ދުނިޔެ ސިއްސުވާލި އިބޯލާ ( ދެވަނަ ބައި )

އިބޯލާ ފެތުރުން

ރެސްޓަން އިބޯލާ ވައިރަސް ފިލިޕީންސް އަދި ޗައިނާ އިން ފެނުނެއްކަމަކު ބަލިޖެހިގެން މީހަކު މަރުވިކަމަށް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

އިންސާނީ ދަރިފަސްކޮޅަށް އިބޯލާ ތައާރަފްވެގެން އައީ ބަލިޖެހިފައިވާ ޖަނަވާރުތަކުގެ ގައިން ބޭރުވާ ލޭ، އެޖަނަވާރުތަކުގެ ގުނަވަން، އެޖަނަވާރުތަކުގެ ހަށިގަނޑުން ބޭރުވާ ތަފާތު ޖިސްމީ ދިޔަ (މަނި، ދަވަ، ދޮސްފަދަ) ތަކުގައި އަތްލައި ބީހި ހެދުމާއި، އަދި އެފަދަ ތަކެތި ގައިގައި ހޭކި އުގުޅިގެން ދިއުމުންނެވެ. މާނަ އަކީ ބަލިޖެހިފައިވާ ޖަނަވާރު ފަދަ ތަކެތި ކަތިލައި، އުފުލާ، ގެންގުޅެ ހެދުމުގެ ތެރޭގައި ބަލިޖެހުމުގެ ފުރުޞަތު އޮތުމެވެ. މިބަލި އިންސާނުންގެ ތެރޭގައި އެކަކުގެ ގައިން އަނެކާގެ ގަޔަށް ވެސް ފެތުރެއެވެ. އެގޮތުން އިންސާނުންގެ ތެރޭގައި ބަލި ގައިންގަޔަށް އަރަނީ ބަލިޖެހިފައިވާ މީހެއްގެ ލޭ، ނުވަތަ ހަށިގަނޑުން ބޭރުވި ދިޔައެއް (މަނި، ދޮސް، ދަވަ ފަދަ ތަކެތި)ގެ ސަބަބުން، ނުވަތަ ބަލިޖެހިފައިވާ މީހަކު ބޭނުންކޮށްފައިވާ ތޫނު އެއްޗެއް (އިންޖެކްޝަން ކަށި، ރޭޒަރު ތިލަ ފަދަ ތަކެތި)ގެ ޒަރިއްޔާއިން ނެވެ. އެހެންކަމުން މިދެންނެވި ފަދަ އެއްޗަކާއި ސަލާމަތުންހުރި މީހާގެ އަތް ތަޣައްޔަރުވެފައިވަނިކޮށް އެއަތް ނުދޮވެ، ލޯ، ނޭފަތް، އަނގަޔަށް ލައި ހަދައިފިނަމަ ބަލިޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. ހަމަ މިހެން އެފަދަ ތަކެއްޗާއި ތަޣައްޔަރުވެފައިވާ ތުވާލި، ޓިޝޫ، ރުމާ، ފޮތި ފަދަ ތަކެތީގައި އަތްލުމަށްފަހު، އެއަތްނުދޮވެ ލޯ، ނޭފަތް، އަނގަޔަށް ލައި ހަދައިފިނަމަ ވެސް ބަލިޖެހުމުގެ ފުރުޞަތު އޮންނާނެ އެވެ. ބުނެވޭގޮތުގައި ބަލިޖެހިގެން މަރުވާ މީހުންގެ ގައިގައި ހިނެއުމުގެ ތެރޭގައި އަތްލައި ހެދުމަކީ (ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ އަންގި ފަދަ ތަކެތި ބޭނުންކުރުމެއްނެތި) ވެސް ބަލިޖެހިދާނެ ކަމެކެވެ.

ހޯދިފައިވާ ގޮތުގައި ބަލިޖެހި ރަގަޅުވާ މީހުންގެ މަނީގެ ޒަރިއްޔާއިން ވެސް ބަލިރަގަޅުވުމަށްފަހު 7 ހަފްތާ ވަންދެން އިބޯލާ ވައިރަސް ފަތުރައެވެ.އިބޯލާ ޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ޞިއްޙީ ދާއިރާގައި ހަރަކާތްތެރިވި ގިނަބަޔަކަށް ބަލިޖެހިފައިވާކަން ފާހަގަ ކުރެވެއެވެ. މިފަދަ މީހުންނަށް ބަލިޖެހިފައިވާ ރައްކާތެރިވުމުގެ ގޮތުން ބޭނުންކުރަންޖެހޭ، އަންގި، މާސްކު،ހެލްމެޓް، މޫނުމަތި، ގޯޒު، ފަދަ ތަކެތި ބޭނުންކުރުމަކާ ނުލައި، ބަލިޖެހިފައިވާ މީހުންނަށް ފަރުވާކުރުމުގައި ޝާމިލްވެފައިވާތީ އެވެ. ނުވަތަ ރައްކާތެރިވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ.

އަލާމާތްތައް
ކުރިން ވެސް ބުނި ފަދަ އިން އިބޯލާ އަކީ ވައިރަހަކުން ޖެހޭ ވަރަށް ނުރައްކާތެރި ބައްޔެކެވެ. އާންމު ގޮތެއްގައި މިބަލި ފެށިގެން އަންނަނީ ގަދަ ހުމާއެކުގައެވެ. އެއާއެކު ވަރަށް ބޮޑަށް ވަރުބަލިވުން، މަސްތަކުގައި ރިހުން (ގައިގައި ރިހުން)، ހުޅުތަކުގައި ރިހުން، އަދި ބޮލުގައި ރިހުން ފަދަ އުދަނގޫތައް ކުރިމަތި ކުރުވައެވެ. އެއަށްފަހު ހޮނޑުލުމާއި ބޭރަށްހިންގުން، ބަނޑުގައި ރިހުން، ކާހިތްނުވުން، ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ. ބައެއް ފަހަރު (ބައެއް މީހުންގެ ފުށުން) ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ބިހިނެގުން، ލޯރަތްވުން، އުކުޑިކޮއްޓުން، ކެއްސުން، ކަރުތެރެ ހަލާކުވުން، ކެއްސުން، ނޭވާލާން އުދަނގޫވުން، ކާތަކެތި ދިރުވަން އުދަނގޫވުން، ފަދަ ކަންތައްތައް ހިމެނެއެވެ. މޭގަނޑު އަދި ގުރުދާ(ކިޑްނީ) ގެ މަސައްކަތަށް ބުރޫއަރާގޮތް ވެއެވެ. ބައެއް ފަހަރު ހަށިގަނޑު އެކި ހިސާބުތަކުން ލޭއައުމާއެކު، އެތެރެހަށްޓަށް ވެސް ލޭހިލޭގޮތް ވެއެވެ.

ބަލިޖެހިފައިވާ މީހެއްގެ ލޭ، އަދި އެހެނިހެން ޖިސްމީ ދިޔަ (މަނި، ކުޅު، އަރިދަފުސް ފަދަ ތަކެތި) ތަކުގައި ވައިރަސް ނުފިލާ ހުރިހާ ހިނދަކު، އެބަލިމީހެއްގެ ފުށުން އެހެން މީހުންނަށް ބަލިފަތުރަމުން ގެންދާނެއެވެ. ބަލިޖެހިފައިވާ މީހެއްގެ މަނިން ބަލިޖެހުނުތާ 61 ދުވަސް ފަހުން ވެސް އެބޯލާ ވައިރަސް ފެނިފައިވާކަން ފާހަގަ ކުރެވެއެވެ. އިބޯލާ ބަލީގެ ވައިރަސް ހަށިގަނޑަށް ވަނުމަށްފަހު، ބަލީގެ އަލާމާތްތައް ފެނުމާ ދެމެދު ގާތްގަނޑަކަށް 21-2 ދުވަހާއި ދެމެދުގެ މުއްދަތެއް ހޭދަވާކަން ފާހަގަ ކުރެވެއެވެ.

މައުލޫމާތު :

http://www.who.int/mediacentre/factsheets/fs103/en/
http://www.cdc.gov/vhf/ebola/about.html

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!