ތިބާ ޢުމަރު ބުން ޢަބްދުލްޢަޒީޒް (ރަޙިމަހުﷲ) ދަންނަމުހެއްޔެވެ؟ (ތިންވަނަ ބައި)

ދެވަނަ ބައި ވިދާޅުވުމަށް

އަޚްލާޤީ ސިފަތަކާއި އަޅުކަން

ޢުމަރު ބުން ޢަބްދުލްޢަޒީޒު ބޮޑުފުޅުވަމުން އައި ޞާލިޙު ބޭކަލެއްގެ ގޮތުގައެވެ. އެހެންކަމުންއެކަލޭގެފާނުގެ ޒުވާން ޢުމުރުފުޅާއި އޭގެ ފަހަށްވެސް އެކަލޭގެފާނުގެ އުޅުއްވުން ބިނާވެފައި ވަނީ ރިވެތި އަޚްލާޤާއެކު ﷲއަށް ތަޤުވާވެރި ވުމުގެ އުޞޫލުގެ މައްޗަށެވެ.

އެކަލޭގެފާނުގެ ތަވާޟުޢުވެރިކަމަކީވެސް މީސްތަކުންގެ ތެރޭގައި މަޝްހޫރު ވެފައިވާ ކަމެކެވެ. އެކަލޭގެފާނުގެ ޚިލާފަތުގެ ޒަމާނުގައި އެއްދުވަހަކު މީހަކު އައިސް އެކަލޭގެފާނުގެ މަޖްލީހަށް ވަންނަމުން “އައްސަލާމް ޢަލައިކް ޔާ އަމީރުލް މުއުމިނީން” މިހެން ކިޔައި އެކަލޭގެފާނަށް ސަލާމް ކުރިއެވެ. އެހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. “ކަލޭގެ ސަލާމް ޢާންމު ކުރާށެވެ.” ހަމަ އެހެންމެ އެކަލޭގެފާނު އެކަލޭގެފާނުގެ ސިފައިންނަށް އަންގަވާފައި ވަނީ އެކަލޭގެފާނު އެބައިމީހުންގެ ތެރެއަށް ވެދެވަޑައިގެންކަމުގައި ވިޔަސް ސެލިއުޓް ނުކުރުމަށެވެ. އަދި އެ ޙާލަތުގައި އެބައމީިހުން އިސްވެ އެކަލޭގެފާނަށް ސަލާމް ނުކުރުމަށެވެ. ވިދާޅުވެއެވެ. “ފަހެ ހަމަ ކަށަވަރުން އެ ޙާލަތުގައި ކަލޭމެންނަށް ސަލާމް ކުރަން ޖެހޭނީ އަހަންނެވެ”.

ބަޔާންވެ ދިޔަ ކަންތައްތަކުގެ އިތުރުން އެކަލޭގެފާނަކީ އިތުރުފުޅު ހެއްދެވުމުން ދުރުވެ ވަޑައިގެން ހުންނެވި ބޭކަލެކެވެ. އެކަލޭގެފާނު ވިދާޅުވާ ގޮތުގައި ދޮގު ހެދުމަކީ ބުއްދިވެރީންނާއި އެކަށީގެންވާ ކަމެއް ނޫނެވެ. ހަމަ އެހެންމެ ފާޙިޝް ޢަމަލުތަކާއި ބަސްތަކުން އެއްކިބާވެ ވަޑައިގެން އުޅުއްވިއެވެ. ރިވާވެގެންވާ ގޮތުގައި އެއް ދުވަހަކު އެކަލޭގެފާނު މީސްތަކުންގެ ތެރެއަށް ވަޑައިގެން ސަލާމް ކުރުމަށް ހަނދުމަ ނެތި އިށީނދެ ވަޑައިގެންފިއެވެ. ފަހެ ކުޑަ ހިނދުކޮޅަކުން މިކަން އެކަލޭގެފާނަށް ހަނދުމަފުޅު ވެގެން ތެދުވެވަޑައިގެން އެބައިމީހުންނާއި ވަކިވަކީން ސަލާމްކުރެއްވުމަށްފަހު އިށީނދެ ވަޑައިގެންފިއެވެ.

އެކަލޭގެފާނުގެ ޚިލާފަތުގައި ކޮންމެ ރެއަކު ފިޤުޙުވެރިންނާއި ބައްދަލު ކުރައްވައި، މަރު ހަނދާންކޮށް، ޤިޔާމަތް ދުވަހާއި އާޚިރަތުގެ ކަންތައްތައް ހަނދުމަފުޅުކުރައްވައި ކީރިތި ކުރައްވައި އުޅުއަވާއިރު ހީވަނީ އެބައިމީހުންގެ ތެރޭގައި ޖަނާޒާއެއް ވާހެންނެވެ. އަދި އެކަލޭގެފާނުގެ އަރިސް މީހުންގެ ގޮތުގައި ޞާލިޙުންނާއި ތަޤުވާވެރިން ނޫނީ ނުހިމަނުއްވަވައެވެ. އެބައިމީހުންގެ ނަޞޭޙަތާއި އިރުޝާދު އަބަދުވެސް އަޑު އައްސަވާ އުޅުއްވައެވެ.

އުމަރު ބުން ޢަބްދުލް ޢަޒީޒަކީ އަޅުން މިނިވަން ކުރައްވައި އުޅުއްވި ބޭކަލެކެވެ. ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނުގެ އަޅު ކުއްޖަކު ހިފަހައްޓަވާފައި ބެހެއްޓެވުމަށްފަހު އެ ކުއްޖާއާއި މުޚާޠަބު ކުރައްވައި އެކަލޭގެފާނު ވިދާޅުވިއެވެ. “އެންމެހައި މީސްތަކުން ވަނީ ހެޔޮ ޙާލުގައެވެ. ތިމަން ކަލޭގެފާނާއި ކަލެޔާ މެނުވީއެވެ. ފަހެ ކަލެޔަކީ މިނިވަނެކެވެ. ކަލޭ ބޭނުން ތަނަކަށް ދާށެވެ.” މީހަކަށް ބޮޑު ޢުޤޫބާތެއް ދިނުމުގެ ކުރީން ތިން ދުވަހަށް އެމީހާ ބަންދު ކުރެއްވުމަކީވެސް ޢުމަރު ބުން ޢަބްދުލްޢަޒީޒް ގެންގުޅުއްވި ސިޔާސަތެކެވެ. އެކަލޭގެފާނަކީ ޢިލްމުވެރީންނަށް މާތްކޮށް ހިއްތަވައި، އެބައިމީހުންގެ ޤަދަރު އުފުއްލަވައި، އެބައިމީހުންގެ ބޭނުންތައް ފުއްދަވައިދެއްވި ބޭކަލެކެވެ.

      އެކަލޭގެފާނަކީ އަޅުކަން ކުރެއްވުން ގިނަ ބޭކަލެކެވެ. ކޮންމެ ރަމަޟާން މަހަކު 17 ފަހަރު ޚަތިމް ކުރައްވާ އުޅުއްވިއެވެ. ސަބަބަކީ އެކަލޭގެފާނުގެ މުދައްރިސުން ކަމުގައިވާ އަޞްޙާބުންނާއި ތާބިޢީންގެ ކިބައިން، ޢިލްމަށް ޢަމަލު ކުރެއްވުމުގެ އާދަ ހިއްޕަވާފައި ވާތީއެވެ. އަދި ޢުމަރު ބުން ޢަބްދުލްޢަޒީޒަކީ، ކޮންމެ ހޯމަ ދުވަހަކާއި، ބުރާސްފަތި ދުވަހާއި، ޙައްޖުމަހުގެ ފުރަތަމަ ދިހަ ދުވަހާއި، ޢާޝޫރާ ދުވަހާއި، ޙައްޖު ދުވަހު ރޯދަ ހިއްޕެވި ބޭކަލެކެވެ.

އިބްނު ސަޢުދު ރިވާކުރައްވާ ގޮތުގައި ޢުމަރު ބުން އަބްދުލްޢަޒީޒަކީ މީސްތަކުންގެ ތެރެއިން ރޯދަވީއްލާ ވަގުތުގައި އެކަމަށް އަވަސް ބޭކަލެއްކަމުގައި ވެވަޑައިގެންނެވިއެވެ. ހަމަ އެހެންމެ ހާރު ފަސްކުރެއްވުމަށް އެކަލޭގެފާނު ލޯބި ކުރެއްވިއެވެ. އެކަލޭގެފާނުގެ ނަމާދުގެ ފުރިހަމަކަމާއިމެދު ބައެއް ބޭކަލުން ވިދާޅުވެފައި ވެއެވެ. “ނަމާދުގައި ހުންނަވާ ހަނުހިމޭންކަމާއި، ކިޔަވާ ވިދާޅުވުމާއި، ސަޖިދައިގައި އޮންނެވުމާއި ރުކޫޢު ފުރިހަމަ ކުރެއްވުމާއި މިކަންކަމަށް ބަލާއިރު ޢުމަރުބުން ޢަބްދުލް ޢަޒީޒުގެ ނަމާދުކުރެއްވުން ކީރިތި ރަސޫލާގެ ނަމާދުކުރެއްވުމާއި ވައްތަރުވެއެވެ.” މިހެން އަނަސްބުން މާލިކު ވިދާޅުވިއެވެ. ޢުމަރުބުން އަޒީޒު ދެކެވަޑައި ގަންނަވާ ގޮތުގައި ޙާކިމުންނަށް ހަދިޔާ ދިނުމަކީ ރިޝްވަތު ދިނުމެވެ. ޢުމަރުބުން ޢަބްދުލް ޢަޒީޒުގެ ޒަމާނުގައި މުސްލިމުންގެ ޒިންމާގައި ތިބޭ މީހުންނަށް ރަލާއި މަސްތުވާތަކެތި މުސްލިމުން އުޅޭރަށްރަށަށް ގެނައުން މަނާކުރެއްވިއެވެ. އަދި މީހެއްގެ އަތުން އެފަދަ އެއްޗެއް ފެނިއްޖެނަމަ އެތަކެތި ނައްތަވާލެއްވިއެވެ. ޢުމަރުބުން ޢަބްދުލް ޢަޒީޒުގެ ޚާދިމުންގެ ކިބައިން ރިވާވެގެންވާ ގޮތުގައި އެކަލޭގެފާނު ޚަލީފާކަމަށް އިސްކުރެވުނުފަހުން އަވަހާރަވެއްޖެއުމަށް ދާންދެން ބަނޑުފުޅުބޮޑުވަންދެން ފަރިއްނުކުޅުއްވައެވެ. ހަމައެހެންމެ އެކަލޭގެފާނު ދުވާލެއްގެމައްޗަށް ދެދިރުހަމުގެ މިންވަރުން ޚަރަދުތައް ހަމަޖައްސަވާކަމަށް ޢަމްރުބުން މުހާޖިރުގެ ކިބައިން ރިވާވެގެންވެއެވެ.

ބުނެވޭގޮތުގައި އެއްދުވަހަކު ޚަޒާނާއިން މީރުވަސްދުވާ ގޮމަކަސްތޫރިއެއް ނެރެވުނެވެ. އަދި މިގޮމަކަސްތޫރި ޢުމަރުބުން ޢަބްދުލް ޢަޒީޒުގެ އަރިހަށް ގެނެވުނު ހިނދު އެކަލޭގެފާނުގެ ނޭފަތްޕުޅުގައި ހިފަހައްޓަވާ އޭގެވަސް އެކަލޭގެފާނަށް ނުދުވާނެގޮތް ހެއްދެވިއެވެ. ފެހެ އެހިނދު އެކަލޭގެފާނުގެ އެކުވެރިންގެ ތެރެއިން ބޭކަލަކު ވިދާޅުވިއެވެ. އޭ މުއުމިނުންގެ ޢަމީރެވެ. “މީރުވަސްދުވުމުން ކަލޭގެފާނަށް އުނދަގޫފުޅުވެ ގެއްލުންވާގޮތް ވެވަޑައިގަންނަވާތޯއެވެ.” ފަހެ އެހިނދު ޢުމަރުބުން ޢަބްދުލް ޢަޒީޒު ވިދާޅުވިއެވެ. “އޭގެ މީރުވަސް ފިޔަވައި އެއިންލިބޭ ފައިދާއެއް ވޭހެއްޔެވެ؟” އެތަނުން އެގޮމާކަސްތޫރި ގެންދެވެންދެން އެކަލޭގެފާނުގެ ނޭފަތްޕުޅުގައި ހިފަހައްޓަވައިގެން ހުންނެވިއެވެ.

ފުޠޫޙާތު

ޢުމަރުބުން ޢަބްދުލް ޢަޒީޒު ޚަލީފާކަމަށް އިސްވެވަޑައިގެންނެވުމާއި އެކު މަސްލަމަޢުބުން ޢަބްދުލް މަލިކުގެ ވެރިކަމުގެ ދަށުގައި ޤުޞްޠަންޠީނިޔާ ޙިޞާރުކޮށްގެން ތިބި އިސްލާމީ ލަޝްކަރަށް މަދަދާއި ކާބޯތަކެތި ފޮނުއްވިއެވެ. ދެން އެއަށްފަހު ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަސަލަމާއަށް އެންގެވީ އެ ޙިޞާރު ރޫޅާލެއްވުމަށްފަހު އެނބުރި ވަޑައިގެންނެވުމަށެވެ.

ހަމައެހެންމެ އެދުވަސްތަކުގެ ތެރޭގައި ތުރުކީން އަޒަރުބައިޖާނަށް ހަމަލާދީ އެތާންގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން ބައެއް ޤަތުލްކޮށް ހެދުމަށްފަހު އެމީހުންގެ އަތުން އެތަން ނިގުޅައިގެންފިއެވެ. އެހެންކަމުން އެބައިމީހުންނާއި ޙަމަލާދެއްވުމަށް ޢުމަރުބުން ޢަބްދުލް ޢަޒީޒު ފޮނުއްވެވީ ޙާތިމް ބުނު ނުޢުމާނުލް ބާހިލީއެވެ. އެކަލޭގެފާނުގެ އަތްޕުޅުން ތުރުކީން ބަލިވެ ވަރަށްގިނަ ބަޔަކު ޤަތުލްވެގެން ދިޔައެވެ. މިބައިމީހުންގެ ތެރެއިން ފަންސާހަކަށް މީހުން އަސީރު ކުރެވުނެވެ.

ކޮންމެއަކަސް ޢުމަރުބުން ޢަބްދުލް ޢަޒީޒުގެ ޚަލިފާކަމުގެ މުއްދަތަކީ ކުރުމުއްދަތަކަށް ވުމުން އިސްލާމީ ފުޠޫޙާތު އިތުރަށް ފުޅާވާނެ ފުރުސަތެއް ނުލިބުނެވެ. އެކަލޭގެފާނުގެ ޚިލާފަތުގެ މުއްދަތު ދިގުނަމަ ފުޠޫޙާތު ފުޅާވާނެކަން ޔަޤީނެވެ. އެހެނީ އޭރު އިސްލާމީ ދަޢުލަތުގެ ތެރޭގައި ދާޚިލީ އެއްވެސް ހަމަނުޖެހުމެއް އަދި ފިތުނަ ފަސާދައެއް ނުވެއެވެ.

ޚަވާރިޖުން

ޢަބްދުލް މަލިކުގެ ދަރިންގެ ތެރެއިން ވަލީދާއި ސުލައިމާނުގެ ވެރިކަމުގައި ޚަވާރިޖުން ހަމަހިމޭން ކަމުގައި ތިބުމަށްފަހު ޢުމަރުބުން ޢަބްދުލް ޢަޒީޒުގެ ވެރިކަމުގައި އެބައިމީހުން ޢިރާޤުގެ ތެރޭގައި ފާޅުވާން ފަށައިފިއެވެ. މިކަމާގުޅިގެން އެތާނގެ ގަވަރުނަރު ޢަބްދުލް ޙަމީދުބިން ޢަބްދުއް ރަޙްމާން ބިން ޒައިދު ބުނު ޚައްތާބަށް ފަތްކޮޅެއް ލިޔުއްވާ އަމުރުކުރެއްވީ އެބައިމީހުންނަށް ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތައް އެނބުރި އައުމަށް ގޮވާލެއްވުމަށެވެ. މިއަމުރާއި އެއްގޮތަށް ޢިރާޤުގެ ގަވަރުނަރު ގޮވާލިގޮވާލުމަށް އެބައިމީހުން ބީރު ކަންފަތެއް ދިނުމުން އެކަލޭގެފާނު ލަޝްކަރެއް ތައްޔާރުކުރައްވައި ޚަވާރިޖުންނާއި ޙަމަލާދެއްވިއެވެ. ނަމަވެސް އެ ޙަމަލާގައި ޢަބްދުލް ޙަމީދުގެ ލަޝްކަރު ޚަވާރިޖުންގެ އަތުން ބަލިވިއެވެ. މިކަމާއި ގުޅިގެން ޚަލީފާއަށް މަޖުބޫރު ވެވަޑައިގަތީ އެބައިމީހުންނާއި ހަނގުރާމަ ކުރެއްވުމަށް މަސްލަމާބިން ޢަބްދުލް މަލިކުގެ ވެރިކަމުގެ ދަށުގައި ޝާމްކަރައިގެ އަހުލުވެރިންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ފޮނުވާށެވެ. އެލަޝްކަރު ޚަވާރިޖުންނާއި ހަނގުރާމަކޮށް ކާމިޔާބު ހޯއްދެވިއެވެ.

އަވަހާރަވުން

ޢުމަރުބުން ޢަބްދުލް ޢަޒީޒު އަވަހާރަވީ ހިޖުރައިން 101 ވަނަ އަހަރުގެ ރަޖަބުމަހުގެ 25 ވަނަ ދުވަހު ދައިރުއްސަމްޢާން އޭ ކިޔުނު ރަށުގައެވެ. އެކަލޭގެފާނުގެ ޚަލީފާކަމުގެ މުއްދަތަކީ 2 އަހަރާއި 5 މަހާއި ދުވަސްކޮޅެކެވެ. ބުނެވޭގޮތުގައި ޢުމަރުބުން ޢަބްދުލް ޢަޒީޒު އަވަހާރަވީ މީހަކު އެކަލޭގެފާނަށް އެރުއްވި ވިހަ ފަރިއްކޮޅެއްގެ ސަބަބުންނެވެ. އަދި މިވިހަ ފަރިއްކޮޅު އެކަލޭގެފާނަށް އެރުއްވީ، 1000 ދީނާރަށް ދަހިވެތިވެފައި ހުރި އެކަލޭގެފާނުގެ ޚާދިމެކެވެ. އެކަލޭގެފާނަށްފަހު ޚަލީފަކަމަށް އިސްކުރެވުނީ ޔަޒީދުބުން ޢަބްދުލް މަލިކެވެ. އޭރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ ގާތްގަނޑަކަށް 39 އަހަރެވެ.

އަޅުގަނޑުމެންގެ ވެރިންނަކީ މިފަދަ ބަޔަކަށް ވާނެނަމަ ކޮންފަދަ ހެއްޔެވެ؟  ﷲ ތަޢާލާ އެކަލޭގެފާނަށް ހެޔޮ ރަހްމަތް ލައްވާށިއެވެ!

ނިމުނީ

ރިފަރެންްސް – އިސްލާމީ ތާރީޚް – އިބްރާހިމް އަޙްމަދު

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Midhivehi fasgandun fenigen gosfaivey 1000 dhiruhamah dhahivethi vefaivaa hadhimufadha haadhimunthakeh 07 February 2012 gai

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!