އިންޓަރނެޓްގެ ‘ދަލުގައި’ ޖެހުމުގެ ކުރިން…

މީގެ ދިހަ ވަރަކަށް އަހަރު ކުރިން އިންޓަނެޓް ބޭނުންކުރުމަކީ އަދު ހާ ފަސޭހައިން ވާން އޮތް ކަމެއް ނޫނެވެ. ގިނަ ގޭގެއަކު އިންޓަރނެޓް ލިބޭކަށް ނުހުރެއެވެ. އަގު ބޮޑުވުމާއި އިންޓަރނެޓުން ކުރާނެ މާބޮޑު ބޭނުންތަކެއް ވެސް ނެތުމާއެކު އެހެން ވެދާނެއެވެ. ނަމަވެސް އޭރު ހަމަގައިމުވެސް މާލޭގައި ސައިބަރ ކެފޭތައް ހުރެއެވެ. މަދު ނޫން ޢަދަދަށް ރަށުގެތެރޭން ފަސޭހައި އިންޓަނެޓަށް ވަދެވޭނެ ހެން އެތަންތަނުގެ ދޮރުތައްވެސް ހުންނަނީ ޢާންމުނަށް ހުޅުވާލާފައެވެ. އިންޓަނެޓް ބޭނުންކުރާ ގަޑިއިރަކަށް ފައިސާ ދައްކާ ގޮތަށް ސައިބާ ކެފޭތަކަށް ގޮސް އިންޓަރނެޓް ބޭނުންކުރާކަށް ވަކި އުމުރުފުރާއެއް ނޯވެއެވެ. ވިއްސަކަށް ރުފިޔާއަށް އެއް ގަޑިއިރު ނެޓަށް ވަދެލަން ދާ މީހުންނާ ކުޑަކުދިން ގިނަވަމުންދިޔައީ އާދަޔާޚިލާފަށެވެ. އެހެންވާންޖެހުނު ސަބަބުތައް ބަޔާންވެ ހިނގައްޖެއެވެ. ނަމަވެސް މި މަޒުމޫނުގައި ދައްކާން މިއުޅެނީ އެހެން ވާހަކައެކެވެ. ނަމަވެސް މިވާހަކަތަކަށް އަލިއަޅުވާލީ ބޭނުންމެއް އޮވެގެންނެވެ.

އޮޅުމެއްތި އެއްބަސްވެވޭނެ ކަމަކީ މިޒަމާނަކީ ‘ޓެކު’ ޒަމާންކަމެވެ. ސުމާޓު ޑިވައިސްތަކާ އަޖައިބު ކުރުވާކަހަލަ ޓެކްނޮލޮޖީތައް ވުޖޫދުވަމުންދާ ޒަމާނެވެ. މި ޒަމާން ދިވެހިން ދެކެމުން މިދަނީ ދުނިޔޭ އެހެން ބައްރުތަކާއެކު އެކީގައެވެ. މީގެ އަހަރު ތަކެއް ކުރީން ފޮށިގަނޑުހެން ހުރި ޓީވީ އާ ކޮމްޕިއުޓަރ ސިސްޓަމްތަކަށް ޖާގަލިބުނުތަނަކީ ކުނިގޮނޑެވެ. ފަތި ޓީވީ ތަކުން ސިޓިންރޫމުތައް ހައިބަވަންތަ ކޮށްލިއިރު މީހުންގެ ސެލިއުލާ ފޯނުތައް ސުމާޓުފާނުތަކަށް ބަދަލުވެގެން މިހިރަދަނީއެވެ.

ސުމާޓް ފޯނުތަކާއި ޓެބްލެޓްތައް މިއީ މިއަދު މީހުންގެ ޢާންމު ދިރިއުޅުމާ އެކުވެ އޭގެ ބޭނުން އިންތިހާއަށް ބޮޑުވެފައިވާ އެއްޗިއްސެވެ. މިފަދަ އެއްޗިހީން ނެޓަށް ވަދެލާ ފޭސްބުކާ ވައިބަރ ކަހަލަ ސޯޝަލް މީޑިއާތަކުގެ ބޭނުން ހިފާލުމަކީ ވަރަށް ފަސޭހަ ކަންކަމެވެ. މި ފަސޭހަތަކާއެކު މުޖުތަމަޢަށް އަސަރުތަކެއް ކުރާނެކަމީ ޝައްކެއް ހުރި ކަމެއްނޫނެވެ. އެދެވޭ ހެޔޮ އަސަރާ ، ނޭދެވޭ ނުރަނގަޅު އަސަރުތައްވެސް ކުރާނެތާއެވެ.

އިންޓަރނެޓު ބޭނުންކުރުމުގައި އެކަށީގެން ވާ ވަރަށް ‘ސައިބަރ ސެކިއުރިޓީ’ އާ ގުޅޭ މަޢުލޫމާތު އެނގިފައި އޮތުމަކީ މިއަދު ކޮންމެހެން ބޭނުންތެރި ކަމަކަށް ވެފައި މިވަނީ ބަޔާންވެދިޔަ ފަދައިން އެންމެނަށް ފަސޭހަކަމާއެކު އޭގެ ބޭނުން ހިފޭގޮތަށް ވަސީލަތްތައް ބައްޓަންވެފައި އޮތީމައެވެ. ސުކޫލު ދަރިވަރުން ނުވަތަ ކުޑަކުދިންވެސް މިއަދު އިންޓަނެޓް ބޭނުންކުރަމުންދަނީ އަމިއްލަ ގޭގައި ތިބެގެން ގޭގައި ހުންނަ ކޮމްޕިއުޓަރުން ނުވަތަ ލެޕްޓޮޕަކުންނެވެ. ނުވަތަ އެހެންވެސް ޒަމާނީ ވަސީލަތަކުންނެވެ.

ދެންމިއޮތީ ބޮޑު ސުވާލެވެ. އިންޓަރނެޓް ބޭނުން ކުރާ އާބާދީ ދުވެހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު ‘އިންޓަރނެޓް ގެ އަނދިރިފަރާތު’ ގައި ހިނގަމުންދާ ޖަރީމާ ތަކުގެ މަޢުލޫމާތު އަހަރެމެނަށް އެނގޭތޯއެވެ؟ ނުވަތަ އަހަރެމެންގެ ދަރިން އެފަދަ ޖަރީމާތަކަށް ހުށަހެޅިފައި ވާކަން އެނގޭތޯއެވެ؟ ނޫނީ އިންޓަރނެޓް ގެ ‘ނެޓް’ (ދަލުގައި) ޖެހި ދިރިއުޅުން ބަރުބާދު ވެދާނެތޯއެވެ؟ ޖަވާބަކީ އާއެކެވެ. ވެދާނެއެވެ. ވަށައިގެން ‘ދަލެއް’ ޖަހައިފައި ހުރިކަން ނޭނގޭނަމަ ފަސޭހަކަމާއެކު އެ ދަލުގައި ޖެހިދާނެއެވެ.

‘ސައިބަރ ކްރައިމް’ ނުވަތަ އިންޓަރނެޓްގައި ހިންގާ ޖަރީމާ ތަކުގެ ވާހަކަ ރަނގަޅަށް ދަނެގަންނަމާތޯއެވެ. އާދެ ދިރާސާތަކުން ފެންނަ ނަތީޖާ ތަކުގައިވާ ގޮތުން 1.5 މިލިއަން މީހުން މިފަދަ ޖަރީމާ ތަކުގެ ޝިކާރަޔަކަށް ކޮންމެ ދުވަހަކު ހުށަހެޅިގެން ދެއެވެ. ސޯޝަލް ނެޓްވަރކްތައް ބޭނުންކުރާ ކޮންމެ 10 މީހަކުން އެކަކު ވަގު އެކައުންޓް ތަކާއި ފޭކް އައިޑީ ތަކުގެ މަޅީގައި ޖެހެއެވެ. މިފަދަ މަޅީގައި ކުޑަކުދިންނާއި ބޮޑެތި މީހުންވެސް ޖެހެއެވެ. އަދި ކުންފުނިތަކާއި ވިޔަފާރިތަކާއި ބޭންކުތަކުގެ އިތުރުން ސަރުކާރުގެ މުއައްސަސާ ތައްވެސް މިފަދަ އިންޓަނެޓްގެ އަނދިރިފަރާތުގައި ހިނގާ ޖަރީމާތަކުގެ ޝިކާރައަކަށް ވެފައި އެބަހުއްޓެވެ.

ޚާއްޞަކޮށް މިއަދު އިންޓަރނެޓް ބޭނުންކުރާ ކުޑަކުދިންނާއި ޒުވާނުން ގިނަވަމުން ދިއުމާއެކު ބެލެނިވެރިން  މިކަމަށް ސަމާލުކަން ދޭންޖެހޭކަމާމެދު ޝައްކެއް ނެތެވެ. ފޭސްބުކް ފަދަ ޝޯޝަލް ނެޓްވަރކް ފަދަ ސައިޓުން ތިމާގެ ދަރިފުޅު ވާހަކަ ދައްކަނީ ކޮން އުމުރެއްގެ ކާކުކަން ބެލެނިވެރިން ބަލަން ޖެހޭނެއެވެ. ލޯބީގެ ވާހަކަ ތަކާއި ޝަހުވަތުގެ ވާހަކަތައް ދައްކައި އެތަކެއް ޖަރީމާތަކަކަށް ތިމާ ގެ ދަރިން ހުށަހެޅުމަށް ދޫކޮށްލައިގެން ތިބޭކަށް ނުވާނެއެވެ. ރޭޕް ކުރުމާއި ޖިންސީ ގޯނާތަކަށް ތިމާގެ ދަރިން ދޫކޮށްލައިގެން ތިބެން ހެޔޮނުވާނެވެ. އިންޓަޕޯލް އިން ކުޑަކުދިންނާމެދު ހިންގޭ މިފަދަ ޖަރީމާތަކާ ގުޅޭ ގޮތުން ނެރެފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުން؛ އިންޓަނެޓް މެދުވެރިކޮށް ފާހިޝް ވާހަކަތައް ކުޑަކުދިންނާ ދައްކަމުންދާ ބޮޑެތި މީހުންގެ މަޅީގައި ޖެހި ޖިސްމާނީ އަދި ނަފްސާނީ ބަލިމަޑުކަމަށް ކުއްޖާ ހުށަހެޅި އަމިއްލައަށް މަރުވުން ފަދަ ހިތާމެވެރި ކަންކަން ހިނގާފައިވެއެވެ. އަދި ކުޑަކުދިންނަށް ބަރަހަނާ ފޮޓޯ ފަދަ ތަކެތި އިންޓަރ ނެޓުން ފޮނުވުމާއި އެކުދިންގެ އެފަދަ ފޮޓޯތައް އެކުދިން އަތުން އީމެއިލް ފަދަ ވަސީލަތްތަކުން ހޯދައި އެފަދަ ފޮޓޯތައް ހިމެނޭ ވެބްސައިޓްތަކުގައި ޝާއިއުކޮށް މުޅި ދުނިއެއަށް ފެންނާނެހެން ވެބްސައިޓްތަކުގައި ޢާންމުކުރެއެވެ.

އެހެންކަމުން މިކަމާމެދު އެންމެހާ ބެލެނިވެރިންނާއި އިންޓަރނެޓް ފޯރުވައިދޭ ފަރާތްތަކާއި ސަރުކާރުންވެސް ސަމާލުވެ ހުށިޔާރުވެތިބުން މުހިންމެވެ. މިހާރު ސައިބާ ކެފޭގެ ޒަމާން މާޒީވެ ގޮސް ކޮފީ ބޯ ކެފޭގައި ފޯނުން ނެޓަށް ވަދެ ތިބެ ޗެޓް ކޮށްލާ ކޮފީބޯލާ މަޖާކޮށްލާ ޒަމާން ގުނަމުންދާއިރު ތިމާއާ ތިމާގެ ދަރިންނާއި އާއިލާ ‘އިންޓަރނެޓް ގެ އަނދިރި ފަރާތުގައި’ ހިންގަމުންދާ ޖަރީމާއިން ރައްކާތެރި ވާށެވެ. އެކަމަށް އެޅެން ހުރި ފިޔަވަޅެއް އަޅާށެވެ. ދަރިން ވަންނަ ވެބްސައިޓް ތަކާއި ނެޓުން ވާހަކަ ދައްކާ މީހުންނަކީ ކޮބައިކަން ދަނެގަންނާށެވެ. މިއަދު ވެސް ތިބާގެ ދަރިފުޅުގެ ޢިއްޒަތާ އަބުރަށް އަރައިގަތުމަށް ބަލަބަލާ މީހުން ތިބެދާނެކަން ދަންނާށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!