ދުލާއިމެދު ރައްކާތެރިވާށެވެ.

އިންސާނާގެ ދުނިޔޭގެ ދިރިއުޅުމުގެ އެންމެ މަތިވެރި އަމާޒަކީ އުޚްރަވީ ހަޔާތުގެ މަތިވެރިވެގެންވާ ގޮވެތި ހާސިލް ކުރުމެވެ. އާޚިރަތުގައި މަތިވެރިވެގެންވާ ގޮވެތި ލިބެނީ ދުނިޔޭގެ ޙަޔާތުގައި އިންސާނާ އޭނާގެ ޢަމަލުތައް ސީދާކޮށްގެންނެވެ. އާޚިރަތްދުވަހުން އިންސާނާގެ ޢަމަލުތަކުގެ މީޒާން ކިރާލެވޭނެއެވެ.އޭނާގެ ޢަމަލުތަކާއިމެދު ސުވާލުކުރެވި އެސުވާލުތަކަށް ޖަވާބުދާރީވާން ޖެހޭނެއެވެ. އަދި އޭނާގެ ޢަމަލުތަކުގެ ހެޔޮދަރުމަ ނުވަތަ ނުބައި ޢަމަލުތަކަށް އެކަމުގެ ޢަޒާބުދެއްވާނެއެވެ. އެއީ ކިތަންމެ ކުޑަކަމެއްވިޔަސް އަދި ކިތަންމެ ބޮޑުކަމަކަށްވިޔަސްމެއެވެ.

އަޅުގަނޑުމެންނީ އިންސާނުންނެވެ. ފާފަތަކަށް ނުއެނގި ނަމަވެސް އަރައިގަނެވޭ ބަޔަކީމުއެވެ. އަދި އެނގިތިބެވެސް އެކަމުގެ އާދަ ހިިފިފައިވާތީ އެކަމަކަށް އަރައިގަނެވޭ ބަޔަކީމުއެވެ.  އެގޮތުން އަޅުގަނޑުމެންނީ ދުލުގެ ފާފަތަކަށް ގިނަގުނައިން އަރައިގަނެވޭ ބަޔަކީމުއެވެ. ގިނަފަހަރަށް އެކަން އެގޮތަށް ކުރެވެނީ އެއީ މާބޮޑުކަމެއްކަމަށް ދެކިގެނެއްނޫނެވެ. ކަމުގެ ކުޑަބޮޑުމިނަށް ވިސްނާނުލައެވެ.ނަމަވެސް ދުލުން ކުރެވޭ ފާފަތަކުގެ ސަބަބުން ނަރަކައަށްވެއްދޭނެ ބޮޑު ފާފަވެރިއަކަށްވެސް ވުމީއެކަށީގެންވާކަމެކެވެ. ދުނިޔޭގެ ޙަޔާތުގައި ހެޔޮޢަމަލުތައް އޭގެ ސުމާރެއް ނެތްމިންވަރަށް ކޮށްފައިވާ މީހަކަސް ދުލުގެ ނުބައިކަމުގެ ސަބަބުން

ނަރަކަވަންތަވެރިއަކަށްވެދާނެއެވެ. އެހެނީ ރަސޫލާ صلي الله عليه وسلمގެ ޙަދީޘް ބަސްފުޅެއްގައިވެއެވެ. ﷲރުއްސުންލެއްވެވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صلي الله عليه وسلم އެކަލޭގެފާނުގެ އަޞްޙާބުބޭކަލުންނާއި ސުވާލުކުރެއްވެވިއެވެ. أتدرون ما المفلس؟ ” قالوا: المفلس فينا من لا درهم له ولا متاع فقال: ” إن المفلس من أمتي من يأتي يوم القيامة بصلاة وصيام وزكاة،  ويأتي وقد شتم هذا وقذف هذا وأكل مال هذا وسفك دم هذا و ضرب هذا فيعطى هذا من حسناته، وهذا من حسناته فإن فنيت حسناته قبل أن يقضي ما عليه أُخذ من خطاياهم فطرحت عليه ثم طرح في النار” (رواه مسلم والترمذي) މާނައީ (ބަނގުރޫޓުވެފައިވާ  މީހަކީ ކާކުހެއްޔެވެ؟ އެހިނދު އަސްޙާބުން ދެންނެވިއެވެ. ބަނގުރޫޓު ވެފައިވާ މީހާއަކީ އެނާގެ އަތުގައި އެއްވެސް ދިރުހަމެއް މުދަލެއްނުވާ މީހާއެވެ. އެހިނދު ރަސޫލާ صلي الله عليه وسلم ޙަދީޘް ކުރެއްވިއެވެ. ބަނގުރޫޓުވެފައިވާ މީހާއަކީ ޤިޔާމަތްދުވަހު ނަމާދާއި ޒަކާތާއި ރޯދައިގެ ހެޔޮކަން ހިފައިގެން އަންނަމީހާއެވެ. އެ ހެޔޮޢަމަލުތަކައި އެކު އެވެނި މީހަކަށް ޤަޒުފް ކޮށްފައިވެއެވެ. އަދި އެވެނި މީހާގެ ލޭއޮހޮރުވާފައިވެއެވެ. އަދި މިވެނި އެވެނި މީހާގައިގައި ޖަހާފައިވެއެވެ. އެކަންކަމުގެ ބަދަލެއްގެ ގޮތުން އެނާގެ ހެޔޮކަން ކަމުން ބަދަލުދެވެއެވެ. އެހެންގޮސް އެނާގެ ހެޔޮކަންތައް ހުސްވެ އޭނާ އަނިޔާވެރިވެފައިވާ މީހުންގެ ނުބައިކަނަކަން އޭނާގެ ބޮލުގައި އެޅެއެވެ. އަދި އެކަންކަމުގެ ސަބަބުން އޭނާ ނަރަކަވަންތަ ވެރިއަކަށްވެގެންދެއެވެ. “މިފަދައިން ބަނގުރޫޓުވެފައިވާ މީހަކަށް ޤިޔާމަތްދުވަހުން ވާން އެދޭނީ ފަހެ ކާކުހެއްޔެވެ؟

އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަކީ ގިނަފަހަރަށް ނޭނގިތިބެ ނަމަވެސް ޢީބަ ބުނުމާއި ދޮގުވާހަކަ ދެއްކުމާއި މިފަދަ ނުބައި ކަންތައްތަކަށް އަރައިގަނެވޭ ބަޔެކެވެ. މިކަންތައްތައް ގިނަ ފަހަރަށް އަރައިގަނެވެނީ ކަމުގެ ބޮޑުކަމާއިމެދު ވިސްނާނުލެވިއެވެ. ރަސޫލާ صلي الله عليه وسلم ޙަދީޘް އެއްގައިވެއެވެ. އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންއައިސްފައިވެއެވެ. ރަސޫލާ  صلي الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. “من كان يؤمن بالله واليوم الآخر فليقل خيرا أو ليصمت” (ބުޙާރީ އާއި މުސްލިމް) މާނައީ: ﷲއަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ އޭނާގެ ދުލުން ހެޔޮބަހެއް ނޫނީ ނުބުނާށެވެ. ނުވަތަ ހަނު ހުންނާށެވެ” ދުލާއި މެދު ރައްކާތެރިވާން ޖެހޭކަން މިޙަދީޡް ބަސްފުޅުން އެބައިނގެއެވެ. ރަސޫލާ  صلي الله عليه وسلمގެ އަރިއަހުން އެންމެ ގިނަ މީހުން ނަރަކައަށް ވެއްދެނީ ކޮންސަބަބަކާއި މެދު ތޯ ސުވާލުވެވުމުން އެއީ ދުލާއި ފަރުޖުގެ ސަބަބުންކަމަށް ޙަދީޘް ކުރައްވާފައިވެއެވެ.

ދުލުން ކުރެވޭ އެންމެ ނުބައި އެއްކަމަކީ ޢީބަ ބުނުމެވެ. މީހާ ނެތްތާނގައި އޭނާގެ ނުބައި ވާހަކަ ދެއްކުމެވެ. އެކަމުގެ ނުބައިކަން ކީރިތި ޤުރުއާނުގައި ސިފަކުރައްވާފައިވަނީ މަރުވެފައިވާ މީހާގެ މުޅަމަސް ކެެއުންފަދަ ކަމެއްގެގޮތުގައިވެ. މުޅަމަސް ކެއުމަށް ރުހެވޭނީ ފަހެކާކަށްހެއްްޔެވެ؟ ޢީބަ ބުނުމާއި މީހުންގެ އަބުރާއި ބެހުމާއި ދޮގުވާހަކަ ދެއްކުމާއި ދޮގުހުވާކުރުމަކީ ދުލުން ކުރެވޭ ފާފަތަކެވެ. މިފަދަ ފާފަތަކުން ރައްކާތެރިވެ ދުރުހެލިވެ ތިބުމަކީ ތިމާއަށް ކުރެވޭ ހެޔޮކަންކަމުގެ ޘަވާބު ފުރިހަމަ ގޮތުގައި ތިމާއަށް ލިބިގެން ދާނެ ކަމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!