އިސްލާމީ އުންމަތާއި އިޒުރޭލުގެ މައްސަލަ – ތާރީޚުގެ ތެރެއަށް ނަޒަރެއް (13)

7 ވަނަ ބާބު – ސުލްހައާއި ގަތުލުއާއްމު(ހ)

ޢަރަބީންނާ އިޒްރޭލާ ދެމެދުގައި 1973 ވަނަ އަހަރު ހިނގި ހަނގުރާމައަށް ފަހު މެދުއިރުމަތީގެ މަސްރަޙަށް އައި އެންމެ ބޮޑު ބަދަލަކީ ޢަރަބީންގެ ތެރޭގައި ނަގާކިޔަމުން އައި މިޞުރުގެ ސިޔާސަތަށް އައި ބަދަލެވެ. ކުރީން ރޫސީ ވިލާތާ އެކުގައި ގާތް ގުޅުމެއް ބާއްވަމުން އައި މިޞުރުގެ ސަރުކާރުން ހަނގުރާމަޔަށް ފަހު ރޫސީންނާ ދުރުހެލިވެ އެމެރިކާއާ ގުޅުން ބަދަހިކުރަން ފެށިއެވެ. ހަނގުރާމަޔަށް ފަހު މިޞުރުގެ ރައީސް އަންވަރުއް ސާދާތު އޭނާގެ އާ ސިޔާސަތުގެ ދަށުން މިޞުރުގައި ތިބި އެތައް ހާސް ރޫސީ އެޑްވައިޒަރުންނެއް ޤައުމުން ބޭރުކޮށްލެއްވިއެވެ.

ސާދާތުގެ އާ ސިޔާސަތުގެ މައިގަނޑު ނުކުތާއަކީ މިޞުރުގެ އަމިއްލަ މަސްލަހަތަށް އެންމެ ބޮޑު އިސްކަމެއް ދިނުމެވެ. ވަރަށް ގިނަ ސަބަބުތަކަކާ ހުރެ ސާދާތު ޤަބޫލުފުޅު ކުރެއްވި ގޮތުގައި ފަލަސްޠީނީ ޢަރަބީންގެ ޙައްޤުތަކަށްޓަކައި އިތުރު މަސައްކަތްތަކެއް ކުރަން އުޅުމަކީ ބޭކާރު ކަމެކެވެ. މިޞުރުގެ މަސްލަހަތަށްޓަކައި އިޒްރޭލާ އެކު ސުލްޙަ ޤާއިމުކުރުމަކީވެސް މިޞުރުގެ މަޞްލަހަތަށްޓަކައި މުހިއްމު ފިޔަވަޅެއް ކަމަށް ސާދާތު ޤަބޫލުފުޅު ކުރެއްވިއެވެ. އެއީ ހުޅަނގުގެ އަމުރު ހިނގާ ދުނިޔެއެއްގައި އިޒްރޭލާ ދެކޮޅު ހަދައިގެން އުޅުމުގެ ސަބަބުން ވަރަށް ބޮޑު އަގުތަކެއް ދައްކަން ޖެހޭނެކަމަށް އޭނާއަށް ވިސްނިވަޑައިގަތުމުގެ ސަބަބުންނެވެ. އިޒްރޭލާ އެކު ސުލްޙައިގެ ދައުރެއް ފެއްޓެވުމަށް ސާދާތު އަޒުމް ކަނޑައަޅުއްވައިގެން ހުންނެވި މިންވަރު 1977 ވަނަ އަހަރު މިޞުރުގެ ނެޝަނަލް އެސެމްބްލީގައި ދެއްވި ތަޤުރީރުގައި ވިދާޅުވި ބަސްފުޅުތަކުން އެކަނިވެސް ފެނިގެން ދެއެވެ. ސާދާތު ވިދާޅުވެފައި ވެެއެވެ. “ސުލްޙައިގެ ވާހަކަތައް ދެއްކުމަށްޓަކައި އިޒްރޭލަށް ޒިޔާރަތްކޮށް، އެ ޤައުމުގެ ޕާރލަމެންޓަށް ހާޒިރުވާންވެސް އަހަރެން މިހިރީ ތައްޔާރަށެވެ!”

1973 ވަނަ އަހަރަށް ފަހު ޢަރަބީންނާ އިޒްރޭލާ ދެމެދުގައި ޞުލްޙަ ޤާއިމު ކުރުމަށް އެމެރިކާ ސަރުކާރުންވެސް އިހުނަށްވުރެ ބޮޑު ސަމާލުކަމެއް ދިނެވެ. އެގޮތުން އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ހެންރީ ކިސިންޖަރ އެހެން ހުރިހާ ކަމަކަށްވުރެ އިސްކަމެއް ދެއްވައިގެން މެދުއިރުމަތީގެ ޞުލްޙައިގެ މަޝްރޫޢާއިގެން ހިންގަވަން ފެއްޓެވިއެވެ. މަޝްހޫރު “ޝަޓްލް ޑިޕްލޮމެސީ” ގެ ދަށުން އޭނާ މިޞުރާއި ސީރިޔާއާއި އުރުދުން ފަދަ ޢަރަބި ޤައުމުތަކާއި އިޒްރޭލަށް މެދުނުކެނޑި ދަތުރުފުޅުކުރައްވަމުން ގެންދެވިއެވެ. އެންމެ ފުރަތަމަ މިޞުރުގެ ސަރުކާރުން މަސައްކަތްކުރީ ޞުލްޙައިގެ ވާހަކަތަކުގައި ފަލަސްޠީނުގެ ރައްޔިތުން ތަމްސީލުކުރުމަށްޓަކައި ޕެލަސްޓައިން ލިބަރޭޝަން އޯރގަނައިޒޭޝަން ނުވަތަ ޕީއެލްއޯގެ މަންދޫބުންވެސް ބައިވެރި ކުރެވޭތޯއެވެ. ނަމަވެސް އިޒްރޭލުގެ ބޮޑު ވަޒީރު މެނާހިމް ބޭގިން ހުވާކުރައްވާފައި ވިދާޅުވަމުން ގެންދެވީ ޕީއެލްއޯގެ ވެރީންނާ އެކުގައި ހަނގުރާމައިގެ މައިދާނުން ފިޔަވައި ބައްދަލުކުރައްވާނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގައެވެ. އެހެންކަމުން ސާދާތު ނިންމެވީ ޕީއެލްއޯ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިކުރަން ކުރައްވަމުން ގެންދެވި މަސައްކަތް ހުއްޓާލެއްވުމަށެވެ.

ކޮންމެއަކަސް ދިގު މުއްދަތެއް ވަންދެން އެމެރިކާގެ ސަރުކާރު އިސްވެ އޮވެގެން ކުރެވުނު މަޝްވަރާތަކަށް ފަހު މިޞުރާއި އިޒްރޭލާ ދެމެދުގައި ޞުލްޙައިގެ ތަމްހީދީ ޤަރާރެއްގައި ސޮއިކުރެވުނީ 1978 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހުއެވެ. މި ޤަރާރުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ އެމެރިކާގެ މެރީލޭންޑްގެ ކޭމްޕް ޑޭވިޑްގައެވެ. ރަސްމިއްޔާތުގައި އެމެރިކާގެ ރައީސް ޖިމީ ކާރޓަރ ވެސް ބައިވެރިވެވަޑައިގަތެވެ. އެއަށްފަހު 1979 ވަނަ އަހަރުގެ މާރޗު މަހުގެ 26 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންގޓަނުގައި ސާދާތާއި ބޭގިން ސުލްޙައިގެ ރަސްމީ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ. މި އެއްބަސްވުމުގެ ދަށުން އިޒްރޭލްގެ ސިފައިން މިޞުރުގެ ސީނާ ސަހަރާއިން ފައިބައި އެ ސަރަޙައްދު އަނބުރާ މިޞުރާ ޙަވާލުކުރަން އިޒްރޭލް އެއްބަސްވިއެވެ. އެގޮތުން މިޞުރު ސަރުކާރުން ޞުލްޙައިގެ މޭޒުދޮށަށް ދާން ނިންމި އެންމެ ބޮޑު މަޤުޞަދު ހާސިލުވިއެވެ.

އިޒްރޭލާ އެކު ސުލްޙަވެވަޑައިގަތުމުގެ ސަބަބުން މިޞުރާއި އެ ޤައުމުގެ ރައީސް ސާދާތާ ދެކޮޅު ޝުއޫރުތައް ޢަރަބި ދުނިޔެއާއި އިސްލާމީ ދުނިޔޭގެ އެކި ކަންކޮޅުތަކުން އެކި ފެންވަރުގައި ފާޅުކުރެވެން ފެށިއެވެ. އުރުދުންގެ ރަސްގެފާނު ޙުސައިނާއި ސީރިޔާގެ ރައީސް އަސަދާ ދެބޭފުޅުން ސާދާތު ދެކެ ކޯފާވީ އެ ޤައުމުތަކުގެ ބިންތައްވެސް އިޒްރޭލުގެ ސިފައިންގެ ބާރުގެ ދަށުގައި އޮއްވައި، އެ ބިންތައް އަނބުރާ ނުލިބެނީސް އިޒްރޭލާ އެކު ސުލްޙަވެވަޑައިގަތުމުންނެވެ. ނަމަވެސް ޢަރަބި ޤައުމުތަކުގެ އެތައް ލައްކަ ޢާއްމުންނެއް މިޞުރާ ދެކޮޅު ޝުއޫރުތައް ފާޅުކުރަން ފެށީ އެބައިމީހުންގެ ފަލަސްޠީނީ އަޚުންގެ ޙައްޤުގައެވެ. އެބައިމީހުން ޤަބޫލުކުރިގޮތުގައި ސާދާތުގެ ސުލްހައިގެ ނިންމެވުމަކީ ފަލަސްޠީނީ ޢަރަބީންނަށް އެހީތެރިވުމުގެ ޒިންމާއިން ރެކިގަތުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ. ޢިރާޤުގެ ރައީސް ސައްދާމް ޙުސައިނާއި ސީރިޔާގެ ރައީސް އަސަދު ވަރަށް ހަރުކަށި ބަހުން މިޞުރުގެ ނިންމުން ކުށްވެރި ކުރެއްވިއެވެ. އެ ބޭފުޅުން ސިފަކުރެއްވި ގޮތުގައި ރައީސް ސާދާތަކީ ޢަރަބީންނަށް ޚިޔާނާތްތެރިވެވަޑައިގެންނެވި ޣައްދާރެކެވެ. ނުބައިކަން ބޮޑުވެގެންވާ ޚާއިނެކެވެ. މީގެ އިތުރަށް އެމެރިކާއާ އެކު ގާތް ގުޅުމެއް ބާއްވަމުން އައި ސަޢޫދީ ޢަރަބިޔާ ވެސް މިޞުރުގެ ނިންމުން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރިއެވެ. މިޞުރާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ޢަރަބި ޤައުމުތަކުގެ ސަރުކާރުތަކުން ބޭނުންވުމުގެ ނަތީޖާއެއްގެ ގޮތުން 1979 ގެ މާރޗު މަހުގެ 31 ވަނަ ދުވަހު ޢަރަބި ލީގުގެ 19 ޤައުމެއްގެ މަންދޫބުން ޢިރާޤުގެ ބަޣުދާދުގައި ބައްދަލުކުރެއްވިއެވެ. މި ބައްދަލުވުމުގައި މިޞުރާ ދެކޮޅަށް ސިޔާސީ ގޮތުންނާއި އިޤުތިޞާދީ ގޮތުން ދަތިކުރުމުގެ އެތައް ފިޔަވަޅެއް އަޅަން ނިންމުނެވެ. އޭގެ ތެރޭގައި ޢަރަބި ލީގުން މިޞުރު ސަސްޕެންޑް ކުރުމާއި، އޮއެޕެކުންނާއި ފެޑެރޭޝަން އޮފް އެރެބް ބޭންކްސްއިންވެސް މިޞުރު ބޭރުކުރުން ހިމެނެއެވެ.
ޞުލްޙައިގެ ސަބަބުން މިޞުރަށް ޢަރަބީންގެ މެދުގައި އޮތް މަޤުބޫލުކަމާއި މަޤާމު މުޅީން ގެއްލިގެން ދިޔަ ނަމަވެސް އޭގެ ސަބަބުން އެމެރިކާގެ އެހީތެރިކަމާއި ރުހުން މިޞުރަށް ލިބިގެން ދިޔައެވެ. އެގޮތުން ޞުލްޙައިގެ އެއްބަސްވުމުގައި ސޮއިކުރެވުނުތާ މާކަ ގިނަ ދުވަސްތަކެއް ނުވަނީސް ޚާއްސަ ހަދިޔާއެއްގެ ގޮތުގައި ކާރޓަރގެ ސަރުކާރުން 2 ބިލިއަން ޑޮލަރުގެ ހަތިޔާރު މިޞުރުގެ ލަޝްކަރަށް ފޯރުކޮށްދިނެވެ. އޭގެ އިތުރަށް އެމެރިކާގެ އަހަރީ ހިލޭ އެހީ ލިބޭ ޤައުމުތަކުގެ ދަފްތަރަށް މިޞުރުގެ ނަން އިތުރުކުރެވިގެން ދިޔައެވެ. އެގޮތުން ކޮންމެ އަހަރަކުވެސް އެމެރިކާ ސަރުކާރުން މިޞުރަށް އެއް ބިލިއަން ޑޮލަރުގެ ނަޤުދު ފައިސާގެ އެހީ ދޭގޮތަށް ހަމަޖެހުނެވެ.

1973 ވަނަ އަހަރުގެ ހަނގުރާމައަށް ފަހު ޢަރަބީންނާއި އިޒްރޭލާ ދެމެދުގައި ޞުލްޙަ ޤާއިމުކުރުމަށްޓަކައި އެމެރިކާ ސަރުކާރުން އާދަޔާ ޚިލާފު މަސައްކަތްތަކެއް ކުރަން ފެށީ ކީއްވެގެންތޯ މިއީ މި ފުރުސަތުގައި ކޮށްލަން ޖެހޭ ސުވާލެކެވެ. 1948 ވަނަ އަހަރުވެސް ޢަރަބީންނާ ޔަހޫދީން ވަރުގަދަ ހަނގުރާމައެއް ކުރިއެވެ. 1956 ވަނަ އަހަރުވެސް މިޞުރާއި އިޒްރޭލް ހަނގުރާމަ ކުރިއެވެ. 1967 ވަނަ އަހަރުވެސް ޢަރަބީންނާ އިޒްރޭލާ ދެމެދުގައި ހޫނުގަދަ ހަނގުރާމައެއް ހިނގިއެވެ. މި ހަނގުރާމަތަކުގެ ތެރެއިން 1948 ވަނަ އަހަރުގެ ހަނގުރާމައާއި 1967 ވަނަ އަހަރުގެ ހަނގުރާމައަކީ ވަރަށް ގިނަ ގޮތްގޮތުން ބަލާއިރު 1973 ވަނަ އަހަރުގެ ހަނގުރާމައަށްވުރެ މުހިއްމު ހަނގުރާމަތަކެވެ. އެހެނީ މި ހަނގުރާމަތަކުގައި މަރުވި މީހުން ގިނައެވެ. މި ހަނގުރާމަތަކާ ގުޅިގެން ޙާލުގައި ޖެހުނު މަދަނީންގެ ޢަދަދު ގިނައެވެ. އަދި މި ހަނގުރާމަތަކާ ވިދިގެން އިޒްރޭލުން އދ. ގެ ޤަރާރުތަކާއި ބައިނަލް އަޤުވާމީ ޤާނޫނުތައް މުގުރާފައިވާލެއްވެސް ގިނައެވެ. ނަމަވެސް މި ހަނގުރާމަތައް ހިނގައި ނިމިގެން ދިޔައިރު އާދައިގެ ގޮތެއްގައި ސުލްޙައަށް ގޮވާލާ ގޮވާލުމެއްގެ ބޭރުން މާކަ ބޮޑު ކަމެއް އެމެރިކާ ސަރުކާރަކުން ނުކުރެއެވެ. ޢަރަބީންނާއި އިޒްރޭލާ ދެމެދުގައި ސުލްހަ ޤާއިމު ކުރާކަށް އެއިރަކު އެމެރިކާއިން މާކަބޮޑު ޝައުޤުވެރިކަމެއް ނުދައްކައެވެ. އެހެންވިއްޔާ 1973 ވަނަ އަހަރުގެ ހަނގުރާމައަށްފަހު ސުލްހައޭ ކިޔައި އަޑުގެ ކޮޅަށް ހަޅޭއްލަވަމުން، ތެޅެމުން ފޮޅެމުން އެމެރިކާ އަންނަންވީ ކީއްވެގެން ބާވައެވެ!

އެނގިވަޑައިގަންނަވާނެ ފަދައިން ޢަރަބީންނާއި އިޒްރޭލާ ދެމެދުގައި ކުރީން ހިނގި ތިން ހަނގުރާމަވެސް ހިނގައި ނިމިގެން ދިޔައީ އިޒްރޭލަށް އަސްކަރީ ގޮތުން ބޮޑެތި ކާމިޔާބުތަކެއް ލިބިގެންނެވެ. މިއިން ކޮންމެ ހަނގުރާމައެއްގައި ކަހަލަ ގޮތަކަށް ޢަރަބީންގެ ބިންތަކެއް އިޒްރޭލުގެ ބާރުގެ ދަށަށް ދިޔައެވެ. ނަމަވެސް 1973 ވަނަ އަހަރުގެ ހަނގުރާމައިގެ މަންޒަރު މުޅީން ކަހަލަ ގޮތަކަށް ތަފާތެވެ. މި ހަނގުރާމައިގައި ޢަރަބީން އިޒްރޭލުގެ ލަޝްކަރުތައް ގާތްގަނޑަކަށް ބަލިކޮށްލިއެވެ. އާޚިރުގައި ޔަހޫދީ ސިފައިންނަށް އަސްކަރީ ކާމިޔާބުތަކެއް ލިބުނަސް، މި ހަނގުރާމައިން ސާބިތުވި އެންމެ މުހިއްމު ކަމަކީ އަސްކަރީ ޤާބިލިއްޔަތާއި ހުނަރުވެރިކަމުގައި ޢަރަބީން ޔަހޫދީންނަށް ދުލެއް ނުކުރާނެ ކަމެވެ. ޢަރަބީން ކުރިޔަށްވުރެ ބޮޑަށް، ކުރިޔަށްވުރެ ވިސްނުންތެރިކަމާއެކު ތައްޔާރުވެގެން އިތުރު ހަނގުރާމައެއް ކޮށްފިނަމަ ޔަހޫދީ ދައުލަތް ވުޖޫދުން ފޮހެވިގެން ދާތަން އަތުވެދާނެ ކަމެވެ. އެހެންކަމުން އެމެރިކާއަށް ވިސްނުނީ އިޒްރޭލް ދެމިއޮތުމުގައި އަސްކަރީ ބާރަށް ބަރޯސާ ކުރެވޭކަށް ނެތް ކަމުގައެވެ. އިޒްރޭލް ދެމިއޮންނާނީ މިޞުރު ފަދަ ޢަރަބި ޤައުމެއް ނުވަތަ ޤައުމުތަކަކާއެކު ސުލްހަވެގެން ކަމުގައެވެ. ކުރިމަގުގައި ޢަރަބީން އިޒްރޭލާ ދެކޮޅަށް ހަނގުރާމައެއް ފެށުމުގެ  ދޮރު ބަންދުކޮށްގެން ކަމުގައެވެ. އެމެރިކާ ސަރުކާރުން 1973 ވަނަ އަހަރުގެ ހަނގުރާމައަށްފަހު ސުލްޙައޭ ކިޔައިގެން އަޑުގެ ކޮޅަށް ހަޅޭއްލަވަން ފެށި ސަބަބަކީ މިއީއެވެ.

1973 ވަނަ އަހަރުގެ ހަނގުރާމައާއި 1979 ވަނަ އަހަރުގެ ޞުލްޙައާއި ދެމެދުގައި ފާއިތުވެގެން ދިޔަ ހައެއްކަ އަހަރުގެ ތެރޭގައި އިޒްރޭލުގެ ސިޔާސީ މަސްރަޙަށް ވަރަށް ބޮޑު ބަދަލެއް އައެވެ. އެ ބަދަލަކީ މެނާހިމް ބޭގިންގެ ޒައާމަތުގެ ދަށުގައި ކަނާތު ފިޔައިގެ ހަރުކަށި ސިޔާސީ ޕާރޓީއެއް ކަމުގައިވާ ލިކޫޑް ޕާރޓީ ހޯދަން ފެށި މަޤުބޫލުކަމާއި ކާމިޔާބެވެ. ކުރީ ބާބުތަކުގައި ދެންނެވިފައި ވާނޭ ފަދައިން މެނާހިމް ބޭގިނަކީ ޔަހޫދީ ދައުލަތް އުފެދުމުގެ ކުރީންނާއި އޭގެ ފަހުންވެސް ޢަރަބީންނާ ދެކޮޅަށް ލާއިންސާނީ އަބަދުވެސް އޭނާގެ ސިޔާސަތަކީ ޢަރަބީންނާ ދެކޮޅަށް ހަރުކަށިކަމާއި ދުޝްމަންކަމުގެ އެންމެ ނުރައްކާތެރި އަދި އެންމެ ތޫނު ހަތިޔާރުތައް ނެގުމުގެ ސިޔާސަތެވެ. އޭނާގެ ޕާރޓީގައި އިސްކޮށް ތިބީ އިރްގުނާއި ސްޓަރނ ޓެރަރިސްޓް ގޭންގުގައި އެތައް އަހަރެއް ވަންދެން އުޅެފައި ތިބި، އެބައެއްގެ އަތްތައް ޢަރަބީންގެ ލެއިން ރަތްވެ ފޯވެފައި ތިބި މީހުންނެވެ. އޭގެ ތެރެއިންވެސް އެންމެ ފާހަގަކޮށްލެވޭ އެއް ބޭފުޅަކީ އެރިއެލް ޝެރޯނެވެ. 1977 ވަނަ އަހަރު އިޒްރޭލްގެ ބޮޑުވަޒީރުކަމަށް ބޭގިން ވަޑައިގަތުމަށްފަހު ޤައުމުގެ ދިފާޢީ ވަޒީރުކަމުގެ މަޤާމު ޙަވާލުކުރެއްވީ ޝެރޯނާއެވެ.

ލިކޫޑް ޕާރޓީގެ މަޤުބޫލުކަން އިޒްރޭލުގައި ބޮޑުވާން މެދުވެރިވި އެންމެ މުހިއްމު ސަބަބަކީ 1973 ވަނަ އަހަރުގެ ހަނގުރާމައިގެ ފުރަތަމަ ފައްތަރުތަކުގައި އިޒްރޭލަށް ލިބުނު އަސްކަރީ ގެއްލުންތަކެވެ. އިޒްރޭލުގެ މީޑިޔާއާއި ރައްޔިތުންގެ އެތައް ބަޔަކު ބުނަމުން ގެންދިޔަ ގޮތުގައި އިޒްރޭލުގެ ފައުޖުތަކަށް ނާކާމިޔާބީތަކަކާ ކުރިމަތިލާން ޖެހުނީ ލޭބަރ ޕާރޓީގެ ސަރުކާރުގެ ދިފާޢީ ސިޔާސަތުގެ ތާން ދެރަކަމުންނެވެ. 1973 ގެ ޑިސެމްބަރު މަހު ބޭއްވުނު ޕާރލަމެންޓްރީ އިންތިޚާބުގައި ކުރީން ދުވަހަކުވެސް ލިބިފައިނުވާފަދަ ބޮޑު ކާމިޔާބެއް ލިކޫޑް ޕާރޓީއަށް ލިބުމެވެ. 1974 ވަނަ އަހަރު ލޭބަރ ބޮޑު ވަޒީރު ގޯލްޑާ މެއަރ މަޤާމުން އިސްތިއުފާ ދެއްވިއެވެ. މިއީ އިޒްރޭލް އުފެދުނީއްސުރެ އެ ޤައުމުގެ ވެރިކަން ކުރަމުން އައި ލޭބަރ ޕާރޓީގެ ނުފޫޒުގެ ފުރަތަމަ ދައުރު ނިމުމެވެ. ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން ލިކޫޑް ޕާރޓީގެ ފުރަތަމަ ބޮޑު ވަޒީރުގެ ޙައިސިއްޔަތުން މެނާހިމް ބޭގިން މަޤާމާ ޙަވާލުވެވަޑައިގެންނެވީ 1977 ވަނަ އަހަރުއެވެ.
ދެން ދައްކަން ޖެހެނީ ޕީއެލްއޯ ގެ ވާހަކައެވެ. ޕީއެލްއޯގެ ވާހަކަ ފަށާއިރު އެންމެ ފުރަތަމަވެސް ޖެހެނީ އަރާފައި އޮންނަ އޮޅުމެއް ސާފުކޮށްލުމުގެ ގޮތުން ދެތިން އެއްޗެއް ދަންނަވާލާށެވެ. އިސްލާމީ ދުނިޔޭގެ ވަރަށް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ޕީއެލްއޯއަކީ އިސްލާމީ ޖަމާޢަތެކެވެ. ފަލަސްޠީނުގެ މުސްލިމުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށްޓަކައި ޖިހާދުކުރާ ޖަމާޢަތެކެވެ. ނަމަވެސް މިއީ ޙަޤީޤަތެއް ނޫނެވެ. ޙަޤީޤަތުގައި ޕީއެލްއޯއަކީ ޢަރަބި ޤައުމިއްޔަތުގެ ބިންގަލުގެ މަތީގައި ބިނާކުރެވިފައިއޮތް ޙަރަކާތެކެވެ. ފަލަސްޠީނުގައި ޢަރަބީންގެ ޢިލްމާނީ ދައުލަތެއް އުފެއްދުމުގެ މަސައްކަތް ކުރުމަށްޓަކައި ޢިލްމާނިއްޔަތާއި ޤައުމިއްޔަތުގެ ފިކުރު ގެންގުޅެމުންދިޔަ ބަޔަކު އުފެއްދި ޖަމާޢަތެކެވެ. ތެދެކެވެ! އިސްލާމީ ދުނިޔޭގައި ޢިލްމާނިއްޔަތުގެ ދިދަ އުފުލާ އެތަކެއް ހާސް ބަޔެކޭ އެއްފަދައިން ޕީއެލްއޯގެ ލީޑަރުންގެ ތެރޭގައިވެސް ގިނަ ޢަދަދަކަށް “ދެ ޝަހާދަތް ދުލުން ކިޔައި ނަމާދުކުރާ” މީހުން ތިއްބެވެ. ނަމަވެސް ދެ ޝަހާދަތް ދުލުން ކިޔައި ނަމާދުކުރާ ޢިލްމާނީން ތިބޭ ކަމީ އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެކެވެ.

މިޞުރު ސަރުކާރުން އިޒްރޭލާ އެކު ސުލްޙައިގެ މަޝްވަރާތައް ފެށިއިރުވެސް ޕީއެލްއޯ އޮތީ ސިޔާސީ ގޮތުން ވަރަށް ބަލިކަށިކޮންނެވެ. ޖަމާޢަތުގެ މެމްބަރުންގެ ގޮތުގައި ތިބީ އަމިއްލަ ވިސްނުންތަކެއް ގެންގުޅެމުން ގެންދިޔަ ޖަމާއަތްތަކެވެ. ނަމަވެސް 1974 ވަނަ އަހަރަށް ފަހު ޕީއެލްއޯގެ ސިޔާސަތު ކުރިޔަށްވުރެ ހަރުދަނާގޮތެއްގައި ރޭވިގެން ދިޔައެވެ. މި އަހަރު ބޭއްވުނު ފަލަސްޠީނީ ލީޑަރުންގެ ބައްދަލުވުމެއްގައި ކުރިމަގުގައި ޕީއެލްއޯގެ ބެލުމުގެ ދަށުން ފަލަސްޠީނުގެ ދައުލަތެއް އުފެއްދުމާ ބެހޭގޮތުން އެންމެންނަށް އެއްބަސްވެވޭ ޕްލޭނެއް އެކުލަވާލެވުނެވެ. މިހިސާބަށް ދިޔައިރު ޕީއެލްއޯއާއި، ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ފަލަސްޠީނީންގެ ފަރާތުން ކުރެވެމުން ދިޔަ މަސައްކަތްތަކުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޔާސިރު ޢަރަފާތެވެ. ޢަރަފާތުގެ ޒައާމަތުގެ ދަށުން ޕީއެލްއޯގެ އެންމެ މުހިއްމު މަޤުޞަދެއް ކަމުގައި ކަނޑައެޅިފައިއޮތީ އިޒްރޭލުގެ ދައުލަތް ނައްތާލުމެވެ. އެހެންކަމުން ޕީއެލްއޯއަކީ ފަލަސްޠީނުގެ ރައްޔިތުން ތަމްސީލުކުރާ ފަރާތެއް ކަމަށް އެމެރިކާފަދަ ޤައުމުތަކަކުން ނުބަލައެވެ. ޞުލްޙައިގެ ވާހަކަތަކުގައި ޕީއެލްއޯ ބައިވެރިކުރަން މިޞުރުން ކުރި މަސައްކަތްތަކަށްވެސް އިޒްރޭލުގެ ބޮޑު ވަޒީރު ބޭގިން ދެކޮޅު ހެއްދެވީ މިކަމާ ހުރެއެވެ.

1970 އިގެ ތެރޭގައި ޕީއެލްއޯގެ ފިދާއީންގެ ޙަމަލާތައް އިޒްރޭލަށް އަމާޒުވުން އާއްމުވެގެން ދިޔައެވެ. ފިދާއީންގެ ޖަމާޢަތްތައް އުޅެމުން ގެންދިޔައީ އުރްދުނާއި ސީރިއާއާއި ލުބްނާން ފަދަ ޤައުމުތަކުގައެވެ. އެބައިމީހުން އިޒްރޭލުގެ އަމާޒުތަކަށް ހަމަލާދެނީ މި ޤައުމުތަކާއި އިޒްރޭލާ ގުޅޭ ސަރަހައްދީ ރޮނގުތައް ހުރަސްކޮށް އިޒްރޭލަށް ވަދެއެވެ. ނުވަތަ މި ޤައުމުތަކުގެ ސަރަހައްދުގައި ތިބެގެން ރޮކެޓް ފަދަ ދުރަށް ހަމަލާދޭ ހަތިޔާރުތަކުންނެވެ. އެންމެ ފުރަތަމަ ޕީއެލްއޯގެ ލީޑަރުން އުޅުއްވީ އުރުދުންގައެވެ. ނަމަވެސް އުރްދުންގެ ސަރުކާރުން ޕީއެލްއޯއާ ދެކޮޅަށް ހިންގި ހަރަކާތްތަކަކަށްފަހު ޢަރަފާާތާއި އޭނާގެ އަރިސް ބޭފުޅުން ލުބްނާނަށް ބަދަލުވެވަޑައިގެން އެ ބޭފުޅުންނާއި، ފިދާއީންގެ މައި މަރުކަޒުތައް ލުބްނާނުގެ އެކި ސަރަޙައްދުތަކުގައި ޤާއިމުކުރެއްވިއެވެ. އެއަށްފަހުގައި ފިދާއީންގެ ޙަމަލާތައް ދިޔައީ އިތުރަށް ވަރުގަދަ ކުރެވެމުންނެވެ. އަދި މި ހަމަލާތަކުގައި އިޒްރޭލަށް ލިބޭ ގެއްލުންތައްވެސް ދިޔައީ ބޮޑުވަމުންނެވެ.
ޕީއެލްއޯގެ ފިދާއީ ޙަމަލާތަކުގައި މަރުވަމުން ދިޔަ އިޒްރޭލުގެ މަދަނީންގެ ވާހަކަތައް ފަލަ ސުރުޚީއަށް އަރުވައި އޭގެ ތެރޭގައި ހިމެނޭ ކުޑަކުދީންނާއި އަންހެނުންގެ ޢަދަދު ވަކީން ހަރުއަޑުން ގޮވަމުން ގެންދިޔަ ދިޔުމަކީ މީޑިޔާގެ ތާރީޚުގައި ހިންގިފައިވާ އެންމެ ހަޑިމުޑުދާރު އެއް ޕްރޮޕެގެންޑާ ކަމުގައި ބުނެވިދާނެއެވެ. މިހެން މި ދަންނަވަނީ އެއްވެސް ޙާލެއްގައި މައުސޫމް މަދަނީންތަކެއް މަރުވުމަކީ ކުޑަކަމެއް ކަމުގައި އަޅުގަނޑު ދެކޭތީއެއް ނޫނެވެ. އެއާ ޚިލާފަށް މިހެން ދަންނަވަން ޖެހެނީ މަރުވާ އިޒްރޭލުގެ މަދު މީހެއްގެ ވާހަކަ ހުޅަނގުގެ މީޑިޔާގައި ހަރުއަޑުން ގޮވައިނަގަމުން ދާ އިރު އިޒްރޭލުގެ އަނިޔާވެރިކަމުގެ އުޑީގެ ދަށުގައި ފިސްފިސްވަމުންދިޔަ އެތައް ލައްކަ ފަލަސްޠީނީންނާއި، އިޒްރޭލުގެ ވައިގެ ސިފައިން ފަލަސްޠީނީ ރެފިޔުޖީ ކޭމްޕްތަކަށް ދެމުން ގެންދިޔަ ހަމަލާތަކުގައި މަރުވާ އެތައް ސަތޭކަ ބައެއްގެ ވާހަކަ ނުދައްކާތީއެވެ. މިއަދާ ހަމަޔަށްވެސް ހުޅަނގުގެ މީޑިޔާގެ ސިޔާސަތު އޮތީ މި ކަހަލަ ބަރުބަރީ އުސޫލުތަކެއްގެ މަތީގައި ބިނާކުރެވިފައެވެ. މިއީ މަދު މީހަކު ނޫނީ ދެބަސްނުވާނެ ޙަޤީޤަތެކެވެ.

(ނުނިމޭ……)

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!