ތިބާ ޢުމަރު ބިން ޢަބްދުލް ޢަޒީޒް (ރަޙިމަހުﷲ) ދަންނަމުހެއްޔެވެ؟ (ދެވަނަ ބައި)

ފުރަތަމަ ބައި ވިދާޅުވުމަށް

އަނބިއަނބި ކަނބަލުންނާއި ދަރިދަރިކަނބަލުން

      ޢުމަރު ބުން ޢަބްދުލްޢަޒީޒުގެ އެންމެ ފާހަގަކޮށްލެވޭ އަނބިކަނބަލަކީ ފާޠިމަތު ބުން ޢަބްދުލްމަލިކެވެ. މީގެ އިތުރުން ލުމައިސް ބިންތު ޢަލިއްޔު ބުނުލް ޙާރިޘާއި، އުންމު ޢުޘްމާން ބުން ޝުޢައިބު ބުން ޒިއްބާން އަދި އުންމު ވަލަދަކާއި ކައިވެނި ބައްލަވައިގަތެވެ. މި ހަތަރު އަނބުކަނބަލުންގެ ފަރާތްޕުޅުން 20 ދަރިކަކުކަނބަލުން ލިބިވަޑައިގެންނެވިއެވެ. އޭގެތެރޭގައި ހިމެނެނީ 17 ފިރިހެން ދަރިކަލުންނާއި 3 އަންހެން ދަރިކަނބަލުންނެވެ.

މުދައްރިސުންނާއި ގާތް ބޭކަލުން

      ބައެއް ތާރީޚީ ފަތްފުއްތަކުން އެނގޭގަތުގައި ޢުމަރު ބުން ޢަބްދުލްޢަޒީޒުގެ ޝުޔޫޚުންގެ ޢަދަދަކީ 33 އެވެ. އޭގެތެރެއިން 8 ބޭކަލުންނަކީ ޞަޙާބީ ބޭކަލުންނެވެ. އަނެއް 25 ބޭކަލުންނަކި ތާބިޢީ ބޭކަލުންނެވެ. ޞަޙާބީ ބޭކަލުންނަކީ: އަނަސް ބުން މާލިކް، ޢަބްދުﷲ ބުން ޢުމަރު ބުނުލް ޚައްޠާބު، ޢަބްދުﷲ ބުން ޖަޢުފަރު ބުން އަބީ ޠާލިބް، ޢުމަރު ބުން އަބީ ސަލަމަތުލް މަޚްޒޫމީ، އައްސާއިބު ބުން ޔަޒިދު، ޔޫސުފް ބުން ޢަބްދުﷲ ބުން ސަލާމް، އަދި ޢުބައިދު ބުން ޢަބްދުﷲ ބުން ޢަތަބަތު ބުން މަސްޢޫދެވެ.

ޚަލީފާކަމަށް އިސްކުރުން

ޢުމަރު ބުން ޢަބްދުލްޢަޒީޒު ޚަލީފާކަމަށް އިސްކުރެވުނީ ހިޖުރައިން 99 ވަނަ އަހަރުގެ ޞަފަރު މަހުގެ 10 ވަނައަށްވީ ހުކުރުދުވަހު ސުލައިމާން ބުން ޢަބްދުލްމަލިކު އަވަހާރަވުމާއި ގުޅިގެންނެވެ.ސުލައިމާނު ބުން ޢަބްދުލް މަލިކުގެ ވަޞިއްޔަތުގެ މައްޗަށް ޚަލީފާކަމަށް އިސްކުރެއްވި ނަމަވެސް، އަލުން ބައިޢަތު ހިއްޕެވިއެވެ.

ޢުމަރު ބުން ޢަބްދުލް ޢަޒީޒުގެ ޙަޔާތްޕުޅު ޚަލީފާކަމާއި ގުޅިގެން ދެ ބަޔަކަށް ބަހާލެވެއެވެ. ޚަލީފާކަމުގެ ކުރިގެ ޙަޔާތްޕުޅަކީ ވަރަށް މުއްސަނދި ދިރިއުޅުއްވުމެއް އުޅުއްވި ޙަޔާތްޕުޅެކެވެ. އެހެންނަމަވެސް ޚަލީފާކަން ލިބިވަޑައިގެންނެވުމާއެކު ދިރިއުޅުއްވުން ބަދަލުވެގެން ދިޔައީ މަސައްކަތްތެރިކަމުގެ މައިދާނަކަށެވެ. ބުނެވޭ ގޮތުގައި ޚިލާފަތަށް އިސްވެވަޑައިގަތުމުގެ ކުރިން އަހަރަކު 40 ހާސް ދީނާރު ލިބިވަޑައިގަންނަވައެވެ. ޚަލީފާކަން ލިބިވަޑައިގެންނެވުމާއެކު އަމިއްލަ ނަފްސު އިހުނަށްވުރެ މާ ފުރިހަމަޔަށް ހިސާބު ކުރައްވާ ބޭކަލަކު ކަމުގައި ވެވަޑައިގެންނެވިއެވެ.

ސުލައިމާން ބުން ޢަބްދުލްމަލިކު ފަސްދާނުވެޑުވުމަށްފަހު ވަޑައިގެންނެވީ ޚަލީފާގެ ސަވާރީގައެވެ. އެހެންނަމަވެސް ހަމަ އެ ދުވަހު އެ ސަވާރީ ވިއަކަވާލައްވާފައި، އެއަށް ލިބިވަޑައިގެން ފައިސާ ބައިތުލްމާލަށް ލެއްވިއެވެ. އަދި ދަރުބާރުގައި ބޭނުން ކުރައްވަމުން ވަޑައިގެންނެވި ސާލުކޮޅުތަކާއި ދޫލަކޮޅުތައްފަދަ ތަކެތިވެސް ވިއްކަވާލެއްވަމަށްފަހު ލިބި ވަޑއިގެންނެވި އެއްޗެއް ބައިތުލްމާލަށް ލެއްވެވިއެވެ. އަދި ކުރިން ބޭނުންކުރެއްވި ފޭރާންކޮޅުތައްވެސް އާދައިގެ ފޭރާންކޮޅަށް ބަދަލު ކުރެއްވިއެވެ. އަދި މީރު ރަހަލާ ކާބޯތަކެތި ފަރީއްކުޅުވުން ހުއްތަވާލެއްވުމަށްފަހު ދެރަ ނިކަމެތީންގެ ކާނާ ފަރިއްކޮޅެއްގެ ގޮތުގައި ޚިޔާރުކުރެއްވިއެވެ. ހަމަ އެހެންމެ ޚާދިމުން ގެންގުޅުއްވުމުގެ ބަދަލުގައި އަމިއަލައަށް މަސައްކަތްޕުޅު ކޮށްގެން އުޅުއްވިއެވެ.

ހަމަ އެހެންމެ ޢުމަރު ބުން ޢަބްދުލްޢަޒީޒްގެ ވެރިކަމުގެ ދުވަސްވަރުގައި އިޢުލާން ވެގެން ދިޔަ އަނެއް ކަމަކީ، މީސްތަކުންގެ އަތުން އަތުލައިގަނެވިފައިވާ ބިންތައް އޭގެ ހައްޤުވެރީންނަށް ރައްދު ކުރުމާއި، އެފަދަ ޙައްޤުވެރިއެއް ނެތްނަމަ އެ ބިމެއް ބައިތުލްމާލަށް ލެއްވުމެވެ. ހަމަ އެހެންމެ އަނިޔާވެރި ވާލީން ވެރިކަމުން ދުރުކުރައްވައި އެމީހުންގެ ބަދަލުގައި އައު ބޭފުޅުން ޢައްޔަން ކުރެއްވިއެވެ. މިގޮތުން އުސާމާ ބުން ޒައިދުއްތޫޚީ މިޞްރުގެ ޞަދަޤާތުގެ ބައިން ވަކި ކުރެވުނެވެ. ސަބަބަކީ އޭނާގެ ފުށުން މީސްތަކުންނަށް ކުރިމަތިވަމުން ދިޔަ ގިނަގުނަ އަނިޔާތަކެވެ. ހަމަ އެހެންމެ އިފްރީޤިޔާ ގެ ވާލީ ކަމުން ޔަޒިދު ބުން އަބީ މުސްލިމް ވަކި ކުރެއްވުމާއި، ޢިރާޤުހެ ވާލީ ކަމުން ޞާލިޙް ބުން ޢަބްދުއްރަހްމާން ވަކި ކުރެއްވުމާއި، އަންދަލުސްގެ ވެރިކަމުން އަލް ހާރިޘް ބުން ޢަބްދުއްރަހްމާން އަލް ޘަޤަފީ ވަކި ކުރެއްވުން ހިމެނެއެވެ.

ހަމަ އެހެންމެ އެދުވަސްވަރު ހުއްޓަވާލި ކަންތައްތަކުގެ ތެރޭގައި، މުސްލިމިންނާއި ޣައިރު މުސްލިމުންނާއި ދެމެދު، ނުވަތަ މުސްލިމުންނާއި މުސްލިމުންނާއި ދެމެދު ހިނގަމުން ދިޔަ ހަނގުރާމަތައް ފާހަގަ ކުރެވެއެވެ. އަދި މިކަން ބަދަލުކުރެއްވީ މުސްލިމުން ޣައިރު މުސްލިމުންނަށް ދިނަށް ގޮވާލުމުގައި ޙިކްމަތާއި، ރިވެތި ގޮތުން ވަޢުޡާއި ނަޞޭޙަތް ދިނުމުގެ ތެރެއިން އެމީހުން އިސްލާމް ކުރުވުމަށެވެ. ހަމަ އެހެންމެ ޚަވާރިޖުން ފަދަ ދެކޮޅުވެރީންނާއި ވާހަކަ ދައްކަވައި، އެމީހުންނަށް ވިސްނައި ދިނުމުގެ މައްޗަށެވެ. މި ދެގޮތުގައިވެސް ޢުމަރު ބުން ޢަބްދުލްޢަޒީޒް ކާމިޔާބު ކުރެއްވިއެވެ. އެހެންކަމުން އެކަލޭގެފާނު ވެރިކަމުގެ ތެރޭގައި، އިންޑިޔާގެ ގިނަ ބަޔަކާއި އެމީހުންގެ ބައެއް ރަސްރަސްކަލުން އިސްލާމް ވިއެވެ. ހަމަ އެހެންމެ ކުރިން އިސްލާމް ނުވެ ތިބި މިޞްރުގެ ބައެއް މީހުންނާއި، ސޫރިޔާގެ ބައެއް މީހުންނާއި، ފާރިސީންގެ ބައެއް މީހުން އިސްލާމްވުންވެސް ފާހަގަ ކުރެވެއެވެ.

ޢުމަރު ބުން ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި ނަޞާރާއިންގެ އަތުން ނަގަމުން ދިޔަ ޖިޒުޔަ ލުއިކޮށްދެއްވެވިއެވެ. އަދި އެބައިމިހުންގެ ތެރެއިން އިސްލާމްވާ މީހުންގެ އަތުން ޖިޒްޔަ ނުނެންގެވުމާއި، މިކަމުގެ ސަބަބުންވެސް އިސްލާމްވާ މީހުންގެ ޢަދަދު ގިނަވުން ފާހަގަ ކުރެވެއެވެ.

ޢަރަބި ނޫން މިހުންނަކީ އިސްލާމީ ޝަރީޢަތުގައި އައިސްފައިވާފަދަ ހަމަހަމަ ބައެއްކަމުގައި ހަމަޖެއްސެވިއެވެ. ޢުމަރު ބުން ޢަބްދުލްޢަޒީޒުގެ ވެރިކަމުގައި އިސްލާމީ ރިސާލަތު ފެތުރުމުގައި ދީނަށް ގޮވާލާނެ ގޮތެއް ހަމަޖެހިގެން ދިޔައެވެ. އަދި މީސްތަކުންކުރެ ކޮންމެ މީހަކުވެސް އެމީހަކު ދާން ބޭނުންވާ ތަނަކަށް ދިއުމުގެ މިނިވަންކަން ދެއްވިއެވެ. އަދި ރާބުއިމާއި، ޒިނޭ ކުރުމުގެ އާދަތައް މަނާކުރުމާއެކު، މިނެކިރުމުގެ ކަންތައްވެސް ވަކި އިޞޫލެއްގެ މަތިން ހަމަޖެއްސެވިއެވެ.

ޢުމަރު ބުން ޢަބްދުލްޢަޒީޒުގެ ވަރިކަމުގެ ދަށުގައި ދަނޑުބިންތައް އިޞްލާޙު ކުރެވި، ސާފުކުރެވުނުކަން ފާހަގަ ކުރެވެއެވެ. ހަމަ އެހެންމެ އެކަލޭގެފާނީ ފަޤީރުންނަށް ވަރަށް ބޮޑަށް އެހީތެރިވެ ވަޑައިގެން އުޅުއްވި ބޭކަލެކެވެ.

އިތުރު މަޢުލޫމާތު ކުރިޔަށް ހުރި ބައިތަކުގައި ގެނެސްދެވޭނެއެވެ. އިންޝާﷲ!

ރިފަރެންސް – އިސްލާމީ ތާރީޚް – އިބްރާހިމް އަޙްމަދު

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!