ދުނިޔެ ސިއްސުވާލި އިބޯލާ ( ފުރަތަމަ ބައި )

އިބޯލާ އަކީ ވައިރަސް އަކުން ޖެހޭ ގައިންގަޔަށްއަރާ ބައްޔެކެވެ. މިބައްޔަށް ” އިބޯލާ ވައިރަސް ޑިޒީޒް”(EVD) އަދި ” އިބޯލާ ހީމޮރެޖިކް ފީވަރ” ވެސް ކިޔައި އުޅެއެވެ. މިބަލި މިހާތަނަށް ގިނައިން ފެނިފައިވަނީ އެފްރިކާގެ ގައުމުތަކުންނެވެ. މިބަލިޖެހޭ މީހުންގެ ތެރެއިން ގިނަ މީހުން ބަލީގައި މަރުވެދާކަން ފާހަގަ ކުރެވެއެވެ.

އިބޯލާ ފުރަތަމަ ފެނިފައިވަނީ 1976 ވަނަ އަހަރު އެފްރިކާ ބައްރުގެ ތަފާތު ދެ ހިސާބަކުން އެއް ފަހަރާ ބަލިޖެހިފައިވާ މީހުން ފެންނަން ފެށުމުންނެވެ. އެގޮތުން ސޫދާންގެ ނަޒާރާ އަދި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ ގެ ޔަމްބޫކް އިން މިބަލި 1976 ވަނަ އަހަރު ފުރަތަމަ ފަހަރަށް މިބަލި ފާހަގަ ކުރެވިގެން ދިޔައެވެ. އިބޯލާ އަށް ނަންދެވިފައިވަނީ ފަހުން މިބުނެވުނު ޔަމްބޫކު އަކީ ” އިބޯލާ ކޯރު” ކައިރީގައި އޮންނަ އަވަށަކަށްވުމުން އެކޯރާއި ގުޅުވައިގެންނެވެ.

މިފަހަރު އިބޯލާ ބަލި ފުރަތަމަ ފެނުނީ ފެބުރުއަރީ 2014 ގައި ގިނީ އިންނެވެ. މިހާރު އިބޯލާ ބަލި ހަލުވިކަމާއެކު ފެތުރެމުންދަނީ އެފްރިކާގައި ހިމެނޭ ގިނީ، ލައިބީރިޔާ، ސިއެރެލިއޯން، އަދި ނައިޖީރިޔާ ގައެވެ. ޖުލައި 31 ، 2014 ގެ ނިޔަލަށް މިބަލި 1441 މީހަކަށް ޖެހިފައިވާއިރު އޭގެތެރެއިން 827 މީހުން ވަނީ ބަލީގައި ދުނިޔެދޫކޮށްފައެވެ.

އިބޯލާ ޖައްސާ “އެބޯލާ ވައިރަސް”(Ebola virus) ނިސްބަތްވަނީ “ފިލޯވައިރަސް”(filovirus) ގެ އާއިލާ އަށެވެ. މިހާތަނަށް އިބޯލާ ވައިރަސް ޑިޒީޒް ނުވަތަ އިބޯލާ ޖައްސާ ތަފާތު 5 ވައްތަރުގެ ވައިރަސް ފާހަގަ ކުރެވިފައިވެއެވެ. އެއީ:-
· ބުންޑިބުގްޔޯ އިބޯލާ ވައިރަސް
· ޒަޔަރ އިބޯލާ ވައިރަސް
· ސޫދާން އިބޯލާ ވައިރަސް
· ރެސްޓަން އިބޯލާ ވައިރަސް
· ޓާއީ ފޮރެސްޓް އިބޯލާ ވައިރަސް
މީގެ ތެރެއިން އެފްރިކާގައި މިބަލި އެންމެ ގިނައިން ޖެހިފައިވަނީ ފުރަތަމަ އަށް ބަޔާންކޮށްފައިވާ އިބޯލާ ވައިރަސްގެ 3 ވައްތަރުގެ ސަބަބުންނެވެ. ރެސްޓަން އިބޯލާ ވައިރަސް ފިލިޕީންސް އަދި ޗައިނާ އިން ފެނުނެއްކަމަކު ބަލިޖެހިގެން މީހަކު މަރުވިކަމަށް މިހާތަނަށް ރިޕޯޓްކޮށްފައެއް ނުވެއެވެ.

މައުލޫމާތު :

http://www.who.int/mediacentre/factsheets/fs103/en/
http://www.cdc.gov/vhf/ebola/about.html

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އެބޯލާ ވައިރެސް ބަލާ ބެލުމަށް ވައްތަރީ ސިޔާސީ އެއްޗަކާއި!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!