• އިސްލާމިކް އެފެއާޒް މިނިސްޓްރީއާއި މުސްލިމުންގެ ގުޅުން ޖަމްޢިއްޔާއާ ގުޅިގެން ބޭއްވި މަޢުލޫމާތުދިނުމުގެ ބައްދަލުވުމެއްގެ ތެރެއިން – ދިއިސްލާމް ފޮޓޯ : އިބްރާހީމް އަޝްވާޤް

މުވައްޒަފުން މަސައްކަތަށް ގަޔާކޮށް އަހުލުވެރިކުރުވުމުމަށް ކުރެވިދާނެ ކަންކަން (މުސާރަ ފިޔަވައި)

މުވައްޒަފުން މަސައްކަތަށް ގަޔާކޮށް އަހުލުވެރިކުރުވުމުމަކީ، މުދީރެއް(މެނޭޖަރ) ގެ ކިބައިގައި ހުންނަންވާނެ ވަރަށް މުހިއްމު އަދި ބޭނުންތެރި ހުނަރެކެވެ. އެގޮތުން ރަނގަޅު މުސާރައެއް ދިނުމުގެ އިތުރަށް އަންނަނިވި ކަންކަން ކުރެވިދާނެއެވެ.

ހިތްހެޔޮކަމާއެކު ތައުރީފުކުރުން: ކޮންމެ މީހަކީހަކަށް ވެސް ތައުރީފު ހައްގުވެގެންވެއެވެ. އެއީ ފަސޭހައިން ކުރެވޭނެކަމެކެވެ. މުދީރެއްގެ ފަރާތުން ތައުރީފު ލިބުމަކީ ހީނުކުރާހާ ވެސް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެކަމެކެވެ. އެކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ކިބައިން ރަނގަޅު ކަމެއް ފެންނަ ކޮންމެ ފަހަރަކު ތައުރީފުކޮށް ހަދާށެވެ. އަދި އެހެން މުވައްޒަފުންގެ ކުރިމަތީގައި އޭނަގެ ރަނގަޅު ކަންތަކުގެ ވާހަކަ ދައްކާށެވެ.

އެކުގައި މަސައްކަތްކުރުމަށް ބާރުއެޅުން: ޓީމެއްގެ ގޮތުގައި ގިނަ މުވައްޒަފުން މަސައްކަތްކުރުމަށް ހިތްވަރުދިނުމުން މަސައްކަތް ނިންމުން އަވަސްވެ މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެގެންދެއެވެ. މުވައްޒަފުން ގަޑިއަށް ފަރުވާތެރިވުމާއެކު މަސައްކަތުގައި ހޭދަކުރާ ވަގުތު އިތުރުވެގެންދެއެވެ. އެކި ދަރަޖައިގެ/މަގާމުތަކުގެ މުވައްޒަފުން އެކުގައި މަސައްކަތްކުރުމުން ނުކުންނަ ނަތީޖާ ރަނގަޅުވެއެވެ.

އެހެންމީހުންގެ ހިޔާލާއި ފިކުރު ހޯދުން: ކަމެއް ވަކިގޮތަކަށް ކުރަން ބުނުމަކީ އިންސާނުންގެ ތަބީއަތުގައި އެހާ ގަޔާވާކަމެއް ނޫނެވެ. ވަކިގޮތަކަށް ކަމެއް ކުރަން ބުނުމުގެ ބަދަލުގައި، އެކަމަކަށް ހިޔާލެއް ލިބިދޭނެ ކަހަލަ ގޮތަކަށް އެކަމެއް ކުރަން ބުނާށެވެ. މިކަމުން ވެސް މައްސަލަތައް ހައްލުކުރުމަށް ފަސޭހަވެގެންދެއެވެ.

ކުށްވެރި ނުކުރުން: ކަމެއް ގޯސްކޮށް ކުރެވުމުން އެކަމެއް ކުރެވުނީ ގޯސްކޮށް ކަން އެކަކުވެސް އަޑުއަހާކަށް ބޭނުމެއް ނުވާނެއެވެ. އެގޮތަށް އަމަލުކޮށްފި ނަމަ މަސައްކަތް ކުރުމަށް ފޫހިވާނެއެވެ. އެހެން ނަމަވެސް، ނުސީދާގޮތްތަކަކުން މީހުން ކުރިއެރުވުމަށާއި، ގޯސްކަން ކަމުން އިބުރަތް ހާސިލްކުރުމަށް ބާރުއަޅައި އެކަންކަން ރަނގަޅުކުރުމަށް ހިތްވަރުދޭށެވެ. މައްސަލަތައް ހައްލުކުރުމުގައި އަމަލުކުރަނީ ރަނގަޅަށްތޯ ބަލައި، ރަނގަޅު/ތަފާތު ގޮތަކަށް ކަމެއް ކުރެވެން އޮތްނަމަ އެކަމެއް ކުރާށެވެ.

ނަމޫނާ މުވައްޒަފުން ފާހަގަކުރުން: ފަރުވާތެރިކަމާއެކު ރަނގަޅަށް މަސައްކަތްކުރާ މުވައްޒަފުންގެ ރަނގަޅު ކަންތައްތައް ފާހަގަކޮށް، އެ މުވައްޒަފުންނަކީ އެހެން މުވައްޒަފުންނަށް ނަމޫނާ އެއްކަން އަންގައިދޭށެވެ. މިހެންވުމުން އެ މުވައްޒަފުންނަށް އިތުރު ހިތްވަރެއްލިބި ކަންކަމުގައި އިސްނަގާނެއެވެ. ކޮންމެ މީހަކީ އެ މީހެއްގެ ދާއިރާއިން އިސްމީހެކެވެ.

މުވައްޒަފަކާއެކީ ކެއުމަކަށް ދިއުން: ކުރިން އެންގުމަކާނުލައި މިކަހަލަ ބައެއް ކަންކަން ކުރަންވާނެއެވެ. މުވައްޒަފެއްގެ ކައިރިއަށް ގޮސް ކެއުމަކަށް ދައުވަތުދޭށެވެ. މަހަކު ދެ މުވައްޒަފާއި އެކީ ވަކިން ބައްދަލުކުރާށެވެ. މިއީ މުވައްޒަފުގެ މަސައްކަތަށް ހިތްވަރުދިނުމަށް ފަސޭހަ ގޮތެކެވެ. އަދި ނުރަސްމީ ކަންކަމާއި މަޝްވަރާކުރެވި ގުޅުން ރަނގަޅުވާނެ ކަމެކެވެ.

ރަނގަޅު ކަންކަން ފާހަގަކޮށް އިނާމެއް ދިނުން: މިކަމަކީ އެކިގޮތްގޮތުން ކުރެވިދާނެ ކަމެކެވެ. އެގޮތުން، މުވައްޒަފުންގެ ބައްދަލުވުމެއްގައި މުވައްޒަފެއްގެ ރަނގަޅު ވާހަކަ ދެއްކުން، މުވައްޒަފުންގެ މެދުގައި މުބާރާތެއްބާއްވައި އޭގެ ނަތީޖާ އާންމުކުރުން، ހަދިޔާއެއް ދިނުން ނުވަތަ ޓުރޮފީއެއް ދިނުމެވެ. މިކަންކަމުގެ ސަބަބުން އެ މުއައްސަސާއަކުން ކެނޑިގެންދާ މުވައްޒަފުންގެ އަދަދު މަދުވާނެއެވެ.

ހަފްލާތަކާއި ދުވަސްތައް ފާހަގަކުރުން: މިސާލަކަށް، ހިއްޗައް ނުވަތަ ދަތުރު (ޕިކްނިކް) ދިޔުމާއި، އަހަރީދުވަސް ފާހަގަ ކުރުމާއި، އުފާވެރި ގަޑި އިރެއް ފާހަގަކުރުން ފަދަ މުނާސަބު ކަންކަން ފާހަގަކުރުމެވެ. ބަންދު ދުވަހެއްގައި އެކަކަން ކުރުމުގެ ބަދަލުގައި އަހަރަކަށް ބަހާލައިގެން އެކިއެކި ކަންކަން ފާހަގަކުރާށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!