ދަރިން ތަރުބިއްޔަތުކުރުމުގެ ޤަވާޢިދުތައް (ފުރަތަމަ ބައި)

ފުރަތަމަ ޤަވާޢިދު:

ތިބާގެ ދަރިފުޅަށް ނަމޫނާއަކަށްވާށެވެ!

ދަރިފުޅަށް ނަމޫނާއަކަށްވާށޭ ބުނުމުގެ މާނައަކީ؛ ހެޔޮކަންތައްތައް ކުރުމުގައި ތިބާގެފަރާތުން ދަރިފުޅަށް ރިވެތި ނަމޫނާއަކަށްވުމެވެ. ތިބާއަކީ ހެޔޮލަފާ ޞާލިޙް އިންސާނެއްކަމުގައިވުމެވެ. ތިބާގެ ފަރާތުން ދަރިން ނަމޫނާލިބިގަންނަންޖެހޭ އަދި ތިބާގެ އުޅުމަށް ތަބަޢަވާންޖެހޭފަދަ މީހަކަށްވުމެވެ. ހަމައެހެންމެ އެހެންމީހުން ވެސް ތިބާ ނަމޫނާއެއްކަމުގައި ބަލައިގަންނާނޭހެން އުޅުމެވެ. ކިތަމެ ހެޔޮ ނަޞޭޙަތެއް ދެވުނުކަމުގައި ވީނަމަވެސް މައިންބަފައިންގެ ފަރާތުން ދަރިންނަށް ދެވޭ ނަސޭޙަތާއި އިދިކޮޅު ޢަމަލުތައް ދަރިންނަށް ފެންނަނަމަ އެދަރިން ހެޔޮލަފާ ރަނގަޅު ދަރިންގެ ގޮތުގައި ތަރުބިއްޔަތުނުކުރެވޭނެއެވެ.

އެގޮތުން ބައެއް ބަފައިންނަކީ އެބައިމީހުންގެ ދަރިންނަށް ރަނގަޅު ނަމޫނާ ބަފައިންނެއްނޫނެވެ. އެފަދަ ބަފައިން ދަރިންނާއި މެދު މުޢާމަލާތްކުރަނީ ގޯސްކޮށެވެ. ހަމައެހެންމެ އެފަދަ މީހުން އަނބިންނާއިމެދުގައްޔާއި އެހެނިހެން މީސްތަކުންނާއި މުޢާމަލާތްކުރުމުގައި ވެސް އަދަބުކުޑަކުރެއެވެ. އެފަދަ މިސާލުތަކެއް ތިރީގައި ބަޔާންކޮށްލާނަމެވެ.

  • ތިމާގެ ދުލުން ހަޑިހުތުރު ބަސްތައް ބޭނުންކުރަމުންދާއިރުވެސް އެފަދަ މީހާ ބޭނުންވާނީ އޭނާގެ ދަރިފުޅަކީ ބަސްމަގު ރިވެތި ދަރިއަކަށްވުމަށެވެ. އެފަދަ ދަރިއަކު ވާންޖެހޭނީ ޠާހިރު ބަސްތަކެއް ބުނާ ދަރިއަކަށެވެ. އެއްދުވަހަކު އަހަރެންގެ ރަޙުމަތްތެރިއެއްގެ ދަރިއަކު އައިސް އޭނާގެ ބައްޕައަށް މަލާމާތްކޮށްލުމުން އޭނާގެ ހިތަށް އެކައްޗެއްވެސް ނާރާފަދަގޮތަކަށް ހީލާފައި ބަލާބަލާށޭ އަހަރެންގެ ދަރި ބޮޑުވެއްޖެއޭ ބުނެލިއެވެ.
  • ގޭގައި ހުރެފައި ބައްޕައަކު ގެއަށް ފޯނެއް އައުމުން ދަރިންގެތެރެއިން ފޯނުނަގަންދިޔަ ކުއްޖާ ގާތު ބުނެލި “ފޯނު އައީ ބައްޕައަށްކަމަށްވާނަމަ، ފޯނުކުރި މީހާ ގާތު ބުނޭ އަހަރެން ގޭގައި ނެތޭ”، މިހެން ބުނެލުމުން ދަރިފުޅާއި އެބައްޕަ އާއިދެމެދު ޚިޔާލުތަފާތުވިއެވެ. މިފަދަ ޙާދިޘާއެއްގެ ނުރައްކާތެރިކަން މާތްރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ބަޔާންކޮށްދެއްވަވާފައެވެ. ޢަބްދުﷲ ބިން ޢާމިރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. “އަހަރެންގެ ގޭގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަ ހުންނަވަނިކޮށް އަހަރެންގެ މަންމަ އަހަރެންނަށް ގޮވާލާފައި ބުންޏެވެ. އޭ ޢަބްދުﷲ، އާދޭ އެއްޗެއްދޭނަން. އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަހަރެންގެ މަންމައަށް ދެންނެވިއެވެ. ތިބާ އޭނާއަށް ދޭން އުޅުނީ ކޮންއެއްޗެއްހެއްޔެވެ؟ އެކަމަނާ ބުންޏެވެ. އަހަރެން އޭނާއަށް ދޭންއުޅުނީ ކަދުރެކެވެ. އެހިނދު ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދެންނެވިއެވެ. ހަމަކަށަވަރުން ކަމަނާ އޭނާއަށް އެއްޗެއް ނުދިންނަމަ ކަމަނާގެ މައްޗަށް ދޮގެއްކަމުގައި ލިޔެވޭނެއެވެ.”

ބައެއްމީހުން ހީކުރާގޮތުގައި ކުޑަކުދިންނަކަށް ނުވިސްނޭނެއެވެ. އެހެންކަމުން ބައެއްފަހަރު އެކުދިންނަށް ދޮގެއްހަދާލުމަކުން މައްސަލައެއްނުޖެހޭނެއެވެ. ނަމަވެސް މިކަމުގެ ޙަޤީގަތް މިއާއި ވަރަށް ތަފާތެވެ. ވީމާ، ދަރިންނަށް ދެވޭ ތަރުބިއްޔަތުގެ މޭވާ ފުރިހަމަގޮތުގައި ލިބުމަށްޓަކައި، އެކުދިންނަކީ އެކުދިންގެ ވަށައިގެން ހިނގާ ކަންކަމާއިމެދު ވިސްނާފިކުރުކުރާނޭކަން ޤަބޫލުކުރާޙާލު އެކުދިންގެ އިޙްސާސްތަކާއި ޝުޢޫރުތަކަށް ދޭންޖެހޭ ޙައްޤު ގަދަރު ދޭންޖެހޭނެއެވެ.

  • ދަރިންގެ ކުރިމަތީގައި ދުންފަތުގެ އިސްތިޢުމާލުކުރާއިރު އެކަމަކީ ޙަރާމްކަމެއްކަމާއި ގޯސް ޢާދައެއްކަމާއިމެދު ކުޑަކޮށްވެސް ވިސްނާނުލައެވެ. މާދަމާ ދަރިފުޅު ދުންފަތުގެ އިސްތިޢުމާލުނުކުރާނެހެއްޔެވެ؟ މިކަމުގައި ދަރިފުޅަށް ނަމޫނާއަކަށްވީ ކާކުބާ؟ އޭނާގެ ބައްޕަ ނޫންބާ!

ދުންފަތުގެ އިސްތިޢުމާލުކުރާ މީހަކު ބުންޏެވެ. އަހަރެންގެ 4 އަހަރުގެ ދަރިފުޅަކު ހުރެއެވެ. އެއްރެއަކު އަހަރެންގެ ސިނގިރޭޓް ފޮށި ނިދާ އެނދު މަތީގައި ބާއްވާފައި ފަތިސްނަމާދަށް ގޮސްފައި އަހަރެން އައިވަގުތު އަހަރެންގެ ސަމާލުކަން ހުއްޓުނީ އަހަރެންގެ އަންހެނުންގެ އަޑަށެވެ. އޭނާ ބުންޏެވެ. ތިބާގެ ދަރިފުޅު ބަދިގެތެރޭގައި ކުރާކަމެއް ނިކަން ބަލާބަލާށެވެ. އަހަރެން ބަލާލިއިރު ދަރިފުޅު ސިނގިރޭޓެއް ރޯކުރުމަށްފަހު އަނގައިގައ ޖައްސާލަނީއެވެ. އެހިނދު އެބައްޕަ ވަރަށްބޮޑަށް ޙައިރާންވިއެވެ. ނަމަވެސް އޭނާގެ ނަފްސު ކޮންޓްރޯލްކުރުމަށްފަހު ދަރިފުޅު ތިކުރަނީ ކޮންކަމެއްތޯ ސުވާލުކޮށްލިއެވެ. އެހިނދު ބައްޕަ ކަންތައްކުރާގޮތަށް ތިމަންނާވެސް ކުރަނީކަމަށް އެދަރިފުޅު ބުންޏެވެ. އެވަގުތު އެކުއްޖާގެ ބައްޕަގެ ހިތަށް ގުޑުމެއް އަރައިގެންދިޔަފަދައެވެ. އަދި މިހިނގާދިޔަ ޙާދިސާގެ ސަބަބުން ދުންފަތުގެ އިސްތިޢުމާލުކުރުމުން އޭނާ އަބަދަށް ދުރުވުމަށް މަގުފަހިކުރުވިއެވެ.

ދަރިންނަށްޓަކައި އެކުދީންގެ ބަފައިންނަކީ ހެޔޮލަފާ ރިވެތި ނަމޫނާވެރި ބައެއްކަމުގައިވުމަކީ ކިހާ ރަނގަޅުކަމެއްތޯއެވެ؟ އެކުދިންނަށް ގޭތެރެއިން ފެނިގެންދާ ދިރިހުރި ރިވެތި އަޚްލާޤުގެ މިސާލީ ނަމޫނާއެއްކަމުގައިވެ އެކުދިންނަށް އިސްލާމީ ރިވެތި އަދަބުތަށް ތަރުޖަމާކޮށްދޭ ފަރާތެއްކަމުގައި ބައްޕަ ވުމަކީ ކިހާ މަންފާކުރުވަނިވިކަމެއްހެއްޔެވެ؟ އޭރުން ދަރިންނަށް އެރިވެތި އަދަބުތަކާއި އެކު ދިރިއުޅުމުގެ ފުރުޞަތުލިބި އެކުދިންގެ ދިރިއުޅުމަށް އޭގެ އީޖާބީ އަސަރުކުރާނެކަން ޔަގީނެވެ.

މައިންބަފައިންނަކީ ހެޔޮލަފާ ޞާލިޙް ބައެއްކަމުގައިވާނަމަ ދަރިންނަށް އެކަމުގެ ރަނގަޅު އަސަރުކުރާނެއެވެ. ﷲގެ ވަޙީބަސްފުޅުގަވެއެވެ. “وكان أبوهما صالحا” މާނައަކީ: “އަދި އެދެކުދީންގެ ބައްޕައަކީ ހެޔޮލަފާ ޞާލިޙު މީހެއްކަމުގައިވިއެވެ.” އިބްނު ޢައްބާސްގެ އަރިހުން ސަޢީދު ބިން ޖަބީރު އަޑުއެއްސެވިކަމަށް ވިދާޅުވިއެވެ. “އެދެކުދިން ރައްކާތެރިވެގެންދިޔައީ އެކުދިންގެ ބައްޕަގެ ހެޔޮލަފާކަމުންނެވެ. ނަމަވެސް މިތާގައި އެކުދިންގެ ހެޔޮލަފާ ވާހަކައެއް ބަޔާންވެފައެއްނެތެވެ…” މިބަހުގެ މުރާދަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެދެކުދިންގެ ހެޔޮލަފާކަމުގެ ވާހަކަ ބަޔާންނުކުރައްވައި، މިއާޔަތުގައި ބަޔާންކުރައްވާފައިވަނީ އެދެކުދިންގެ ބައްޕަގެ ހެޔޮލަފާކަމުގެ ވާހަކައެވެ. އަދި އެބައްޕަ ހެޔޮލަފާ މީހެއްކަމުގައި ވުމުގެ ސަބަބުން އެދެކުދިންނަށްޓަކައި ﷲ ސުބްޙާނަހޫ ވަތަޢާލާ އެކަންޒު ރައްކާތެރިކުރެއްވިކަމެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!