ހަށިގަނޑުގައި ފަޅާ އިސްތައްޓާއި މެދު ޢަމަލު ކުރާނީ ކިހިނެއް؟

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

އިންސާނާގެ ހަށިގަނޑުގައިވާ އިސްތަށިތައް ބެހިގެންވަނީ ތިންބަޔަކަށެވެ.

ފުރަތަމަ ބަޔަކީ: ޝަރުޢުގައި އެއިސްތަށި ބޭލުމަށް ޙަރާމްކުރައްވާފައިވާ އިސްތައްޓެވެ. އޭގެ ތެރޭގައި ފިރިހެނުންގެ ތުނބުޅިބޭލުން އަދި ބުމަދެހުން ހިމެނެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލަހިވަސައްލަމް ޙަދީޘްފުޅުކުރައްވާފައި ވެއެވެ. { أَحْفُوا الشَّوَارِبَ ، وَأَعْفُوا اللِّحَى }{ رواه مسلم}. މާނައީ: “ތިޔަބައިމީހުން މަތިމަސްކުރުކުރާށެވެ. އަދި ތުނބުޅިއަށް މާފުކުރާށެވެ.(އެބަހީ ނުބާލައި ދިގުކުރާށެވެ.)

އަދިވެސް ރިވާވެގެން ވެއެވެ. { لَعَنَ اللَّهُ النَّامِصَاتِ ، وَالْمُتَنَمِّصَاتِ }{ أخرجه مسلم }. މާނައީ:” ﷲސުބުޙާނަހޫ ވަތަޢާލާ ބުމަހަދައިދޭމީހާއާއި އަދި ބުމަހަދުވާމީހާއަށް ލަޢުނަތްލެއްވިއެވެ”. ބުމަހެދުމުގައި އަންހުންނާއި ފިރިހެނުން ހަމަހަމަވެގެންވެއެވެ. ނަމަވެސް އާދަޔާ ޚިލާފަށް ގަދަޔަށް، ނުވަތަ އިންސާނީ ވަންތަކަން ގެއްލޭފަދަ ގޮތަކަށް ބުމަފަޅާފައިހުރި މީހެއްނަމަ، އެފަދަ ހުތުރުކަމެއް ފިލައިދާވަރަށް ބުމަކޮށުމަށް ބައެއް ޢިލްމުވެރިން ހުއްދަދެއްވައެވެ. ނަމަވެސް އެއީ ހަމައެކަނި އެފަދަ ޒަރޫރީ ޙާލަތަކަށްޓަކައެވެ. އެކަމުގެ ނާޖާއިޒް ފައިދާ ނެގުމަކަށް ނޫނެވެ.

ދެވަނަ ބަޔަކީ: ޝަރުޢުގައި އެއިސްތަށި ކުރުކުރުމަށް ނުވަތަ ބޭލުމަށް އަންގަވާފައިވާ އިސްތައްޓެވެ. އޭގެ ތެރޭގައި މަތިމަހުގެ އިސްތައްޓާއި ކިހިލިފަތުގެ އިސްތަށި އަދި ލަދުވެތި ގުނަވަނުގެ އިސްތަށި ހިމެނެއެވެ. ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅު ކުރައްވާފައި ވެއެވެ.

{ خَمْسٌ مِنَ الْفِطْرَةِ: الْخِتَانُ، وَالاسْتِحْدَادِ، وَنَتَفُ الإِبْطِ، وَتَقْلِيمُ الأظْفَارِ، وَقَصّ الشّارِبِ }{ رواه البخاري ومسلم وغيرهما }.މާނައީ:”ފަސްކަމެއް ވަނީ ފިޠުތަރުގެ ތެރޭގައެވެ. ޚިތާނުކުރުމާއި ލަދުވެތި ގުނަވަނުގެ އިސްތަށިބޭލުން، ކިހިލިފަތުން އިސްތަށި އުފުރުން، ނިޔަފަތި ކެނޑުމާއި މަތިމަސްކުރުކޮށް ކޮށުމެވެ”.

ތިންވަނަ ބަޔަކީ: ޝަރުޢުގައި އެއިސްތައްޓަކާއި ބެހޭގޮތުން ވަކި ދަލީލެއްނެތް އިސްތައްޓެވެ. އޭގެ ތެރޭގައި މޭމަތީގެ އިސްތަށި ނުވަތަ ބުރަކަށީގެ އިސްތަށި އަދި އަތާއި ފައިގެ އިސްތަށި ހިމެނެއެވެ. މިއީ މިއިސްތަށިތައްބާލަން އަދި ބަހައްޓަން އެއްވެސް ދަލީލެއް ނުވާ އިސްތަށިތަކެކެވެ. މިފަދަ އިސްތައްޓަކީ މީހާއަށް އެއާމެދު އިޚްތިޔާރު ލިބިގެންވާ އިސްތައްޓެވެ. އެމީހަކު ބޭނުމިއްޔާ ބަހައްޓާނީއެވެ. ނުވަތަ ބޭނުން ކަމުގައިވާނަމަ ބޭލުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. والله أعلم

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. varah rangalhu mauloomaatheh. mauloomaathu muhsandhi kurumugaa dheeny ilmuveringe dhauru bodu,, islaam dheen vany enmehaa kankan dhas kohdhevvaafa

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!