އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ – ތާރީޚުގެ ތެރެއަށް ނަޒަރެއް (15)

8 ވަނަ ބާބު – އިންތިފާޟާއާއި އޭގެ ނަތީޖާތައް (ހ)

1982 ވަނަ އަހަރު އިޒްރޭލު ސިފައިން ލުބްނާނުގެ ވެރިރަށް ބެއިރޫތަށް އަރައި އެ ޝަހަރުގައި ޤާއިމުކުރެވިފައި ހުރި ޕެލަސްޓައިން ލިބަރޭޝަން އޯރގަނައިޒޭޝަންގެ މަރުކަޒުތައް ހަލާކުކޮށް ޕީއެލްއޯގެ ވެރީންނާއި ފިދާއީން އެ ޝަހަރުން ބޭރުކޮށްލިއެވެ. މި ހާދިސާއަށްފަހު ޕީއެލްއޯގެ ވެރީންގެ މެދުގައި ބޮޑެތި ޚިލާފުތަކެއް އުފެދިގެން ދިޔައެވެ. ބައެއް ލީޑަރުން ތުހުމަތު ކުރެއްވި ގޮތުގައި އިޒްރޭލުގެ ލަޝްކަރުގެ ކުރިމަތީގައި ފިދާއީން ބަލިވެ ބެއިރޫތު ދޫކޮށްލަން ޖެހުނީ ޢަރަފާތުގެ ސިޔާސަތުގެ ސަބަބުންނެވެ. ވީހާވެސް ހަރުކަށިކޮށް އިޒްރޭލާ ދެކޮޅަށް ގެރިއްލާ ހަމަލާތައް ދިނުމުގެ ބަދަލުގައި ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުންކުރުމަށް ޢަރަފާތު އިސްކަންދެއްވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

މި ގޮތުން ޢަރަފާތާ ދެކޮޅަށް ތެދުވެވަޑައިގެންނެވި ލީޑަރުންގެ ތެރޭގައި ފަތަޙް ޖަމާޢަތުގެ އަސްކަރީ ކޮމާންޑަރެއް ކަމުގައިވާ އަބޫ މޫސާވެސް ހިމެނިވަޑައިގަތެވެ. މި ބޭބޭފުޅުންނަށް ތާއީދުކޮށް ޢަރަފާތާ ދުރުހެލިވުމަށް ހިތްވަރުދިނީ ސީރިޔާ ސަރުކާރުންނެވެ. މި ކަހަލަ ގޮތަކަށް ޕީއެލްއޯގެ އެތެރޭގެ ކަންތައްތައް ބަދަލުވާން ފެށުމުން ޢަރަފާތު އޭނާގެ އެންމެ އަރިސް އަދި އިތުބާރު ކުރެއްވޭ ބޭފުޅުންނާއިގެން ޓިއުނީޝިއާގެ ވެރިރަށް ތޫނިސްއަށް ބަދަލުވެވަޑައިގަތެވެ. އަދި ތޫނިސްގައި ޕީއެލްއޯގެ އާ މަރުކަޒެއް ޤާއިމުކުރައްވައި ޖަމާޢަތުގެ ޙަރަކާތްތައް އާ ފެށުމަކުން ފެއްޓެވިއެވެ.

1987 ވަނަ އަހަރު ލުބްނާނުގެ ސަރުކާރުން އެ ޤައުމުގެ ސަރަޙައްދުގައި ޕީއެލްއޯގެ އެއްވެސް ޙަރަކާތެއް ހިންގުން މަނާކުރިއެވެ. ނަމަވެސް ޤައުމުގެ ސިޔާސީ ހަމަނުޖެހުންތަކާއި ދާޚިލީ ހަނގުރާމައިގެ ސަބަބުން މި ސިޔާސަތު ޢަމަލީގޮތުން ތަންފީޒުކޮށް ޕީއެލްއޯގެ ފިދާއީންނާ ދެކޮޅަށް ހަރުދަނާ އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ. އެހެންކަމުން ފިދާއީން ގެންދިޔައީ އަލުން އިންތިޒާމުވެ، ލުބްނާނުގެ އެކި ކަންކޮޅުތަކުގައި އެ މީހުންގެ މަރުކަޒުތައް ޤާއިމުކުރަމުންނެވެ. 1990 ވަނަ އަހަރާ ހަމަޔަށް އައިއިރު ޕީއެލްއޯގެ އަސްކަރީ ބާރު އަނެއްކާވެސް އޮތީ 1982 ވަނަ އަހަރު އިޒްރޭލުގެ ސިފައިން ލުބްނާނަށް އަރައިގަތް އިރު އޮތް ފެންވަރަށް ނުވަތަ އެއަށްވުރެވެސް ބޮޑަށް ތަރައްޤީ ކުރެވިފައެވެ. އެހެނީ 1982 ވަނަ އަހަރު ޕީއެލްއޯގައި ތިބީ ހަނގުރާމައިގެ ތަމްރީނު ލިބިފައިވާ 8000 މީހުންނެވެ. ނަމަވެސް 1990 ވަނަ އަހަރު ފެށުނުއިރު މި ޢަދަދު 11000 އަށް އަރައެވެ. ނަމަވެސް މި ހިސާބަށް ދިޔައިރު ޕީއެލްއޯއަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު ދަތިކަމަކީ އެ ޖަމާޢަތުގެ ހަނގުރާމަވެރީންނާއި ލީޑަރުން އެކި ސަރަހައްދުތަކުގައި ތިބެން ޖެހުމެވެ. ސީރިޔާ ސަރުކާރުގެ ތާއީދު އޮތީ ފަލަސްޠީނުގެ ފިދާއީންގެ ތެރެއިން އެންމެ ހަރުކަށި ގްރޫޕްތަކަށެވެ. ރައީސް ހާފިޒުލް އަސަދު މަސައްކަތް ކުރައްވަމުން ގެންދެވީ ޢަރަފާތުގެ ދުވަސް ދުއްވާލައި، އޭނާގެ ބަދަލުގައި ސީރިޔާ ބޭނުންވާހައި ގޮތަކަށް އަމަލުކުރާނޭ ބަޔަކު ފަލަސްޠީނުގެ ފިދާއީންގެ މައްޗަށް ވެރިކުރުމަށެވެ. އެހެންކަމުން ޕީއެލްއޯގެ އިދާރީ ޖިސްމު ކަމުގައިވާ ޕެލަސްޓައިން ނެޝަނަލް ކައުންސިލްގެ އިއްތިފާޤީ ތާއީދު ލިބިވަޑައިގެންފައި އޮތުމާއެކުވެސް ޢަރަފާތަށް ކުރިމަތިވެވަޑައިގެންފައިއޮތް ޗެލެންޖްތައް ގިނައެވެ.

1985 ވަނަ އަހަރު އުރުދުންގެ ސަރުކާރު ޕީއެލްއޯގެ ވެރީން ކުރީގެ ޚިލާފުތަކާއި ދެކޮޅުވެރިކަން ހަނދާން ނައްތާލައި ގުޅިފައިވާ ސިޔާސަތެއް އިޢުލާން ކުރިއެވެ. މި ސިޔާސަތުގެ ދަށުން ޢަރަފާތާއި ޙުސައިން ރަސްގެފާނު އދ. އަށް ގޮވާލެއްވީ ފަލަސްޠީނުގެ މައްސަލަ ޙައްލު ކުރުމަށްޓަކައި ބައިނަލް އަޤުވާމީ ކޮންފަރެންސެއް ބޭއްވުމަށެވެ. އަދި މި ކޮންފަރެންސްގައި ޕީއެލްއޯއާއި އުރުދުންގެ ގުޅިފައިވާ ވަފުދެއް ބައިވެރިވެ، ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރުމުގެ ޒިންމާއާއި ހައްޤު މި ވަފުދުގައި ހިމެނިވަޑައިގަންނަވާ ޕީއެލްއޯގެ މަންދޫބުންނަށް ދިނުމަށެވެ. ހަމައެއާއެކު ޢަރަބި އިޒްރޭލް ހަނގުރާމަތަކުގައި އިޒްރޭލް ހިފާފައިވާ ބިންތަކުން ފެއިބުމާއެކު ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކޮށްދިނުމަށްވެސް ޢަރަފާތާއި ޙުސައިން ރަސްގެފާނު ގޮވާލެއްވިއެވެ. މި ގޮތުން އުފެދޭ ދައުލަތެއް އޮންނާނީ އުރުދުނާ އެކުގައި ކޮންފެޑެރޭޝަނެއްގެ ގޮތުގައި ކަމަށް ޕީއެލްއޯގެ ވެރީންނާއި ޙުސައިން ރަސްގެފާނު އެއްބަސްވެވަޑައިގަތެވެ. މި ކަހަލަ ދޫތަކެއް ދޭން ޕީއެލްއޯއިން ނިންމީ ޑިޕްލޮމެޓިކް ވަސީލަތްތައް ބޭނުން ނުކޮށް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމުގެ މަސައްކަތް ކާމިޔާބު ނުވާނޭކަމަށް ޢަރަފާތު ވިދާޅުވަމުން ގެންދެވި ބަސްފުޅު އެހެން ލީޑަރުންނަށްވެސް ޤަބޫލުފުޅު ކުރެއްވުމުންނެވެ.

ޕީއެލްއޯއާއި އުރުދުންގެ ހުށަހެޅުމަށް އެމެރިކާއާއި އިޒްރޭލުގެ ސަރުކާރުން ވަގުތުން ދެކޮޅު ހެދިއެވެ. އިޒްރޭލުގެ ވެރިކަމުގައި އޮތް ލިކޫޑް ޕާރޓީގެ އިތުރުން އިދިކޮޅު ލޭބަރ ޕާރޓީއިންވެސް ހުޅަނގު އައްސޭރި ދޫކޮށްލުމުގެ އެއްވެސް ވާހަކައެއް ޕީއެލްއޯއާ އެކު ދައްކަން އިންކާރު ކުރިއެވެ. ބޮޑުވަޒީރު ޝިމޮން ޕެރޭޒް ވިދާޅުވި ގޮތުގައި އުރުދުންގެ ސަރުކާރާއެކު ޕީއެލްއޯގައި ނުހިމެނޭ ފަލަސްޠީނުގެ މަންދޫބުންތަކެއްވެސް ބައިވެރިކޮށްގެން ސުލްހައިގެ ވާހަކަތައް ބޭއްވިދާނެއެވެ. އެމެރިކާ ސަރުކާރުން އެންގީ ޕީއެލްއޯއާއެކު އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ކުރެވޭނީ އެ ޖަމާޢަތުން އދ. ގެ 242 ވަނަ ޤަރާރު ޤަބޫލުކޮށް އިޒްރޭލަކީ މިނިވަން މުސްތަޤިއްލު ދައުލަތެއްކަން ޤަބޫލުކުރުމަށްފަހު ކަމުގައެވެ. ޖަވާބުގައި ޢަރަފާތު ވިދާޅުވީ މި ދެންނެވި ފަދަ ކޮންފަރެންސަކަށް ގޮވާލެއްވުމުގެ މާނައަކީ އިޒްރޭލް ނެއްތައިލުމަށް ޕީއެލްއޯގެ ކޮވެނެންޓުގައި އޮތް އޮތުން ބާޠިލްވުން ކަމުގައެވެ.

އުރުދުނާއި ޕީއެލްއޯގެ ސުލްހައިގެ ހުށަހެޅުމަށް އެމެރިކާއާއި އިޒްރޭލް ދެކޮޅު ހެދުމުގެ ނަތީޖާއަކީ ދެ ފަރާތުގައި ތިބި ހަރުކަށި ވިސްނުމުގެ މީހުންނަށް އިތުރު ހިތްވަރެއް ލިބިގެން ދިޔުމެވެ. އިޒްރޭލްގެ ހަރުކަށި ލީޑަރެއް ކަމުގައިވާ މެއަރ ކަހާންގެ ވެރިކަމުގެ ދަށުގައި ހައްދުފަހަނައަޅާފައިތިބި ޔަހޫދީން ހުޅަނގު އައްސޭރިއާއި ދެންވެސް ހިފާފައިވާ ޢަރަބި ބިންތަކުގައި އިތުރު ޔަހޫދީ އާބާދީތައް ހަދައި ޢަރަބީން އެ ތަންތަނުން ބޭރުކުރަން ގޮވާލައި އެކަމަށްޓަކައި ކުރެވެމުންއައި މަސައްކަތް އިތުރުކުރިއެވެ. އަދި ހައްދު ފަހަނައަޅާފައިވާ ޔަހޫދީންގެ ޓެރަރިސްޓް ޖަމާޢަތްތަކުން ޢަރަބީންނާ ދެކޮޅަށް ނުރައްކާތެރި ޓެރަރިސްޓް ހަމަލާތައް ދެމުން ގެންދިޔައެވެ. އަނެއްކޮޅުން ފަލަސްޠީނުގެ ފިދާއީންގެ ތެރެއިންވެސް އެތައް ބަޔަކު ހަރުކަށިކަމާއެކު އިޒްރޭލާ ކުރިމަތިލުމުގެ ސިޔާސަތު ކުރިޔަށް ނެރެން ފެށިއެވެ. އެ ގޮތުން ޕީއެލްއޯއަށް ނިސްބަތްވާ، އެކަމަކު ޖަމާޢަތުގެ ވެރީންގެ އެއްވެސް ކޮންޓްރޯލެއް އެ ބައެއްގެ މައްޗަށް ނެތް ފިދާއީންގެ ބަޔަކު 1985 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 25 ވަނަ ދުވަހު ސައިޕްރަސްގައި ދިން ޙަމަލާއެއްގައި އިޒްރޭލުގެ ތިން މީހަކު މަރުވިއެވެ. ބަދަލު ހިފުމަށްޓަކައި އިޒްރޭލުގެ ވައިގެ ސިފައިން ޖެހިގެން އައި އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ތޫނިސްގައި ހުރި ޕީއެލްއޯގެ މައި މަރުކަޒަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. މި ހިސާބުން މައްސަލައަށް ސުލްހަވެރި ހައްލެއް ފެނިދާނެކަމަށް ކުރެވެމުން އައި އުއްމީދު އަނެއްކާވެސް ވަޅުޖެހިގެން ދިޔައެވެ.

ދެން އައި ދުވަސްކޮޅުގެ ތެރޭގައި ފަލަސްޠީނުގެ ހަރުކަށި ފިދާއީންގެ ޙަމަލާތައް އިޒްރޭލާ ދެކޮޅަށް ވަރަށް ވަރުގަދައަށް ދެވުނެވެ. އެގޮތުން ފިދާއީން ހިންގި ހަރަކާތްތަކުގެ ތެރޭގައި ޓީ.ޑަބްލިޔު.އޭ. ގެ މަތިންދާބޯޓެއް ހައިޖެކްކުރުމާއި، ރޯމާއި ވިއެނާގެ އެއަރޕޯރޓުގައި އިޒްރޭލުގެ މީހުންނާ ދެކޮޅަށް ދެވުނު ބަޑީގެ ޙަމަލާތަކާއި، އެކީލޯ ލައުރޯގެ ނަން ދެވިފައިވާ ކްރޫޒް ހައިޖެކް ކުރުން ހިމެނެއެވެ. މި ޙަރަކާތްތަކާ ގުޅިގެން އިޒްރޭލުން ބުނަމުން ގެންދިޔައީ ޕީއެލްއޯއާއި ފަލަސްޠީނުގެ ފިދާއީންގެ ތެރޭގައި ތިބި ހަރުކަށި މީހުން މައިތިރި ކުރެއްވުމަށް ޢަރަފާތަށް ނުކުޅެދިފައިވާ ކަމުގައެވެ. އެހެންކަމުން ފަލަސްޠީނުގެ ރައްޔިތުން ތަމްސީލު ކުރައްވާ ބޭފުޅެއް ކަމުގެ ދަޢުވާ ޢަރަފާތަށް ނުކުރެއްވޭނެ ކަމުގައެވެ. ނަމަވެސް ފިދާއީން އިޒްރޭލާ ދެކޮޅު ޙަމަލާތައް ވަރުގަދަކުރަން ފެށީ ޢަރަފާތުގެ ސުލްޙައިގެ ހުށަހެޅުމާ ޔަހޫދީން ދެކޮޅު ހަދައި ފަލަސްޠީނީންގެ ޙައްޤުތަކަށް އެއްވެސް މިންވަރަކަށް ރިއާޔަތް ކުރަން ދެކޮޅު ހަދަމުން ގެންދިޔުމުގެ ނަތީޖާއެއްގެ ގޮތުންކަން އަދުލު އިންސާފަށް ލޯބިކުރާ އެންމެންނަށްވެސް އެނގެއެވެ. އިޒްރޭލާއި އެމެރިކާގެ ވެރީންގެ ގަމާރުކަމާއި ދެއުޅިއެއްނުވާކަމުން އެ ވަރު ނޭނގުނަސް، ނުވަތަ އެބައިމީހުންގެ ނުބައިނުލަފާކަމާއި ޝައިޠާނިއްޔަތުގެ ސަބަބުން އެ ކަން ޤަބޫލުކުރަން ދެކޮޅު ހެދިޔަސް ވެހެވެ.

މި ކަހަލަ ޙާލަތެއްގައި ޔާސިރު ޢަރަފާތަށް ކުރިމަތިވެފައި އޮތް ޗެލެންޖްތައް އިތުރަށް ވަރުގަދަވެގެން ދިޔައީ ސަޢޫދީ އަރަބިޔާ ސަރުކާރުންވެސް ހަރުކަށި ފިދާއީންނަށް ތާއީދުކުރަން ފެށުމުންނެވެ. ހަމަ އެއާއެކު އުރުދުންގެ ސަރުކާރުންވެސް ޕީއެލްއޯއާއެކު އޮތް އެއްބަސްވުންތަކަށް ޚިޔާނާތްތެރިވެ އިޒްރޭލާއެކު ސުލްޙައިގެ ވާހަކަތައް ވަކިން ބާއްވަން ފެށިއެވެ. އެހެންކަމުން ޢަރަފާތުގެ ކުރިފުޅުމަތީގައި އެއް ދޮރަށް ފަހު އަނެއް ދޮރު ދިޔައީ ބަންދުވަމުންނެވެ. 1986 ވަނަ އަހަރުގެ ފަހުކޮޅު އިޒްރޭލްގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ޔިޓްޒަކް ޝަމީރު ވަޑައިގަތުމުން މައްސަލަ އިތުރަށް ގޯސްވެގެންދާނެކަން ބަލަން ތިބި އެންމެންނަށްވެސް ޔަޤީން ކުރެވުނެވެ. ޝަމީރަކީ އިޒްރޭލުގެ ބޮޑުވަޒީރުކަން ކުރީން ކުރައްވާފައިވާ މެނާހިމް ބޭގިނަށްވުރެވެސް ހަރުކަށިކަމުގައި އިސްވެހުންނެވި ބޭފުޅެކެވެ. އޭނާއަކީ އިޒްރޭލް އުފެދިގެން އައި ދުވަސްވަރު ޢަރަބީންނާ ދެކޮޅަށް ޓެރަރިސްޓް ހަމަލާތައް ދިނުމުގައި ޙަރަކާތްތެރިވި ޖަމާޢަތްތަކުގެ ތެރެއިން އެންމެ އަނިޔާވެރި ބައިގަނޑު ކަމުގައިވާ ސްޓަރން ގޭންގުގެ އިސް ލީޑަރެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އުޅުއްވި ބޭފުޅެކެވެ.

ފަލަސްޠީނުގެ ރައްޔިތުން އިޒްރޭލާ ދެކޮޅަށް ކުރަން ފެށި ޖިހާދު ނުވަތަ އިންތިފާޟާ އުފަންވެގެން އައީ މި ދެންނެވި މާާހައުލުގައެވެ. އިޒްރޭލުގެ އަތްދަށުގައި އޮތް ހުޅަނގު އައްސޭރިއާއި ޣައްޒާގައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން މި ސަރަޙައްދުތަކުގައި އިޒްރޭލުގެ ބާރުގެ ދަށުގައި މިލިއަނެއްހައި ފަލަސްޠީނީން އުޅެމުން އައެވެ. 1980 އިގެ އަހަރުތަކުގެ ފަހުކޮޅަށް އައިއިރު މީގެ ތެރެއިން ޒުވާން ޖީލެއްގެ ގޮތުގައި އޮތް ޖީލަކީ އިޒްރޭލުގެ އަނިޔާވެރި އަޅުވެތިކަމުގެ ތެރެއަށް އުފަންވެ ބޮޑުވެފައި އޮތް ޖީލެކެވެ. އިޒްރޭލުގެ އަނިޔާވެރިކަމުގެ ރަހަ ފުރިހަމަޔަށް ދެކެފައިވާ ޖީލެކެވެ. އެބައިމީހުންގެ ޙައްޤުތައް ހޯދުމުގައި ޕީއެލްއޯއަށް އަސްކަރީގޮތުންވެސް ޑިޕްލޮމެޓިކްގޮތުންވެސް ކާމިޔާބެއް ނުލިބި ނާކާމިޔާބުވަމުން ދިޔައީ އެބައިމީހުންގެ ލޯމަތީގައެވެ. ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކާމެދު އެބައިމީހުން އެއްވެސް އުއްމީދެއް ނުކުރެއެވެ. އެހެނީ އިޒްރޭލުގެ އަޅުވެތިކަމުގެ ދަށުގައި އަހަރުތަކެއް ވުމަށްފަހު ޢަރަބި ސަރުކާރުތަކުން ތިމާމެންނަށްޓަކައި އެއްވެސް ކަމެއް ކޮށްނުދޭނެކަން އެބައިމީހުންނަށް ވަނީ މުޅީން ޔަޤީންވެ ނިމިފައެވެ. 1987 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އުރުދުންގެ ވެރިރަށް ޢައްމާންގައި ބޭއްވުނު ޢަރަބި ސަމިޓުން މިކަން އިތުރަށް ސާބިތުވެގެން ދިޔައެވެ. އެ ސަމިޓުގައި ޢަރަބި ލީޑަރުން އެންމެ ބޮޑު އިސްކަމެއް ދީގެން މަޝްވަރާ ކޮށްފައި ވަނީ ޢިރާޤާއި އީރާންގެ ހަނގުރާމައާ މެދުގައެވެ. އަނިޔާވެރިކަމުގެ އުޑީގައި ފިސްވޭވޭ ތިބި ފަލަސްޠީނުގެ އެތައް މިލިއަން ރައްޔިތުންގެ މުސްތަގުބަލާ މެދުގައި އެއްވެސް ކަހަލަ ވާހަކައެއް އެ ސަމިޓުގައި ދެކެވިފައެއް ނުވެއެވެ. މީގެ އިތުރަށް އުރުދުނާއި ލުބްނާނާއި މިޞުރާއި ސީރިޔާ ފަދަ ޤައުމުތަކުން އެ ޤައުމުތަކުގައި ރެފިޔުޖީ ކޭމްޕްތަކުގައި އުޅެމުން ގެންދިޔަ ފަލަސްޠީނުގެ ތިން މިލިއަނެއްހައި ރައްޔިތުންނާ މެދުގައި ބަލަމުން ގެންދިޔައީ ތިމާގެ ދަނޑުތައް ކާން އައިސް ތިބޭ ފެންފޯއްދޫނިތަކަކާ މެދުގައި ރުޅިވެރި ދަނޑުވެރިއަކު ބަލާނޭ ލޮލުންނެވެ.

މި ފަދަ އެތަކެއް ސަބަބުތަކާހުރެ ފަލަސްޠީނުގެ ރައްޔިތުންގެ ހިތްތަކުގައި އުފެދެމުން ދިޔަ މާޔޫސީގެ އާޚިރު ނަތީޖާއަކީ އިޒްރޭލާ ދެކޮޅަށް ރައްޔިތުން ތެދުވުމެވެ. މަޑުމަޑުން ފަލަސްޠީނީ ޢާއްމުންނާއި އިޒްރޭލުގެ ޔަހޫދީންނާ ދެމެދުގައި ހިނގާ ހަމަނުޖެހުންތަކާއި ކުރިމަތިލުންތައް އާއްމުވާން ފެށުމެވެ. މިގޮތުން ހިނގަން ފެށި ހަރަކާތްތައް ވަރުގަދަވެ ފުޅާ ދާއިރާއެއްގައި ހިންގޭ ހަރަކާތަކަށް ވެގެން ދިޔައީ 1987 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު ހިނގި ހާދިސާއަކާ ގުޅިގެންނެވެ. މި ދުވަހު ޣައްޒާގައި ފަލަސްޠީނުގެ އާއްމުންގެ ބައެއްގެ ތެރެއަށް ޔަހޫދީންގެ ދުއްވާ އެއްޗެއް ވަދެގަނެ އެތައް ބަޔަކު މަރައި އެތައް ބަޔަކު ޒަަޚަމްކޮށްލިއެވެ. އެއާއެކު ޣައްޒާއާއި ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ ރައްޔިތުން ޔަހޫދީންގެ އަޅުވެތިކަމުގެ ކަސްތޮޅުތައް ސުންނާފަތިކޮށްލުމަށްޓަކައި އޮށްގަލުން ހަތިޔާރު އަޅައިގެން އިޒްރޭލުގެ ބަރު ހަތިޔާރުތަކާ ދެކޮޅަށް ތެދުވިއެވެ. މުޅި ދުނިޔޭގެ ސަމާލުކަމަށް އައި މި ހަރަކާތްތައް މަޝްހޫރުވެގެން ދިޔައީ އިންތިފާޟާގެ ނަމުންނެވެ.

ޖެހިގެން އައި އަހަރެއްހައި ދުވަހުގެ ތެރޭގައި އިޒްރޭލުގެ ސަރުކާރުން އިންތިފާޟާގެ ރޫޙު މަރައިލުމަށްޓަކައި އަނިޔާވެރިކަމާއި ހަރުކަށިކަމުގެ އެންމެ ތޫނު ހަތިޔާރުތައް ބޭނުން ކުރަމުން ގެންދިޔައެވެ. ފަލަސްޠީނީންގެ ސްކޫލްތަކާއި ކޮލެޖުތައް ބަންދުކޮށް، ގެތަކާއި ފިހާރަތައް ތަޅައި ސުންނާފަތިކޮށް، މީސްތަކުން ބޭރަށް ނިކުމެއުޅުން ހުއްޓުވުމަށްތަކައި ކާފިއު ހިންގައި، އާއްމުންނާ ދެކޮޅަށް އަސްކަރީ ހަރަކާތްތައް ހިންގަމުން ގެންދިޔައެވެ. މި ހަރަކާތްތަކުގެ ތެރޭގައި އެއް އަހަރު ދުވަހުގެ ތެރޭގައި ފަލަސްޠީނުގެ އެތައް ސަތޭކަ ބަޔަކު މަރާލެވުނެވެ. ވިއްސަހަކަށް ހާސް މީހުން ހައްޔަރު ކުރެވުނެވެ. މިގޮތުން ހައްޔަރު ކުރެވުނު މީހުންގެ ތެރެއިން ތިންބައިކުޅަ ދެބަޔަކީ އުމުރުން 15 އަހަރު ނުފުރޭ ކުޑަކުދީންނެވެ. އެބައިމީހުން ހައްޔަރުކޮށް އިޒްރޭލުގެ ޖަލުތަކަށް ލައި ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތައް ދެމުން ގެންދިޔައީ ފަލަސްޠީނުގެ ކުރިމަގުގެ ޒުވާން ޖީލު ވާކޮށްލުމަށްޓަކައެވެ. އެބައިމީހުންގެ ކިބައިގައި ހުރި މިނިވަންކަމުގެ ރޫޙު ކަތިލުމަށްޓަކައެވެ.

އިންތިފާޟާއާ ދެކޮޅަށް އިޒްރޭލުގެ ޓެރަރިސްޓް ސަރުކާރުން ދައްކަމުން ގެންދިޔަ ހަރުކަށިކަމާއި އަނިޔާވެރިކަން ދެކެން ދުނިޔޭގެ ގިނަ މީހުން ތިބީ އިނގިލިކުރީގައި ދައިގަނެގެންނެވެ. އެހެންކަމުން ޝައިޠާނިއްޔަތުގެ ބޯ ކަމުގައިވާ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސަރުކާރަކަށްވެސް ޔަހޫދީ ސަރުކާރު ކުށްވެރިނުކޮށް އޮންނާކަށް ނުކެރުނެވެ. ޚުދު އިޒްރޭލުގައިވެސް ސަރުކާރުގެ ހަރުކަށިކަމާ ދެކޮޅަށް ބަޔަކު މީހުން ދެކޮޅު ހަދަމުން ގެންދިޔައެވެ. އެ ގޮތުން އިންތިފާޟާ ފެށުނުތާ މަސްތަކެއްވެސް ނުވަނީސް ޓެލް އަވީވްގައި ތިރީހަކަށް ހާސް މީހުން މުޒާހަރާކޮށް ސަރުކާރުގެ ހަރުކަށިކަން ކުށްވެރި ކުރިއެވެ.

(ނުނިމޭ…..)

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ފުރިހަމަ މަޒްމޫނެއް

  2. ގ. ކެނެރީގެ މުހައްމަދު ނަޝީދަށް ދަން ނަވަން އޮތީ މަނިކުފާ ޤައުމު އިސްލާހުކޮށް ތަރައްޤީކުރަން ތިކުރާ މަސައްކަތަށް މަރުހަބާ ކިޔަން، އެހެން ނަމަވެސް އިންސާނުންގެ އިޖުތިހާދު އަމަލަކީ އެންމެ ރަގަޅު ގޮތާއި ނުރަގަޅު ގޮތްހުންނަކަންކަން، މަނިކުފާނު އެއާރްޕޯޓް ތަރައްޤީ ކުަރަން ކުރިމަސައްކަތަކީ އޭގައި ޤައުމީސަލާމަތަށް ގެއްލުން ހުރިކަމެއް، އަޅުގަޑުމެން ޤަބޫލުކުރަން ޖެހޭ ހަޤީގަތަކީ ދިވެހިރާއްޖެޔަކީ ތަފާތުޤައުމެއްކަން އަވައްޓެރި ދެޤައުމުގެ ސަޤާފަތް ތަފާތު އެހެން ކަމުން މިރާއްޖޭގެ ވެރިޔަކަށް ކޮންމެ މީހަކު ހުރިކަމުގައި ވިޔަސް ދީންހިމާޔަށް ކުރަންޖެހޭ، ތަރައްޤީވެސް އަންނަންޖެހެނީ އެގޮތުން، ދިވެހިރާއްޖެ ޔަކީ ސަޕުލައި ޑިމާޑުގައިވެސް ތަފާތު ޤައުމެއް، އަވާއްޓެރި ޤައުމުތަކުގައި ބަންގުރާ އޫރުމަސް ވިއްކައިގެން ޓެކުސްގެ ގޮތުގަޔާއި ފައިދާގެ ގޮތުގައި އެޤައުމުތަކުގެ ސާރުކާރަށް ފައިސާލިބުނަސް އެފައިސާ މިރާއްޖެޔަކު ސަރުކާރަކަށް ނުހޯދޭނެ އެއީދީނީ މައްސަލައެއް، އެއާރްޕޯޓް ތަރައްޤީކުރަންވެސް ރާއްޖޭގެ ކުންފުނިތަކަށް ޖާގަދޭންޖެހެނީ، ސައުދީގައިވެސް ސައުދީ ސަރުކާރުން އެއާރްޕޯޓް ތަރައްޤީކުރަން ފުރުސަތު ދިނީ ލޯކަލް ކުންފުނިތަކަ ލޯކަލް އިންވެސްޓެއްގެ ގޮތުގައި، އެޔަކުން ޤައުމަކަށް ގެއްލުމެއްނެއް، ކޮންމެ ޤައުމެއްވެސް ތަރައްޤީ ކުރަންވާނީ އެޤައުމެއްގެ ތަބީއަތުން، މިއަދު އަވަސް އަރުވައިގެން ޓެކުސްގެ ހަރަދުބޯޑު ނިޒާމާއި، ޕެންޝަނުގެ ޖިޒިޔަ ނިޒާމުން މިއަދު ގިނަކުންފުނިތަކާއި ވިޔަފާރި ބަންގުރޫޓްވަނީ، ސަޕުލައި ޑިމާންޑު ނެއްތަނެއްގައި މިފަދަނިޒާމު އެހާކާމިޔާބެއްނުވާނެ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!