ޒައިތޫނި ތެލުން ކެންސަރު ޖެހުމުން ދުރުކޮށްދޭ

އޮލިވް އޮއިލް ނުވަތަ ޒައިތޫނި ތެލަކީ ޒައިތޫނި ގަހުގެ މޭވާގައި އެކުލެވޭ އޮއިލީ ފެޓެކެވެ. އޮލީވާ އޫރޯޕިއާ ފެނިފައި ވަނީ މެޑިޓެރޭނިއަން ސަރަހައްދުންނެވެ. ޢިލްމީގޮތުން އިންސާނުން ކުރިއަރާގޮސް ސައިންސާއި ޓެކްނޮލޮޖީގެ އެހީގައި ދިރާސާކޮށް މިއަދު ދެނެގަނެވިފައިވާ އެއް ހަޤީޤަތަކީ ޒައިތޫނިގައި ލައްވާފައިވާ ސިއްހީފައިދާތަކެވެ. ޒައިތޫނި ތެޔޮ އާންމުކޮށް ބޭނުންކުރާ ނަމަ ހިތުގެ ބަލިތަކުންރައްކާތެރިވެވޭ ކަމަށާއި ދުވާލަކު ދެސަމުސާޒައިތޫނި ތެލާ އެކު ދުޅަހެޔޮ ހަށިގަނޑެއް ލިބިގަނެވިދާނެ ކަމަށް މިއަދު ސައެންސްވެރިން ބުނެއެވެ.

ދިރާސާތަކުން ދައްކާގޮތުގައި ޔޫރަޕްގައި މަރުވާ ކޮންމެ ފަސްމީހަކުން އެކަކީ ކެންސަރު ބަލީގައި މަރުވާ މީހެކެވެ. އަދި ހަމައެހެންމެ މެޑިޓެރޭނިއަންގެ ޤައުމުތަކުގައި ކެންސަރު ބަލީގައި މަރުވާ މީހުންގެ އަދަދު ދަށްވެފައިވަނީ އެސަރަހައްދުގެ މީހުންގެ ކެއުމުގައި ހަށިގަނޑަށް ތެލުގެ ބާވަތްތައް އެތެރެވާ އަސާސީ ވަސީލަތަކީ ޒައިތޫނި ތެޔޮ ކަމުގައިވާތީ ކަމުގައިވެސް ދިރާސާތަކުން ދައްކައެވެ.

  • ކެންސަރުން ދިފާޢުކޮށްދިނުމުގައި ޒައިތޫނި ތެލުގެ ދައުރަކީ ކޮބާ؟

މިކަމާއި ގުޅޭގޮތުން ހެދިފައިވާ ދިރާސާތަކުގެ ނަތިޖާތައް ދައްކާގޮތުން ޒައިތޫނި ތެޔޮ ބޭނުންކުރުމުގެ ސަބަބުން ކެންސަރ ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ. އަދި ހާއްސަކޮށް ކެއުމުގައި އާދަވެގެން ޒައިތޫނި ތެޔޮ ބޭނުންކުރާ މީހުންނަށް އުރަމަތީގެ ކެންސަރާއި ބަނޑުގެ ކެންސަރު ޖެހުން ދުރުކަމަށް ދިރާސާތަކުން ދައްކައެވެ. އަރތިރޯސްކްލެރޯސިސް (atherosclerosis) ގެ ދާއިރާއިން ދިރާސާކުރުމުގައި މަޝްހޫރު ޖާރމަނީގެ ޔުނިވަރސިޓީ އޮފް މަންސްޓަރގެ އިންސްޓިޓިއުޓް އޮފް އަރތިރޯސްކްލެރޯސިސް ރިސާރޗްއިން ހާމަކޮށްފައިވާ ގޮތުގައި ޒައިތޫނި ތެޔޮ ބޭނުންކުރުމުގެ ސަބަބުން އުރަމައްޗާއި ބަނޑުގެ ކެންސަރުގެ އިތުރުން ގޮހޮރާއި ރަހިމުގެ ކެންސަރު ޖެހުންވެސް ދުރުކޮށްދެއެވެ.

  • ޒައިތޫނި ތެލާއި އުރަމަތީގެ ކެންސަރ

1995 ވަނަ އަހަރުގެ ނޮވެމްބަރ މަހު އާއްމު ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ގިނަ އަދަދަކަށް ޒައިތޫނި ތެޔޮ ބޭނުން ކުރުމުގެ ސަބަބުން އުރަމަތީގެ ކެންސަރ ޖެހުމުން ދުރުކޮށްދެއެވެ. މިދިރާސާ ކުރުމުގައި އުރަމަތީގެ ކެންސަރު ޖެހިފައިވާ 2564 އަންހެނުން ބައިވެރިކޮށްފައިވެއެވެ.

1998 ވަނަ އަހަރުގެ އޮގަސްޓްމަހު އަރކައިވްސް އޮފް އިންޓަރނަލް މެޑިސިންއިން އާއްމުކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ދުވާލަކު އެއް މޭޒުމަތީ ސަމުސަލުގެ ޒައިތޫނި ތެޔޮ ބޭނުންކުރާ އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުން 45 އިންސައްތަ ދަށްކޮށްދެއެވެ.

މިދިރާސާކުރުމުގައި އުމުރުން 46 އަހަރާއި 70 އަހަރުގެ 60000 އަންހެނުން ބައިވެރިކޮށްފައިވެއެވެ. އަދި ތިން އަހަރުވަންދެން މިމީހުން ކެއުމުގައި ބޭނުންކުރިތަކެތި ދިރާސާކުރުމުން އެނގިގެންދިޔައީ އުރަމަތީގެ ކެންސަރ ޖެހިފައިނުވާ ގިނަ މީހުންނަކީ އެމީހުންގެ ކެއުމުގައި ގިނަ އަދަދަކަށް ޒައިތޫނި ތެޔޮ ބޭނުންކުރާ މީހުން ކަމެވެ. މިދިރާސާ ކުރި ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ޒައިތޫނި ތެލަކީ އުރަމަތީގެ ކެންސަރުން ސަލާމަތްވުމުގެ މުހިއްމު އެއް ވަސީލަތެވެ.

  • ޒައިތޫނި ތެލާއި ރަހިމުގެ ކެންސަރ

ބްރިޓިޝް ކެންސަރ ޖަރނަލްއިން 1996 ވަނަ އަހަރުގެ މެއި މަހު އާއްމުކޮށްފައިވާ ދިރާސާއެއްގެ ނަތީޖާ ދައްކާގޮތުން ޒައިތޫނި ތެޔޮ ގިނައިން ބޭނުންކުރާ އަންހެނުންނަށް ރަހިމުގެ ކެންސަރު ޖެހުން 26 އިންސައްތަ ދަށްކޮށްދެއެވެ. މިދިރާސާގައިވަނި ރަހިމުގެ ކެންސަރު ޖެހިފައިވާ 145 އަންހެނަކާއި ރަހިމުގެ ކެންސަރ ނެތް 289 އަންހެނަކު ބައިވެރި ކޮށްފައެވެ.

  • ޒައިތޫނި ތެލާއި ބަނޑު އަދި ގޮހޮރުގެ ކެންސަރ

ދިރާސާތަކުން ދައްކާގޮތުން ކެއުމުގައި ގިނަ އަދަދަކަށް ތަރުކާރީއާއި މޭވާ އަދި ޒައިތޫނި ތެޔޮ ބޭނުންކުރާ ފަރާތްތައް ގޮހޮރާއި ބަނޑުގެ ކެންސަރު ޖެހުމުން ދުރުކޮށްދެއެވެ.

  • ޒައިތޫނި ތެލާއި ހަމުގެ ކެންސަރ

ޑަރމެޓޮލޮޖީ ޓައިމްސް މަޖައްލާއިން، 2000 ވަނަ އަހަރުގެ އޮގަސްޓްމަހު ޝާއިއު ކޮށްފައިވާ ދިރާސާއެއްގައިވަނީ ފެތުމަށް ފަހުގައްޔާއި އިރުގެ އައްޔަށް ހަންގަނޑު ހުށަހެޅުމުގެ ކުރިން، ހަންގަނޑުގައި ޒައިތޫނި ތެޔޮ އުނގުޅުމުގެ ސަބަބުން ހަމުގެ ކެންސަރުން ދުރުކޮށްދޭ ކަމަށެވެ. އިރުގެ އަލްޓްރާ ވައިލެޓްގެ ދޯދިތަކަށް ގިނައިރު ހަންގަނޑު ހުށަހެޅުމުގެ ސަބަބުން ޖެހޭ ހަމުގެ ކެންސަރަކީ ހުޅަނގުގެ ހަމުގެ ކުލަ އަލި މީހުންގެތެރޭގައި ގިނަ އަދަދަކަށް ޖެހޭ ބައްޔެކެވެ. ސަބަބަކީ އެމިހުންގެ ދިރިއުޅުމުގެ އާދަކާދަ ހުންނަ ގޮތުގެ ސަބަބުންނެވެ. އެމީހުންނަކީ ފެތުމަށް ފަހުގައްޔާއި އެހެނިހެން ވަގުތުތަކުގައިވެސް ގިނައިރުތަކެއްވަންދެން އިރުގެއައްޔަށް ހަންގަނޑު ހުށަހަޅައިން ތިބޭ ބައެކެވެ.

މިދިރާސާކޮށްފައިވަނި ޖަޕާނުގެ ކޯބު ޔުނިވަރސިޓީގައެވެ. މިދިރާސާކުރި ފަރާތްތަކުންވަނީ ހަފްތާއަކު ތިންފަހަރެއްގެ މަތިން މީދަތަކެއް އިރުގެ އަވި ހަންގަނޑަށް އެޅޭ ގޮތަށް ބަހައްޓާފައެވެ. އަދި ފަސްމިނެޓް ފަހުން މިތަނުން އެއްބައި މީދަލުގެ ހަންގަނޑުގައި ޒައިތޫނި ތެޔޮ އުނގުޅާފައިވެއެވެ. 18 ހަފްތާ ފަހުން ނަތީޖާ ދައްކާފައިވަނީ ޒައިތޫނި ތެޔޮ އުނގުޅާފައިނުވާ މީދަލުގެ ހަމުގައި ޓިއުމަރ އުފެދެންފަށާއފައިވާ ކަމަށެވެ.

 

މަސްދަރު: އިސްލާމިކް މެޑިސިން، ޔޫސުފް އަލް ހައްޖު އަހުމަދު، ދާރުއްސަލާމް

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް މުޙިންމު މަޢުލޫމާތު ކޮޅެއް.. ޝުކުރިއްޔާ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!