އޭޕްރީލް ފޫލް

ދުނިޔޭގެ ގިނަ ބަޔަކު އޭޕްރީލް މަހުގެ ފުރަތަމަ ދުވަސް ފާހަގަ ކުރަނީ އޮޅުވާލާ މަކަރު ހެދުމުގެ ދުވަހެއްގެ ގޮތުގައެވެ. މިދުވަހަށް އިނގިރޭސި ބަހުން ކިޔެނީވެސް “އޭޕްރީލް ފޫލް” މިނަމެވެ. މިދުވަސް ފާހަގަ ކުރެވެން ފެށި ވަކި މިވެނި ސަބަބަކާ ހުރެ ކަމުގައި ބުނެވޭކަށް ނެތެވެ. އެކި މީހުން ދައްކަނީ އެކި ސަބަބުތަކެވެ. ނަމަވެސް އަޅުގަނޑުމެން މުސްލިމުން ދެނެގަންނަންވީ ހަގީގަތަކީ މިދުވަހަކީ ކޮންމެ ކަމަކާ ގުޅިގެން ފާހަގަ ކުރި ދުވަހެއް ނަމަވެސް އަޅުގަނޑުމެން މިކަމުން ބަރީއަވާން ޖެހޭ ކަމެވެ. އެހެނީ ދޮގުހަދާ އޮޅުވާލުން އިސްލާމް ދީނުގައި ވަނީ ހަރާމް ކުރައްވާފައެވެ.

މިލިޔުން ފަށަމުން އަޅުގަނޑު ދަންނަވާފައިވާނޭ ފަދައިން “އޭޕްރީލް ފޫލް” މިދުވަސް ފާހަގަކުރާ ކަމަށް ބުނެވޭ ބައިވަރު ހާދިސާތައް ހިމެނެއެވެ. މިލިޔުމުގައި އަޅުގަނޑު އަލި އަޅުވާލަން ގަސްދުކުރަނީ މިތަނުންވެސް ވަރަށް މުހިއްމު ހާދިސާއަކަށެވެ.

ގާތްގަނޑަކަށް މީގެ އެއްހާސް އަހަރު ކުރިން މުސްލިމުން ސުޕެއިންގައި ވެރިކަންކުރިއިރު އެބައިމީހުންނަކީ އެވަގުތު ދުނިޔޭގައި ތިބި އެއްވެސް ބަޔަކަށް ބަލި ނުކުރެވޭ ވަރުގެ ގަދަފަދަ ލަޝްކަރެކެވެ. ނަމަވެސް ހުޅަނގުގެ ކާފަރުންގެ މަގްސަދަކަށް ވެފައި އޮތީ ކޮންމެ ގޮތަކުންނަމަވެސް މުސްލިމުންގެ ވަސް ހުޅަނގުން ފޮހެލުމެވެ. މި މަގުސަދުގައި އެބައިމީހުން މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެބައިމީހުން ހިތްހަމަ ޖެހޭވަރު ކާމިޔާބެއް ނުލިބުނެވެ. މިހެން ކަންތައް ދިމާވުމުން ދެން އެބައިމީހުން ނިންމީ ސުޕެއިންގެ ތެރެއަށް ޖާސޫސުން ފޮނުވައިގެން ސުޕެއިންގައި ތިބި މުސްލިމުން ބަލި ނުކުރެވިގެން އުޅޭ ސަބަބު ދެނެގަންނާށެވެ. އެބައިމީހުންގެ ޖާސޫސުންގެ ފަރާތުން ކާފަރުންނަށް އިނގުނީ މުސްލިމުން ބަލިނުކުރެވިގެން މިއުޅޭ މައިގަނޑު ސަބަބަކީ އެބައިމީހުންގެ ހިތްތަކުގައި އިސްލާމްދީނަށް ދެވިފައިވާ މަތިވެރި ގަދަރާ އިހްތިރާމްގެ ސަބަބުންކަމެވެ. އާދެ އެބައިމީހުންގެ ތަގުވާވެރި ކަމުގެ ސަބަބުން ކަމެވެ.

މިހަގީގަތް އިގުމުން ކާފަރުން ދެން ވިސްނަންފެށީ މުސްލިމުން އެބައިމީހުންގެ ދީނުން ބޭރުކުރެވޭނެ ގޮތަކާމެދުއެވެ. މިވިސްނުމުގައި މިކާފަރުން ސުޕެއިންއަށް ރަލާއި ސިގިރޭޓް ފަދަ ތަކެތި ހިލޭ ފޯރުކޮއްދެން ފެށިއެވެ.

މިބައިމީހުންގެ މި އުކުޅުގެ ސަބަބުން މިބައިމީހުންނަށް މިބައިމީހުން ބެނުންވިފަދަ ކާމިޔާބު ލިބެން ފެށިއެވެ. ސުޕެއިންގައި ތިބި މުސްލިމުން އިސްލާމްދީނާ ދުރަށް ދާން ފެށިއެވެ. ހާއްސަކޮން ޒުވާނުންނެވެ. ދަނޑިވަޅު ބަލައި ނަސާރާއިން ސުޕެއިންގެ މައްޗަށް އަތްގަދަކޮށް މުސްލިމުންގެ ވެރިކަން ސުޕެއިނުން ފޮހެލިއެވެ. މުސްލިމުންގެ ބާރު އެންމެ ފަހުން ނެތިގެންދިޔަ ރަށަކީ ސުޕެއިންގެ ގުރެނާޑާއެވެ. މިރަށުން މުސްލިމުންގެ ބާރު ނެތިގެންދިޔައީ މީލާދީ ސަނަތުން އޭޕްރީލް މަހުގެ ފުރަތަމަ ދުވަހުއެވެ.

މިހާދިސާއަށް ފަހު ނަސާރާއިން މިދުވަހަކީ މުސްލިމުންނަށް އޮޅުވާލުމުގައި ކާމިޔާބު ލިބުނު ދުވަހެއްގޮތުގައި ފާހަގަ ކުރާ ކަމުގައި ބުނެވެއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ އެންމެ ބޮޑު ހިތާމައަކީ މިކުރެވެނީ ކީއްކަން ނޭނގި މުސްލިމުންގެ ތެރެއިންވެސް އެތަކައް ބަޔަކު މިދުވަސް ފާހަގަ ކުރުމުގައި ބައިވެރިވުމެވެ.

ނޯޓް1: މިލިޔުން ފަށަމުންވެސް ދަންނަވާފައިވާނޭ ފަދައިން، ޔަގީން ކަމާއެކު އޭޕްރީލްފޫލް މިދުވަހުގެ ހަގީގަތް ބަޔާން ކުރުމަކީ ދަތިކަމެކެވެ. ހުރިހާ ކަމެއްގެ ހަގީގަތް އެންމެ ބޮޑަަށް ދެނެވޮޑިގެންވަނީ މާތް ﷲ ސުބުހާނަހޫ ވަތައާލާއެވެ.

ނޯޓް2: މިލިޔުމަކީ 2014 ވަނަ އަހަރުގެ އޭޕްރީލް 1 ވަނަ ދުވަހު ކުރިނބީލައިވަގައި އަޅުގަނޑު ލިޔުނު ލިޔުމެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!