އުސައިދް ބުނުލްޚުޟައިރް ( ފުރަތަމަ ބައި )

އިސްލާމްދީނުގެ މަތިވެރި ރިސާލަތު ފޯރުކޮށްދިނުމުގެ ގޮތުން މައްކާގެ ޒުވާން ބޭކަލެއްކަމުގައިވާ މުޞްޢަބު ބުން ޢުމައިރު މަދީނާއަށް ވަޑައިގެންނެވިއެވެ. މިއީ އިސްލާމީ ތާރީޚުގައި މިމަތިވެރި ދީނުގެ ދަޢުވަތު ފޯރުކޮށްދިނުމަށްޓަކައި އެންމެ ފުރަތަމަ ކުރެވުނު ދަތުރުވެސްމެއެވެ.

ކޮންމެއަކަސް މުސްޢަބް ބުން ޢުމައިރު މަދީނާއަށް ވަޑައިގެން ހުންނެވީ، ޚަޒްރަޖްވަންހައިގެ ބޮޑު ބޭފުޅެއްކަމުގައިވާ އަސްޢަދް ބުން ޒުރާރާގެ މެހްމާންދާރީގައި އެކަލޭގެފާނުގެ ގެކޮޅުގައެވެ. އެގޮތުން އެގެކޮޅަކީ އެކަލޭގެފާނު އިސްލާމްދީނުގެ މިމަތިވެރި ރިސާލަތު މީސްތަކުންނަށް ގޮވާލެއްވުމުގެ މަރުކަޒު ކަމުގައި ހެއްދެވިއެވެ.

ކޮންމެއަކަސް މުޞްޢަބް ބުން ޢުމައިރް ކިޔަވާވިދާޅުވެދެއްވާ ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ ފުރިހަމަކަމާއި، ޙުއްޖަތުގެ ވަރުގަދަކަމާއި، ހިތްތަކަށް ކުރާ އަޘަރުގެ ބޮޑުކަމުން މަދީނާގެ އެތައް ބަޔަކު އެކަލޭގެފާނުގެ މަޖިލިސްތަކަށް ޙާޟިރުވެ އިސްލާމްވަމުން ދިޔައެވެ. އަދި އޭގެ އިތުރަށް ޚުދު އެކަލޭގެފާނުގެ ބަސްމޮށުންތެރިކަމާއި ފަޞާޙާތްތެރިކަމާއި ރިވެތި އަޚްލާޤުގެ ސަބަބުން އެތައްބަޔަކު ތިބީ މިދަޢުވަތާއިމެދު ވަރަށް ގަޔާވެފައެވެ. އޭގެ ސަބަބުން ހަރުހިތްތައް މަޑުވެގެން ދިޔައެވެ. އެގޮތުން އެތައް ބަޔަކު އިސްލާމްވެގެން ނޫނީ މިފަދަ އެއްވެސް އެއްވުމެއް ނިމިނުދެއެވެ.

މިގޮތުން އެއްދުވަހަކު އަސްޢަދު ބުން ޒުރާރާ، ﷲގެ މަގަށް ގޮވާލެއްވުމަށްޓަކައި ވަޑައިގެން ހުންނެވި އޭނާގެ މެހްމާނާ، މުސްޢަބް ބުން ޢުމައިރްއާއި އެކު ޢަބްދުލް އަޝްހަލްގެ ދަރިފަސްކޮޅުގެ ބަޔަކާއި ބައްދަލުކޮށް އެބައިމީހުންނަށް އިސްލާމްދީނަށް ގޮވާލެއްވުމަށްޓަކައި، އެބައިމީހުންގެ ބުސްތާނަކަށް (ދަނޑަކަށް) ވަޑައިގެންނެވިއެވެ. އަދި އެދަނޑުގެ ކަދުރު ރުއްތަކުގެ ހިޔަލެއްގެ ދަށުގައިވާ ފެންވަޅެއްގެ ކައިރީގައި އިށީނދެވަޑައިގެންނެވިއެވެ. ދެން އެބޭކަލުންގެ ގާތަށް އަލަށް އިސްލާމްވެ ވަޑައިގެން ތިއްބެވި ބައެއް ބޭކަލުންނާއި އަދި އެކަލޭގެފާނު ދައްކާ ވާހަކަތައް އަޑުއަހާލުމުގެ ބޭނުމުގައި އެހެން ބަޔަކު ޖަމާވިއެވެ.

ކޮންމެއަކަސް މުޞްޢަބް ބުން ޢުމައިރު އިސްލާމްދީނުގެ ކަންކަން ބަޔާންކޮށްދެއްވައި އުފާވެރިކަމުގެ ޚަބަރު ދެއްވަމުން ގެންދެވިއެވެ. އެތަނުގައި ތިއްބެވި އެންމެހައި މީސްތަކުންވެސް ނިކަން ހަނުހިމޭންކަމާއިއެކު ވަރަށް ޝައުޤުވެރިކަމާއިއެކު އެވާހަކަތައް އަޑުއައްސަވަން ތިއްބެވިއެވެ.

އެބޭކަލުން އެތަނުގައި ތިއްބަވަނިކޮށް، މަދީނާގެ ބޮޑުންގެ ތެރޭގައި ހިމެނޭ ޝަރަފުވެރި ދެބޭކަލުންކަމުގައިވާ އުސައިދް ބުނުލް ޚުޟައިރް އާއި ސަޢުދު ބުން މުޢާޛްގެ ގާތަށް މީހަކު އައިސް ބުނެފިއެވެ. މައްކާއިން އައިސް އެހެން ދީނަކަށް ގޮވާލަމުންދާ މީހަކު ތިޔަދެބޭކަލުންގެ ގެކައިރީގައި އެދަޢުވަތު ފަތުރަމުން އެބަގެންދެއެވެ. އަދި އެކަމަށް ހިތްވަރުދީ އެހީތެރިވެދެނީ އަސްޢަދް ބުން ޒުރާރާއެވެ.

އެހިނދު ސަޢުދު ބުން މުޢާޛް، އުސައިދް ބުނުލް ޚުޟައިރް އަށް ދެންނެވިއެވެ. “އޭ އުސައިދްއެވެ. އަހަރުމެންގެ ތެރޭގައި ތިބި ބަލިކަށި މީހުން ވާވަައްދާލާ އެމީހުންގެ ދީން ބަދަލުކުރުވައި އަދި އަހަރުމެން އަޅުކަން ކުރާ ކަލާނގެތަކަށް ބަދުބަސް ބުނަމުން އެދާ މީހާ ހުއްޓުވާށެވެ.
އަދި މިއަދަށްފަހު އަހަރުމެންގެ ރަށުގައި އެކަން ކުރުމަށް ހުރެގެން ނުވާނެކަމަށް އޭނާއަށް އިންޒާރު ދޭށެވެ. މިކަންވާން އޮތީ ކަލެޔަށެވެ. އޭނާ ހުރީ އަހަރެންގެ ބޮޑުބޭބެގެ ދަރި، އަސްޢަދް ބުން ޒުރާރާގެ މެހްމާންދާރީއާއި ޙިމާޔަތުގެ ދަށުގައި ނޫންނަމަ ކަލެޔާއި މިކަން ހަވާލުވެސް ނުކުރީމުހެވެ.”

ކޮންމެއަކަސް އުސައިދް އޭނާގެ ކަނޑި ހިފައިގެން އެބަގީޗާއާއި ދިމާލަށް ދިޔައެވެ. އަސްޢަދް ބުން ޒުރާރާއަށް އުސައިދް ފެނުމާއި އެކު މުޞްޢަބް ބުން ޢުމައިރްއަށް ދެންނެވިއެވެ.

ނުނިމޭ . .

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!