ފްރާންސްގެ 930 ރައްޔިތަކު އިރާޤު އަދި ސޫރިޔާގައި ޖިހާދުގައި ބައިވެރިވަމުންދޭ: ދާޚިލީ ވަޒީރު

އިރާޤު އަދި ސޫރިޔާގައި ކުރެވެމުންދާ ހަނގުރާމައިގައި ފްރާންސްގެ 930 ރައްޔިތަކު ބައިވެރިވަމުންދާ ކަމަށް ފްރާންސްގެ ދާޚިލީ ކަންކަމާއި ބެހޭ މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ފްރާންސްގެ ހަފްތާ މަޖައްލާއަކުން ދެންނެވި ސުވާލަލަކަށް ޖަވާބުދެއްވަމުން ދާޚިލީ މިނިސްޓަރ އާދިއްތަދުވަހު ވިދާޅުވީ 60 އަންހެނަކު ހިމެނޭގޮތަށް ފްރާންސްގެ 930 ރައްޔިތަކު އިރާޤު އަދި ސޫރިޔާގައި ކުރެވެމުންދާ ހަނގުރާމައިގައި ބައިވެރިވަމުންދާ ކަމަށެވެ. އަދި އެގޮތުން ބައެއް މީހުންނަނީ މިހާރުވެސް މައިދާނުގައި ހަރަކާތްތެރިވަމުންދާ މީހުންކަމަށާއި އަނެއްބައި މީހުންނަކީ ސޫރިޔާ އަދި އިރާޤަށް ދިއުމަށް ތައްޔާރުވަމުންދާ މީހުން ކަމަށެވެ.

ދާޚިލީ މިނިސްޓަރ އިތުރަށް ވިދާޅުވީ އިތުރު 230 މީހަކު ޖިހާދުކުރާ ގްރޫޕްތަކާއި ގުޅެންދިއުމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އިރާޤް އަދި ސޫރިޔާގައި ހަނގުރާމަކުރުމުގެތެރޭ ފްރާންސްގެ 36 ރައްޔިތަކު މަރުވެފައިވާ ކަމަށެވެ.

ދާޚިލީ މިނިސްޓަރ އިތުރަށް ފާހަގަކުރި ގޮތުގައި ޖިހާދަށް ދާކަމުގެ މައުލޫމާތު ލިބިގެން 70 ވަރަކަށް މީހުން ހިފަހައްޓާފައިވާ ކަމަށާއި މިމީހުން ހިފަހައްޓާފައިވަނީ ޖިހާދަށްދާ މީހުންނާއި ގުޅޭގޮތުން ލިބުނު 350 މީހެއްގެ މައުލޫމާތަށް ބިނާކޮށް ކަމަށެވެ.

ފްރާންސްގެ ޤާނޫނުހަދާ މަޖްލިސްއިންވަނީ ދާދިފަހުން ޖިހާދަށް ދިއުން މަނާކުރާ ޤާނޫނެއްވެސް ފާސްކޮށްފައެވެ. މިޤާނޫނު ބުނާގޮތުން ޖިހާދަށް ދާން އުޅޭކަމުގެ ތުހުމަތުގައި ހައްޔަރުކުރެވޭ މީހާ ހަމަސްވަންދެން ޤައުމުން ބޭރަށް ދިއުން މަނާކުރެވެއެވެ. އަދި ވަގުތީ ގޮތުން އެމީހެއްގެ ޕާސްޕޯރޓް ހިފެހެއްޓުމުގެ ބާރު ކަމާބެހޭ އިދާރާތަކަށް ލިބެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!