ހެޔޮކަންތަކަށް އަވަސްވެގަންނާށެވެ! (1)

މިއީ އައްޝައިޚް ޢިމްރާން މުހައްމަދު ތައިބާ މިސްކިތުގައި ދެއްވި ދަރުހެކެވެ.

 

ޢުޤުބާ ބުން އާމިރު ވިދާޅުވިއެވެ. އެއްދުހަވަކު ރަސޫލާ ގެފަހަތުގައި އަޞްރުނަމާދު ކުރެއްވީމެވެ. އެދުވަހު ނަމާދުން ސަލާމްދެއްވުމަށްފަހު އެކަލޭގެފާނު ވަރަށް އަވަހަށް މިސްކިތުން ނިކުމެވަޑައިގަންނަވައިފިއެވެ. އެކަލޭގެފާާނު ވެދެވަޑައިގަތީ އެކަލޭގެފާނު ކޮޓަރިކޮޅު ތަކާއި ދިމާލަށެވެ. އެކަލޭގެފާނަކީ ނަމާދުނިންމެވުމަށްފަހު ކޮންމެދުވަހަކުވެސް ނުވަތަ އާއްމުގޮތެއްގައި ޛިކުރުކުރައްވައި ނުވަތަ ޢާއްމު ގޮތެއްގައި ދަރުސްދެއްވައި، އެބޭކަލުންގެ ސުވާލުތަކަށް ޖަވާބުދެއްވައި ހައްދަވާ އެފަދައިން ކަންތައްކުރައްވާ ބޭކަލަކެވެ. ނަމަވެސް އެދުވަހު ވަރަށް އަވަހަށް އެކަލޭގެފާނު މިސްކިތުން ނިކުމެވަޑައިގެންނެވުމުން އެކަން އަސްހާބުބޭކަލުން ހައިރާން ކުރުވާފަދަ ކަމަކަށްވިއެވެ.ނަމަވެސް އިރުކޮޅަކުން އެކަލޭގެފާނު މިސްކިތަށްވެދެވަޑައިގަންނަވައިފިއެވެ. އެމަންޒަރު ފެނިވަޑައިގަތަ އަސްހާބުބޭކަލުންގެ މޫނުފުޅުމަތިން ފެނިވަޑައިގެންނެވި އަޖާއިބު ކުރަނިވި މަންޒަރު އެކަލޭގެފާނު ޖަވާބުގައި ހަދީޘްފުޅުކުރައްވަނީ “ތިމަންކަލޭގެފާނުގެ އަތުގައި މީސްތަކުންނަށް ސަދަޤާތަށްދޭން އޮތް ރަންގަނޑެއްގެ މަތިން ތިމަންކަލޭގެފާނު ހަނދާންވިއެވެ. އެހެންވެގެން އެކަންފަސްނުކޮށް އަވަހަށް ވަޑައިން އެހޭދަކުރައްވާފައި ނުވަތަ އޭގެމަތިން ހަނދާންވެގެން އިތުރު އަޅުކަމަކަށް ތިމަންކަލޭގެފާނު ކުރިމަތިލައްވާއިރު އޭގެސަބަބުން ތިމަންކަލޭގެފާނު މަޝްޢޫލް ކުރައްވާފާނެތީވެ ތިމަންކަލޭގެފާނު އެ ސަދަޤާތްކުރެއްވީއެވެ.”  އެކަލޭގެފާނުގެ ހަޔާތްޕުޅުގައި އަޅުގަނޑުމެންނަށް ފެނިގެންދަނީ މި މަންޒަރެވެ. ކޮންމެ ހެޔޮކަމެއްގައި އެންމެކުރީގައި ހުންނެވި މަންޒަރެވެ. މާތްﷲ އެންގެވި އަމުރުފުޅުތަށް އެންމެ ފުރިހަމައަދާކުރެއްވިއެވެ. ނަމާދުކުރެއްވުމާއި، ސަދަގާތްދިނުމާއި، މީސްތަކުންނަށް އެޔޮކަންތައްތައް ކޮއްދެއްވުމުގައި، މީސްތަކުންނާއެކު އިމާމްވެ ނަމާދުކުރުމާއި ، އެންމެހާކަމެއްގައި އެކަލޭގެފާނު އުޅުއްވީ އެންމެ ކުރީގައެވެ.
لَّقَدْ كَانَ لَكُمْ فِي رَسُولِ اللَّـهِ أُسْوَةٌ حَسَنَةٌ. (އަލްއަހްޒާބް 21)
“ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތިވެގެންވާ ނަމޫނާއެއް ވެއެވެ.”
އެކަލޭގެފާނުގެ ހަޔާތްޕުޅުން އަސްހާބުބޭކަލުން މިކަން އުނގެނި ވަޑައިގެންނެވިއެވެ. އެބޭކަލުން އުނގެނިވަޑައިގަތީ فَاسْتَبِقُوا الْخَيْرَاتِ އެވެ. (ފަހެ ހެޔޮކަންތައް ކުރުމުގައި ތިޔަބައިމީހުން އެކަކު އަނެކަކަށްވުރެ ކުރިއަރާ ވާދަކުރާށެވެ!) ހެޔޮކަމެއްނަމަ އެންމެ ކުރީގައި ތިއްބެވުމަށް، ކުރިއަރާދިޔުމަށެވެ. އަދި ނުބައި ކަންތައްތަކުން ދުރުހެލިވުމަށެވެ.
އެބައިމީހުންގެ ސިފަތައްބަޔާން ކުރައްވާ އެކަލާނގެ ވަހީކުރައްވަނީ:
وَسَارِعُوا إِلَىٰ مَغْفِرَةٍ مِّن رَّبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالْأَرْضُ أُعِدَّتْ لِلْمُتَّقِينَ
“ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޟްރަތުން ފާފަފުއްސެވުމަށާއި، އުޑުތަކާއި ބިންފަދަ ތަނަވަސް ސުވަރުގެއަށް އަވަސްވެގަންނާށެވެ. އެސުވަރުގެ ތައްޔާރުކުރެވިފައިވަނީ ތަޤްވާވެރިންނަށެވެ.”
އެގޮތުން އަބޫބަކްރު ރަޟިޔަﷲ ހުންނެވީ ކީރިތިރަސޫލާގެ އެންމެ އަރިހުގައި ﷲގެ މަތިވެރި ދަރުމައާއި ޘަވާބު ހޯއްދެއްވުމަށްޓަކައެވެ. ރަސޫލާގެ ސަހަބީބޭކަލަކަށްވުމުން އެކަލޭގެފާނު އެކަމަށްބަރޯސާވެގެން ހުންނެވީއެއްނޫނެވެ. ނަމަވެސް އެކަމަށްޓަކައި އެކަލޭގެފާނު އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރެއްވިއެވެ. ހެެޔޮކަމެއްކަމުގައިވާނަމަ އެކަލޭގެފާނު އެކަމަކަށް ވަޑައިގެންނެވިއެވެ.
މިގޮތުން އެއްދުވަހަކު ރަސޫލާ (ސ) އަސްހާބުބޭކަލުންގެ ތެރޭގައި ހުންނަވާ އެކަލޭގެފާނު ސުވާލެއް ދެންނެވިއެވެ. “މިއަދު ރޯދައަށް ހުންނެވީ ކޮންބޭކަލެއްހެއްޔެވެ؟” އަބޫބަކުރުގެފާނު ވިދާޅުވަނީ “ތިމަނަކަލޭގެފާނެވެ.”  ދެންވެސް އެމަޖިލީހުގައި ސުވާލެއް ދެންނެވިއެވެ. “މިއަދު ޖަނާޒާގެ ފަހަތުންގޮސް، ވަޅުލުމުގެ ކަންތަކުގައި ބައިވެރިވީ ކާކުހެއްޔެވެ؟” އަބޫބަކުރުގެފާނު ވިދާޅުވަނީ “ތިމަނަކަލޭގެފާނެވެ.” ތިންވަނައަށް ރަސޫލާ (ސ) ވިދާޅުވަނީ މިއަދު ފަޤީރަކަށް ނުވަތަ މިސްކީނަކަށް ކާންދެއްވީ ކޮންބޭކަލެއްތޯއެވެ”. އަނެއްކާވެސް ޖަވާބުގައި އަބޫބަކުރުގެފާނު ވިދާޅުވަނީ “ތިމަންކަލޭގެފާނެވެ.” އަނެއްކާވެސް ރަސޫލާ (ސ) ސުވާލުކުރައްވަނީ “މިއަދު ބަލިމީހަކަށް ޒިޔާރަތްކުރީ ކޮންބޭކަލެއްތޯއެވެ؟” އަނެއްކާވެސް ޖަވާބުގައި އަބޫބަކުރުގެފާނު ވިދާޅުވީ “ތިމަންކަލޭގެފާނެވެ.” ދެން ރަސޫލާ (ސ) ހަދީޘްކުރައްވަނީ މި 4 ކަންތައް އެއްދުވަހެއްގައި ޖަމާކޮއްފި މީހަކަށް މާތްﷲ ސުވަރުގެ ދެއްވާނެއެވެ.” އެހެންކަމުން އެބޭކަލުން ހެޔޮކަމުގައި އަރާތިއްބެވިއެވެ.އެބޭކަލުންނަށް އެދަރަޖަ ހާސިލްވީ އެކަމުގައި ދެމިތިއްބެވީމައެވެ.
އަބޫބަކުރުގެފާނުގެ ކުރިއެރުން ފެނިވަޑައަގަތް އަސްހާބުބޭކަލުން އެކަލޭގެފާނުގެ ކުރިއެރުމާއެއްވަރަށް ކުރިޔަށް ދެވޭތޯ މަސައްކަތް ކުރެއްވިއެވެ. އެގޮތުން އެއްދުވަހަކު ޢުމަރުގެފާނަށް ބައިވަރު މުދާތަކެއް ލިބިވަޑައިގެން ވިދާޅުވަނީ “މިއަދު ތިމަންނަ އަބޫބަކުރުގެފާނަށްވުރެ ކުރިއަރާނަމަވެ.މިއަދަކީ ތިމަންނަގެ ފުރުސަތެވެ. އަބޫބަކުރުގެފާނުގެ މައްޗަށް ކުރިހޯދާށެވެ.”  އެކަލޭގެފާނު މުދަލުގެ 2/1 ހިފައިގެން ރަސޫލާ (ސ) ގެ އަރިހަށް ވަޑައިގެންނެވިއެވެ. އަބޫބަކުރުގެފާނާ ހެޔޮކަންތަކުގައި ވާދަކުރުމަށްޓަކައެވެ. ރަސޫލާ (ސ) އެމުދާ ހިއްޕަވައި ހަދީޘްކުރެއްވިއެވެ. “ކަލޭގެފާނުގެ އަހުލުންނަށް ކަލޭގެފާނު ބެހެއްޓެވީ ކޮންމިނަވަރެއްތޯއެވެ.؟” ވިދާޅުވަނީ “ތިމަންނަގެ އާއިލާ އަށް ނެންގެވީ ހަމަ މިފަދަ މިންވަރެވެ.” ދެން އެތަނަށް ވަޑައިތީ އަބޫބަކުރުގެފާނެވެ.އެކަލޭގެފާނު ވަޑައިގަންނަވަނީ އަތުގައި ހުރި ހުރިހާ މުދަލެއްހިއްޕަވައިގެންނެވެ. ދެން ރަސޫލާ (ސ) އެމުދާ ހިއްޕަވައި ހަދީޘްކުރެއްވިއެވެ. “ކަލޭގެފާނުގެ އަހުލުންނަށް ކަލޭގެފާނު ދޫކުރެއްވީ ކޮންއެއްޗެއްތޯއެވެ؟” ވިދާޅުވަނީ “ﷲއާއި އެކަލާނގެ ރަސޫލާ ތިމަންނަގެ އަހުލުންނަށް ފުދިގެންވެއެވެ.” . ހެޔޮކަމުގެ މަގުގައި ދަހިވެތިވާ މީހުންގެ އަމަލުތައް ހުންނާނެ ގޮތަކީ މިއީއެވެ.
އެބޭކަލުންނަކީ ހެޔޮކަންތަކަށް ޝައުގުވެރިވިބޭކަލުންނެވެ. އެއްވެސް ހާލެއްގައި ހެޔޮކަމެއް ކުރުމަށް ފުރުސަތު ލިބިއްޖެނަމަ އެކަން ފަސްކުރެއްވި ބޭކަލުންނެއްނޫނެވެ. ހެޔޮކަންތައްކުރުން ފަސްކުރުމާ ބެހޭ ގޮތުން އިލްމްވެރިން ވިދާޅުވަނީ ހެޔޮކަމެއް ކުރެވެން އޮތް ވަޤުތުގައި އޭގެން ފަސްކުރުމަކީ ޝައިތާނާގެ އެއްދަންތުރަކަމުގައެވެ. އޭނާ  މީސްތަކުންނަށް އޮޅުވާލުމަށްޓަކައި ކުރާކަމެއްގެ ގޮތުގައެވެ.މިސާލަކަށް ކުދިންބޮޑުވީމަ ހައްޖަށްދާން މަޑުުރުމާއި، ފާފައަކުން ތައުބާވުން ފަސްކުރުމާއި، ނަމާދުކުރުން ލަސްކުރުމެވެ. މިގޮތައް ހެޔޮކަންތައް ލަސްކުރުމަކީ ޝައިތާނާ ސަވާރުވާ ސަވާރީ ކަމަށް އިލްވެރިން ސިފަކުރައްވާފައިވެެއެވެ. ޝައިތާނާގެ މިފަދަ ހެއްލުންތަކަށް އަޅުގަނޑުމެން ހެއްލިގެން ނުވާނެެވެ.މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
وَلَا تَتَّبِعُوا خُطُوَاتِ الشَّيْطَانِ (އަލްބަޤަރާ 168)
“އަދި ތިޔަބައިމީހުން ޝައިތާނާގެ ފިޔަވަޅުތަކަށް ތަބާނުވާށެވެ.”

(ނުނިމޭ)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!