ތިބާ ޢުމަރު ބިން ޢަބްދުލް ޢަޒީޒް (ރަޙިމަހުﷲ) ދަންނަމުހެއްޔެވެ؟

އިންސާނާ ނެތުމުގެ ތެރެއިން އުފައްދަވައި، އޭނާގެ ދިރިއުޅުން ވޭތިކުރާނޭ އެންމެހައި މަގުތައް ކޮށްޓަވައިދެއްވި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ކުރަމެވެ. އެކަލާނގެއީ، އެކަލާނގެޔަށާއި އެކަލާނގެ ރަސޫލާއަށާއި، ވެރީންނަށް ކިޔަމަންވުމަށް އަމުރުކުރެއްވި މަތިވެރި އިލާހެވެ. ހަމަ ކަށަވަރުން ވެރިންގެ ތެރެއިން އެންމެ ހެޔޮލަފާ، އެންމެ ޢަދުލުވެރި ވެރިޔަކީ މި އުންމަތުގެ ނަބިއްޔާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ، އެކަލޭގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި އަޞްޙާބުންނަށް ޞަލަވާތާއި ސަލާމް ލައްވާށިއެވެ! އާމީން!

             ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށްފަހު މި ބިންމަތީގައި ވެރިކަންކުރެއްވި އެންމެ ޢަދުލުވެރި ވެރިންނަކި ޚުލަފާއުއް ރާޝިދޫންއެވެ. އެއަށްފަހު ތަފާތު ޚިލާފާތްތަކެއްގެ މަތީގައި އުންމަތުގެ ވެރިކަން ދެމި އޮތެވެ. އެއިން އެންމެ ފުރަތަމަ، އަދި އެންމެ ބޮޑު ސަރަޙައްދެއްގައި ވެރިކަންކުރި ޚިލާފާތަކި އުމަވީ ޚިލާފަތެވެ.

ކޮންމެޔަކަސް އަޅުގަނޑު މި ސިލްސިލާގައި އަލި އަޅުވާލަން މަސައްކަތްކުރާނީ މުޅި އުމަވީ ދަޢުލަތުގެ މައްޗަކަށް ނޫނެވެ. އެހެނެއްކަމަކު އެ ވަރިކަން ދުށް އެންމެ ޢަދުލުވެރި އެއް ޝަޚްޞިއްޔަތުގެ މައްޗަށެވެ. އާދޭހެވެ. އެއީ ޢުމަރު ބިން ޢަބްދުލްޢަޒީޒެވެ.

ނަސަބުފުޅު

ޢުމަރު ބުން ޢަބްދުލް ޢަޒީޒަކީ އަބޫ ޙަފުޞް ޢުމަރު ބުން ޢަބްދުލް ޢަޒީޒު ބުން މަރުވާނެވެ.އެކަލޭގެފާނުގެ މަންމާފުޅަކީ ޢުމަރު ބުނުލް ޚައްތާބު ރަޟިޔައްﷲ ޢަންހުގެ ދަރިކަލުން ޢާޞިމްގެ ދަރިކަނބަލުން ލައިލާ އުއްމު ޢާޞިމެވެ.އެކަލޭގެފާނުގެ ލަޤަބަކީ “އަލް އަޝައްޖު” އެވެ.މިލަޤަބު އެކަލޭގެފާނަށް ދެވުނީ ދެވުނީ ތުއްޕުޅުއިރުގައި ސަވާރީ އަކަށް އަރުއްވައިގެން އުޅުއްވަނިކޮށް ވެއްޓިވަޑައިގެން އިސްތަށިފުޅު ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ.

އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މަދީނަތުލް މުނައްވަރާގައި ޔަޒީދު ބުން މުޢާވިޔަތުގެ ވެރިކަމުގެ ދުވަސްވަރެވެ.އެއީ ހިޖްރައިން 61 ނުވަތަ 63 ވަނަ އަހަރުއެވެ.އަދިވެސް އެހެން ރިވާޔަތެއްގައިވެއެވެ. “ޢުމަރު ބުން ޢަބްދުލް ޢަޒީޒް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މިޞްރުގެ މަދީނަތު ޙަލަވާނުގައި އެކަލޭގެފާނުގެ ބައްޕާފުޅުގެ ދުވަސްވަރުގައެވެ.”

ބޮޑުފުޅުވުން

ޢުމަރު ބުނު ޢަބްދުލް ޢަޒީޒުގެ ތުއްޕުޅު ދުވަސްވަރުގައި ކީރިތި ޤުރުއާން ހިތުދަސް ކުރެއްވިއެވެ. އެއަށްފަހު، އެކަލޭގެފާނުގެ ބައްޕާފުޅު ޢަބްދުލް ޢަޒީޒު، އެކަލޭގެފާނުގެ ދަރިކަލުންނަށް ކިޔަވައިވިދާޅުވެދެއްވީ މަދީނާގެ ޢިލްމުވެރީންގެ އަރިހުންނެވެ. މިގޮތުން އެކަލޭގެފާނުގެ މަންމާފުޅުގެ ބޮޑުބޭބެއިންކަމުގައިވާ ޢަބްދުﷲ ބިން ޢުމަރުގެ އަރިހުން ތަޢުލީމާއި ތަރުބިއްޔަތު ލިބިވަޑައިގަތެވެ. މަދީނާގެ ޢިލްމުވެރިންގެ އަރިއަހުން ފިޤްޙު ޢިލްމާއި ޙަދީޘްގެ ޢިލްމު އުނގެނި ވަޑައިގެންނެވުމުގެ އިތުރަށް އަދަބާއި ޅެންވެރިކަމުގެ ޢިލްމުވެސް އުނގެނިވަޑައިގެންނެވިއެވެ. އެހެންކަމުން ޢިލްމުވެރިކަމުގައި ފުންނާބު އުސް ބޭކަލެއްކަމުގައި ވެވަޑައިގަތެވެ. ބުނެވޭގޮތުގައި އެދުވަސްވަރުގެ ޢލްމުވެރިންނަކީ ޢުމަރުބިން ޢަބްދުލްޢަޒީޒުގެ ދަރިވަރުންފަދަ ބައެކެވެ. ނުވަތަ މައިމޫރު ބުނު މެހްރާންގެ ރިވާޔަތުންނަމަ “ޢުމަރު ބުން ޢަބްދުލް ޢަޒީޒަކީ ޢިލްމުވެރިންގެ ޢިލްމުވެރިޔާއެވެ.”

     އެކަލޭގެފާނު ޢަބްދުﷲ ބިން ޢުމަރުގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތުމުގެ އިތުރަށް ޞާލިޙް ބިން ކީސާނުގެ އަރިއަހަށް ވަޑައިގެން ތަޢުލީމު ޙާޞިލުކުރެއްވިއެވެ.އެކަލޭގެފާނު ޢުމަރު ބުން ޢަބްދުލްޢަޒީޒަށް މިސްކިތުގައި ނަމާދުކުރުން އަދާކުރެއްވިއެވެ. ހަމަ އެހެންމެ ޢުމަރުބުން ޢަބްދުލް ޢަަޒީޒުގެ އެދުރުންގެ ތެރޭގައި ޢުބައިދުﷲ ބިން ޢަބްދުﷲ ބިން ޢަލަބަތު ބުން މަސްޢޫދު ހިމެނި ވަޑައިގެންނެވިއެވެ. ވަރަށް ގިނައިން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އެއްޗެތި އޮޅުންފިލުއްވާ އުޅުއްވައެވެ. މަދިނާގައި ހުންނެވި ދިގު މުއްދަތުގައި ތާބީޢި ބޭކަލެއްކަމުގައިވާ ސަޢީދު ބުނުލް މުޞައްޔިބުގެ އަރިހުންވެސް ތަޢުލީމް ޙާޞިލް ކުއެއްވިއެވެ. އެހެންކަމުން އެކަލޭގެފާނުގެ ޝަޚްޞިއްޔަތަށް މި ބޭބޭކަލުންގެ އަސަރުތައް ފޯރުމުގެ ނަތީޖާއަކީ ތަޤްވާވެރިކަމާއި ވަރަޢަވެރިކަމުގެ ތެރެއަށް އެކަލޭގެފާނުވެސް ވެދެވަޑައިގެންނެވުމެވެ.

ޚަލީފާކަން ލިބިވަޑައިގަތުމުގެ ކުރި

  ޢުމަރު ބުން ޢަބްދުލްޢަޒީޒުގެ ޒުވާން ޢުމުރުފުޅު ހޭދަކުރެއްވީ މަދީނާގައެވެ. މިގޮތުގައި ހުންނަވަނިކޮށް ހިޖުރައިން 85 ވަނަ އަހަރު ބައްޕާފުޅު އަވަހާރަވިއެވެ. އެހިނދު ބޮޑުބޭބޭފުޅު ޢަބްދުލް މަލިކު ބުން މަރުވާން ގެ އަރިހަށް ގެންދަވައި، އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމާ ބިންތު ޢަބްދުލްމަލިކާއި ކައިވެނި ކޮށްދެއްވިއެވެ. އަދި ދިމިޝްޤުގައި ގަނޑުވަރުތެރޭގައި ގެންގުޅުއްވިއެވެ. މިގޮތުގައި ވަލިދު ބުން ޢަބްދުލްމަލިކުގެ ވެރިކަމާއި ހަމަޔަށް ދިމިޝްޤުގައި ހުންނެވިއެވެ. އެއަށްފަހު ހިޖުރައިން 86 ވަނަ އަހަރު ޙިޖާޒުކަރައިގެ ވާލީކަން ދެއްވަވާފައި މަދީނާއަށް ފޮނުއްވިއެވެ. އެތާގައި 7 އަހަރު ވާންދެން ހުންނެވިއެވެ. އަދި އެކަލޭގެފާނު މީސްތަކުންނާއި މުޢާމަލާތުކޮށް އުޅުއްވުމުގައި ރިވެތި ގޮތްތައް ޚިޔާރުކުރެއްވިއެވެ. އަދި އެ ގޮތްތަކަކީ ތަޤުވާވެރިކަމާއި ވަރަޢަވެރިކަމުގެ ނަމޫނާއެއްކަމުގައި ބަލަންޖެހޭފަދަ ރިވެތި ގޮތްކޮޅެއްކަމުގައި ވިއެވެ. އެކަލޭގެފާނު މައްކާއާއި މަދީނާގެ ވެރިކަމުގައި ހުންނަވަނިކޮށް އެކަމުން ވަކިކުރެއްވީ ޙައްޖާޖު ބިން ޔޫސުފްގެ އެދިވަޑައިގެންނެވުމުގެ މަތިން ހިޖުރައިން 93 ވަނަ އަހަރުގައެވެ. އެހެންނަމަވެސް މިކަމުގެ ސަބަބުން ވަލީދުގެ އަރިހުގައި ޢުމަރު ބުން ޢަބްދުލްޢަޒީޒަށް ދެވިފައިވާ ދަރަޖައަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

 ޢުމަރު ބުން ޢަބްދުލްޢަޒިޒު ބޮޑުފުޅުވެގެންއައިއިރު އެއީ މުއްސަނދި އަދި އެކަމަށް ލޯބިކުރެއްވި ބޭކަލެކެވެ. އެކަލޭގެފާނު ހިންގަވާ މަގުގައި އަތަރުވަސް ހިފާވަރަށް އަތަރު ލައްވާ ބޭކަލެއްކަމުގައި ވިއެވެ. ހަމަ އެހެންމެ ފޭރާންކޮޅު ދިގުކުރެއްވުމާއި ހިނގުމުގައި ޚާއްޞަ ގޮތެއް ގެންގުޅުއްވުމާއި، އިސްތަށިފުޅު ރިތިކޮށް އޮމާންކޮށް ބެހެއްޓެވުންފަދަ އާދަތަކެއް ގެންގުޅުއްވިއެވެ. އެހެންނަމަވެސް ޚަލީފާކަމާއެކު މި ހުރިހައި ކަމެއް ބަދަލުވިއެވެ. ޚަލީފާކަމަށް އިސްވެވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ ހެދުންކޮޅުތަކަކީ މިޞްރުގެ ދެރަ ފޭރާންކަމުގައި ބަލާ، 12 ދިރުހަމުގެ ފޭރާމެވެ.

އިތުރު މަޢުލޫމާތު ކުރިޔަށް ހުރި ބައިތަކުގައި ގެނެސްދެވޭނެއެވެ. އިންޝާﷲ!

ރިފަރެންސް – އިސްލާމީ ތާރީޚް – އިބްރާހިމް އަޙްމަދު

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ލިޔުންތެރިޔާ އަށް ﷲ ރަޙްމަތް ލައްވާށިއެވެ. ވަރަށް މުހިއަމުރު ދަނޑިވަޅެއްގައި މި ލިތިން ޝާއިއު ތިކިރެއްވީ. އުމަރު ބިން އަބްދުލް ޢަޒީޒް ގެ ވެރިކަމުގެ ދުވަސްވަރު ގެ ވާހަކަ އާއި އެއްކޮށް ލިޔުއްވިނަމަ ވ ރަނގަޅުވީސް. ލަސްތަކެއްނުވެ އެބައި ފެންނާނެކަމަށް އުންމީދު ކުރަން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!