އާއަހަރަކަށް އަލިވިލޭހިނދު …

އަނެއްކާވެސް އަހަރެއް ނިމިގެން މާޒީއާ އެކުވެގެން ދިޔަޢިއެވެ. ފިޠުރަތުގެ އުޞޫލުގެ ދަށުން، 2014 ވަނަ އަހަރުވެސް އަލްވަދާޢު ކިޔައި ނިމިގެންދިޔައީ އެވެ. އެކި ކަންކަމުގެ ތެރޭގައި ހޭލަމޭލާ އުޅެނިކޮށް 365 ދުވަސް އަޅުގަނޑުމެން ވޭތުކޮށްފީމުއެވެ. ފޮނިތަޖުރިބާތަކާއި ހިތި ތަޖުރިބާތަކާ މިދިޔަ އަހަރުވެސް ކުރިމަތިލައިފީމުއެވެ. ހަޔާތުގެ ދުވަސްތަށް މާޒީވެގެންދާލެއް ވަރަށްވެސް އަވަހެވެ. މިހާރު މި ހިނގަނީ 2015 ވަނަ އަހަރެވެ. އައު އަހަރަކާ ކުރިމަތިލީއިރު ވިސްނުން ތިބާ ބެހެއްޓީ ކޮންފަދަޔަކުންތޯއެވެ؟ ފާއިތުވެގެންދާ ކޮންމެ ދުވަހަކީވެސް ކޮންމެ މީހެއްގެވެސް ޙަޔާތުން ފާއިތުވެގެންދާ ދުވަސްތަކެވެ.

އަމިއްލަ ނަފްސާމެދު ވިސްނައި، ކުރިމަގަށް އަމާޒު ހިފާށެވެ.

އަމިއްލަ ނަފްސާމެދު ވިސްނައި، ކުރިމަގަށް އަމާޒު ހިފާށެވެ.

ކެވެ. މާޒީއަކީ ކުރިމަގުގެ މޫނުބަލާ ލޯގަނޑޭ ބުނާ އުޞޫލުން، ބުއްދިވެރިންނަކީ މާޒީން ޢިބުރަތް ހާޞިލްކުރާ މީހުންނެވެ. ފާއިތުވެދިޔަ އަހަރު ތިމާއަށް ހިތްދަތިކަމާ މާޔޫސްކަން ވެރިވެފައިވާނަމަ މިއީ އުންމީދު އާލާކުރަންވީ ވަގުތެވެ. ހިތްވަރު ގަދަ ކުރަންވީވަގުތެވެ.
ވޭތުވެގެން މިދާ އަހަރުގެ ތެރޭގައިވެސް މުޖްތަމަޢުގެ އާއްމު އިޖްތިމާޢީ އަޚްލާޤް ވަކި ރަގަޅު ވިއެކޭ ނުދަންނަވާނަމެވެ. ހަމަ އިހުވެސް އޮތްގޮތެވެ. މީހުންނަށް ފުރައްސާރަ ކުރުމާއި ގޯނާ ކުރުމާއި ޖިނާޢީ ކުށްތަކަށް އަރައިގަތުން މިވަނީ ބައެއް މީހުންނަށް އުފަލަކަށެވެ. އެކަންކަމުގެ ސަބަބުން ހިތްދަތިކަން ލިބި މާޔޫސްވެފައިވާ ހިތްތަކުގައި އަޅާ ވޭނުގެ އަސަރު ވަޒަނެއް ނުކުރެވޭކަން ޔަޤީނެވެ. “މަގޭ ދުލާއި މަގޭ އަތަކީ މަގޭ ހައްގޭ” ބުނެ ހިތުހުރި ކަމެއް ކުރާއިރު، ތިމާގެ ހައްގު ނިމޭ ހިސާބަކީ އަނެކާގެ ހައްގު ފެށޭ ހިސާބުކަން އިޙްސާސެއް ނުކުރެވެއެވެ.

ކާމިޔާބަކީ މަސައްކަތްތެރިންގެ ހައްގެކެވެ. ހިތްވަރާއެކު ކާމިޔާބު ހޯދުމަށް މަސައްކަތް ކުރުމަކީ ބައެއް މީހުންނަށް އެހާ ފަސޭހަ ކަމެއްނޫނެވެ. ލަނޑުދަނޑިތައް ކަނޑައަޅައި އެ ހާޞިލުކުރުމަށް މަސައްކަތް ކުރެވުނު ހެއްޔެވެ؟ ނުވަތަ ގަދައަޅައި މަސައްކަތް ކުރުމުންވެސް ވީ ނާކާމިޔާބު ހެއްޔެވެ؟ އެހެންކަމަށްވާނަމަ ކުރިއަށްއޮތް އަހަރަކީ މި ލަނޑުދަނޑިތައް ހާޞިލުކުރުމަށް އަމާޒުހިފާ އަހަރު ކަމުގައި ހަދާށެވެ.

ކޮންމެ މީހަކީވެސް ވަކި ޝަޚްސެކެވެ. އެމީހަކު ކުރާ ޢަމަލަކަށް ޖަވާބުދާރީ ވުމަކީ އެމީހެއްގެ ޒިންމާއެވެ. ތިބާއަށް އަބަދުވެސް އެންމެ ހެޔޮ އެދޭނީ ތިމާގެ އަމިއްލަ ނަފްސެކެވެ. ތިބާގެ އިޙްސާސް އެނގޭނީ ހަމައެކަނި ތިބާއަށެވެ. މިހެންވެ، ތިމާއާ ދިމާލަށް އަންނަ ފިކުރީ ހަމަލާތަކާއި ޖިސްމަށް އަންނަ ލޮޅުންތަކުން އަރައިގަތުމަށް އަމިއްލަ ނަފްސަށް ފުރިހަމައަށް ޔަޤީންކަން އޮތް ހާލު ހިތްވަރާއެކު މަސައްކަތް ކުރާންޖެހެއެވެ. އެކަން ކުރާންޖެހޭނީ ޚުދު ތިމާއެވެ. އެހެނީ ކާމިޔާބެއްގެ ފޮނިކަން ކިތަންމެ ބަޔަކު ތިބާއާއެކު ފާހަގަ ކުރިނަމަވެސް، ކަރުނައާއި ވޭނުގެ ވަގުތުގައި ތިބާއާއެކު ތިބޭނީ މަދުބައެކެވެ. ބައެއް ފަހަރު އަމިއްލަ ނަފުސު އެކަންޏެވެ. މިއީ ދުނިޔަވީ މިސާލެވެ.

އިންސާނާ ހައްދަވައި އެހެން މަޚްލޫޤުތަކުންގެ މައްޗަށް އިންސާނާ ވަނީ މާތްކުރައްވާފައެވެ. އެއީ ބުއްދީގެ މަތިވެރި ނިޢުމަތާ އެކުގައެވެ. ފަލަކުގައި ދުނިޔެ ހިނގަމުންދަނީ އެކި ކުލަތައް ދައްކަމުންނެވެ. ތިބާގެ ލޮލަށް އެކިދުވަހު އެކި ކުލަތަށް ފެންނަމުންދާތީ ރީތި ކުލަތަކަށް ހިތްވެސް ލެނބޭނެއެވެ. އޭގެ ޖަޒުބާތުގައި ޖެހޭނެއެވެ. ވަކިކަމަކަށް ހިތް ލެނބުމުން އެއީ ދުނިޔަވީ ދަޅަތަކެއްކަމެއް ނުވަތަ ދާއިމީ އުފަލެއްކަމެއް އަޅާކިޔާން ނޭނގޭނެއެވެ. ހިތް ބުނާނީ ތިބާގެ މަންޒިލަކީ އެއީކަމަށެވެ. ނަމަވެސް އިސާހިތަކު އެއީ އަވާމެންދުރަކަށް ވެގެންދެއެވެ. ހަމައިހްސާސާއި ހަމަ ބުއްދިއަށް ރުޖޫޢަ ވަނީ މި ހިސާބުންނެވެ. މިވެސް ދުނިޔަވީ މިސާލެވެ.

ހަޔާތުގެ ނައު ދަތުރުކުރަމުންދާއިރު މިކަހަލަ ކިތަންމެ އަހަރެއް ފާއިތުވެގެންދާނެއެވެ. މިހާރުގެ 25 އަހަރުގެ ޒުވާނެއްގެ ޢުމުރުން މިހާރު 9000 އެތަށް ދުވަހެއް ފާއިތުވެގެން ދިޔައިރު، ތިމާގެ އަމިއްލަ ނަފްސު ވަޒަންކުރުމަށް އެންމެ ދުވަހެއްވެސް ހޭދަ ނުކުރެވޭ މީހުން ގިނަވާނެއެވެ. ކުރުގޮތަކަށް ބުނާނަމަ އަމިއްލަ ޙަޔާތުގެ ކުރިމަގާއި ވޭތުވެދިޔަ ތަނުގެ ނަތީޖާއާމެދު ވިސްނާލުމަކީ ގިނަ ބައެއްގެ އާދައެއް ނޫނެވެ. ދުވަސްތަށް ފާއިތުވެގެން ދާވަރަކަށް ތިމާވެސް އޭގެ ފަހަތުން ދަނީއެވެ. މިސްރާބެއް އަމާޒެއް ނެތިއެވެ. ޙަޔާތުގެ ދަތުރުގައި ދިމާވާ ދަތިތަކަށް ކެތްކުރާން ޖެހެއެވެ. މާޔޫސްވެގެންގޮސް ތިމާއަކީ “ބޭކާރު” މީހެއް ކަމުގެ އިޙްސާސް ކިތަންމެ ވަރަކަށްވެސް ކުރެވޭނެއެވެ. އަދި އެކަމުގެ ސަބަބުން އަމިއްލަ ނަފްސު ކުށްވެރިކުރެވޭނެއެވެ. އެހެން ނަމަވެސް އެއީ ތިބާ ދުނިޔެއަށް ފޮނުއްވުމުގެ މަޤްޞަދެއް ނޫނެވެ. އަނެކާއަށްވެސް ލިބިގެންވަނީ ތިބާއަށް ލިބިގެންވާ އެއްޗެކެވެ. ތިބާއަށް ލިބެންއޮތް މޮޅު ތިބާއަކަށް ނޭނގެއެވެ. މިހެންވެ ހިތްވަރަކީ އެންމެ ގާތް މަދަދުގާރަށް ހަދަންޖެހެއެވެ.

ކޮންމެއަކަސް އައު އަހަރަކަށް ކުރިމަތިލާންވީ އުންމީދާއެކުއެވެ. ތިބާގެ މޫނު އައު އަހަރަކަށް ކުރިމަތި ކުރާންޖެހެނީ އުންމީދުން ފުރިގެންވާ ހިތަކާއިގެންނެވެ. ނަތީޖާ ނެރެވޭނެ ކަމުގެ ޔަޤީންކަމާއެކުގައެވެ. އިސްވެ ބަޔާންކުރި ކަންކަމަށް ފުންކޮށް ވިސްނުމަށްފަހު ކޮންމެ ފިޔަވަޅެއްވެސް ޙިކުމަތްތެރިކަމާއެކު ނޫނީ ނާޅާށެވެ. ބޭކާރު ކަންކަމުގައި ވަގުތު ދުއްވާނުލާށެވެ. މާޒީއަކީ މާޒީއެވެ. އެ އަލުން އިޔާދައެއް ނުވާނެއެވެ. ދެން އޮތީ ހިތްވަރާއެކު ހިތްހަމަޖެހުމާއެކު ނަތީޖާ ނެރުމަށް އަމާޒު ހިފުމުގެ އަހަރުކަމަށް ހަދާށެވެ. އަންނަ އަހަރުވެސް ފިޠުރަތުގެ އުޞޫލުން ނިމި އަނެއްކާވެސް އައު އަހަރަކަށް އަލިވިލޭ އިރު ތިބާގެ މޫނުމަށްޗަށް ހިނިތުންވުން ގެނެސްދޭނެފަދަ ހިތްގައިމު ވަގުތުކޮޅަކަށް މަސައްކަތް ފަށަންވީ މިއަދުއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!