޫ، ސަލާމަތީ އިސްވެރިންނާއި އަދި މުސާދުގެ ވެރިންނާއެކު ކުއްލި ބައްދަލުވުމެއް ބޭއްވިއެވެ. އޭރު މުސާދުގެ ވެރިޔަކަށް ހުރީ ޑެނީ ޔަހްތުމް އެވެ.

ކުއްލި ބައްދަލުވުމުގެ ބޭނުން

މި ކުއްލި ބައްދަލުވުމުގެ ބޭނުމަކީ ހަމާޝްގެ ކިބައިން ވަރުގަދަ ބަދަލެއް ހިފުމެވެ. މިގޮތުން ބޮޑުވަޒީރު ޔަތަންޔާހޫގެ ހިޔާލުހުރީ ހަމާޝްގެ އިސްވެރިއެއްކަމަށްވާ މޫސާ އަބޫ މަރްޒޫކް އަވަހާރަކޮށްލުމަށެވެ. ނަމަވެސް މުސާދުން އެގޮތަކަށް އެއްބަސް ނުވި ސަބަބަކީ އަބޫ މަރްޒޫކް އަކީ އެމެރިކާގެ ސިޓިޒަންޝިޕް އޮންނަ މީހަކަށްވުމެވެ. އެހެންކަމުން، މުސާދުން ބޮޑުވަޒީރަށް ލަފާއެރުވީ  އޭނާގެ ބަދަލުގައި ހަމާޝްގެ ޕޮލިޓިކަލް ބިއުރޯގެ ވެރިޔާ ޚާލިދު މިޝަޢަލް އަވަހާރަކޮށްލުމަށެވެ.

މުސާދުންނަކީ ކޮންބައެއް؟

މިހާ ހިސާބުން މުސާދުންނަކީ ކޮންބައެއްތޯ ބަލާލުން ކޮންމެހެން މުޙިންމުކަމަށް ދެކެމެވެ. މުސާދު، މިއަކީ އިސްރާޢީލުގެ ޖާސޫސީ އަދި ސިއްރު ޢިދާރާއެވެ. މުސާދު މިއީ ހިބްރޫ ލަފްޒެކެވެ. މި ލަފްޒުގެ މާނައަކީ “ޢިދާރާ” ނުވަތަ “މުއައްސަސާ” އެވެ. މުސާދު އުފެއްދީ 13 ޑިސެމްބަރު 1949 ގައި އޭރުގެ ބޮޑުވަޒީރު ޑޭވިޑް ބެން-ގުޔޮން’ގެ އަމުރެއްގެ ދަށުންނެވެ. މި ޢިދާރާގެ މަސައްކަތަކީ ޖާސޫސީ މަޢުލޫމާތު ހޯދާއެއްކުރުމާއި، އިސްރާޢީލުގެ ބޭރުގައި އެކިއެކި ހާއްޞަ އޮޕަރޭޝަންތައް ހިންގުމެވެ. މި ޢިދާރާގައި މަސައްކަތްކުރަނީ ސިއްރު ފުލުހުންގެ ގޮތުގައި މަސައްކަތްކުރާ މުސާދުގެ އެޖެންޓުންނެވެ. އިސްރާޢީލުން އެ ޤައުމުގެ ސަލާމަތަށް ނުރައްކާވާކަމަށް ޤަބޫލުކުރާ މީހުން، ސިއްރު ރޭވުންތަކުގެ ތެރެއިން މެރުމަކީ މުސާދު އެޖެންޓުންގެ އެންމެ މުޙިންމު އެއް މަސައްކަތެކެވެ. ބައެއްފަރާތްތަކުން ސިފަކުރާގޮތުގައި މިއީ ދުނިޔޭގައި ޚަރަކާތްތެރިވާ އެންމެ ނުރައްކާތެރި ސިއްރު ފުލުހުންނެވެ. އެފަދަ ފަރާތްތަކުން ބުނާގޮތުންނަމަ މުސާދުއަކީ އެންމެ “އެފިސިއަންޓު ކިލިން މެޝިން” އެވެ.

 

މިޝަޢަލް އަވަހާރަކޮށްލުމަށްޓަކައި މުސާދުން ޢައްމާނަށް އައުން

ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ އޭރުގެ ލީޑަރު ޚާލިދު މިޝަޢަލް އަވަހާރަކޮށްލުމަށް އިސްރާޢީލުގެ ސަރުކާރުން ނިންމުމާއެކު އެމަސައްކަތް ތަންފީޒުކުރުމަށް ހަވާލުކުރެވުނީ އިސްރާޢީލުގެ ސިއްރު ފުލުހުންކަމުގައިވާ މުސާދުންނާއެވެ. ބޮޑުވަޒީރު ޔަތަން ޔާހޫގެ ފެހިސިގްނަލާއެކު މުސާދުންގެ 6 އެޖެންޓުން ޢުރުދުންގެ ވެރިރަށް ޢައްމާން އަށް ދިޔައެވެ. އެމީހުން ޢައްމާނުގެ ވައިގެބަނދަރުން އެތެރެވީ ކެނެޑާގެ ވަގު ޕާސްޕޯޓުގައި ޓޫރިސްޓު ވިސާގައެވެ. އެއީ މިޝަޢަލް އަވަހާރަކޮށްލުމަށް ރާވާފައިވާ ދުވަހުގެ 1 ހަފްތާކުރިއެވެ.

މިޝަޢަލް ވިހަލުމުގެ ޕުލޭނު

މިޝަޢަލް އަވަހާރަކޮށްލުމަށް ގޮވާޒާތުގެ އެއްވެސް އެއްޗެއް ނުވަތަ ބަޑިއެއްވެސް ބޭނުންކޮށްފައެއް ނުވެއެވެ. ޔަހޫދީން ބޭނުންވީ އޭނާއަށް ލީތަލް ޕޮއިޒަން (ވިހަ) ލައިގެން ‘ސައިލެންޓުކޮށް” އަވަހާރަކޮށްލާށެވެ. ދުނިޔޭގެ ލޯތަކަށް އެއީ ޤަތުލުކުރުމެއްކަން ނޭނގޭގޮތަށް އޭނާ އަވަހާރަކޮށްލުމަށެވެ! އިސްރާޢީލުން ރާވާފައި އޮތީ މުސާދުގެ އެޖެންޓުން ބޭނުންކޮށްގެން މިޝަޢަލްގެ ކަންފަތްޕުޅަށް އެ ވިހަ ސުޕްރޭކުރާށެވެ. އެގޮތުން، ބޭރު ފުށުން އެއްވެސް ޒަހަމެއް ނުފެނި އޭނާ އަވަހާރަކޮށްލުމަށެވެ. މި ވިހަ މާއްދާގެ ސަބަބުން ސިކުނޑީގެ މަސައްކަތް މަޑުމަޑުން ހުއްޓުވާލާ، ނޭވާލާނިޒާމް ފެއިލްކޮށްލައެވެ. ނަތީޖާއަކީ ގިނަވެގެން 48 ގަޑިއިރު ތެރޭގައި މީހާ މަރުވުމެވެ. މަޑުމަޑު އަރާމުނިންޖަކުން މީހާ މަރާލުމެވެ!

 

މިޝަޢަލްއަށް ވިހަލުން

އެއީ 25 ސެޕްޓެމްބަރު 1997 ވަނަ ދުވަހު މެންދުރުފަހެވެ. ކޮންމެ ދުވަހެއްގެވެސް އާދައިގެމަތިން، ޚާލިދު މިޝަޢަލް އޭނާގެ ކާރުގައި ވަޑައިގެންނެވީ، ޢައްމާނުގައި ހުންނަ އޭނާގެ އޮފީހަށް ވަޑައިގަތުމަށެވެ. މިޝަޢިލްގެ ބޮޑީގާޑަކީވެސް އޭނާގެ ޑުރައިވަރެވެ. މިޝަޢަލްގެ ކާރުކޮޅުގެ ފަހަތުން އެހެން ކާރެއް ފާރަލަމުން (ފޮލޯކުރަމުން ) އަންނަކަން ޑުރައިވަރަށް ފާހަގަކުރެވުނު ނަމަވެސް އޭނާ އެކަން މާބޮޑުކަމަކަށް ނަހަދައެވެ. އެއީ ޢުރުދުންގެ ވެރިރަށް ޢައްމާނަކީ ހަމާޝްއަށް އަމާން ތަނަކަށްވުމެވެ.

އާދައިގެ މަތިން އެދުވަހުވެސް މިޝަޢަލް  އޮފީހަށް ވަޑައިގެންނެވި މަގުމަތީގައި އޭނާގެ ކުޑަ ދެ ދަރިކަލުން އިސްކޫލުން ނެންގެވިއެވެ. އެހެންކަމުން މިހާރު ކާރުކޮޅުގައި ތިބީ އޭނާއާއި އޭނާގެ ކުޑަ ދެ ދަރިކަލުންގެ އިތުރުން ބޮޑީގާޑެވެ.

އޮފީހުގެ ދޮރުމަށްޗަށް ކާރުކޮޅު މަޑުކޮށްލުމާއެކު މިޝަޢަލްގެ ލޯފުޅުގައި އަޅައިގަތީ އޮފީހު ދޮރުމަތީގައި މަޑުކޮށްލައިގެން ތިބި ދެ ޒުވާނުންނެވެ. އެމީހުންތިބީ ކަޅުކުލައިގެ އަވިއައިނު އަޅާފައި، އާދައިގެ ކުލަ ހެދުމުގައެވެ. އެ ދެމީހުންނަކީ މިޝަޢަލް އަވަހާރަކޮށްލުމަށް އިސްރާޢީލު ސަރުކާރުން ފޮނުވާފައިވާ މުސާދުގެ އެޖެންޓުންނެވެ! އެކަކުގެ ކަނާތުގައިވަނީ ބެންޑޭޖްކޮށްފައެވެ. އެ ބެންޑޭޖުން ނިވާކޮށްފައިވަނީ މިޝަޢަލްގެ ކަންފަތްޕުޅަށް ސުޕުރޭކުރުމަށް ތައްޔާރުކޮށްފައިވާ ވިހަ އެވެ. މުސާދުގެ 2  އެޖެންޓުން އެތިބީ މިޝަޢަލް ކާރުކޮޅުން ފައިބާވަޑައިގަންނަވާނެ ވަގުތަކަށް އިންތިޒާރުކޮށްކޮށެވެ!

އެމީހުން ފެނިވަޑައިގަތުމާއެކު، މިޝަޢަލްގެ ހިތްޕުޅުގައި އެމީހުންނާމެދު ޝައްކު އުފެދި ކާރުކޮޅުން ފައިބާވަޑައިނުގަތް މަޑުކޮށްލެއްވިއެވެ. އަދި އެވާހަކަ އޭނާގެ ބޮޑީގާޑުގެ ސަމާލުކަމަށް ގެންނެވިއެވެ. އެވަގުތު ކަންހިގިގޮތުގެ ވާހަކަ ކިޔައިދެއްވަމުން މިޝަޢަލް ވިދާޅުވިއެވެ. “ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމުގެ އިހްސާސެއް އަހަރެންނަށް ކުރެވުނު. ކޮންމެވެސް ސަބަބަކާހުރެ މި ދެ މީހުންނާމެދު އަހަރެންގެ ހިތުގައި ޝައްކުކަމެއް އުފެދުނު. އަހަރެން އެ ދެމީހުންގެ ވާހަކަ އަހަރެންގެ ބޮޑީގާޑު އަބޫ-މާހިރު އަށް ދެންނެވިން. އަހަރެން ހިތަށް އެރި ކާރުން ފައިބާނީބާއޭ ނުވަތަ އަނބުރާލާފަ ދާނީބާއޭ. އެއީ ފިފްޓީ-ފިފްޓީގެ ރިޒްކެއް.”… އެންމެ ފަހުން މިޝަޢަލް ނިންމެވީ ކާރުކޮޅުން ފައިބާވަޑައިގަންނަވާށެވެ! ………. (ނުނިމޭ)

މިލިޔުމަށް މަޢުލޫމާތު ހޯދީ އަލްޖަޒީރާ އިން.

 

ޚާލިދު މިޝަޢަލްއަށް ވިހަލުން: މުސާދުންގެ އެންމެ ބޮޑު ނާކާމިޔާބު (2ވަނަ ބައި)

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. v good

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!