ހެޔޮކަންތަކަށް އަވަސްވެގަންނާށެވެ! (2)

ހެޔޮކަންތައް ތަކުގައި އަވަސްވާންޖެހޭ ސަބަބުތައް:
އެކަން އެވަޤުތު ނުކުރެވިއްޖެ ކަމުގައި ވަނީނަމަ އެހެޔޮކަމުން އެމީހާ މަހްރޫމް ވެދާނެއެވެ. ފަހަރެއްގައި ހެޔޮ ސިއްހަތުގައި އޮންނަމީހާ މާދަމާ ބަލިއެނދުގައި އޮންނަންގެހިދާނެއެވެ. މުއްސަނދިމީހާ މާދަމާ ފަޤީރވެދާނެއެވެ. އިލްމުގެ މަޖްލިސްތަކަށް އާދެވެން އޮތްދުވަހު ނައިސްހުއްޓައި ފިތުނަވެރިވެ، ހަނގުރާމައެއްފެށި މިސްކިތްތަކާ މީސްތަކުން ދުރުވާންޖެހިދާނެއެވެ.
ކީރިތި ރަސޫލާ ހަދީޘޮކުރެއްވިއެވެ. “ހެޔޮކަންތަކަށް ތިޔަބައިމީހުން އަވަސްވާށެވެ.” މިކަމުގެ ސަބަބު ބަޔާންކުރައްވަމުން އެކަލޭގެފާނު ހަދީޘްކުރައްވަނީ “ފިތުނަތަށްކުރިމަތިވުމުގެ ކުރިންނެވެ. އެފިތުނަތަކުގެ ތެރޭގައި އެމީހާ އަނދިރިގަނޑުގެ ތެރެއަށް ވެއްޓިގެންދާނެއެވެ. އެހިސާބުން ހައްޤާއި ބާތިލް އޮޅިގެންދާނެއެވެ. ދެން އެކަލޭގެފާނު އެދުވަސްވަރުގެ ބައެއް ސިފަތައް ބަޔާންކުރައްވަމުން ހަދީޘްކުރަައްވަނީ “ހެނދުނު އިސްލާމްވާ މީހާ ހަވީރު ހުންނާނީ ކާފިރެއްގެ ގޮތުގައެެވެ. އަދި ހަވީރު އިސްލާމްވާ މީހާ ހެނދުނު ހުންނާނީ ކާފިރެއްގެ ގޮތުގައެެވެ. އަދި އެބައިމީހުންގެ ދީން ކުޑައަގެއްގައި އެބައިމީހުން ވިއްކާލާނެއެވެ. މިސާލަކަށް އަންހެނަކާހެދި ދީންދޫކޮއްލުމާއި ދަރިންގެ ކަންތަކުގައި އުޅެމުން ނަމާދާމެދު ފަރުވާކުޑަކޮށް ނަމާދު ދޫކޮއްލުމެވެ.
ކުރީގެ އުންމަތްތަކަށް ޖެއްސެވިފަދަ އިމްތިހާނުތަކެއް މާތްﷲ އަޅުގަނޑުމެންނަކަށް ނުޖައްސަވައެވެ. އަޅުގަނޑުމެންނަށް ހެޔޮއަމަލުކުރުމަކީ ފަސޭހަކަމެކެވެ. މިސްކިތުގައި ނަމާދުކުރުމަށް އަޅުގަނޑުމެންނަށް ހުރަސް އެޅީ ކޮންބައެއްތޯއެވެ؟ ނަމަވެސް މިއަދު ބައެއް އިސްލާމީ ޤައުމްތަކުގައި ހަނގުރާމައިގެ ސަބަބުން ބައެއް މުސްލިމުން ނަމާދުކުރަމުންދަނީ އެބައިމީހުންގެ ގޭތަކުގައެވެ. އެމީހުންނަށް އަޅުކަންތަކާއި ހެޔޮކަންތައް ކުރުމަށްޓަކައި ގެއިން ބޭރަށްނުދެވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް މާތްﷲ ދެއްވި މިފުރުސަތުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަންޖެހެއެވެ. މިނިޢްމަތްތައް ދެއްވުމާ އެކުވެސް މިއުންމަތުގެ މީހުން 3 ބަޔަކަށް ބެހިގެންދާނެ ކަމަށް މާތްﷲ އަންގަވާފައިވެއެވެ. ثُمَّ أَوْرَثْنَا الْكِتَابَ الَّذِينَ اصْطَفَيْنَا مِنْ عِبَادِنَا ۖ فَمِنْهُمْ ظَالِمٌ لِّنَفْسِهِ وَمِنْهُم مُّقْتَصِدٌ وَمِنْهُمْ سَابِقٌ بِالْخَيْرَاتِ بِإِذْنِ اللَّـهِ ۚ ذَٰلِكَ هُوَ الْفَضْلُ الْكَبِيرُ (ފާތިރް 32)
“ދެން ތިމަންރަސްކަލާނގެ އަޅުތަކުންގެ ތެރެއިން ބަޔަކަށް ފޮތް ވާރުތަކޮށްދެއްވީމެވެ. އޭގެތެރޭގައި އެބައިމިހުންގެ އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވިބައެއް ތިބެއެވެ. އަދި ހެޔޮކަންތަކުގައި މެދުމިންވޭ މީހުން ތިބެއެވެ. އަދި އެބައިމީހުންގެ ތެރޭގައި ﷲގެ އިޛްނަފުޅާއެކުގައި ހެޔޮކަންތައްތަކުގައި ކުރިއަރާއިދާ މިހުންވެއެވެ. ބޮޑުވެގެންވާ ކާމިޔާބީއަކީ އެއީއެވެ”
މި ބައިތަކަކީ:
1)ފަރުޟުކަންތައް އެބައިމީހުން ދޫކޮއްލިއެވެ. އަދި ހަރާމް ކަންތަައްތަކަށް އަރައިގަނެއެވެ.
2)ހަމައެކަނި ފަރުޟުކަންތަކުން ފުއްދާލައި، ނަހީކުރެއްވިކަންތައްތަކުން ދުރުހެލިވާ މީހުން.
3)ނަމަވެސް މާތްﷲ ބާރުއަޅުއްވައި އަންގަވާފައިވަނީ ” އަދި އެބައިމީހުންގެ ތެރޭގައި ﷲގެ އިޛްނަފުޅާއެކުގައި ހެޔޮކަންތައްތަކުގައި ކުރިއަރާއިދާ މިހުންވެއެވެ. ބޮޑުވެގެންވާ ކާމިޔާބީއަކީ އެއީއެވެ” އަޅުގަނޑުމެން ހާސިލްކުރަން މަސައްކަތް ކުރަންޖެހޭ ދަރަޖައަކީ މިއީއެވެ. ފަރުޟުކަންތައް ކުރެއްވުމާއެކު ގިނައިން ސުންނަށްކަންތައްވެސް އަދާކުރާމީހުންނެވެ. ހަމައެފަދައިން އެންމެހާ ނަހީކުރެއްވި ކަންތައްތަކުން ދުރުހެލިވެ މާތްﷲ މަކްރޫހަ ކުރެއްވި ކަންތައްތަކުން ދުރުހެލިވާ މީހުނެވެ. އަދި އެބައިމީހުނަކީ ހަރާމް ނުވަތަ މަކްރޫހަ ކަމަކަށް އަރައިގަނެވިދާނެތީވެ ބައެއް މުބާހްކަންތައްތައްވެސް ދޫކޮއްލާ މީހުނެވެ. އެއީ އެއްވެސް ހާލެއްގައި އެމީހެއްގެ މައްޗަށް އެކަމެއް ހަރާމްނުކޮށެވެ. އަޅުގަނޑުމެން ހާސިލްކުރަން މަސައްކަތް ކުރަންޖެހޭ ދަރަޖައަކީ މިއީއެވެ. ރަމަޟާން މަހަކީ މިކަމަށް ރަނުގެ ފުރުސަތެވެ.
ޢާއިޝަތުގެފާނު ވިދާޅުވަނީ: “ރަސޫލާ (ސ) އަކީ އެންމެ ދީލަތި ކަލޭގެފާނެވެ. އެކަލޭގެފާނު އެންމެ ދީލަތިވެ ވަޑައިގަންނަވަނީ ރަމަޝާންމަހުގައެވެ……..”
ސަލަފުއްސާލިހުން ވިދާޅުވެފައިވެއެވެ. “ތިޔަބައިމީހުން ހެޔޮކަންތައްތަކުގައި ދަށުގައި ތިބިމީހުނަށް ނުބަލާށެވެ. މަތީގައި ތިބި މީހުނަށް ބަލާށެވެ.” އެހެންކަމުން އަޅުގަންޑުމެން ހެޔޮކަންތައް ކުރުމުގައި އަސްހާބުބޭކަލުން ހެޔޮކަންތައް ކުރެވުނު ގޮތައް ކުރެވޭތޯ ސުވާލުކުރައްވާށެވެ. އެބޭކަލުން މާތްﷲ އާއި އެކަލާނގެ ރަސޫލާ ގެ ރުއްސެވުން ހޯއްދެވުމަށްޓަކައި މަސައްކަތްކުރެއްވި އެވެ. ސުވާލަކީ އަޅުގަނޑުމެންނަށް މިކުރެވެނީ ކީތްތޯއެވެ؟ އަޅުގަނޑުމެންނަށް މިކުރެވެނީ މާތްﷲގެ ރުއްސެވުން ލިބޭފަދަ ކަންތައްތޯ؟ ރަސޫލާ (ސ) ގެ އަރިހުގައި ތިއްބެވި ސަހާބީ ބޭކަލުންނަކީ އެބޭކަލުންނަށް ހެޔޮކަމަކަށް ގޮވާލެވިއްޖެނަމަ އެވަގުތަކު އެކަމެއް ކުރެވެން އޮތްގޮތަކަށް އެބޭކަލުންނަށް ވަޑައިގަނެވެން އޮތްގޮތަކަށް ވަޑައިގެންނެވި ބައެކެވެ.އެބޭަލުން އަހްޒާބު ހަނގުރާމަ ނިންމެވި ދުވަހު ރަސޫލާ (ސ) ހަނގުރާމައިން ވަޑައިގެންނެވުމަށްފަހު އަސްހަބު ބޭކަލުންނަށް ބަނޫ ޤުރައިޟާގެ މީހުން ކީރިތި ރަސޫލާ (ސ) އާއިއެކު ކޮށްފައިވާ ޢަހްދަށް ޚިލާފުމުން އެމީހުނާ ހަނގުރާމަކުރުމަށް އަމުރކުރެއްވުމުން ހަނގުރާމާއިގެ ވަރުބަލިކަމުގެ ހާލުގައިވެސް ރަސޫލާ (ސ) ގެ އަމުރުފުޅަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ކޮންމެ އަމުރެއް ކުރައްވައިފިނަމަ އެބޭކަލުން ތިއްބަވަނީ އެނމެ ކުރީސަފުގައެވެ.އެކަމުގައި އެބޭކަލުންގެ ތެރެއިން އެންމެ ބޭކަލެއްވެސް ފަހަތަށް ޖެހިވަޑައެއްނުގަންނަވައެވެ.
އެއްދުވަހަކު ޢީދު ނަމާދުގެ ޚުތުބާ ދެއްވާފައި ރަސޫލާ (ސ) އަންހެންކަނބަލުން ތިއްބެވި ދިމާލަށް ވަޑައިގަތެވެ.ބައެއް އިލްމުވެރިން ވިދާޅުވަނީ އެކަލޭގެފާނު އެދިމާލަށް ވަޑައިގެންނެވީ ޚުތުބާ އަޑުނުއިވުނީމާ ކަމުގައި އެކަށީގެންވެއެވެ. ކޮންމެއަކަސް ބިލާލް (ރ) އާއި ކީރިތި ރަސޫލާ (ސ) އަންހެންބޭކަނބަލުން ތިއްބެވި ދިމާލަށް ވަޑައިގަތް އެކަނބަލުންނަށް ސަދަޤާތްކުރެއްވުމަށް ހިތްވަރު ދެއްވިއެވެ. އެމަންޒަރު ދުށް ބޭކަލުން ވިދާޅުވިގޮތުގައި އެކަލޭގެފާނު އެފަދައިން އަމުރުކުރައްވައި އެކަމަށް ހިތަވަރު ދެއްވުމުން ބައެއް އަންހެންކަނބަލުން އެކަބަލުންގެ ގަހަނާއިން ވެސް އެދުވަހު އެވަގުތު އެތަނުގައި ތިއްބަވައިގެން ސަދަގާތް ދެއްވިއެވެ
އެހެންކަމުން މިއީ ﷲ އަޅުގަނޑުމެނަށް ދެއްވަފައިވާ ފުރުސަތެވެ. މަރު އަބަދުވެސް ވަނީ ވަރަށް ގާތުގައެވެ.އަޅުގަނޑުމެންނަކަށް އޭގެ ވަޤުގެއް ނޭނގެއެވެ. އެފުރުސަތު ނިމިގެންދިޔުމަށް ފަހު ކިތަންމެ ވަރަކަށް ހިތާމަކުރިޔަސް ދެން އޭގެން ކުރާނެ ފައިދާއެއް ނޯންނާނެއެވެ.
ޢަލީގެފާނު ވިދާޅުވެފައިވެއެވެ.”މިދުނިޔެއަކީ އަމަލުކުރުމުގެ ގޮވައްޗެވެ.އާޚިރަތަކީ ހިސާބުކުރުމުގެ ގޯވައްޗެވެ. ދުނިޔޭގައި އަމަލުކުރުމުގެ ވަޤުތު އެބައޮތެވެ. ނަމަވެސް އާޚިރަތުގައި އެފުރުސަތެއް އެއްވެސް އަޅަކަށް ނުދެއްވޭނެއެވެ. އެހެންކަމުން މިއަދު އަޅުގަނޑުމެންކުރި ހެޔޮ އަމަލެއްގެ ފައިދާ މިދުނިޔެމަތީގައި އަދި ކަށްވަޅުގައިވެސް ކުރާނެއެވެ. އަދި އެހެންމެ ﷲ އާބައްދަލުކުރާ ދުވަހު އެއަވެސް މިންވަރެއް އުނި ނުވެ މިދުނިޔޭގައި ކުރި ހެޔޮ ކަންތައްތަކުގެ އުޖޫރަ ފުރިހަމައަށް ދެއްވާނެއެވެ. ދުޢާއަކީ ﷲ މިދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ދެއްވައި ހެޔޮކަމުގެ ދޮރުތަކުންވަދެ ހެޔޮކަންތައް ތަކުގައި އެންމެ ކުރި އަރާއި ދެއްވުމެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!