އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ – ތާރީޚުގެ ތެރެއަށް ނަޒަރެއް (14)

7ވަނަ ބާބު – ޞުލްޙަ އާއި، ޤަތުލު އާންމު (ށ)

1970 އިގެ އަހަރުތަކާ ހަމަޔަށް އައިއިރު ބައިނަލް އަޤުވާމީ މަސްރަޙަށް އައިސްފައިވާ އެންމެ ބޮޑު ބަދަލަކީ އދ. ގެ މެމްބަރުންގެ ދަފްތަރަށް ތިންވަނަ ދުނިޔޭގެ ޢަރަބި އަދި މުސްލިމުން ގިނަ އެތައް ޤައުމެއް އިތުރުވެފައި އޮތުމެވެ. އެހެންކަމުން މި ދުވަސްވަރު އދ. ގެ ޢާއްމު މަޖިލީހުގައި ފަލަސްޠީނުގެ ޤައުމިއްޔަތުގެ ޙަރަކާތަށް އޮތް ތާއީދުގެ އަޑުވެސް ބާރުވެގެން ދިޔައެވެ. 1974 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ޢާއްމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމުގެ ފުރުސަތު ޕީއެލްއޯގެ ޒައީމް ޔާސިރު އަރަފާތަށް ލިބިވަޑައިގަތީވެސް މި ތާއީދުގެ ސަބަބުންނެވެ.

ޢަރަފާތުގެ ތަޤުރީރުގައި އޭނާ ބައިނަލް އަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައިވަނީ ފަލަސްޠީނުގައި ފަލަސްޠީނީ ޢަރަބީންގެ ޑިމޮކްރެޓިކް އަދި ޢިލްމާނީ ދައުލަތެއް ޤާއިމުކުރުމުގެ މަސައްކަތަށް އެހީތެރިވުމަށެވެ. ތަޤުރީރު ނިންމަވާލައްވަމުން ޢަރަފާތު ވިދާޅުވެފައި ވެއެވެ. “އަޅުގަނޑު މިއައީ އެއް އަތުން ޒައިތޫނި ފަތްކޯޅިއެއް، އަނެއް އަތުން މިނިވަންކަމުގެ ހަނގުރާމައަށްޓަކައި އުފުލާލެވިފައިވާ ބަޑިއެއް ހިފައިގެންނެވެ. އަޅުގަނޑުގެ އަތުގައި އޮތް ޒައިތޫނި ފަތްކޯޅި އަޅުގަނޑުގެ އަތުން ދޫވެގެން ދިޔަ ނުދެއްވައްޗެވެ!”

ޢަރަފާތު ކޮންމެ އެއްޗެކޭ ވިދާޅުވިޔަސް އިޒްރޭލަށް އޭނާގެ އަތްޕުޅުން ފެނުނީ ހަމައެކަނި ބަޑިއެވެ. މިއީ ތިމާއަށް ފެންނާނީ ތިމާ ބަލަން އެދޭ އެއްޗެކޭ މުސްކުޅީން ބުނާބުނުމަކީ ތެދެއްކަމުގެ މިސާލެކޭ ކިޔަމާ ހިންގަވާށެވެ! ފަލަސްޠީނުގެ ދައުލަތެއް އުފެދިއްޖެނަމަ އިޒްރޭލުގެ ބިމުގެ ސަރަހައްދު އެތައް ގުނައެއް ކުޑަވެގެން ދާނެކަމީ އިޒްރޭލުގެ ވެރީން ނިކަން ރަނގަޅަށް ދަނެތިބި ޙަޤީޤަތެކެވެ. އެހެނީ 1970 ގެ އަހަރުތަކަށް އައިއިރު އިޒްރޭލުގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުގެ ތެރެއިން ތިންބައިކުޅަ ދެބަޔަކީ ކުރީން ކުރެވުނު ހަނގުރާމަތަކުގައި ޢަރަބީންގެ އަތުން ފޭރިގަނެވިފައިވާ ބިންތަކެވެ. އަދި އޭގެ ތެރެއިން ބޮޑު ބަޔަކީ އދ. ގެ ބައިކުރުމުގެ ޕްލޭނާއި ފަހުން ފާސްކުރެވުނު އެތައް ޤަރާރެއްގެ ދަށުން ފަލަސްޠީނުގެ ޢަރަބި ދައުލަތަށް ޚާއްސަކުރެވިފައިވާ ބިމެވެ. ފަލަސްޠީނުގެ ދައުލަތެއް އުފެދިއްޖެނަމަ މި ހުރިހާ ބިންތަކެއް އެ ދައުލަތަށް ދޫކޮށްލަން ޖެހޭނެކަން ޔަހޫދީ ލީޑަރުންނަށް އެނގެއެވެ. އޭގެ ސަބަބުން ޔަހޫދީންގެ އަސްކަރީ އަދި އިޤްތިޞާދީ ބާރު ވަރަށް ބޮޑަށް އުނިވެގެން ދާނެކަންވެސް އެމީހުންނަށް އެނގެއެވެ. ހަމައެފަދައިން މި ސަރަޙައްދުތަކުގައި ޤާއިމުކުރެވިފައިހުރި ޔަހޫދީންގެ އިޤްތިޞާދީ އަދި އިޖުތިމާޢީ އިންފްރާސްޓްރަކްޗަރ ރޫޅާލައި، އެތަންތާގައި ވަޒަންވެރިވެފައި ތިބި އެތައް ލައްކަ ޔަހޫދީން އެތަންތަނުން ބޭރުކުރަން ޖެހުމުން ދެން ދިމާވާ މައްސަލަތަކަކީވެސް ޔަހޫދީ ސަރުކާރުން އެކަމަކާ މެދުގައި ވިސްނުން ހިންގި ކަންތަކެވެ. އެހެންކަމުން އިޒްރޭލުގެ ހަރުކަށި ސަރުކާރުން ގެންދިޔައީ ފަލަސްޠީނުގެ ރައްޔިތުންގެ އަތުން ފޭރެވިފައިވާ އެތައް ބިމަކާއި މުދަލެއްގެ ތެރެއިން ޖަމަލު ބަންނަ ވާފަށެއްހައި ހިސާބުވެސް އަނބުރައި ދޭން ދެކޮޅު ހަދަމުންނެވެ. ޚާއްސަ ގޮތެއްގައި އިޒްރޭލުގެ ސަރުކާރު ލިކޫޑް ޕާރޓީގެ އަތްމައްޗަށް އައިސް، ވެރިކަމުގެ ލަގަން ބޭގިނާއި ޔިޓްޒަކް ޝަމީރު ފަދަ ރަތްލާޖެހި ޓެރަރިސްޓުންގެ އަތްމައްޗަށް ދިޔުމަށްފަހު އިޒްރޭލުގެ ހަރުކަށިކަން އިތުރުވެގެން ދިޔައެވެ. ނަތީޖާއަކީ ޢަރަފާތުގެ އަތްޕުޅުގައި އޮތް ޒައިތޫނި ފަތްކޯޅި މަޑުމަޑުން އޭނާގެ އަތްޕުޅުން ދޫވަމުން ދިޔުމެވެ. ޕީއެލްއޯގެ ފިދާއީންގެ ޙަރަކާތްތައް އިތުރަށް ފުޅާވެ ވަރުގަދަވަމުން ދިޔުމެވެ.

ކުރީގައިވެސް ދެންނެވިފައިވާނޭ ފަދައިން އުރުދުނުން ބޭރުކޮށްލެވުމަށްފަހު ޕީއެލްއޯގެ ވެރީންނާއި ފަނަރަ ވަރަކަށް ހާސް ފިދާއީން އެބައިމީހުންގެ މަރުކަޒު ޤާއިމުކުރީ ލުބްނާނުގައެވެ. އެއަށްފަހު ފިދާއީން އެބައިމީހުންގެ ހަމަލާތައް އިޒްރޭލަށް އަމާޒުކުރަމުން ގެންދިޔައީ ދެކުނު ލުބްނާނާއި އުތުރު އިޒްރޭލް ގުޅޭ ސަރަހައްދީ ރޮނގު ހުރަސްކޮށެވެ. އަދި ދެކުނު ލުބްނާނުގައި ޤާއިމު ކުރެވިފައިހުރި އެބައިމީހުންގެ މަރުކަޒުތަކުން ދޭ ރޮކެޓް ހަމަލާތަކުގެ ސިފައިގައެވެ. 1977 ވަނަ އަހަރު ވެރިކަމަށް ވަޑައިގަތުމަށްފަހު މެނާހިމް ބޭގިން އެންމެ ބޮޑު އިސްކަމެއް ދެއްވީ ޕީއެލްއޯގެ ވަރަ ބިންދާލެއްވުމަށެވެ. މި މަޤުޞަދު ޙާސިލުކުރުމަށްޓަކައި އިޒްރޭލުގެ ވައިގެ ސިފައިން ފަލަސްޠީނާއި ލުބްނާނުގައިހުރި ފަލަސްޠީނީންގެ ރެފިޔުޖީ ކޭމްޕްތަކަށް ދޭތެރެ ދޭތެރެއިން ހަމަލަދެމުން ގެންދިޔައެވެ. މި ހަމަލާތަކުގައި މަރުވަމުން ދިޔައީ އާއްމުންނެވެ. މުސްކުޅީންނާއި އަންހެނުންނާއި ކުޑަކުދީންނެވެ. މި ކަހަލަ ގޮތެއްގައި އަހަރުތަކެއް ފާއިތުވުމަށް ފަހުގައި ޔަހޫދީ ލީޑަރުންގެ ތެރެއިން ގިނަ ބޭފުޅުންނަށް ފެނިވަޑައިގަތީ ލުބުނާނަށް އަރައި އެޤައުމުގައި ޤާއިމުކުރެވިފައިވާ ޕީއެލްއޯގެ މަރުކަޒުތައް ނެއްތައިލުމަކީ އެންމެ މޮޅު ހައްލު ކަމުގައެވެ. 1981 ވަނަ އަހަރު އިޒްރޭލުގެ ސިފައިން ލުބްނާނުގެ ވެރިރަށް ބެއިރޫތަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދިނެވެ. 1982 ވަނަ އަހަރު ފެށުމާ ހަމަޔަށް ކުރިޔަށް ގެންދިޔަ މި އުދުވާނީ ހަމަލާތަކަށްފަހު އިޒްރޭލް ސިފައިން ލުބުނާނަށް އަރައިގަތީ 1982 ވަނަ އަހަރުގެ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ. “އޮޕަރޭޝަން ޕީސް ފޯރ ގެލިލީ” ގެ ނަމުގައި ހިންގުނު މައުރިކާއެއްގައެވެ. މި މައުރިކާ ރާވައި ތަންފީޒު ކުރުމުގައި އިސްވެ ހުންނެވީ ދިފާއީ ވަޒީރެއްގެ ހައިސިއްޔަތުން އެރިއެލް ޝެރޯނެވެ.

ލުބްނާނަށް އަރައިގަތުމަށްޓަކައި ބަހަނާއެއްގެ ގޮތުގައި އިޒްރޭލް ސަރުކާރުން ދެއްކީ ދުވަސްކޮޅެއް ކުރީން އިނގިރޭސި ވިލާތުގައި ހުންނަވާ އެޤައުމުގެ އެމްބެސެޑަރ ޝްލޮމޯ އާރގަވް އަވަހާރަކޮށްލަން ދެވުނު ނާކާމިޔާބު ހަމަލާއެވެ. އިޒްރޭލުން ބުނިގޮތުގައި މި ހަމަލާދިނީ ޕީއެލްއޯއިންނެވެ. އެހެންކަމާއެކު ބޭގިންގެ ސަރުކާރުން ޕީއެލްއޯއަށް ހައްޤު އަދަބު ދޭން ވައުދުވިއެވެ. އިޒްރޭލުގެ ސިފައިން ލުބްނާނަށް އަރައިގަތް އިރު ބުނެފައިވަނީ އެޤައުމުގެ ސިފައިން ދެކުނު ލުބްނާނުގެ ސަރަހައްދުން ސާޅީހަކަށް ކިލޯމީޓަރުގެ ރާސްތާއެއް ފަހަނައަޅައި އެތެރެއަށް ނުވަންނާނެ ކަމުގައެވެ. ނަމަވެސް ޔަހޫދީން އަމަލުކުރީ އެބައިމީހުންގެ ބަހާ މުޅީން ޚިލާފަށެވެ. 6 ޖޫން ގައި ލުބްނާނަށް އަރައިގަތުމަށްފަހު އިޒްރޭލުގެ ލަޝްކަރު ހުއްޓުމެއް ނެތި ވެރިރަށް ބެއިރޫތާ ހަމަޔަށް ކުރިޔަށް ދިޔައެވެ. އެއަށްފަހު އެބައިމީހުން ބެއިރޫތު ވަށާލައި ތަނެއް ދޮރެއް ނުބަލައި ވައިގެ މަގުންނާއި ބަރު ހަތިޔާރުން ބެއިރޫތަށް ހަމަލަދެމުން ގެންދިޔައެވެ. މި ހަމަލަތަކުގައި ޝަހަރުގެ އިމްރާނީ އޮނިގަނޑު ހަލާކުވެ ރެޔާ ދުވާލު އެތައް ސަތޭކަ ބަޔަކު މަރުވެ އެތައް ހާސް ބަޔަކު ޒަޚަމްވަމުން ދިޔައެވެ. މި ހަމަލާތަކުގެ ސަބަބުން ބެއިރޫތުގެ އެތަކެއް ހާސް ކުޑަކުދީންނާއި އަންހެނުންނާއި މުސްކުޅީން ބިރުވެރިކަމުގެ ނިހާއީ ދުނިޔެއެއްގައި ނިންޖެއްގެ ފޮނިކަމެއް ކާއެއްޗެއްގެ މީރުކަމެއް ނުލިބި ދިރިއުޅުމުން އުއްމީދު ކެނޑިފައިވާހާލު ރޯލަރޯލާ ފަސްދޮޅަސް ދުވަސް ވަންދެން ތިއްބެވެ. އިންސާނީ ޙައްޤުތަކާއި ތަހުޒީބާއި ސުލްހައިގެ ވާހަކަ ލަދެއް އަގަލެއް ނެތި ދައްކާ ހުޅަނގުގެ ޤައުމުތައް ގެންދިޔައީ ހުރިހާ މާނައެއްގައި ޔަހޫދީ ޓެރަރިޒަމަށް ތާއީދުކޮށް ހިތްވަރު ދެމުންނެވެ.

ބެއިރޫތުގައި ތިބި ޕީއެލްއޯގެ ލީޑަރުންނާއި ފިދާއީން އެ ޝަހަރުން ބޭރުކުރުމަކީ އިޒްރޭލުގެ މަޤުޞަދެއް ކަމާ މެދުގައި ޝައްކެއް ނެތެވެ. ނަމަވެސް މިއީ ޔަހޫދީންގެ ޢުދުވާނުގެ ހަމައެކަނި ސަބަބެއް ނޫނެވެ. އިޒްރޭލުގެ އެންމެ މުހިއްމު އެއް މަޤުޞަދަކީ ލުބުނާނުގެ ވެރިކަމަށް ފެލެންޖިސްޓް ކްރިސްޓިއަނުންގެ ލީޑަރ ބަޝީރު ޖަމާލް އިސްކުރުމެވެ. ބަޝީރު ޖަމާލަކީ ފެށުނީއްސުރެވެސް ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް އެއްވެސް މިންވަރަކަށް ރިއާޔަތްކުރައްވަން ދެކޮޅު ހައްދަވަމުން ގެންދެވި ބޭފުޅެކެވެ. ލުބްނާނުގައި ފަލަސްޠީނުގެ ރެފިޔުޖީން ތިބުމަކީވެސް އޭނާ ދެކޮޅު ހައްދަވާ ކަމެކެވެ. އެހެންކަމުން އޭނާއަކީ އެންމެ ފުރަތަމަ ދުވަހުއްސުރެވެސް އިޒްރޭލުގެ ވަރަށް ގާތް އެކުވެރިއެކެވެ. މުއައްރިޚުން ވިދާޅުވާ ގޮތުގައި އިޒްރޭލު ސިފައިން ލުބްނާނަށް އަރައިގަތުމުގެ ދުވަސްކޮޅެއް ކުރީން ބަޝީރު ޖަމާލް ވަނީ އިޒްރޭލުގެ ވެރީންނާއެކު ސިއްރު މަޝްވަރާތަކެއްވެސް ބާއްވަވާފައެވެ.

ކޮންމެއަކަސް، ދެ މަސް ދުވަހުގެ ހުއްޓުމެއް ނެތް ވަރުގަދަ ހަމަލާތަކަށްފަހު އިޒްރޭލުގެ ޓެރަރިސްޓް ސިފައިން ބެއިރޫތަށް ވަނެވެ. އެއީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. އެއަށްފަހު އދ. ގެ ބެލުމުގެ ދަށުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ލުބްނާނާއި ޕީއެލްއޯއާއި އިޒްރޭލް ސޮއިކުރިއެވެ. މި އެއްބަސްވުމުގެ ދަށުން ޕީއެލްއޯގެ ލީޑަރުންނާއި ފިދާއީން ބެއިރޫތުން ބޭރުވިއެވެ. އޮގަސްޓު މަސް ނިމުނު އިރު ބެއިރޫތުން ޕީއެލްއޯގެ މެމްބަރުން ވަނީ ހުސްވެފައެވެ. އެއަށްފަހު އިޒްރޭލު ސިފައިން ބެއިރޫތުން ފެއިބިއެވެ. ސެޕްޓެމްބަރ މަހުގެ ފުރަތަމަ ދުވަހު އދ. ގެ ބެލުމުގެ ދަށުން ބައިނަލް އަޤުވާމީ ސުލްހަ ބަލަހައްޓާ ލަޝްކަރެއް ބައިރޫތަށް އައެވެ. މި ލަޝްކަރުގައި ހިމެނުނީ އެމެރިކާއާއި އިޓަލީ ވިލާތާއި ފަރަންސޭސި ވިލާތުގެ ސިފައިންނެވެ. އިޒްރޭލް ސިފައިން ބެއިރޫތު ހިފުމާ ވިދިގެން ބަޝީރު ޖަމާލްގެ ކުރިފުޅުމަތީގައި ލުބްނާނުގެ ވެރިކަމުގެ ދޮރު ހުޅުވިގެން ދިޔައެވެ. އޮގަސްޓް މަހުގެ 23 ވަނަ ދުވަހު ބޭއްވުނު އިންތިޚާބަށްފަހު އޭނާ ލުބްނާނުގެ ރައީސްކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތެވެ. ނަމަވެސް ޖެހިގެން އައި ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ކޮން ބައެއްކަން ނޭނގޭ ބަޔަކު ދިން ހަމަލާއެއްގައި އޭނާ އަވަހާރަކޮށްލެވުނެވެ. އެއަށްފަހު އިޒްރޭލް ސިފައިން އަނެއްކާވެސް ބެއިރޫތަށް އަރައިގަތެވެ. ޞަބްރާއާއި ޝަތީލާގެ ޤަތުލުޢާއްމު ހިންގިފައިވަނީ މިގޮތުން އިޒްރޭލް ސިފައިން ދެވަނަ ފަހަރަށް ބެއިރޫތަށް އަރައިގަނެގެން ތިބި ދުވަސްކޮޅުގެ ތެރޭގައެވެ.

ޞަބްރާއާއި ޝަތީލާގެ ޤަތުލު އާއްމަކީ ފަލަސްޠީނުގެ ތާރީޚުގެ އިތުރުން މުޅި ދުނިޔޭގެ ތާރީޚުގައިވެސް ހިނގާފައިވާ އެންމެ ކަޅު އެއް ހާދިސާއެވެ. އެ ހާދިސާއަކީ އިންސާނުންގެ ތެރެއިން ބައެއް މީހުންނަކީ ކިހައި އަނިޔާވެރި ރަހުމްކުޑަ ބައެއްކަން ހާމަކޮށްދޭ އެންމެ ހިތްދަތި މިސާލުތަކުގެ ތެރެއިންވެސް ފާހަގަކޮށްލެވޭ މިސާލެކެވެ. އެތައް ގޮތަކުން ބަލާއިރު މި ހާދިސާއަކީ އިންސާނިއްޔަތުގެ ފަސްބައިގައި ޖެހިފައިވާ ދުވަހަކުވެސް ފިލައިގެން ނުދާނޭފަދަ ލައްގަނޑެކެވެ. އިންސާފުގެ ދުލުން ވާހަކަދައްކާނަމ ދަންނަވަން ޖެހެނީ ޔަހޫދީންނާއި ފެލެންޖިސްޓް ކްރިސްޓިއަނުންގެ އަތްދަށުގައި ސަބްރާއާއި ޝަތީލާގައި ފަލަސްޠީނުގެ އެތައް ހާސް ރައްޔިތުން ތަހައްމަލުކުރިފަދަ އަނިޔާއާއި ވޭންތަކެއް ހިޓްލަރގެ ނާޒީ ސިފައިންގެ އަތްދަށުގައި ހަތަރު ފަސް އަހަރުގެ ތެރޭގައިވެސް ޔަހޫދީން ތަހައްމަލުކޮށްފައެއް ނުވާ ކަމުގައެވެ.

އިސްވެ ދެންނެވިފައިވާނޭ ފަދައިން ރައީސް ބަޝީރު ޖަމާލް އަވަހާރަކޮށްލެވުމަށްފަހު އިޒްރޭލު ސިފައިން ބެއިރޫތަށް އެރިއެވެ. އެބައިމީހުން ހުޅަނގު ބެއިރޫތުގެ ސަރަހައްދުތަކަށް ވެރިވުމަށްފަހު އެ ސަރަހައްދުގައި އޮތް ސަބްރާއާއި ޝަތީލާ ކޭމްޕް ވަށާލައި، އެއްވެސް މީހަކަށް އެތަނުން ބޭރުނުވެވޭނެހެން މުޅި ކޭމްޕް ބަންދު ކުރިއެވެ. އެއީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ޔަހޫދީ ސިފައިންގެ ބިމުގެ ފައުޖުތައް ޓޭންކްތަކާއި ހަތިޔާރުއެޅި އުޅަނދުފަހަރުތަކުގައި ކޭމްޕް ވަށާލިއިރު އެބައިމީހުންގެ ވައިގެ ލަޝްކަރުގެ ބޯޓުތައް މެދުކެނޑުމެއްނެތި އެ ސަރަހައްދުގެ މަތީން އުދުހެމުން ދިޔައެވެ. ޓެރަރިޒަމްގެ މި ލާމަސީލު ޖަރީމާ ހިނގަމުން ދިޔައިރު އިޒްރޭލުގެ ދިފާއީ ވަޒީރު ޝެރޯން ހުންނެވީ ޝަތީލާ ކޭމްޕުގެ ކައިރީގައި ހުރި ޢިމާރާތެއްގެ މަތީ ބުރިއެއްގައެވެ. ކޭމްޕްގައި ހިނގާ ހުރިހާ ކަމެއް ވަގުތުން ބެއްލެވުމަށް ޓަކައެވެ.

ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހުގެ އިރު އެރީއްސުރެ އިޒްރޭލްގެ ސިފައިން ކޭމްޕްގެ ތެރެއަށް ބަޑީގެ ހަމަލާތައް ދެމުން ގެންދިޔައެވެ. މި ހަމަލާތަކުގައިވެސް މަދަނީންގެ އެތައް ބަޔަކު މަރުވަމުން ދިޔައެވެ. އިޒްރޭލް ސިފައިންެގެ ބެލުމުގެ ދަށުން ފެލެންޖިސްޓް ކްރިސްޓިއަނުންގެ 150 ވަރަކަށް ޓެރަރިސްޓުން ކޭމްޕުގެ ސަރަހައްދަށް ވަނީ އެ ދުވަހުގެ މެންދުރެއްހާ އިރުއެވެ. ފެލެންޖިސްޓް ޖައްލާދުންނާއެކުގައި ޔަހޫދީ ސިފައިންގެ ޔުނިޓްތަކެއްވެސް ކޭމްޕުގެ ސަރަޙައްދަށް ވަދެ އެމީހުން ހިންގި ހަރަކާތްތަކުގައި ބައިވެރިވިއެވެ. ކޭމްޕުގެ ތެރެއަށް ވަދެގަތުމާއެކު ކްރިސްޓިއަނުންނާއި ޔަހޫދީން ފޭރުމާއި ކަތިލުމާއި ރޭޕްކުރުމާއި ތަޅައި ސުންނާފަތިކުރުމުގެ ސިލްސިލާއެއް ފެށިއެވެ. 38 ގަޑި އިރު ވަންދެން ދެމިގެންދިޔަ ޝައިތާނިއްޔަތާއި ވަހުޝީކަމުގެ މި ސިލްސިލާގައި ތުއްތު ކުދީންނާއި ކުޑަކުދީންނާއި އަންހެނުން ކަތިލެވިފައިވަނީ މަސްވިއްކާ ތަނެއްގައި ކަންބަޅިތަކެއް ކަތިލެވޭނޭ ފަދައިންނެވެ. މަންޒަރު ލޮލުންދުށް އެތައް ބަޔަކު ހެކިދޭ ގޮތުގައި މީހުންތައް ކަތިލުމަށްޓަކައި ބަޑީގެ އިތުރުން ކަނޑިއާއި ވަޅިފަދަ ތޫނު ހަތިޔާރުތައްވެސް ޓެރަރިސްޓުން ގެންގުޅުނެވެ. ޒުވާން އެތައް ސަތޭކަ އަންހެން ކުދީން ރޭޕްކުރެވިގެން ދިޔައެވެ. މީގެ އިތުރަށް ރެފިޔުޖީންގެ އެތައް ގެެއެއް މީހުންނާއެކުގައި އަންދާލެވިފައި ވެއެވެ.

އިޒްރޭލުގެ ދޮގުވެރި ޝައިތާނީ ސަރުކާރުން ބުނިގޮތުގައި މި ހާދިސާގައި މަރުވީ 700 މީހުންނެވެ. ނަމަވެސް ހާދިސާ ތަހުގީގު ކުރެއްވި އިޒްރޭލުގެ ޔަހޫދީ ނޫސްވެރިއެއް ކަމުގައިވާ އެމްނަން ކެޕިލިޔުކް ވިދާޅުވާގޮތުގައި މަރުވި މީހުންގެ އަދަދު އެންމެ ދަށްވެގެންވެސް 3500 އަށް އަރައެވެ. އޭނާގެ ނަޒަރުގައި މަރުވި މީހުންގެ އަސްލު އަދަދު މިއަށްވުރެވެސް ގިނައެވެ. އޭނާ ވިދާޅުވާ ގޮތުގައި މަރުވި މީހުންގެ އަދަދު މަދުވެގެން 3500 އަށް އަރާނެ ކަމަށް އޭނާ ވިދާޅުވެފައިވަނީ ތިން ބަޔަކު ނުހިމަނުއްވައެވެ. ފުރަތަމަ ބަޔަކީ އަންދާލެވުނު ގެތަކާއި، ސުންނާފަތި ކޮށްލެވުނު ގެތަކުގެ ތެރޭގައި ތިބި މީހުންނެވެ. ދެވަނަ ބަޔަކީ ތަޙުޤީޤުކުރާ ފަރާތްތައް އައުމުގެ ކުރީން ބޮޑެތި ވަޅުގަނޑުތައް ކޮނެފައި އެ ވަޅުގަނޑުތަކުގައި ފުނިފުންޏަށް ވަޅުލެވުނު މީހުންނެވެ. ލުބްނާނުގެ ސަރުކާރުން މި ކަށްވަޅުތައް ކޮނުމުގެ ހުއްދަ ނުދިނުމާއެކު އެ ތަންތާގައި ވަޅުލެވިފައިވާ މީހުންގެ އަދަދެއް ނޭނގެއެވެ. ތިންވަނަ ބަޔަކީ ކޭމްޕުގައި ތިބި މީހުންގެ ތެރެއިން ފެލެންޖިސްޓުން ހައްޔަރުކޮށްގެން ކޭމްޕުން ބޭރަށް ގެންދިޔަ މީހުންނެވެ. އެއީ ކިތައް މީހުން ކަމާއި މި މީހުން ގެންދެވުނު ތަންތަނާއި އެމީހުންނަށް ވީ ގޮތެއް އަދި އަދާ ހަމަޔަށްވެސް އެނގިފައެއް ނުވެއެވެ.

އިޒްރޭލްގެ ސަރުކާރާއި ހުޅަނގުގެ މީޑިޔާއިން ސަބްރާއާއި ޝަތީލާގެ ހާދިސާއަށް އެންމެ ފުރަތަމަ އެއްވެސް ސަމާލުކަމެއް ނުދެއެވެ. ހާދިސާ ހިނގިއިރު ޝަތީލާގައި ހުރި ރެފިޔުޖީ ހޮސްޕިޓަލުގައި ހިލޭ ސާބަހަށް މަސައްކަތް ކުރައްވަމުން ގެންދެވި އެމެރިކާގެ ޔަހޫދީ ނަރުހެއް ކަމުގައިވާ އެލަން ސީގަލް ވިދާޅުވާގޮތުގައި ސަބްރާއާއި ޝަތީލާގައި މި ބޮޑުވެގެންވާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިންވެސް ބޮޑުވެގެންވާ ޖަރީމާ ހިނގަމުން ދިޔައިރު އޭނާ ހުންނެވީ ޓްރާންސިޓް ރޭޑިޔޯއަކުން ބީބީސީ އަޑުއައްސަވާށެވެ. އޭނާ ލިޔުއްވާފައިވާ ގޮތުގައި ބީބީސީއިން އެދުވަހު ބޮޑު ޚަބަރެއްގެ ގޮތުގައި އިއްވަމުން ގެންދިޔައީ ކާރު އެކްސިޑެންޓެއްގައި މޮނާކޯގެ ޕްރިންސެސް ގްރޭސް އަވަހާރަވި ހާދިސާގެ ޚަބަރެވެ.

ޞަބްރާއާއި ޝަތީލާގެ ޤަތުލު ޢާއްމުގެ ޚަބަރުތައް ފޮޓޯތަކާއެކު ދުނިޔެއަށް ހާމަވެގެން ދިޔުމުން އިޒްރޭލުގެ އެތައް ހާސް ބަޔަކަށްވެސް ބޮޑު ޝޮކެއް ލިބުނެވެ. އެހެންކަމުން ވެރިރަށް ޓެލް އަވީވްގައި ތިން ލައްކަ މީހުން މުޒާހަރާކޮށް، ބޮޑު ވަޒީރު ބޭގިނާއި އޭނާގެ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލަން ފެށިއެވެ. ނަތީޖާއަކީ މި ކަމާ މެދުގައި ކޮންމެވެސް ފިޔަވަޅެއް އަޅަން އިޒްރޭލުގެ ކަމާ ބެހޭ ފަރާތްތަކަށް މަޖުބޫރުވުމެވެ. އެހެންކަމުން ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އިޒްރޭލުގެ ޕާރލަމެންޓް ނެސެޓުން މައްސަލަ ބަލައި ޒިންމާވާން ޖެހޭ ފަރާތްތަކަކީ ކޮބައިތޯ ތަހުގީގުތައް ކުރުމަށްޓަކައި ޚާއްސަ ކޮމިޝަނެއް އެކުލަވާލިއެވެ. މި ކޮމިޝަން އެކުލަވާލެވުނީ ދުނިޔޭގެ ކުރިމަތީގައި ބޭޒާރުވެގެން ދިޔުމުން އެހެން ގޮތެއް ނެތިގެންކަން ސާބިތުވާ އެތައް ސަބަބެއް ވެއެވެ. އެއް ސަބަބަކީ އެ ކޮމިޝަނަށް ދެވުނު ބާރެވެ. ކޮމިޝަންގެ މޭންޑޭޓްގައި ހިމެނުނު ހަމައެކަނި ކަމަކީ ކަންތައް ވެފައިވާ ގޮތް ބެލުމެވެ. ތަންފީޒީ އެއްވެސް ބާރެއް ކޮމިޝަނަށް ދެވިފައެއް ނުވެއެވެ. ދެވަނަ ސަބަބަކީ ކޮމިޝަންގެ މަސައްކަތް ކުރިޔަށް ގެންދިޔައިރު ކޭމްޕުގެ ތެރޭގައި ތިބި މީހުންގެ ތެރެއިން ސަލާމަތްވީ އެއްވެސް މީހަކާ ސުވާލުކޮށްފައި ނުވާ ކަމެވެ.
ކޮންމެއަކަސް ކޮމިޝަންގެ ތަހުގީގަށްފަހު ގަތުލުއާއްމުގައި ދިފާއީ ވަޒީރު އެރިއަލް ޝެރޯން ޒިންމާވާ ކަމަށް ނިންމިއެވެ. އިންސާނީ ތާރީޚު ދެކެފައިވާ އެންމެ ހުތުރު އަދި އެންމެ ނުބައި އެއް ޖަރީމާގެ އިސް އެއް މޭސްތިރި ކަމުގައިވި މީހާގެ އަދަބަކަށް ވީ ދިފާއީ ވަޒީރުކަމުން އިސްތިއުފާދޭން ޖެހުމެވެ. ޖިނާއީ އެއްވެސް ޝަރީއަތެއް އޭނާގެ މައްޗަށް ހިންގިފައެއް ނުވެއެވެ. ހަމައެފަދައިން ދިފާއީ ވަޒީރުކަމުން އިސްތިއުފާ ދިނުމަށްފަހުވެސް ޕޯރޓްފޯލިއޯއެއް ނެތް، އެކަމަކު މުސާރައާއި އިނާޔަތްތައް ބަރާބަރަށް ހިނގާ މިނިސްޓަރެއްގެ ގޮތުގައި އޭނާ އިޒްރޭލުގެ ކެބިނެޓްގައި ހިމެނިވަޑައިގަތެވެ. ތަހުޒީބާއި ތަމައްދުނާއި އިންސާނީ ޙައްޤުތަކުގެ އަހުލުވެރި ހުޅަނގުގެ ޤައުމުތަކުން މި ކަމާ މެދުގައިވެސް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

އިޒްރޭލު ސިފައިން ލުބްނާނުގައި ތިން އަހަރު ވަންދެން ތިއްބެވެ. އެއަށްފަހު އެބައިމީހުން އެ ޤައުމުން ފައިބަން ފެށީ 1985 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. ލުބްނާނުގެ އާއްމުންނާއި އެ ޤައުމުގައި ތިބި ފަލަސްޠީނީ ރެފިޔުޖީންގެ 20000 މީހުން މަރާލުމަށް ފަހުގައެވެ. އޭގެ 90 އިންސައްތައަކީ މަދަނީންނެވެ. ނަމަވެސް ދެކުނު ލުބްނާނުގެ ސަރަހައްދުގައި އެބައިމީހުން ދާއިމީ މަރުކަޒުތަކެއް ޤާއިމު ކުރިއެވެ. އިޒްރޭލު ސަރުކާރުން ބުނިގޮތުގައި މި މަރުކަޒުތައް ޤާއިމުކުރުމުގެ ބޭނުމަކީ އެ ސަރަހައްދު ބޭނުންކޮށްގެން އިޒްރޭލާ ދެކޮޅަށް ހަމަލާދިނުމުގެ ދޮރު ޕީއެލްއޯއާއި އެހެނިހެން ފަލަސްޠީނީ ޖަމާޢަތްތަކުގެ ފިދާއީންގެ ކުރިމަތީގައި ބަންދުކުރުމެވެ.

އިޒްރޭލު ސިފައިން ލުބްނާނަށް އަރައިގަތުމުގެ ނަތީޖާތައް ގިނަގުނައެވެ. އޭގެ ތެރެއިން އެއް ކަމަކީ ކްރިސްޓިއަން މެރޮނައިޓުންނާއި ފެލެންޖިސްޓުންގެ ނުފޫޒު ޤައުމުގައި ކުޑަވެގެން ދިޔުމެވެ. އެހެނީ ރައްޔިތުންނަށް ސާބިތުވެގެން ދިޔަގޮތުގައި މި މީހުންނަކީ އިޒްރޭލާ ގުޅިގެން ލުބްނާނުގެ މިނިވަންކަމާއި ސިޔާދަތަށް ހުތުރުއަރުވާ ބައެކެވެ. ލުބްނާނުގެ ސަރުކާރު ކުރިއެކޭ އެއްގޮތަށް ބަލިކަށިކަމާއި ބައިބައިވުމުގެ ތެރެއަށް ވެއްޓިފައި އޮތުމާއެކު ޤައުމުގެ ސިޔާސީ ޙާލަތު އޮތީ ވަރަށް ގޯސްފައްތަރެއްގައެވެ. އިޤްތިޞާދީ ގޮތުން ކުރިޔަށްވުރެ ބޮޑު މައްސަލަތަކެއްެގެ ތެރެއަށް ޤައުމު ވެއްޓިގެން ދިޔައެވެ. އިޒްރޭލާއި އެމެރިކާގެ ނުފޫޒު ކުޑަވެ ޤައުމުގެ މައްޗަށް ސީރިޔާގެ ނުފޫޒު އިތުރުވެގެން ދިޔައެވެ. ހަމައެހެންމެ ލުބްނާނުގައި ތިބި ފަލަސްޠީނުގެ ފިދާއީންނާއި އާއްމުން އިޒްރޭލުގެ ލަޝްކަރާ ދެކޮޅަށް ދެއްކި ހިތްވަރުގަދަކަމާއި އަޒުމް ވަރުގަދަކަމުގެ ނަތީޖާއެއްގެ ގޮތުން ފަލަސްޠީނާއި އުރުދުންގައި ތިބި ފަލަސްޠީނީންގެ މެދުގައިވެސް ޤައުމީ ފަޚުރުވެރިކަމާއި އިޒްރޭލުގެ އަނިޔާވެރިކަމާ ކެރިގެން ކުރިމަތިލުމުގެ ރޫޙު ވަރުގަދަ ވެގެންދިޔައެވެ. ފަލަސްޠީނުގެ އިންތިފާޟާގެ އަސްލަކީވެސް މި ދެންނެވި ރޫޙެވެ.
(ނުނިމޭ…)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!