ދުނިޔެ ސިއްސުވާލި އިބޯލާ ( ފަހު ބައި )

އެބޯލާ ބަލި ދެނެގަތުން

އިބޯލާ ބަލިޖެހިފައިވާ މީހެއްގެ މަނިން ބަލިޖެހުނުތާ 61 ދުވަސް ފަހުން ވެސް އެބޯލާ ވައިރަސް ފެނިފައިވާކަން ފާހަގަ ކުރެވެއެވެ. އިބޯލާ ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު، ބަލީގެ އަލާމާތްތައް ފެނުމާ ދެމެދު ގާތްގަނޑަކަށް 21-2 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވާކަން ފާހަގަ ކުރެވެއެވެ.

އިބޯލާ ވައިރަސް ހުރިތޯ ދެނެގަތުމަށް މަސައްކަތްކުރާއިރު، މެލޭރިޔާ، ޓައިފޮއިޑް ހުން، ކޮލެރާ، ޝިގެއްލާ، ލެޕްޓޯސްޕައިރޯސިސް، ތާޢޫން ބަލި، މެނިންޖައިޓިސް، އަދި ހެޕަޓައިޓިސް ފަދަ ބަލިތައް ޖައްސާ ޖަރާސީމުތަކުގެ އަސަރު އެމީހެއްގެ ހަށިގަނޑުގައި ހުރިތޯ ބެލުން މުހިއްމެވެ.

އާންމު ގޮތެއްގައި އިބޯލާ ވައިރަސް ހުރިތޯ ބެލުމަށް ލޭގެ ތަފާތު ޓެސްޓުތައް ހެދެއެވެ. އެގޮތުން ހެދޭ ޓެސްޓުތަކުގެ ތެރޭގައި:-
· އެލައިޒާ ޓެސްޓު
· އެންޓިޖެން ޑިޓެކްޝަން ޓެސްޓް
· ސީރަމް ނިއުޓްރަލައިޒޭޝަން ޓެސްޓު
· ރިވާސް ޓްރާންސްކްރިޕްޓޭޒް ޕޮލިމަރޭޒް ޗެއިން ރިއެކްޝަން އެސޭ
· އިލެކްޓްރޯން މައިކްރޮސްކަޕީ
· ވައިރަސް ކަލްޗަރ
ފަރުވާ
މިބައްޔަށް އަދި ފަރުވާއެއް ހޯދިފައެއް ނުވެއެވެ. ބަލިން ރައްކާތެރިކޮށްދޭނެ ވެކްސިނެއް ތައްޔާރު ކުރެވިފައެއް ވެސް ނުވެއެވެ. ބަލީގެ ފަރުވާގައި ބޭނުންކުރެވިދާނެ ބޭސްތައް މިހާރު ވެސް ދިރާސާކުރެވެމުން ދެއެވެ. ބަލިން ރައްކާތެރިކޮށްދީފާނެ ވެކްސިން ތައްޔާރުކޮށް ޓެސްޓުކުރިނަމަވެސް، ތަފާތު ސަބަބު ތަކާހުރެ، ބަލިން ރައްކާތެރިކުރުމުގެ ނިޔަތުގައި އަމަލީގޮތުން އެފަދަ ވެކްސިނެއް އަދި ބޭނުންކުރެވިފައެއް ނުވެއެވެ. ބަލިޖެހުމުން ހަށިގަނޑުން ފެން ހުސްވުން ފަދަ ކަންކަން ކުރިމަތިވާތީ ދިޔާތަކެތި ދިނުމަށް ސަމާލުވާން ޖެހޭނެ އެވެ.

ރައްކާތެރިވުން
ބަލިން ރައްކާތެރިކޮށްދޭނެ ވެކްސިނެއް ނެތުމާއި، ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް އަދި ހޯދިފައިނުވުމާއެކު އިބޯލާ ބައްޔާއި މެދު އާންމުން ހޭލުންތެރިކުރުވުމަކީ ބަލިން ރައްކާތެރިވުމަށް ކުރެވޭނެ އެންމެ މުހިއްމު މަސައްކަތެވެ. އެގޮތުން އިބޯލާ ބަލިން ރައްކާތެރިވެ ތިބުމަށް އަންނަނިވި ކަންކަމަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

· ބަލިޖެހިފައިވާ ޖަނަވާރު ފަދަ ތަކެތި އުފުލައި ހެދުމުގައި ރައްކާތެރިވުން (އަންގި، ގޯޒު،މާސްކު، ހެލްމެޓް ބޭނުންކުރުން)
· އެއްގަމު މަސް ފަދަ ތަކެތި ރަގަޅަށް ކައްކައިގެން ބޭނުންކުރުން
· ބަލިޖެހިފައިވާ މީހުންނާއި ގައިގޯޅިވެ ނޫޅުން
· ބަލިޖެހިފައިވާ މީހުންނަށް އަޅާލައި،ފަރުވާ ދީހަދާއިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
· ބަލިޖެހިފައިވާ މީހަކަށް އަޅާލައި އެހީތެރި ހެދުމަށްފަހު ރަގަޅަށް އަތްދޮވުން
· ގިނަގިނައިން އަތްދޮވުން
· ބަލިޖެހި، މަރުވާ މީހުން ހިނަވައި ވަޅުލައި ހަދާއިރު ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
· އަނގަ، ނޭފަތް، ލޯ ފަދަ ތަންތަނުގައި އަތްނުލުން
· ބަލިޖެހިފައިވާ މީހުން އެހެން މީހުންނާއި ވަކިން ބޭތިއްބުން
· ޞިއްޙީ ރަގަޅު އާދަތައް ހިފެހެއްޓުން

މައުލޫމާތު :

http://www.who.int/mediacentre/factsheets/fs103/en/
http://www.cdc.gov/vhf/ebola/about.html

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!