• DCIM100MEDIA

ދިވެހިރާއްޖެ ބަދުނާމުކުރުން

ވޭތުވެދިޔަ އަހަރުގެ މި ދުވަސްކޮޅެވެ. ރާއްޖެއަށް ރަސްމީ ޒިޔާރަތެއްކުރި ބޭރުގެ ޔުނިވަރސިޓީއެއްގެ މަތީ ފަންތީގެ ބޭފުޅުންތަކަކަށް މާލޭގެ ބައެއް މުހިއްމު ތަންތަން ދައްކާލުމަށް އަޅުގަނޑު ނުކުމެ އުޅެނިކޮށް ހެންވޭރުކޮޅު ފާރެއްގައި މާވަރަކަށް ހަރުކޮށްފައިވާ ޕޯސްޓަރުތަކެއް އެބޭފުޅުންގެ ލޮލޮގައި އަޅައިގަތެވެ. އެއީ އޭރުގެ ސިޔާސީ ހަރަކާތްތަކެއްގެ ޕޯސްޓަރުތަކަކާއި ގެއްލިގެން އުޅޭ ނޫސްވެރިޔަކާ ގުޅޭ ޕޯސްޓަރުތަކެކެވެ. އެކުން އެބޭފުޅުންގެ ލޮލޮގައި މި ޕޯސްޓަރުތައް އަޅައިގަތީ މިތަކެތި ހުރީ ބޮޑުއަކުރުން އިނގިރޭސިބަހުން ލިޔެފައިކަމަށްވާތީވެސްމެއެވެ. ހުރީ ސިޔާސީ ގޮތުން ޖެއްސުންކުރުމާއި ބޭއަދީ ބަހުރުވައިންނެވެ. ރާއްޖޭގެ ރީތިވާހަކައާއި ހަމަހިމޭންކަމާއި އެއްބައެއްވަންތަ ކަމުގެ ވާހަކަ ދައްކަ

ރާއްޖޭގެ ހިތްގައިމު މަންޒަރެއް. ގުދުރަތީ ރީތިކަމުގެ އަގު ހިފެހެއްޓޭނީވެސް ދިވެހީން ދިވެހި ޤައުމާމެދު ވިސްނި ވަރަކުން

ރާއްޖޭގެ ހިތްގައިމު މަންޒަރެއް. ގުދުރަތީ ރީތިކަމުގެ އަގު ހިފެހެއްޓޭނީވެސް ދިވެހީން ދިވެހި ޤައުމާމެދު ވިސްނި ވަރަކުން

މުން ދިޔަ އަޅުގަނޑަށް މިކަމުން ލިބުނީ ހައިރާންކަމެކެވެ. މިބޭފުޅުންކައިރީގައި ދެން އިތުރަށް ރާއްޖޭގެ ވާހަކަ ދައްކަން އަޅުގަނޑު ލަދުގަތެވެ. މިނޫން ކިތަންމެ ޕޯސްޓަރެއްވެސް މަގުމަތީގައި ހުއްޓެވެ. އެބޭފުޅުންގެ ނަޒަރެއް އެއަކަށް ނުދެއެވެ. އެއީ ދިވެހިބަހުން ލިޔެފައިވާތީއެވެ. އަދި ކީއްހެއްޔެވެ. އެއަކާ ސުވާލުވެސް ނުކުރެއެވެ.

ދަންނަވަން މިއުޅެނީ މިއަދު ވަރަށް ބޮޑު ވެފައިވާ ކަމެއްގެ ވާހަކައެވެ. އަޅުގަނޑުމެން ރާއްޖޭގެ ގިނަ މީހުންނަކީ ޢިލްމީގޮތުން ހޭލުންތެރިވެފައިވާ ވަކީން ޚާއްސަކޮށް އިނގިރޭސިބަހަށް ނުހަނު ފަރިތަ ކަމާއެކު މުއާމަލާތުކުރަން ދަންނަ ބައެއްނަމަވެސް އެކަމުގެ ފައިދާ މިހާރު ބައެއް މީހުން ނަގަނީ ނާޖާއިޒުގޮތުގައެވެ. އެފަދަ ކަންކަން ކުރާ ބަޔަކަށް އެކަން އާދައިގެ ކަމަކަށްވިޔަސް އޭގެ ނަތީޖާ ހަޤީގަތުގައި ވަރަށް ހިއްޗެވެ. އިގިރޭސިބަހުން ތިމާ ހިތަށްއެރި ވާހަކައެއް ހިތަށްއެރި ސިޔާސީ ނުވަތަ އިޖުތިމާޢީ ރާގެއްގައި ސޯޝަލް މީޑިޔާގައި ލިޔެ ފޮޓޯތައް ހަދައި ވެބްސައިޓްތަކުގައި ޝާއިޢުކުރަމުންދަނީ ޤައުމާމެދު ކުޑަކޮށްވެސް ވިސްނާލަމުންތޯ ސުވާލުއުފެދެއެވެ.

އަނެއްކާވެސް އެހެން ވާހަކައެކެވެ. ދާދި މިދާކަށްދުވަހެވެ. ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ އެކެޑެމިކް މުވައްޒަފަކު ރާއްޖޭގެއާ ބެހޭގޮތުން ހަދަމުންދާ ރިސާރޗަކާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. ކަން ދިމާކުރިގޮތުން މިތަނަށްދާން އަޅުގަނޑަށް ދަޢުވަތު ލިބިފައިވާތީ އުފަލާއެކު ދިޔައީމެވެ. އޭނާ ހުށަހެޅުއްވި ޕްރެޒެންޓޭޝަނުން ފެނުނު ފޮޓޯއަކުން އަޅުގަނޑު ބަސްހުއްޓުނެވެ. އެއީ އޭގައިވާ ރާއްޖޭގެ ސްޓޭމްޕްތަކެއްގެ ފޮޓޯކަމަށްބުނެ އޭނާ ދެއްކި ފޮޓޯތަކެކެވެ. ނަމަވެސް އެންމެންގެ ކުރިމަތީގައި އެ ސްޓޭމްޕްތަކުގެ ހަޤީގަތް ފާޅުނުކޮށް ވަކިން އޭނާއާ ބައްދަލުކޮށް ހަގީގަތް ބުނީމެވެ. މި ފޮޓޯތަކަކީތޯއެވެ. މިއީ ރާއްޖޭގެ މިފަހުގެ ސިޔާސީ ހާލަތު ބަޔާންކޮށް ދިވެހި ކުރެހުންތެރިޔަކު ކުރަހާފައިވާ “ސިޔާސީ ސްޓޭމްޕްތަކެކެވެ”. އެންމެ ދެރަކަމަކީ މީގައި ދިވެހި ދިދައާއި “ދިވެހިރާއްޖެ” މިގޮތަށް ތާނައިން ލިޔެފައިވުމެވެ. މިދެންނެވި ރިސާޗަރަށް މިހެންވެ މުޅިން ޔަޤީން ކުރެވުނީ މިއީ ދިވެހި ސްޓޭމްޕްތަކެއްކަމަށެވެ. ކޮންމެއަކަސް މިފަހަރުވެސް ބަދުނާމުވީ ޤައުމެވެ. އިޖުމާލީގޮތެއްގައި އަޅުގަނޑާއެކު ހުރިހާ ރައްޔިތުންވެސްމެއެވެ.

މިޒަމާނަކީ ސޯޝަލް މީޑިޔާއިން މުޅި ދުނިޔެ ގުޅާލެވިފައިވާ ޒަމާނެކެވެ. ރާއްޖޭގައި ހުރެގެން އަޕްޓޭޑްކޮއްލާ ސްޓޭޓަސް ނުވަތަ ޕޯސްޓްކޮށްލާ ފޮޓޯ ހަމަވަގުތުން މުޅި ދުނިޔެއަށް ފެނިގެންދާނެއެވެ. ތާނައިން ނުވަތަ ލެޓިނުން ލިޔެފައިވާނަމަ އެއަށް މާބޮޑު ސަމާލުކަމެއް ނުލިބުނަސް އިނގިރޭސިން ލިޔެފައިހުންނަ ބަސްތައް ކިޔަން ދުނިޔޭގެ ގިނަ ބަޔަކު ދަންނާނެއެވެ. ވީއިރު ތިމާމެންގެ ޒާތީ ކަންކަން ހާސިލުކުރުމަށް މިފަދަ ކަންކަން ކުރަމުންދާއިރު ދެން ތިބީވެސް ތައްޔިތުންކަމާއި އެމީހުންނަކީވެސް މިޤައުމަށް ނިސްބަތްވާ ރައްޔިތުންކަން ދަންނަން އެބަޖެހެއެވެ.

އަޅުގަނޑުމެންގެ ތެރޭގައި ހުންނަ ސިޔާސީ ކަންކަން ނިންމަން ވާނީ އަޅުގަނޑުމެން އަމިއްލައަށެވެ. މިކަންކަމުގެ ތެރެއަށް ބޭރު ކަރަކަރައިގެ މީހުން ވެއްދުމުން ނުކުންނަނީ ހީވެސް ނުކުރާފަދަ ކަންކަމެވެ. ޤައުމުގައި ވެރިކަން ކުރާ މީހަކު ބަދަލުވުމަކުން ޤައުމު ބަދަލެއް ނުވެއެވެ. ޤައުމުގެ ނަން ބަދަލެއްނުވެއެވެ. މިޤައުމުގެ ރައްޔިތުންނަކީ އެމީހުންގެ ފުދުންތެރިކަމާއެކު ދުނިޔޭގެ ދުރުތަންތަނަށް ދަތުރުކޮށް އުޅޭބައެކެވެ. މިފަދަ މަދުބަޔަކު ކުރާ ކަންކަމުގެ ސަބަބުން އެއްކަލަ ދަތުރުކުރާ ރައްޔިތުންނަށްވެސް ލިބެނީ ހިތްދަތިކަމެވެ. އެއަރޕޯޓްތަކުގައި ދިމާވާ ދަތިތަކާއި ވިސާ ލިބުމުގައި މިދެންނެވި ފަދަ ކަންކަމުގެ އަސަރުވެސް (ބަޔަކަށް ނޭނގުނު ނަމަވެސް) އިންތިހާއަށް ކުރެއެވެ. އެހެންކަމުން ޤައުމުގެ އަގު ބޭރު މުޖްތަމަޢުތަކުގެ މެދުގައި ވެއްޓި ދިވެހީންގެ ޢިއްޒަތް ގެއްލުމުން އޭގެ ހިތި ރަހަވެސް ލަނީ ދިވެހީންގެ އަރުތެރޭގައެވެ. ނަމަވެސް ދިވެހިޤައުމަށްޓަކާނަމަވެސް އެންމެ ފަހަރަކުނަމަވެސް މިފަދަ ކަންކަމާމެދު ވިސްނާލާށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!