ތަރައްޤީއާއި ތަހުޒީބަކީ މުޖުތަމަޢު ރައްކާތެރި އަމާންތަނަކަށްވުން: ޝައިޚް ސަމީރު

  • ފޮޓޯ / އަލީ ޝަހީދު

ކުރިއެރުމަކީ އިމާރާތްތައް އުސްވުން ނޫންކަމަށާއި ތަރައްޤީއަކީ އަތުގައި ފައިސާ ގިނަވުން ނޫންކަމަށާއި ނަމަވެސް ތަރައްޤީއާއި ތަހުޒީބަކީ މުޖުތަމައު ރައްކާތެރި އަމާންތަނަކަށްވުން ކަމުގައި އައްޝައިޚް އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

‘އިސްވެދިޔަ އުއްމަތްތައް ހަލާކުވެދިޔަ ސަބަބުތައް’ ނަމުގައި ރޭ ބަންޑާރަ މިސްކިތުގައި ދެއްވި ދަރުސްގައި ޝައިޚް ސަމީރު ވިދާޅުވީ އިންސާނާގެ އަމަލުތައް ބިނާވަނީ އޭނާ ޤަބޫލްކުރާ އަޤީދާއެއްގެ މައްޗަށް ކަމަށާއި ދިރިއުޅުމުގެ ހަމައެކަނި މަޤްޞަދަކީ ﷲ ސުބްހާނަހޫ ވަތަޢާލާ ދެއްވި ނިއުމަތްތައް ހިތުހުރި ގޮތަކަށް ބޭނުންކުރުން ކަމުގައި ވެގެން ނުވާނެ ކަމަށެވެ. އަދި ހުރިހާ މީހުންވެސް ބޭނުންވަނީ ތަރައްޤީއާއި ތަހުޒީބު ކަމަށާއި ހަމައެކަނި މާއްދިއްޔަތަށް ހުސްވެގެން މުޖުތަމަޢު ތަރައްޤީ ނުވާނެ ކަމަށެވެ.

ޝައިޚް އިތުރަށް ވިދާޅުވީ ތަރައްޤީއާއި ތަހުޒީބު ހާސިލްކުރަން ބޭނުންވާނަމަ ތަޤްވާގެ މަގު ޚިޔާރުކުރަން ޖެހޭކަމަށެވެ. އަދި ތަޤްވާގެ މަގު އެއްލާލާފައި މާއްދިއްޔަތުގެ ފަހަތުން ދުވިޔަސް ތަރައްޤީ ހާޞިލް ނުވާނެ ކަމަށެވެ. އަދި މުޖުތަމައު އިސްލާހުކޮށް އަމާންތަނަކަށް ހެދުމަށްޓަކައި އިސްލާމީ ތަރުބަވީ ނިޒާމްގެ ތެރެއިން ދަރިން ތަރުބިއްޔަތު ކުރަންޖެހޭ ކަމަށެވެ.

އިސްވެދިޔަ އުއްމަތްތައް ހަލާކުވެދިޔަ ސަބަބުތަކަށް އަލިއަޅުއްވާލައްވާ ޝައިޚް ސަމިރު ވިދާޅުވީ އެއްވެސް ޤައުމަކަށް ﷲ ސުބްހާނަހޫ ވަތަޢާލާ ނިޢުމަތް ދެއްވުމަށްފަހުގައި، އެމީހުން އެނިޢުމަތަށް ކާފިރުނުވާ ހިނދަކު އެޤައުމެއް ހަލާކުނުކުރައްވާ ކަމަށެވެ. އަދި އެއްވެސް ޤައުމަކަށް އެބައިމީހުންގެ ނުބައި ކަމުން މެނުވީ ﷲ ސުބްހާނަހޫ ވަތަޢާލާ މުސީބާތް ނުޖައްސަވާ ކަމަށާއި މުސީބާތްތަކުން ސަލާމަތްވެ، އަޅުގަނޑުމެންގެ ހާލަތު ބަދަލުކުރުމަށް ﷲ ގެ މަގަށް ރުޖޫޢަވާން ޖެހޭ ކަމަށެވެ.

އުއްމަތްތައް ހަލާކުކުރެއްވި ސަބަބުތަކުގެ ތެރޭގައި ﷲ ގެ ނިޢުމަތްތަކަށް ކާފިރުވުމާއި، ރަސޫލުންނަށް ކާފިރުވުމުގެ އިތުރުން ފަސާދަ އާއްމުވުމާއި މިނެކިރުމުގައި މަކަރު ހެދުމާއި ފާހިޝް ކަންކަމަށް މުޖުތަމައުގައި ފާޅުގައި ގޮވާލުމާއި މުންކަރާތް މަނާކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ޝައިޚް ވިދާޅުވިއެވެ.

މުންކަރާތް މަނާނުކުރުމުގެ މިސާލު ދައްކަވަމުން ޝައިޚް ވިދާޅުވީ މުޖުތަމަޢުއަކީ ނަވެއް ކަހަލަ އެއްޗެއްކަމަށާއި ނައު ހަލާކުކުރަން މީހަކު އުޅޭނަމަ، އެކަން ނުހުއްޓުވައިފިނަމަ ނަވުގައިތިބި އެންމެން އެއްކޮށް ކަނޑުވެގެންދާ ކަމަށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!