މިސްރުގެ ބަޣާވާތަށް ސަޢޫދީޢަރަބިއްޔާއިން 20 ބިލިޔަން ޑޮލަރު ޚަރަދު ކުރިކަން ފަޅާއަރައިފި

މިސްރުގެ އިންތިޚާބީ ރައީސް ޑރ މުޙައްމަދު މުރުސީގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ސަޢޫދީ ޢަރަބިއްޔާއިން 20 ބިލިޔަން ޑޮލަރު ކަރަދު ކުރި މައްސަލަ އެއް ފަޅާއަރައިފި އެވެ.

މި ބަޣާވާތުގެ ކަންކަން ރާވާ ހިންގުމާއި އެކު މިކަމަށް ފައިސާ ޚަރަދު ކުރުމުގައި އިސްކޮށް ޙަރަކާތްތެރި ވެފައިވާ ކަމަށް ސަޢޫދީ ޝާހީ ޢާއިލާގެ އިސް ބޭފުޅުން ހާމަކުރައްވާފައި ވަނީ އެ ޤައުމުގެ ޝާހީ ކޯޓުގެ ކުރީގެ އިސްފަނޑިޔާރު، ޚާލިދު އަލް ތުވާޖިރީ ކަމަށެވެ.

އެހެން ކަމުން އިންސާފުގެ ކުރިމައްޗަށް އޭނާ ގެނައުމަށްވެސް ސަޢޫދީ އަމީރު، ސަޢުދުބިން ސައިފް އަލް ނަސްރު ވަނީ ސޯޝަލް މީޑިޔާގައި ގޮވާލައްވާފައެވެ.

އަމީރު ސައިފް ވިދާޅުވީ ތުވާޖިރީ އިސްކޮށް ހުރެގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ދައުލަތުގެ ބައިތުލްމާލުން 20 ބިލިޔަން ޑޮލަރު ނަގައި މިސްރުގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށް ޚަރަދު ކޮށްފައިވާ ކަމަށާއި، މި ފައިސާ ބަހާލާފައި ވަނީ ސަޢޫދީ ކުރީގެ ޝާހީކޯޓުގެ އިސްފަނޑިޔާރު ތުވާޖިރީ އާއި މިސްރުގެ އަސްކަރިއްޔާގެ އިސް ޖެނެރަލުންނަށް ކަމަށެވެ.

އަދި އެމީހުންވެސް މި ފައިސާ އަށް ޚިޔާނާތްތެރި ވެފައިވާ ކަމަށާއި، މިހާ ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކޮށްގެންވެސް އެއްވެސް ނަތީޖާއެއް ޙާޞިލު ކުރެވިފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

އަދި މި ފައިސާއިން މިސްރުގެ އެންމެ މައްސަލައެއްވެސް ޙައްލު ކުރެވިފައި ނުވާކަމަށް އަމީރު ވިދާޅުވެފައި ވާއިރު މިފައިސާ ބޭނުންކޮށްފައިވާ މިސްރުގެ މިހާރުގެ ރައީސް ސީސީ އާއި އަސްކަރިއްޔާގެ އިސް ޖެނެރަލުންނަކީ ބޮޑެތި ވަގުން ކަމަށް އަމީރު ވަނީ ސިފަކުރައްވާފައެވެ.

އަދި ތުވާޖިރީ އިސްކޮށް ހުރެގެން މި ފައިސާ މިސްރުގެ ބަޣާވާތުގެ ސަރުކާރަށް ދިނީ ލޯނެއްގެ ގޮތުގައި ކަން ނުވަތަ ހަދިޔާއެއްގެ ގޮތުގައިކަން ނުވަތަ އަނބުރާ ދައްކާ ގޮތަށްކަން ނުވަތަ ނޫންކަންވެސް އެނގެން ނެތްކަމަށް އަމީރުގެ ޓްވީޓްތަކެއްގައި ވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން މިސްރުގެ ބަޣާވާތަށް ޚަރަދު ކުރި ސަޢޫދީގެ ވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ސަޢޫދީ އަރަބިއްޔާގެ ޝާހީ ޢާއިލާގެ އިސް ބޭފުޅެއް ކަމަށްވާ އަމީރު ސައިފް ވަނީ ގޮވާލައްވާފައެވެ.

މަސްދަރު: މިޑްލްއީސްޓް މޮނިޓަރ

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ތަނެއްގައި ބަޢާވާތެއް އޮތިއްޔާ އެމީހުން ހަރަދު ކުރާނެ!

  2. މީ ބޮޑުވެގެންވާ ހިއުމަން ޓްރެފިކްގެ އަމަލެއް، އެތަކެއް އިންސާނުން ވަގަށް ނަގައިގެން ބާޢީ ސީސީ އާއި އޭނަގެ ބައިގަންޑު މިއުޅެނީ، މިކަމަށް ހިއްވަރު ދެނީވެސް މުސްލިމުންގެ ތޮފި އަޅައިގެން ތިބި ގޮންޑިކޮއްކޮ ސަރުކާރުތަކެއް، ﷲ މިބައިމީހުންށް ތެދުމަގަށް ހިދާޔަތު ދައްކުވާށި، މުސްލިމުންނަށް ނަސްރުދެއްވާށި!

  3. މުސްލިމުންނަށް އެމީހުންގެ ދީން ކިޔަވާދެނީވެސް ޢައިރުމުސްލިމުން. މީ އަދުގެ މުސްލިމުންގެ ހާލަތު، ކުށާއި އޭގެ އަދަބަކީ އިސްލާމް ދީނުގައި ނެއްއެއްޗެއްކަމަށް މިބައިމީހުން ހީކުރަނީތާ؟ ބަލަ އިސްލާމް ދީނުގައިވާ ޖިނާޢީ އަދުލުގެ ނިޒާމަކީ ލާމަސީލު ފުރިހަމަ ނިޒާމެއްކަން މިބައިމީހުނަށް ނޭގެނީބާ، އަބަދުވެސް އެމީހުން އުލެނީ އޮޅުވާލަން ތަހުރީފުކުރަން!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!