ކީރިތި ރަސޫލާގެ ސުންނަތަށް ތަބާވުން: އައްޝައިޚް ޢާޞިފް މޫސާ

މިއީ ކޮންމެ ހޯމަދުވައެއްގެ މަޣްރިބް ނަމާދަށްފަހު ޖަލާލުއްދީން މިސްކިތުގައި ބާއްވާ އައްޝައިޚް ޢާޞިފް މޫސާގެ ތަވްހީދު ކްލާސްތަކުގެ ތެރެއިން ކީރިތި ރަސޫލާގެ ސުންނަތައް ތަބާވުމާ ގުޅޭ ގޮތުން ނެންގެވި ކްލާހުގެ ޚުލާސާއެކެވެ.

ރަސޫލާއަށް ތަބާވުމުގެ މުހިއްމުކަން:
ރަސޫލާއަށް ކިޔަމަންވެއްޖެ މީހަކީ މާތްﷲ އަށް ތަބާވެއްޖެމީހެކެވެ. އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމަކީ ދުނިޔޭގެ ބާއްޖަވެރިކަމާއި ރަހްމަތް އެމީހަކަށް ލިބެނެ ކަމެކެވެ. އެކަލޭގެފާނު ގެންނެވި ކަންތައްތަކަށް ތަބާވެ އެގޮތުގައި ހުރުމަކީ މާތްﷲގެ ލޯބިލިބޭނެކަމެކެވެ. އެކަލޭގެފާނަށް ތަބާވުމަކީ މީހާ މާތްﷲ ދެކެލޯބިވާކަމަށް ކުރާ ދަޢުވާގެ ތެދުކަން އެނގޭނެކަމެއްވެސް މެއެވެ. އަދި އެއީ އެމީހެއްގެ ފާފަތައްފުހެވޭކަމެއްވެސް މެއެވެ. މާތްﷲ ވަހީކުރައްވާފައިވެއެވެ. “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ﷲދެކެ ލޯބިވާކަމުގައިވަނީނަމަ ތިމަންކަލޭގެފާނަށް ތަބާވާށެވެ. އޭރުން ﷲ ތިޔަބައި މީހުންދެކެ ލޯބިވެވޮޑިގަންނަވާނެއެވެ.އަދި ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައިދެއްވާނެއެވެ. ﷲއީ ގިނަގިނަ އިން ފާފަ ފުއްސަވާ ރަހީމްވަންތަ ރަސްކަލާނގެއެވެ.”

ރަސޫލާގެ އަމުރުފުޅުތަކަށް ކިޔަމަންނުވާނަމަ..:
އެކަލޭގެފާނުގެ ބަސްފުޅުތަކަކީ މާބޮޑުކަމެއްކަމުގައި ނުވަތަ މާބޮޑު އެއްޗެއްކަމުގައި ނުދެކޭ މީހުންނައް މާތްﷲ ޚަބަރުދެއްވަނީ ބޮޑު ފިތުނަވެރި ކަމެއް ނުވަތަ ވޭންދެނިވި ޢަޛާބެއް އަތުވެދާނެކަމުގެ ބިރުވެރިކަމުންނެވެ. ﷲ ވަހީކުރައްވާފައިވަނީ “..ފަހެ އެކަލޭގެފާނުގެ އަމުރުފުޅާ ޚިލާފުވެއްޖެމީހުނަށް ކުރިމަތިވެދާނެ ފިތުނައަކަށް ނުވަތަ ޢަޛާބަކަށް ބިރުވެތިވާށެވެ.”

މީގެ މިސާލަކީ އުހުދު ހަނގުރާމައިގެ ދުވަހު މުސްލިމުންނަށް މާތްﷲ ނަސްރު ދެއްވުމަށްފަހު އެނަސްރު ބަދަލްވެގެން ދިޔަގޮތެވެ. ރަސޫލާކުރެއްވި ކުޑަ އަމުރުފުޅަކަށް ތަބާނުވުމުންނެވެ. އެއީ ރަސޫލާގެ އަމުރުފުޅެއް ނާންނަ ހިނދުގައި ފަރުބަދައިން ނުފޭބުމަށް ކުރެއްވި އަމުރުފުޅަށް ސަހާބީބޭކަލުން ތަބާނުވުމުންނެވެ. އެބޭކަލުންނަށް ޢަނީމާ މުދާތަށް އެއްކުރައްވަން ފެއްޓެވުމުން އެބޭކަލުންނަށް ހީފުޅުވީ އެއަމުރުފުޅު ނިމުނީކަމަށެވެ. މި އަމުރުފުޅުގައި ނުހިފުމުގެ ސަބަބުން މުސްލިމުންނަށް ބައިވަރު ގެއްލުންތަކެއްލިބުނެވެ. އެހެންކަމުން އެކަލޭގެފާނުގެ ސުންނަތަށް ތަބާވާށެވެ.

އެކަލޭގެފާނަށް ތަބާވާންވީ ސަބަބު:
އެކަލޭގެފާނަށް ތަބާވުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތް ހިދާޔަތް އަދި އެކަލޭގެފާނަށް ނުކިޔަމަންތެރިވުމަކީ އަޅުގަނޑުމެންގެ މައްޗަށް އޮތްމަގުފުރެދުމެވެ.
އެއީ މާތްﷲ ވަހީ ކުރައްވަފައިވަނީ ކީރިތި ރަސޫލާގެ ގޮތަށް ތަބާނުވެއްޖެ މީހާ ތަބާވާނީ އެމީހާގެ ހަވާނަފްސަށެވެ.
“ފަހެ އެބައިމީހުން ކަލޭގެފާނަށް އިޖާބަނުދޭނަމަ، އެބައިމީހުން ތަބާވާކަން ކަށަވަރީ އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކަށެވެ.އަދި މާތްﷲގެ ހަޟަރަތުން ތެދުމަގާ ނުލައި އެމީހާގެ އަމިއްލަ އެދުމަށް ތަބާވެއްޖ މީހާއަށްވުރެ މަގުފުރެދުންބޮޑީ ކާކުހެއްޔެވެ؟….”

އެކަލޭގެފާނުގެ ސުންނަތަށް ތަބާވެވޭނެ ގޮތް:
އެހެންކަމުން އަޅުގަނޑުމެން އިޚްތިޔަރު ކުރަންޖެހޭނީ ރަސޫލާގެ ގޮތެވެ. އަދި އެކަލޭގެފާނު އުޅުއްވިގޮތަކީ އަސްލަކަށް ބަލައިގެން އެގޮތަށް އުޅެން މަސައްކަތްކުރަން ޖެހެއެވެ.އެއީ އެންމެ ރިވެތި ގޮތެވެ. މާތްﷲ ވަހީ ކުރައްވާފައިވެއެވެ.
“ހަމަކަށަވަރުން ﷲގެ ރަސޫލާގެ ކިބައިގައި ތިޔަބައިމީހުންނަށް ރިވެތި ނަމޫނާއެއްވެއެވެ…”.

ރަސޫލާ އަޅުކަންތައް ތައްކުރެއްވުމުގައި ބަޔާންކޮށްދެއްވި ގޮތް ހަނދާންކޮށް ދަސްކޮށް އަދި އެގޮތަށް އަޅުކަން ކުރަން ޖެހެއެވެ. އެގޮތުން އެކަލޭގެފާނު ނަމާދާމެދު އެންގެވީ “ތިޔަބައިމީހުން ތިމަންކަލޭގެފާނު ނަމާދު ކުރެއްވީތީ ދުށްގޮތަށް ނަމާދުކުރާށެވެ. “އެހެންކަމުން އަޅުގަނޑުމެން ނަމާދުކުރަންޖެހޭނީ އެކަލޭގެފާނު އެންގެވިގޮތަށެވެ. ހައްޖު، ރޯދަ އަދި ޒަކާތުގެ އަޅުކަންވެސް އަދާކުރަންޖެހޭނީ އެކަލޭގެފާނު އެންގެވި ގޮތަށެވެ.
އެހެންނޫންނަމަ އެއަމަލަކީ ރައްދުކުރެވޭނެ، ޤަބޫލުނުކުރެވޭނެ އަމަލެކެވެ. އިލްމު ހޯދުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެކެވެ. އެ އަޅުކަންތައް އަދާކުރަންޖެހޭ މިންވަރު ދަސްކުރުމަކީ ވާޖިބެއް، އެހެންނޫނީ އެ އަޅުކަންތަކަކީ ބޭކާރު ޤަބޫލުވެވިގެން ނުވާ އަމަލްތަކެއްކަމުގައި ވެދާނެއެވެ. ފަރުޟު 5 ނަމާދާއި ރޯދަ ހިފާނެ ގޮތާއި ޒަކާތްއަދާކުރާނެ ގޮތް (އަޅުކަން އަދާ ކުރާނެ ގޮތް) އަދި މަބްރޫރު ހައްޖެއް ވުމަށްޓަކައި އެކަލޭގެފާނު އެންގަވި ގޮތް ދަސްކުރަންޖެހެއެވެ.

އެކަލޭގެފަނު އަންގަވަފައިވަނީ ސުންނަތް ދޫކޮއްފި މީހަކީ މުސްލިމުންގެ ތެރެއިން ވާބައެއްނޫންކަމުގައެވެ. އެކަލޭގެފާނު ހަދީޘްކުރެއްވިއެވެ.
“ތިމަސްކަލޭގެފާނު ތިޔަބައިމީހުންނަށް 2 އެއްޗެއް ދޫކުރައްވާފައި ވަޑައިގަންނަވަމެވެ. އެއީ ކީރިތި ޤުރްއާނާއި ތިމަންކަލޭގެފާނުގެ ގޮތެވެ. މިދެއެއްޗަށް ތަބާވެއްޖެކަމުގައިވަނީނަމަ ތިޔަބައިމީހުން ދުވަހަކުވެސް މަގުފުރެދިގެން ނުދާނެއެވެ.”

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!